بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހެލްތް، އަޅުގަނޑުމެންގެ ހީވާގި ލުބްނާ، ހިންމަފުށީ ކައުންސިލް އަދި މި ރީހެބްގައި މަސައްކަތް ކުރައްވާ ވަރަށް ހީވާގި ބޭފުޅުން. އަދި އެހެންމެ، އުންމީދުތަކާއެކީގައި މި ރީހެބަށް ވަޑައިގެން، ރީހެބްވެވަޑައިގަންނަވަން މަސައްކަތް ކުރައްވާ ކްލަޔަންޓުން.

السّــلام عليــكم

އާދެ! މިމަޤާމުގައި ހުރެ މިއަދު އަޅުގަނޑު ހިތަށްއަރަނީ، ހާދަ ކެތްގަދަ، ހާދަ ހިތްވަރުގަދަ، ހާދަ އުންމީދުތަކަކުން ފުރިފައިވާ ދަރިންތަކެކޭ މިއަދު މިތަނުން ޚިދްމަތް ހޯދަމުން މިދަނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މި ރީހެބަށް އައިސް އަމިއްލައަށް ނަމަވެސް އަދި އެނޫން ގޮތަކަށް ނަމަވެސް، މި ރީހެބްގެ ޚިދްމަތް ޤަބޫލުކޮށް، މި ޚިދްމަތަށް އެދި މަސައްކަތް ކުރާން އެ ކަނޑައެޅުން އެއީ ނުވަތަ އެ މިޞްރާބަށް މަސައްކަތް ކުރުން އެއީ، އަޅުގަނޑު ދަންނަވާނީ، ކާމިޔާބުގެ 50 ޕަސެންޓް އެއޮތީ ކާމިޔާބުވެފައޭ.

އާދެ! އަޅުގަނޑު މިހެން މިދެންނެވީ، އިންސާނަކަށް އެއްވެސް ބަދަލެއް އަންނާނީ، އެ އިންސާނެއްގެ ހަށިގަނޑުގައި އެ ބައްޔެއް ހުރިކަން، އެ އިންސާނަކަށް ޤަބޫލުކުރެވޭހިނދު. އިންސާނަކަށް ބަދަލެއް އަންނާނީ، އެ އިންސާނަކު އެހެން މަރްޙަލާއަކަށް ދިޔުމަށް އޭނާ ޢަޒުމް ކަނޑައެޅުމުން. ޤައުމަކަށް ބަދަލު އަންނަނީ ޤައުމެއްގެ ރައްޔިތަކު އެ ޤައުމެއްގައި ހުރި ކަންތައްތައް އިމްޕްރޫވް ކުރަން ހުރި ކަންތައްތައް ނުވަތަ އިޞްލާޙު ކުރަންވެފައި ހުރި ކަންތައްތައް ހުރިކަމަށް އެބަޔަކަށް ޤަބޫލު ކުރެވިގެން. އެނޫން ގޮތަކަށް އެއްވެސް ޤައުމެއް، އެއްވެސް އިންސާނަކު އިޞްލާޙުވެފައެއް ނެތް. ވީމާ، މިއަދު ތިޔަބޭފުޅުން މިތާނގައި ތިޔަ ކްލަޔަންޓުން ތިޔަ އުޅުއްވަނީ، ތިޔަ ހޭދަކުރައްވަނީ، ވަރަށް ފޮނި އުންމީދުތަކަކާއެކު.

އާދެ! އަޅުގަނޑުމެންނަށް ތަފާތު ސަރވޭތަކުންނާއި އަދި ތަފާތު މަޢުލޫމާތުތަކުން އަޅުގަނޑުމެންނަށް އެބައެނގޭ، އެންމެ ފުރަތަމަ، ކަމަކުން ސަލާމަތްވުމަށް ނުވަތަ މި ޑްރަގްސްގެ މައްސަލައިން ސަލާމަތްވުމަށް، އޭނަ ކަނޑައަޅާ ކަނޑައެޅުން ނުވަތަ އޭނާ އެކަމަށް ކުރިމަތިލުން، އޭނާ އެ ޢަޒުމް ކަނޑައެޅުން އެއީ ކަން ފެށުމަކީ. ހަމައެހެންމެ، އެކަމުން ކުރިއަށް ދިޔުމަށް އޭނަ ކުރާ މަސައްކަތް، އަދި މަސައްކަތުގައި އޭނާއަށް ކާމިޔާބު ހޯދައިދިނުމާއި، މަސައްކަތް ކުރަންޖެހޭނެ ފަރާތްތައް އަދި ބައެއް ފަރާތުގެ ނަން މިރޭ މިއަދު އޭނާގެ ޙާލަތު ކިޔައިދެއްވަމުން މިއަދު މިތާނގައި ވާހަކަ ދެއްކެވި ކްލަޔަންޓް އެ ވިދާޅުވީ، އެކަންތައް އޮތްގޮތް. މީގެ ކުރިން ރޭވެސް އަޅުގަނޑު ވާހަކަ ދެއްކިއިރުގައި، ވަރަށް ތަފްޞީލްކޮށް މަންމައަކާއި ބައްޕައެއްގެ ޒިންމާގެ ވާހަކަ އަޅުގަނޑު ދެއްކިން. ހިތާމައަކީ، މަންމައާއި ބައްޕައަކާ ހަމައިން ފެށިގެން، ޤައުމުގެ އެކިއެކި ހިސާބަށްވެސް މި ޒިންމާ ނެގުން އޮތީ އަޅުގަނޑު ދަންނަވާނީ، ވަރަށް ބޮޑަށް އިހުމާލުވެފައޭ. އޭގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ.

