بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން. އަދި އަޅުގަނޑުމެންގެ ލޮބުވެތި ހުރިހާ ކިޔަވާ ކުދިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ވަގުތުގެ ގޮތުންނާ އެކީގައި، އުޑުމަތި ތަންކޮޅެއް ބަނަވަމުން އައުމާ އެކީގައި، އަޅުގަނޑުގެ ވާހަކަ މާދިގެއް ނުކުރާނަން. އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބަކީ، ތިޔަ ހުރިހާ ބޭފުޅުން މިތަނަށް މިއަދު ވަޑައިގެން ދެއްވި ކަމަށްޓަކައި އަދި އަޅުގަނޑުމެންނަށް ތިދެއްވި ހޫނު މަރްޙަބާއަށްޓަކައި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ހިތުގެ އެންމެ އަޑިން ޝުކުރު ދެންނެވުން.

އާދެ! ރިއޯ ސަމިޓްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވުމުން، ދިވެހިރާއްޖެއަށް އަނެއްކާވެސް އިތުރު ރީތި ނަމަކާއި، އިތުރު ސަމާލުކަމެއް ލިބިގެންދިޔަ ވާހަކަ އަޅުގަނޑު އުފަލާއެކީ ތިޔަބޭފުޅުންނަށް ދަންނަވަން. އަޅުގަނޑު އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބަން ކި މޫނާ ބައްދަލުކުރި ކުރުމުގައި، އެމަނިކުފާނު އަޅުގަނޑު ކައިރީގައި ވިދާޅުވި. ދިވެހިރާއްޖެއިން ތިމާވެށްޓަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކަށް ތިމަންނަ ވަރަށް ބޮޑަށް އުފާފުޅު ކުރައްވަމޭ. އަދިވެސް ތިމާވެށީގެ މައްސަލަތަކުގައި، ދިވެހިރާއްޖެ ހަމަ ވީހާވެސް ބޮޑަކަށް އަޑުހަރުކޮށް ދުނިޔޭގެ ކުރިމަތީގައި ވާހަކަ ދައްކަމުން ގެންދާށޭ. ތިމަންނަ އެދިވަޑައިގަންނަވަނީ، ދިވެހިރާއްޖެ ހަމަ ބާރަށް މިކަމުގައި ކުރިއަށް ވާހަކަ ދެއްކުމޭ.

އާދެ! ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭގޮތުން ދިވެހިރާއްޖޭގެ ކިޔަވާ ކުދިން އަޅުގަނޑާ ބައްދަލުކޮށް އަދި އެބޭފުޅުންގެ އިލްތިމާސެއް އަޅުގަނޑަށް ހުށަހެޅުއްވި. އެބޭފުޅުން ހުށަހެޅުއްވި ހުށަހެޅުއްވުންތައް އަޅުގަނޑުގެ ވާހަކައިގައި، ރިއޯ ސަމިޓްގެ ޖަލްސާގައި ވާނީ ހުރިހާ ބޭފުޅުންނަށް ދަންނަވާފައި. އަދި އޭގެއިތުރުން، އެބޭފުޅުން ދެއްވި ޤަރާރު އަޅުގަނޑު ވާނީ ހުރިހާ އެންމެންނަށް ފެންނަ ގޮތަށް އެތާނގައި ބަހައްޓާފައި. އެހެންވީމާ، އެގޮތުން، ރާއްޖޭގެ ކިޔަވާ ކުދިންނާއި، ކުދިބޮޑު އެންމެންނަކީ ތިމާވެށްޓަށް ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ބައެއްކަން މުޅި ދުނިޔެއަށް ފާޅުވެގެން އެބަދޭ.

