މަސްތުވާތަކެތީގެ މައްސަލަ ކޮންޓްރޯލް ކުރުމަށްޓަކައި މިހާރު ކުރަމުންދާ މަސައްކަތްތަކަށްވުރެ، މާބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން، އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ޖަރނީއިން ތައްޔާރުކުރި ފޮތެއް ކަމަށްވާ [ކާމިޔާބު ބެލެނިވެރިޔާ] މިފޮތް ނެރުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލައިގެ ވާހަކައަކީ، މިޤައުމުގައި މިއަދު ދައްކާ ހުއްޓޭނޭ ވާހަކައެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް މިއަދުގެ ސަރުކާރުންވެސް ވަރަށްގިނަ އަދި ބޮޑެތި މަސައްކަތްތަކަކާއި ޚަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، މިކަންކަން ކޮށްގެން ނޫނީ، މިމައްސަލައަށް ޙައްލެއް ނުހޯދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

[ކާމިޔާބު ބެލެނިވެރިޔާ] މިފޮތް ނެރުއްވުމުގެ މައިގަނޑު މަޤްޞަދަކީ، މަސްތުވާތަކެތީގެ ވަބާގައިޖެހޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް، މަސްތުވާތަކެތިން ކުދިން ސަލާމަތްކުރުމާބެހޭ މަޢްލޫމާތު ދެއްވުމެވެ. މިފޮތުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލައްވަމުން، މިފޮތުގެ ބޭނުން ހުރިހާ މައިންބަފައިންވެސް ކުރައްވައި، މިކަމުން ޢިބްރަތެއް ޙާޞިލް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އުފެދިފައިވާ އެކިއެކި އަމިއްލަ ޖަމްޢިއްޔާތަކުން މަސްތުވާތަކެތީގެ ނުރައްކާތެރިކަމާއި، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، އެ ޖަމްޢިއްޔާތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެފަދަ މަސައްކަތްތައް ކުރައްވާ ފަރާތްތަކަށް، އެކަންތައްތަކަށް މަގުފަހިކޮށްދީ، އެކަންތައްތައް ކުރުމުގެ މަގު ހުޅުވައިދީ އަދި އެކަމުގައި އެހީވެދިނުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.