އާދެ! މާޒީއަށް ކޮންމެހެން ގޮސްގެން، މިއަދު ވާހަކަ ދައްކައިގެން ނަތީޖާތަކެއް ނުއެއް ނެރެވޭނެ. އެހެން ނަމަވެސް، މާޒީގައި ކަންތައްވެފައި ހުރިގޮތް، ނުވަތަ ކަންތައްވީގޮތާމެދު ވިސްނާލުމަކީ ނެތް ކަމެއް ނޫން. އެއިން ޢިބްރަތެއް ހާޞިލް ކުރުމަކީ ނެތް ކަމެއް ނޫން.

އާދެ! ހިއުމަން ރައިޓްސް ކޮމިޝަންގައި އަޅުގަނޑު އުޅުނުއިރު، ޖަލުތަކުން އަޅުގަނޑު ދުށިން، ވަރަށް ޒުވާން، ވަރަށް ޅަކުދިން. އެމީހުންނާ ދޭތެރޭގައި ވަނީ ވަރަށް ބޮޑެތި ނިޔާތަކެއް ކަނޑައެޅިފައި. ނަތީޖާއަކަށްވީ އެކުދިން އެ ޢުމުރުގައި ޖަލަށް ލެވިފައި ތިބިއިރުގައި، އެއްވެސްކަހަލަ އުޞޫލެއްނެތި ތަފާތު ކުށްތައް ކޮށްފައި ތިބި މީހުންނާ އެކުވެވިގެން، ބޮޑެތި ކުށްތައް ކޮށްފައި ތިބި މީހުންނާ ހަމަ އެކުއެކުގައި އޭގެ ގިނަ މީހުން ތިބީ. އާދެ! މިހެން މިކަންވުމުގެ ސަބަބަކަށްވީ، މިކަން މިހެންވުމުގެ ސަބަބަކަށްވީ، އަޅުގަނޑު ދަންނަވާނީ، ޖަލަކީ ތަފާތު ކުށްތައް ކުރުމާއި ކަންތައް ދަސްކޮށްދޭ ތަނަކަށްވެގެންދިޔަކަން. މިއީ ޙަޤީޤަތެއް. މީގެތެރެއިން ބައެއް ކުދިން އެ ޖަލަށް ވަންއިރު ނުދަންނަ އެތައް ކަމެއް ޖަލުން ދަސްކޮށްގެން، ބޭރަށް ނިކުމެ ކުރަންފެށީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިކަން ވިސްނުނީ އަދި މިހާރުވެސް މުޅިން އެކަން ވިސްނިފައިބާއޭ އަޅުގަނޑު ހިތަށްއަރާ، އެސުވާލު ހަމަ ކޮށްލަންޖެހޭ. އެހެން ނަމަވެސް، މިއަދު އިރާދަކުރެއްވިއްޔާ، ޑްރަގް ކޯޓެއް އުފެދި، އެ ޑްރަގްސް ނަގާ ކުދިންނަށް ލުއި އަދަބު ނުވަތަ އިޞްލާޙުވުމުގެ، ބަދަލުވުމުގެ، އެކަމުން ސަލާމަތްވުމުގެ ފުރްޞަތު އޮންނަ ގޮތަކަށްވަނީ، ޤާނޫނު ބައްޓަން ކުރެވިފައި. ހިތާމައަކީ މިއަދު މިއޮތް ޤާނޫނަކީ، މިއީ އަޅުގަނޑުމެން މީގެ ވިއްސަކަށް، ފަނަރަވަރަކަށް އަހަރު ކުރިން އަޅުގަނޑުމެން ކުރަންވީ ކަމެއް. އެހެން ނަމަވެސް، އިނގިރޭސިބަހުން ބުނާގޮތުން،It’s never too late މިއަދު މިކަން މިއޮތީ އަޅުގަނޑުމެން ޤާއިމްކޮށްފައި. މިއަދު އަޅުގަނޑުމެންޖެހޭނެ މިގޮތަށް ކުރިއަށްދާން.

