މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިން، ރީހެބް ވަމުންދާއިރު، އެކުދިންނަކީ އުފެއްދުންތެރި ބަޔަކަށް ހަދަން އެބަޖެހޭ ކަމަށާއި، ޙަޤީޤީ ފައިދާ ނުކުންނާނީ އޭރުން ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިރޭ އެ ސެންޓަރުގައި ބޭއްވެވި އަހަރީ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ، މިކަމަކީ ސަރުކާރުގެ އެޖެންޑާގެ ހަމަ އެންމެ މަތީ މަގާމެއްދީފައި އޮތް އެއްކަންތައް ކަމުގައެވެ.

މިރޮނގުން ނައިބު ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ޒުވާނުންގެ ވަރަށްބޮޑު ބައެއް، މަސްތުވާތަކެތީގެ ވަބާގައި އެބައުޅޭކަން އަޅުގަނޑުމެން މިއަދު ޤަބޫލުކުރަން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުން ސަރުކާރަށާއި ރައްޔިތުންނަށް ލިބޭ އިޤްތިޞާދީ ގެއްލުން އަޅުގަނޑުމެންނަށް އަދިވެސް ފުރިހަމައަށް ހިސާބުކުރެވިފައި ނެތް ކަމަށްވިޔަސް، މިފަދަ ކަންކަމަށް ރައްޔިތުންގެ ފައިސާއިން ޚަރަދުކުރަން ޖެހުމަކީ، ޙަޤީޤަތުގައި އިޤްތިޞާދީ ގޮތުން ޤައުމަށް ލިބޭ ވަރަށްބޮޑު ގެއްލުމެއްކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމުގައި، މުޅި މުޖްތަމަޢުގެވެސް، ވިޔަފާރިވެރިންގެވެސް، އަދި ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުގެ ޒިންމާއެއްވެސް އެބައޮތްކަން ނައިބު ރައީސް ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، ޤައުމަށް ބަދަލުތައް ގެނެވޭނީ، މިދެންނެވި ހުރިހާ ފަރާތްތައް ޙިއްޞާކޮށްގެން، މިހުރިހާ ފަރާތްތައް ގުޅިގެން، ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކޮށްގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ވަބާއިން ޤައުމު ސަލާމަތް ކުރުމަކީ، ވަކި ޕާޓީއެއްގެ މަސްއޫލިއްޔަތެއްވެސް ނޫން ކަމަށް ވިދާޅުވެ، ހުރިހާ ޕާޓީތައް ގުޅިގެން، ޤައުމުގެ މަޞްލަޙަތު ކުރިއަށް ނެރުމަށް ޕާޓީތަކަށް ނައިބު ރައީސް ގޮވާލެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޤައުމެއްގެ އަގު، ބައިނަލްއަޤްވާމީ މުޖްތަމަޢެއްގައި ގެއްލިއްޖެ ކަމަށްވާނަމަ، ނުވަތަ އެ ޤައުމަކީ ނުރައްކާ ޤައުމަކަށް ވެއްޖެނަމަ، ނުވަތަ ވައްކަންކުރާ ޤައުމަކަށް ވެއްޖެނަމަ، ނުވަތަ ރެޔާދުވާލު މުޒާހަރާކުރާ ޤައުމަކަށް ވެއްޖެނަމަ، އެ ޤައުމަކަށް ލިބޭ ހުތުރުނަން ބަދަލުކުރަން ވަރަށް އުނދަގޫވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ކޮންމެ ނުބައި ޚަބަރެއްވެސް ވަރަށް ބާރަށް ދަތުރުކުރާކަން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމަށާއި، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރަނގަޅު ޚަބަރެއް އިއްވޭނީ، ވަރަށްގިނަ މަސައްކަތް ކޮށްގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާޒީއަށް ކޮންމެހެން ގޮސްގެން، ވާހަކަ ދައްކައިގެން މިއަދު ނަތީޖާތަކެއް ނުނެރެވޭނެ ކަމަށާއި، އެހެން ނަމަވެސް، މާޒީގައި ކަންތައްތައްވެފައި ހުރިގޮތާމެދު ވިސްނާލައި، އެއިން ޢިބްރަތެއް ޙާޞިލް ކުރުމަކީ ނެތްކަމެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.