ދުނިޔޭގައި ރާއްޖެ މަޝްހޫރުވެފައިވަނީ، ރީތި، ސާފު އަދި ޞުލްޙަވެރި ތަނެއްގެ ގޮތުގައި ކަމަށާއި، މުސްތަޤްބަލުގައިވެސް ދިވެހިރާއްޖެ މިގޮތަށް ބޭއްވޭތޯ މަސައްކަތް ކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރިއޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެން، އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ރަސްމީ ފާލަމުގެ ކުރިމަތީގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ޖަލްސާގައިވެސް ދިވެހިރާއްޖެ ތަމްސީލު ވެގެންދިޔައީ، ރީތި އަދި ތިމާވެށި ސާފުކޮށް ބާއްވަން ބޭނުންވާ އަދި ޞުލްޙަވެރި ޤައުމެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރިއޯ ސަމިޓްގައި ދިވެހިރާއްޖެ ބައިވެރިވުމުން، ރާއްޖެއަށް އަނެއްކާވެސް ލިބިގެންދިޔައީ، އިތުރު ރީތި ނަމަކާއި، އިތުރު ސަމާލުކަމެއް ކަމަށާއި، ދިވެހިރާއްޖެއިން ތިމާވެށްޓަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްވެސް ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭގޮތުން ރާއްޖޭގެ ކިޔަވާ ކުދިން، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި އިލްތިމާސްގެ ވާހަކަ، ރިއޯ ސަމިޓްގެ ޖަލްސާގައި ހުރިހާ ބޭފުޅުންނަށް ދެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކިޔަވާ ކުދިންނާއި، ކުދިބޮޑު އެންމެންނަކީ، ތިމާވެށްޓަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭ ބައެއްކަން، މުޅި ދުނިޔެއަށް ފާޅުވެގެން އެބަދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި އަދި ރާއްޖޭގައި ޚާއްޞަކޮށް، އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ވާރލްޑް ބޭންކުގެ އެހީ ލިބޭނެކަމުގެ ޔަޤީންކަންވެސް މިދަތުރުފުޅުން ލިބިގެންދިޔަ ކަމަށާއި، ރާއްޖޭގެ ކަނޑުތައް ޙިމާޔަތް ކުރުމުގައިވެސް ބައިނަލްއަޤްވާމީ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަންވެސް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ސްކޫލްތަކުގެ ތިމާވެށި ކްލަބްތަކުގެ ފަރާތުންވެސް ރައީސުލްޖުމްހޫރިއްޔާއަށް މަރްޙަބާ ދަންނަވައި ޝުކުރު އަދާކުރިއެވެ.