އާދެ! ދެންމެގައި މިތާނގައި ވާހަކަ ދައްކަވަމުން، އެބޭފުޅާ ވިދާޅުވިގޮތަށް ޕްރޮފެޝަނަލް ރީހެބެއް ނުވަތަ ފުރިހަމައަށް އެ ރީހެބެއްގައި އޭނަ އުޅޭއިރުގައި، އޭނައަށް އުފަލާއި އަދި ކަސްރަތު ކުރުމާއި، ދީނީގޮތުން ކުރަންވީ ކަންތައް ކުރުމާއި، މަސައްކަތްތެރިކަމުގެ ގޮތުން ކަންތައް ކުރަންވީގޮތާ، މިހުރިހާ ފުރްޞަތެއް ސަރުކާރުން ފަހިކޮށްދީ، އެކަންތައްތައް ކުރަންޖެހޭނެ. އެގޮތުން، މިއަދު ނޭޝަނަލް ޑްރަގް އޭޖެންސީ އިން އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމު، މި އައްސޭރިން މިހުރިހާ ތަނެއް އަޅުގަނޑުމެންނަށް ހިންމަފުށީގައި ލިބުނީމާ، ވަރަށް އެކަށީގެންވާ ގޮތަށް މަސައްކަތްތެރިކަންވެސް އެމީހުންނަށް ދަސްވާގޮތަށް، މިތަން ބައްޓަން ކުރެވޭނެ. އެހެންނަމަވެސް، ޤަބޫލުފުޅު ކުރައްވަންޖެހޭނެ ޙަޤީޤަތަކީ، ކޮންމެ ކަމެއް ފެށުމުގެ ކުރިން އަޅުގަނޑުމެންނަށް ފެންނަނީ ހުވަފެނެއް. ދެން އަޅުގަނޑުމެން ލިޔަނީ ލިޔުންތަކެއް. ދެން އަޅުގަނޑުމެންނަށް ޖެހެނީ އެކަމަށް ފައިސާ ހޯދަން. ދެން އަޅުގަނޑުމެންނަށް ޖެހެނީ އެކަމަށް ޕްރޮޕޯސަލްތަކާ އެއްޗިހި ހޯދައިގެން އެކަން ތަންފީޛު ކުރަން. މިކަމަށް ވަގުތުނަގާނެ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ މިތަން ޤާއިމްކުރުމަކީ އަޅުގަނޑުމެންގެ އުންމީދު. ނޭޝަނަލް ޑްރަގް އޭޖެންސީއިން އަޅުގަނޑުމެން މިކަން ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެކަން އިރާދަކުރެއްވިއްޔާ، ތިޔަ ލޮބުވެތި ކްލަޔަންޓުންނަށް އަދި ދިވެހި ޤައުމުގެ ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކޮށްދެން.

އަޅުގަނޑުމެން މިއަދު ޤަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ޒުވާނުންގެ ވަރަށްބޮޑު ބައެއް މިކަމުގެ ތެރޭގައި އެބައުޅޭކަން. ޙަޤީޤަތުގައި މިކަމުން ސަރުކާރާއި ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ގެއްލުން، އަޅުގަނޑުމެންނަށް އަދިވެސް ފުރިހަމައަށް ހިސާބު ކުރެވިފައެއް ނެތް. ޙަޤީޤަތުގައި މިފަދަ ކަންކަމުން ނުވަތަ މިފަދަ ކަންކަމަށް ރައްޔިތުންގެ ފައިސާ ޚަރަދުކުރަން ޖެހުމަކީ އެއީ، ޙަޤީޤަތުގައި އިޤްތިޞާދީ ގޮތުން ޤައުމަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް. ބޭކާރުވެގެންދާ ޚަރަދުތަކެއް. ޙަޤީޤަތުގައި އެ ޚަރަދުތަކުން ފައިދާވީ ކަމުގައިވިޔަސް، އެ ޢަދަދު ކްލަޔަންޓުން މަދުކުރެވިއްޖިއްޔާ، ޑްރަގްސް ނަގާ ކުދިން މަދުކުރެވިއްޖިއްޔާ، ރައްޔިތުންނަށް ރައްޔިތުންގެ ފައިސާ ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ. އެހެން ނަމަވެސް، މިގޮތުން، މިހާރު ތަހުޒީބުވެފައި ހުރި ޤައުމުތަކުގައި މިކަންކުރާ އުޞޫލުތަކެއް އޮވޭ. އެއީ އެކަމުގައި އުޅޭ ނުވަތަ ރީހެބްވަމުންދާއިރުވެސް އެމީހުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުން. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއަދު ސަރުކާރުން، ނޭޝަނަލް ޑްރަގް އޭޖެންސީއިން މަސައްކަތް ކުރަންޖެހޭނީ މި މިޞްރާބަށް. އެއީ ޕްރޮޑަކްޓިވިޓީ އިތުރުކުރެވި އަދި ޕްރޮޑަކްޓިވް ބަޔަކަށް އެބަޔަކު ހަދަންޖެހޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް ޙަޤީޤީ ފައިދާއެއް އެއިން ނުނިކުންނާނެ. ވީމާ، ކުރިއަށް އޮތް ތަނުގައި މިގޮތަށް މަސައްކަތް ކުރުމުގައި، އަޅުގަނޑުމެން ދެމިތިބޭނަން. އަދި މިގޮތަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންގެ އެޖެންޑާގެ ހަމަ އެންމެ މަތީ މަޤާމެއްދީފައި އޮތް ކަން ކަމުގައި އަޅުގަނޑު ދަންނަވަން.

