މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމްގެ އިމާމު ކަމުގެ މަގާމަށް، މިނިސްޓަރުގެ ނައިބު ފެންވަރުގައި، ރައީސުލްޖުމްހޫރިއްޔާ ދެބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ. މިގޮތުން ޢައްޔަން ކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ފެހިގޭ ފަޟީލަތުއްޝައިޚް މުޙަންމަދު ލަޠީފާއި، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ޕްލާޒާ އަލްއުސްތާޛު ހައިޝަމް މުޙަންމަދެވެ.

މިދެބޭފުޅުންނަކީވެސް ދީނީ ރޮނގުން މަތީ ތަޢުލީމު ހާޞިލް ކުރައްވާފައިވާ ދެބޭފުޅުންނެވެ. ފަޟީލަތުއްޝައިޚް މުޙަންމަދު ލަޠީފް، މަތީ ތަޢުލީމް ޙާޞިލް ކުރެއްވީ، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޒުގެ އިމާމު މުޙަންމަދު ބިން ސަޢުދު އިސްލާމިކް ޔުނިވަރސިޓީންނެވެ. އަލްއުސްތާޛު ހައިޝަމް މުޙަންމަދު، މަތީ ތަޢުލީމު ޙާޞިލް ކުރެއްވީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިންނެވެ.