މަސްތުވާތަކެތީގެ މައްސަލައަކީ އަޅުގަނޑުމެން އެންމެން ޒިންމާވާންޖެހޭ މައްސަލައެއް ކަމަށާއި، އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން ނޫނީ މިކަން ޙައްލު ނުވާނެ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށާއި މީހުންނަށް ފަރުވާ ދިނުމަށް ކުރަމުންގެންދާ ޚަރަދުތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، ޖަލުގައި ނުވަތަ ރިހެބުގައި ތިބޭ މީހުންނަށް ކުރާ ޚަރަދު ކުޑަކުރެވޭ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުވާން ޖެހޭ ކަމަށާއި، ޖަލުން ނުވަތަ ރިހެބުން ނުކުންނަ ކޮންމެ މީހަކީ، ކޮންމެވެސް މަސައްކަތެއް ދަސްވެފައިވާ މީހަކަށް ވާންޖެހޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކުދިންނާއި މީހުންނަކީ ވަރަށް އުފެއްދުންތެރި ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވެ، ރީހެބެއްގައި މިގޮތަށް މަސައްކަތް ނުކުރެވޭ ކަމަށްވާނަމަ، އޭގެ ފައިދާ ނުލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ކުރީގައި ވިސްނަމުން އައިގޮތް މިއަދު ބަދަލުކޮށް އެހެން ހަރުފަތަކަށް އަޅުގަނޑުމެން ބަދަލުވާންޖެހިފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އަމިއްލައަށް މަރުވާ މީހުންނާއި އެކިގޮތްގޮތުން މަރާލެވޭ މީހުންނާއި ހިންގާ އެކިއެކި މާރާމާރީގެ އަދަދުތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، މިކަންކަން މިހެން ހިނގަންޖެހެނީ ކޮން ސަބަބުތަކާ ހެދިތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. އަދި މައިންބަފައިން ދަރިންނާ ދޭތެރޭގައި ކުރާ އިތުބާރު ބޮޑުވާންޖެހޭ ކަމަށާއި، ދަރިން ދެކެ ކިތަންމެ ރުޅިއައި ކަމުގައިވިޔަސް ދަރިން އެއީ، ދަރިންކަމަށް ގަބޫލުކުރަންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ތިމާގެ ދަރިފުޅު ގޯސްކޮށް ކަމެއް ކުރިކަމުގައިވިޔަސް، އެދަރިފުޅު ދެކެ އިންތިހާއަށް ރުޅިއައުމަކީ، ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި، ކުށް ކުރެވޭނެކަން މައިންބަފައިން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތީގެ ވަބާއިން އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުންނާއި މި ޖީލު ސަލާމަތް ކުރުމަށް އެކިއެކި މަދަނީ ޖަމްޢިއްޔާތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދައުލަތުގެ ބަޖެޓު، ޓެކްސް ނެގުމުގެ ނިޒާމަކަށް ބަދަލުވެގެންދާއިރު މަދަނީ ޖަމްޢިއްޔާތައް ފުރިހަމައަށް މަސައްކަތް ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން އެ ޖަމްޢިއްޔާތަކަށް ފައިސާ ދެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.