އާދެ! ހަމަ މިވާހަކަ ދަންނަވާއިރުގައި، މުޖްތަމަޢުގެ ޒިންމާއެއްވެސް އެބައޮތް. ވިޔަފާރިވެރިންގެ ޒިންމާއެއްވެސް އެބައޮތް. ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުގެ ޒިންމާއެއްވެސް އެބައޮތް. ބޮޑެތި ކުންފުނިތަކުގެ ކޯޕަރޭޓް ރެސްޕޮންސިބިލިޓީއެއްވެސް އެބައޮތް. ޤައުމަކަށް ބަދަލު ގެނެވޭނީ، މި އެންމެން ޙިއްޞާކޮށްގެން. މި އެންމެންގެ ފަރާތުން މުޖުތަމަޢުގެ ތަރައްޤީއަށް ކުރިއެރުން ލިބިގެން. ވީމާ، އަޅުގަނޑުގެ އުންމީދަކީ، މިގޮތުން މިފަދަ ކަންތައްތަކުގައި، މިހުރިހާ ފަރާތްތައްވެސް ބައިވެރިވުން. ޚާއްޞަކޮށް، ވިޔަފާރި ކުންފުނިތައްވެސް.

އަޅުގަނޑުމެން މިއަދު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ ޑްރަގްސްގެ ކަންތައް ނޫނީ މީހުން މެރުމުގެ ކަންތައް ނުވަތަ ކްރައިމްސް ނުވަތަ އަނިޔާ ކުރުމުގެ ކަންތައް، މަގުމަތީގައި މިދޭ ގެއްލުންތައް. މިފަދަ ކަންތައްތައް ގިނަވެއްޖިއްޔާ، އަޅުގަނޑުގެ ސުވާލަކީ، ވިޔަފާރިކޮށް ފައިދާ ހޯދުމުގެ މާޙައުލެއް އަޅުގަނޑުމެން ތެރޭގައި އޮންނާނެތޯއޭ؟ މިފަދަ ކަންތައްތައް އިތުރުވެގެން ހިނގައްޖިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި ހަމަހިމޭންކަމާއެކު، އުފަލާއެކު، ދެލޯބިވެރިންނަށް ކޮފީބޯލަން ދެވޭނެތޯއޭ؟ މިފަދަ ކަމެއް ދިމާވާކަމަށްވަންޏާ، މިގޮތަށް މާޙައުލު އޮންނަ ކަމަށްވަންޏާ، އުފާވެރި ދެމަފިރިއަކަށް ހިނގާލަންދެވޭނެތޯއޭ؟

އަޅުގަނޑުމެންގެ މުޖްތަމަޢު ރިވެތި، ހަމަހިމޭން، ސަލާމަތް މާޙައުލަކަށް ހެދުމަކީ، ކޮންމެ ފަރުދެއްގެވެސް މަސްއޫލިއްޔަތެއް. ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން. އެހެންވީމާ، މި މިޞްރާބަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހެނީ، އެންމެން އެކައްޗެއް ކިޔައިގެން. އަދި ހަމަ އަޅުގަނޑު މި ނޭވާގައި ދަންނަވާލަން. އެއީކީ ވަކި ޕާޓީއެއްގެވެސް މަސްއޫލިއްޔަތެއްވެސް ނޫން. މިއަދު އަޅުގަނޑުމެން ބަލައިލިޔަސް، އަޅުގަނޑުމެންނަށް އެބަފެނޭ، މީގެތެރެއިން ތަފާތު ކުށްތައް ކުރާފަރާތްތަކަކީ، ވަކި ކުލައެއް ޖެހިފައި ތިބި ފަރާތެއް ނޫން. އަދި ވަކި ކުލައަކަށް ތަބަޢަވާ ފަރާތެއްވެސް ނޫން. އަދި ވަކި ފަލްސަފާއެއް ޤަބޫލުކުރާ ފަރާތެއްވެސް ނޫން. ހަމަ ހުރިހާ އެންމެންވެސް މީގައި އެބައުޅޭ. މީގައި ހިތާމަ ކުރަންޖެހޭއިރު، ހަމަ ހުރިހާ ޢާއިލާތަކެއްވެސް އޭގައިވޭ. ހުރިހާ ޕާޓީތަކެއްގެ ބޭފުޅުންވެސް ހަމަ އޭގައި ހިމެނޭ.

