2010 އޮކްޓޯބަރ 14 ވަނަ ދުވަހު ނެރުއްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައިވާ ނަންބަރު: 15/2010 ޤަރާރުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވައި، މާލޭގެ ބައެއްގެ ގޮތުގައި ތިލަފުށްޓާއި ގުޅިފަޅު ހިމަނުއްވާފައިވާތީ، އެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިޞްލާޙު ގެންނަވައި، އާ ޤަރާރެއް މިއަދު ނެރުއްވައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފައިވާ މި ޤަރާރުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޖަދުވަލު 2 އާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ހިމެނެނީ، މާލެއާއި ވިލިނގިއްޔާއި ހުޅުމާލެ އެކަނިކަމަށް ބަޔާންކޮށްފައިވީހިނދު، ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައިވާ ގޮތުގެ މަތިން މާލޭގެ ދާއިރާއަކީ، މާލެއާއި ވިލިނގިއްޔާއި ހުޅުމާލެ އެކަނިކަމަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަށައަޅުއްވާފައެވެ.