بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ޢާރިފާއަށް މަރްޙަބާ ދެންނެވުން، ލައިފް ޓައިމް އެވޯޑް ލިބިވަޑައިގަތީތީ. އެއަށްފަހު، މިރޭ އަޅުގަނޑަށް މިތަނަށް ދަޢުވަތު ދެއްވީތީ، މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އަޅުގަނޑު މިރޭ ދަރުބާރުގެއަށް ވަނީމާ އަޅުގަނޑު ހިތަށްއެރި، މިއީ ހަމަ ދަރުބާރުގެބާއޭ. މި ސްޓޭޖް ފެނުމުން، އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ. މި އިންޑަސްޓްރީގައި ތިއްބެވި ބޭފުޅުންނަކީ، ވަރަށް ކުޅަދާނަ، ހުނަރުވެރި އަދި ގިފްޓަޑް ބޭފުޅުންކޮޅެއްކަން. އެހެންވީމާ، މި ސްޓޭޖް ތައްޔާރު ކުރެއްވި ހުރިހާ ބޭފުޅުންނަށާއި އަދި މިކަމުގައި އެހީވެވަޑައިގެންދެއްވި، މިރޭގެ މި ޙަފްލާ އިންތިޒާމްކޮށް، ރާވައި އަދި ހިންގަވައިދެއްވާ ހުރިހާ ފަރާތްތަކަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ހަމަ އެހެން، މިރޭ އެވޯޑް ލިބިވަޑައިގަންނަވާ ހަމަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު މުބާރަކްބާދީއާއި، މަރްޙަބާއާއި ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިކުރައްވާ މަސައްކަތަށް ހިތްވަރު ދިނުމަކީ، އަޅުގަނޑު އުފަލާއެކު ކުރަން ބޭނުންވާ ކަމެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު ވަރަށް ގާތުން ފިލްމް އިންޑަސްޓްރީގެ މަސައްކަތްތައް ބަލަމުން ގެންދަނީ. އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، ފިލްމް އިންޑަސްޓްރީއަކީ، ތިޔަބޭފުޅުން ތިމަސައްކަތް ކުރައްވަމުން ގެންދަވަނީ، ކިތަންމެ ހުރަސްތަކަކާއެކީ، ކިތަންމެ އުނދަގޫތަކަކާއެކީ. އެކަމަކު ތިޔަބޭފުޅުންގެ ކާމިޔާބު ބިނާވެފައިވަނީ، މިކަމަށްޓަކައި ތިޔަބޭފުޅުންގެ ހުންނަ ޝައުޤުވެރިކަމާއި، ކޮމިޓްމަންޓްގެ މައްޗަށް. އެހެންވީމާ، ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އުފަލާ އެކީގައި އަދިވެސް އެއްފަހަރު މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

ތިޔަބޭފުޅުންނަށް އަޅުގަނޑު އެދެނީ، އަދަށްވުރެ ފަހި މާދަމައެއް.

ޝުކުރިއްޔާ!