އެހެންވީމާ، ސިޔާސީ ޚިޔާލު، ޕާޓީތަކުގެ މެނިފެސްޓޯ އަދި ޕާޓީތަކުގެ ވާދަވެރިކަން ދުރުގައި ބާއްވަވައި، މިއަދު ހިންގަވާށޭ، މި ޤައުމުގެ މަޞްލަޙަތު ކުރިއަށް ގެންދަން. އެއީ، މި ޤައުމު މިގޮތަށް ހަލާކުވެގެން ހިނގައްޖިއްޔާ، ކޮންމެފަދަ ޕާޓީއެއް ވެރިކަމުގައި އަޔަސް އަދި ކޮންމެފަދަ ބޭފުޅަކު ވެރިކަމަށް ވަޑައިގަތަސް، ރައްޔިތުންގެ އެތައްހާސް އެތައްހާސް ރުފިޔާއެއް، އެތައް ލައްކަ ރުފިޔާ، އެތައް މިލިއަން ރުފިޔާއެއް މި ޤައުމު އޮތް ޙާލަތުން ސަލާމަތް ކުރުމަށް ޚަރަދުކުރަންޖެހޭނެ. އެއީ ޙަޤީޤަތެއް. އަދި މީގެތެރޭގައި ރައްޔިތުންގެ ވިޔަފާރިއާއި އަދި ރައްޔިތުންގެ މިނޫންވެސް މުދަލާއި ތަކެއްޗަށް ލިބެމުންދާ ގެއްލުމަކީ އެއީ ހަމައެކަނި ވަކިބަޔަކު ކަމެއް ކޮށްގެންވާ ކަމެއް ނޫން. އަދި ހަމަ މީގެއިތުރަށް، އަޅުގަނޑުމެން ބަލަންޖެހޭނެ މި ޤައުމުގެ ރީތި ނަން.

އާދެ! އަޅުގަނޑުމެން ނުވަތަ އަޅުގަނޑު ތަންކޮޅެއް ކުރީގައި މަސައްކަތް ކުރަމުންދިޔަ ޓުއަރިޒަމްގެ ދާއިރާގައި، އަޅުގަނޑުމެން ޓުއަރިސްޓުން ކައިރީގައި ބުނަން، ދޮރުވެސް ތަޅުލާނެ ކަމެއްނެތޭ، އެހާ ސޭފް ތަނެކޭ މިއީ. އެހާ ސަލާމަތް ތަނެކޭ މިއީ. އަޅުގަނޑުމެން މާލެއަށް ގެސްޓުން އެކްސްކަރޝަނަށް ފޮނުވާއިރުގައި، އަޅުގަނޑުމެން ކުރިއަކު ނުބުނަން، ކަލޭމެންގެ ޖީބުގައި އޮންނަ ފައިސާ ދަބަސް ރައްކާކޮށްފައި ބާއްވާށެކޭ. ހިތާމައަކީ، މިއަދު އަޅުގަނޑުމެންގެ ޙާލު އޮތީ އެހެންތޯ؟ މިއީ މިވޭތުވެދިޔަ، އަޅުގަނޑު ދަންނަވާނީ، ގާތްގަނޑަކަށް ވިއްސަކަށް، ފަންސަވީހަކަށް އަހަރު، މިއީ ދިގު މުއްދަތެއް، މި ޤައުމަށް އައިސްގެންދިޔަ ބަދަލު. މިއީ ހިތާމަ ކުރަންޖެހޭނެ ކަމެއް. ރަނގަޅަށް ހަނދުމަފުޅު ކުރައްވާތި! ޤައުމެއްގެ އަގު ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ގެއްލިއްޖިއްޔާ އެއީ، ކްރައިމް ގިނަ ތަނަކަށް އެ ޤައުމުވެފައި، ވައްކަންކުރާ ޤައުމަކަށްވެފައި، ނުވަތަ ނުރައްކާ ޤައުމަކަށްވެފައި، ނުވަތަ ރެޔާދުވާލު މުޒާހަރާކުރާ ޤައުމަކަށްވެފައި، މިހެން ވެއްޖިއްޔާ، އެ ލިބޭ ހުތުރު ނަން ބަދަލުކުރަން ވަރަށް އުނދަގޫވާނެ. އަދި އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ، ކޮންމެ ނުބައި ޚަބަރެއް ދަތުރުކުރާނެ ވަރަށް ބާރަށް. ރަނގަޅު ޚަބަރެއް އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް އިއްވޭނީ، ވަރަށްގިނަ މަސައްކަތުން.