ރާއްޖެ ދުނިޔޭގައި މަޝްހޫރުވެފައިވަނީ، ރީތި ތަނެއްގެ ގޮތުގައި، ސާފު ތަނެއްގެ ގޮތުގައި، ޞުލްޙަވެރި ތަނެއްގެ ގޮތުގައި. އަޅުގަނޑުމެންނަށް ޖެހޭނީ، މުސްތަޤްބަލުގައިވެސް ދިވެހިރާއްޖެ އެގޮތަށް ބޭއްވޭތޯ މަސައްކަތް ކުރަން. މި ޖަލްސާގައިވެސް ދިވެހިރާއްޖެ ތަމްސީލުވެގެން ދިޔައީ ހަމަ މިދެންނެވި ގޮތަށް. ދިވެހިރާއްޖެއަކީ ޞުލްޙަވެރި ތަނެއްގެ ގޮތުގައި. ދިވެހިރާއްޖެއަކީ ރީތި ތަނެއްގެ ގޮތުގައި. އަދި ތިމާވެށި ސާފުކޮށް ރީތިކޮށް ބާއްވަން ބޭނުންވާ ތަނެއްގެ ގޮތުގައި. އަޅުގަނޑުމެން ޖަލްސާގެ އެއްފަރާތުގައި، ދެމެހެއްޓެނިވި ޓުއަރިޒަމާބެހޭ، ފަތުރުވެރިކަމާބެހޭ ޖަލްސާއެއްވެސް ބޭއްވިން. އެޖަލްސާއަށްވެސް ވަރަށްބޮޑު، ހޫނު މަރްޙަބާއެއް ހުރިހާ ފަރާތްތަކަކުން ލިބިގެންދިޔަ. އަދި މިދަތުރުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި އަދި ރާއްޖޭގައި ޚާއްޞަ ގޮތެއްގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ވާރލްޑް ބޭންކްގެ އެހީ ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް ލިބިގެންދިޔަ. އަދި އޭގެއިތުރުންވެސް، ރާއްޖޭގެ ކަނޑުތައް ޙިމާޔަތް ކުރުމުގައި، ބައިނަލްއަޤްވާމީ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑަށް ލިބުނު.

އަޅުގަނޑު ދަންނަވާ ފަދައިން، ދިވެހިރާއްޖެއަކީ މަސްވެރިންގެ ޤައުމެއް. ދިވެހިރާއްޖޭގައި މަސްވެރިން ކުރަމުންގެންވާ މަސައްކަތަށް ޙިމާޔަތް ލިބި، ރާއްޖޭގެ ކަނޑުތައް ދިވެހިންނަށް ޙިމާޔަތް ކުރެވިފައި އޮތުމަކީ، އެއީ ވަރަށް މުހިންމު ކަމެއް. މިހާތަނަށްވެސް ރާއްޖޭގައި އެނގިވަޑައިގަންނަވާނޭ ފަދައިން، ބޭރުގެ އެކިއެކި އުޅަނދުތައް އައިސް، ރާއްޖޭގެ މަސްތައް އެބަ ނަގައިގެން ގެންދޭ. އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް އޭގެ އަސަރު ކުރަމުންދޭ. އަޅުގަނޑު މިހާރު އުންމީދު ކުރަމުން މިގެންދަނީ، ދިވެހިރާއްޖެއަކީ ޙިމާޔަތް ކުރެވިފައިވާ ކަނޑުތަކެއް އޮތް ތަނަކަށްވާތީ، ދިވެހިރާއްޖޭގެ ކަނޑުތަކުގައި ތިމާވެށްޓަށް ގެއްލުންދޭކަހަލަ މަސްވެރިކަން ނުކުރެވޭނެ ގޮތަކަށް ކަންކަން ކުރުން. އެކަމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ފަށާނަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިފަދަ ބޮޑު ކޮންމެ ކަމަކީ އެއީ ވަރަށްގިނަ ބައެއްގެ މަޝްވަރާއާ އެކީގައި، އޭގެ ތަފްޞީލުތައް، އޭގެ ރޭވުންތައް ރޭވިގެންދާންޖެހޭނެ ކަންކަން. ޚިޔާލެއް ހުށަހެޅުމާ އެކީގައި، އެ ޚިޔާލެއް ކުރިއަށް ގެންދިޔުމަށްޓަކައި ދެން ކުރަންޖެހޭ އަދި ވަރަށްގިނަ މަޝްވަރާތައް ހުންނާނެ. އެގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުންނާއި، އަދި ރާއްޖޭގައިވެސް، ރާއްޖޭގެ އެކިއެކި ޖަމާޢަތްތަކާއި އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މިކަމުގައި އެހީފުޅު ލިބުމަކީ، އެއީ މިކަން ކުރިއަށް ގެންދިޔުމުގައި ކޮންމެހެން ބޭނުންތެރި ކަމެއް.

