މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި، ކަނޑިތީމަށް ވަނީ ވަރަށް ބޮޑަށް އަޅާނުލެވިކަން ފާހަގަކުރައްވައި، އެރަށުގައި ކުރިމަތިވަމުންދާ ތަފާތު މައްސަލަތަކާބެހޭ މަޢުލޫމާތު، ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން ރަށުގެ ފެންފަށަލަ ރައްކާތެރި ކުރުމަށްޓަކައި، ރަނގަޅު ފެންވަރެއްގެ ނަރުދަމާގެ ނިޒާމެއް ޤާއިމް ކުރުމުގައާއި، ރަށުގެ ކަނޑުތޮށި ހަލާކުވަމުންދާތީ، އެކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދްމަތް، އިތުރަށް ރަނގަޅު ކުރުމަށާއި، ތަޢުލީމީ ގޮތުން ރަށަށް ގެނެވިދާނެ ތަރައްޤީގެ މައްޗަށްވެސް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކަނޑިތީމު ރައްޔިތުންނާ ކުރިންވެސް ބައްދަލުކުރައްވައި ހުށަހަޅާފައިވާ މައްސަލަތަކާއި، މިއަދު ހުށަހެޅުއްވި މައްސަލަތައްވެސް ބައްލަވައި، އެކަންތައް ކޮށްދެއްވުމަށް އިތުރަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.