ދިވެހިރާއްޖެ މިހާ ހިސާބަށް އައިސްފައި މިއޮތީ، ބަޔަކު މަސައްކަތެއް ނުކޮށެއްނޫން. ޓުއަރިޒަމް ޕްރޮމޯޝަން ބޯޑުން އަދި ރާއްޖެއިން ބޭރުގައި ތިއްބަވާ އެކިއެކި ސަފީރުން އަދި މި ޤައުމުގެ އެކްސްޓަރނަލް މިނިސްރީ އާދެ! ފޮރިން މިނިސްޓްރީ އަދި ޤައުމުގެ ތަފާތު ވެރިންވެސް އެތައްއެތައް މަސައްކަތެއް ކޮށްގެން، މިއަދު މި ޤައުމު މިހިސާބަށް މިއައީ. އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ، ޤައުމެއްގެ އަގު ވައްޓާލުން އެއީ ނުވަތަ ވެއްޓިގެން ދިޔުން އެއީ ވަރަށް ފަސޭހަކަމެއް. އެހެން ނަމަވެސް، އެ ނަން އަނބުރާ ހޯދުމަކީ އެއީ، ވަރަށް އުނދަގޫ ކަމެއް. ސަބަބަކީ ބައެއްގެ އިތުބާރު ގެއްލިއްޖިއްޔާ، އެ އިތުބާރެއް އެ ޤައުމަކާ ދޭތެރޭގައި އަލުން ހޯދުމަކީ އެހާމެ އުނދަގޫ ކަމެއް. މިއަދު އަޅުގަނޑުމެން ބަލަމާ ހިންގަވާ، މިގޮތަށް އަޅުގަނޑުމެންނާ ހަމަ އެއް ދީނެއްގައި އުޅޭ މިޑްލްއީސްޓް ޤައުމަކަށް ވެގެންދާގޮތް. ކިހިނެއްތޯ ސީރިއާއަށް ދެން އިތުބާރު ކުރާނީ؟ ލީބިޔާއަށް އިތުބާރު ކުރާނީ؟ އެ ޤައުމުތަކަށްވާގޮތް ބައްލަވާ. ކިހާ މަސައްކަތެއް މިއަދު މިޞްރު މީހުން އެބަ ކުރޭތޯ، އަލުން އަނބުރާ އެ އިތުބާރު ހޯދުމަށް. މިއީ ޤައުމެއްގެ ވެރިން ނާޖާއިޒު ފައިދާ ނެގުމަށްޓަކައި، އެ ޤައުމެއްގެ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވީމާ ވާގޮތް. އެހެންވީމާ، ކޮންމެ ދިވެއްސަކުވެސް ހަނދާން ކުރަންޖެހޭނެ، ކޮންމެ މަޤާމެއްގައި ހުންނަވާ ބޭފުޅަކުވެސް ހަނދުމަފުޅު ކުރައްވަންޖެހޭނެ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން، ނައިބުން ފެށިގެން، ވަޒީރުން ފެށިގެން ހަނދާން ކުރައްވަންޖެހޭނެ، މިކަންކަމަކީ ތިޔަ ހުރިހާ ފަރާތެއްގެ ޒިންމާކަން.

ޤައުމެއްގެ އަގު ވެއްޓިގެން ހިނގައްޖިއްޔާ، ޤައުމުގެ ރައްޔިތުންގެ މުދަލަށް ބޭވަފާތެރިވެއްޖިއްޔާ، ޚިޔާނާތް ވެއްޖިއްޔާ، އެކަންކަމަކީ އަވަހަކަށް ފަސޭހަ ކުރެވޭ ބަލިތަކެއް ނޫން. މި ޤައުމުގެ މުދާ ބޭރު ބައެއްގެ އަތްމައްޗަށް ހިނގައްޖިއްޔާ، އަޅުގަނޑުމެންނަކަށް އެ ހޯދާކަށް ފަސޭހައެއް ނުވާނެ. މިއީ، ހުސްއެކަނި މި ޤައުމަށް އެކަނި ޚާއްޞަ، އެކަނި އޮތް ކަމެއް ނޫން. މުޅި ދުނިޔޭގައިވެސް މިކަން އޮތްގޮތް. ދިވެހި ޤައުމުގެ ރައްޔިތުންގެ މުދާ އަބަދުވެސް އޮންނަންޖެހޭނީ ދިވެހިންގެ އަތްމަތީގައި. ދިވެހި ރައްޔިތުންގެ މުދާ، ކޮންމެ ވެރިޔަކު ހުންނެވިޔަސް ޙުރްމަތްތެރިކޮށްހިތުމާ އެކީގައި، އެ ރައްކާކުރެވި، އެއަށް ޚިޔާނާތްތެރިވެގެން ނުވާނެ. އަޅުގަނޑުމެން އެބަޖެހޭ، މިތަނުގައި މިތިބަ ޒުވާން ކްލަޔަންޓުންނަށްވެސް، މި ދަރިންނަށްވެސް އަޅުގަނޑުމެން ދައްކައިދޭން ރަނގަޅު ނަމޫނާއެއް. ރަނގަޅު މިސާލެއް. ޤައުމުގެ އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން، އެ މިސާލު ނުދައްކަވާ ކަމަށްވަންޏާ، ނަމޫނާއެއް ކަމަށް ދެން އެ ދަރިން ބަލާނީ ކޮންބައެއްތޯ؟ މިއީ އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ސުވާލެއް.