އާދެ! މިޖަލްސާގައި، ދުނިޔޭގެ 120 ޤައުމުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. އޭގެތެރެއިން ވަރަށްގިނަ ބަޔަކާ އަޅުގަނޑާ ބައްދަލުވި. ބައްދަލުވީއިރުގައި، އެހުރިހާ ބޭފުޅުން އުފާފުޅު ކުރައްވާ، ދިވެހިރާއްޖެ ޞުލްޙަވެރިކަމާއެކީ، އަމާންކަމާއެކީގައި ކަންކަން ކުރިއަށް ގެންދާތީ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޞުލްޙައަށް ލޯބިކުރާ ބަޔަކަށްވާތީ. ރާއްޖޭގައި ޚިޔާލު ތަފާތުވިނަމަވެސް، އެންމެންވެސް އެކުވެރިކަމާ އެކީގައި، ވާހަކަ ދައްކައިގެން، ޞުލްޙަވެރިކަމާއެކީ ކަންކަން ކުރިއަށް ގެންދާކަން ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވި. އެގޮތުން، ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކުގެ ބޭފުޅުން އެވާހަކަ އަޅުގަނޑު ކައިރީގައި ވިދާޅުވި. [ތިގޮތަށް ކަންތައްތައް ކުރިއަށް ގެންދާށޭ. އިރާދަކުރެއްވިއްޔާ، ކާމިޔާބުވާނީ ދިވެހި ރައްޔިތުންނަށޭ.] އެހެންވީމާ، އަޅުގަނޑުމެން މިކުރަމުން ގެންދާ މަސައްކަތަށް، އަޅުގަނޑުމެން އެކުވެރިކަމާއެކީގައި، އެންމެން ޤައުމަށްޓަކައި މިކުރަމުންގެންދާ މަސައްކަތަށް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ ލީޑަރުންގެ ތާއީދު އޮތް ވާހަކަ އަޅުގަނޑު އުފަލާއެކީ ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުން މިތަނަށް މިވަޑައިގެންދެއްވި ކަމަށްޓަކައި އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަދި ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، އެކިއެކި ސިޔާސީ ޕާޓީތަކުގެ ވެރިންނަށާއި، އެކިއެކި ޖަމާޢަތްތަކުގެ ވެރިންނަށް އަޅުގަނޑު ނުހަނު އިޚްލާޞްތެރިކަމާއެކީގައި ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ލޮބުވެތި ކިޔަވާ ކުދިން މިތަނަށް މިގަޑީގައި އައިސް، އަޅުގަނޑުމެން އެކީގައި މިކުރާ މަސައްކަތަށް ތިޔަ ދެއްވާ ހިތްވަރަށްޓަކައި، ތިޔަ ހުރިހާ ކުދިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ވެރިންނަށް ތިބޭ މީހުންނަށް މަސައްކަތް ކުރެވޭނީވެސް، ތިޔަކުދިންގެވެސް ހިތްވަރު ލިބިގެން. ތިޔަކުދިން ރާއްޖޭގެ މުސްތަޤްބަލަކީ. އަޅުގަނޑުމެން ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަ މިދައްކަނީ، ތިޔަކުދިންނަށްޓަކައި. މީގެ 20 އަހަރުގެފަހުން، 30 އަހަރުގެފަހުން، އަޅުގަނޑުމެން ފަހަރެއްގައި ނޫޅެދާނެ. މުސްތަޤްބަލްގައި މިތާނގައި ތިބެން، އުޅެން އަދި މިތަން ދިރުވަން ތިބި ކުދިންނަކީ ތިޔަކުދިން. އެހެންވީމާ، ތިޔަކުދިންގެ ޚިޔާލުތައް ތަރައްޤީގެ ކަންކަމުގައި ބޭނުންކުރުމަކީ އެއީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އަދި މުސްތަޤްބަލްގައިވެސް ތިޔަކުދިން ވަރަށް ގާތުން އަޅުގަނޑުމެންނަށް ޚިޔާލު ދެއްވަމުން، ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދެވުން އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ވާހަކަ ދަންނަވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ، ހުރިހާ ކުދިންނަށްވެސް، ހުރިހާ ބޭފުޅުންނަށްވެސް.

والســّلام عليــكم ورحـمــة اللّـه وبـركاتـه