އައްޑުއަތޮޅު ހިތަދޫގައި ޤާއިމް ކުރެވުނު ރީޖަނަލް ޑްރަގް ރީހެބިލިޓޭޝަން ސެންޓަރ، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ. މިކަމަށްޓަކައި މި ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިފަދަ މަރްކަޒެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ޤާއިމްކުރެވޭ މިފަދަ މަރްކަޒުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިފަދަ މަރްކަޒުތަކަކީ، ރައްޔިތުންގެ ފައިސާއިން ބިނާކުރެވޭ މަރްކަޒުތައް ކަމަށާއި، ޙަޤީޤަތުގައި މިއީ ސަރުކާރުގެ ތަންތަން ނޫން ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، މިފަދަ ތަންތަނަށް ގެއްލުންދީ ހެދުމަކީ، އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، ވެރިކަން ބަދަލުވިކަމަށްވިޔަސްވެސް، އެފަދަ ޢިމާރާތްތަކަށް ގެއްލުންދީގެން ނުވާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.