ކޮންމެފަހަރަކު ފަސްއަހަރުން ފަސްއަހަރު ވެރިކަން ބަދަލުވެގެންދާ ކަމަށްވަންޏާ އަދި ހިނގައްޖިއްޔާ، އަޅުގަނޑުމެން ފަށަންޖެހޭނީ އަނެއްކާވެސް، އޭ، ބީ، ސީ، ޑީ ކިޔާފައި ނުވަތަ އަލިފު ބާއިން، ހަށަނަރަބަޅައިންތޯ، ނޫނިއްޔާ ދެން އެހިސާބުން އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ މަގު ކޮށައިދެއްވާފައެއް ނޫންތޯ އޮންނަންޖެހޭނީ، ކުރީގައި ތިއްބެވި ވެރިން، ކުރީގައި ތިއްބެވި ބޭފުޅުން. މިއީ މި ޤައުމުގެ ރައްޔިތުން މިއަދު ކުރާ ސުވާލު. ކުރަންޖެހޭނެ ސުވާލު. އެކަމަކު ހިތާމައަކީ، އަޅުގަނޑުމެންނަށް އަބަދުވެސް އިވެމުންދަނީ، ކޮންމެ ފަހަރަކު ވެރިއަކު ވަޑައިގަންނަވާއިރު، މަޤާމުން ދުރަށް ވަޑައިގަންނަވާއިރު، ރަތް ރޮނގެއް ދަމާފައި، އަނެއްކާވެސް އަހަރުމެން މި ފަށަންޖެހުނީ އެކަކުންނޭ.

އާދެ! މިއީ ހިތާމަހުރި ކަމެއް. މިކަމުގެ ޒިންމާ ނަގަންޖެހޭނެ، މާޒީވެސް މުސްތަޤްބަލްވެސް އަދި މިހާރުވެސް. އެހެންނޫނީ އަޅުގަނޑުމެންނަށް މި ޤައުމު، ޤައުމެއް ގޮތަށް ދެމެއެއްނުހެއްޓޭނެ. ދަމަހައްޓަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ އުޞޫލުތައް ޤަބޫލުކޮށް، އިޚްލާޞްތެރިކަމާއި ތެދުވެރިކަން ޤަބޫލުކުރަން. މިއަދު މަގުމަތީގައި ކުދިންތައް މަރުވެގެންދާއިރު، ނުވަތަ މަރާއިރު، އަޅުގަނޑު ހިތަށްއަރާ، ތިއިން އެއްވެސް ފަރާތަކަށް އިޙްސާސްކުރެވޭބާއޭ، މަޙްޝަރު ދުވަހުން ތިމަންނައާ ސުވާލު ކުރެވޭނެކަން. އަޅުގަނޑުމެން ހީކޮށްގެންނުވާނެ، މި ދުނިޔޭގައި ކަންތައްތައް ނިމިގެން އޭނައަށް އަދަބު ނުލިބުނީމާ އެ ނިމުނީއޭ އެހިސާބަށް. އެއެއް ނޫން އަޅުގަނޑުމެން ޤަބޫލުކޮށްގެން މިއޮތް މާތް އިސްލާމްދީނުގެ ޢަޤީދާއަކީ. ކިތައް މީހުންތޯ ހިތަށްއަރަނީ، ދައުލަތުގެ ފައިސާގައި ޖެހޭއިރު، މި ފައިސާއަކީ މަޙްޝަރު ދުވަހުން ތިންލައްކަ އެތައްހާސް މީހުންނެއް ތިމަންނައާ ސުވާލުކުރާނެ ފައިސާކަން. މިއީ، މިއަދު އަޅުގަނޑުމެން އަމިއްލައަށް އިޙްސާސް ކުރަންޖެހޭނެ ކަމެއް. ދުނިޔެއަކު ޙައްޤެއް ނުލިބޭނެ. ރަނގަޅަށް ހަނދުމަފުޅު ކުރައްވާތި! ޙައްޤު ލިބޭނީ ޙައްޤު ލިބެންވީ ދުވަހު، މަޙްޝަރު ދުވަހު. އެއްވެސް އިންސާނަކަށް ކުރާ ކަންތައްތަކުގެ ފުރިހަމަ ޙައްޤެއް މިދުނިޔެއަކު ނުލިބޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަކީ އިސްލާމުން ކަމަށްވާތީ، މާތްވެގެންވާ އިސްލާމްދީން ޤަބޫލުކޮށްގެން ތިބި ބަޔަކަށްވާތީ، އަޅުގަނޑުމެން ޖެހެނީ، އަޅުގަނޑުމެންގެ ޢަމަލުތައް އެ މާތް ދީނުގައި އޮންނަ ގޮތަށް އިޞްލާޙުކޮށް ރަނގަޅަށް އުޅެން. މިހެން އަޅުގަނޑުމެންނަށް ނުކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި، މިއަދު މިފެނިގެންދާ މި ރީހެބްތައް، ރީހެބްތައް ކިތަންމެ ބޮޑުކުރިޔަސް، ހަމަ ފުރެމުން ފުރެމުން ފުރެމުންދާނީ. ޒިންމާ ނަގަންޖެހޭނެ، މައިންބަފައިންވެސް، ޤައުމުގެ ވެރިންވެސް، ޤައުމުގެ މުޖްތަމަޢެއްގައި މަސައްކަތްކުރާ ކޮންމެ މީހަކުވެސް މި ޒިންމާ ނަގަންޖެހޭނެ. އެ ޒިންމާ ނުނެގޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ފެންނާނީ އެކަހަލަ ކަންތައް.

