ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސްޓަރ ނޮބްހީޓޯ ހޯބޯ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މިހާރު ރާއްޖޭގެ ސިޔާސީ ޙާލަތު އޮތް ގޮތުގެ މަޢުލޫމާތު ޖަޕާން ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިގޮތުން، އިންކުއަރީ ކޮމިޝަނަށް ގެންނެވި ބަދަލުތަކާއި، އެކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ގޮތުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ރިއޯ+20 ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި، ރާއްޖޭގައި މެރިން ރިޒަރވްއެއް ޤާއިމްކުރެއްވުމާ ގުޅޭ މަސައްކަތާބެހޭގޮތުންނާއި، އަދި ބ. އަތޮޅުގައި މިހާރު ޤާއިމްކުރެވިފައިވާ ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވްގެ މަޢުލޫމާތު އެމަނިކުފާނު ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާން ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ހަމަޖެހުމަށްޓަކައި ހުރިހާ ޕާޓީތަކެއްގެ މެދުގައި މަޝްވަރާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.