ދެންމެގައި ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިގޮތަށް، އެދުވަހު އޭނަގެ ބޯ، އޭނަގެ ބޮޑުބޭބެ ކޮށާނުލިނަމަ، އެ ބަދަލުތަކެއް އޭނައަށް އައުމަކީ، އަޅުގަނޑު ދަންނަވާނީ، ނާދިރު ކަމެކޭ. ލޯތްބާއި، ޤަދަރާއި، އިތުބާރު ދޭންޖެހޭ އެންމެ ފުރަތަމަ ބަޔަކީ މައިންބަފައިން. މާތްﷲ ކޮންމެ ދަރިޔަކުވެސް ބައްޕައަކާއި މަންމައަކަށް ފޮނުއްވަނީ، ވަރަށްބޮޑު ޒިންމާއެއް، އެދެފަރާތުގައި އެޅިގެން. ހަމައެކަނި އެ ހޯދާލައި އުފަލެއް ނޫން. އެއީ ވަރަށް ބޮޑު ޒިންމާއެއް. އެ ޒިންމާ ނުނަގާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ އަބަދުވެސް ފެންނާނީ މިކަހަލަ ނަތީޖާ. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، މިއަދު އަޅުގަނޑުމެންނަށް އެބަޖެހެއޭ، ޖަރނީ ނެރުނުކަހަލަ ފޮތް ނެރެ، މައިންބަފައިންނަށްވެސް އެފޮތުގައި އޮތް އެއްޗެއް ދަސްކޮށްދީ، އުނގަންނައިދީ މިކަންވެސް ކުރަން. މިއަދު އަޅުގަނޑުމެން ވިސްނައިދީ، އުނގަންނައިދީ، ހޭލުންތެރިކަން އުނގަންނައިދޭން ޖެހެނީކީ ހަމައެކަނި މިއުޅޭ ޒުވާން ކުދިންނަކަށް ނޫން. އެކުދިންގެ މައިންބަފައިންނަށްވެސް، މުޅި މުޖްތަމަޢަށްވެސް އަދި މިއަދު ވަރަށް ފޯރީގައި މަސައްކަތް ކުރައްވާ ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލުންވެސް، މިހުރިހާ އެންމެން މީގެ ޒިންމާ ނަންގަވަންޖެހޭނެ.

އާދެ! މަޢާފް ކުރައްވާ! އަޅުގަނޑުގެ ވަގުތުކޮޅު ވަރަށް ގިނަވެއްޖެ. ވަރަށް ގިނަވެގެން ހިނގައްޖެ. އެހެން ނަމަވެސް، މިފަދަ ވާހަކައަކީ ނުވަތަ މިފަދަ ރެއެއްގައި އަޅުގަނޑުމެންނަށް މިކަހަލަ ކަންތަކާމެދު ވިސްނުމަކީ، އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ދޭތެރެ ދޭތެރެއިން ނަމަވެސް، އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ، އަޅުގަނޑުމެންގެ ޙާލަތު. ކިހިނެއްތޯ އަޅުގަނޑުމެންގެ މުސްތަޤްބަލް ބައްޓަންކުރާނީ؟ ލަނޑުދަނޑިތަކެއް ޙާޞިލް ކުރަން އެބަޖެހޭ. ދަރިންތަކެއް އުފައްދަން އެބަޖެހޭ. އެ ދަރިންތަކަކަށް ވަޒީފާތަކެއް ހޯދައިދޭން އެބަޖެހޭ. އެ ދަރިންތަކެއްގެ އުންމީދުތައް، އަޅުގަނޑުމެން ހޯދައިދޭން މަސައްކަތް ކުރަން އެބަޖެހޭ. އެއީ ކޮންމެ ވެރިއެއްގެ މަސްއޫލިއްޔަތެއް.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ، މި ޑްރަގްސްގެ މައްސަލައިން ސަލާމަތްވުމަށް އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން. މި ޤައުމުގެ ވެރިކަމުގައި ތިއްބެވި ފަރާތްތައްވެސް އަދި ޕާޓީތަކުގައި ތިއްބެވި ފަރާތްތައްވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް، މިކަމަކީ އެބޭފުޅުންގެ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވައިގެން، މިކަމުގައި އެހީވެދެއްވުން. އަޅުގަނޑު މާތްﷲގެ ޙަޟުރަތުގައި އެދެނީ، އަޅުގަނޑުމެންނަށް ނިޔާމަ ދުވަހެއް ދެއްކެވުން.


والســّلام عليــكم