بســم اللّـه الرّحمـن الرّحيــم

އަޅުގަނޑުމެންގެ އެން.ޑީ.އޭ.ގެ ޗެއަރ ޕަރސަން ލުބްނާ، އަޅުގަނޑުމެންގެ ކުރީގެ މިދައުލަތުގައި މަސައްކަތް ކުރައްވާފައި، ވަޒީރުކަމުގެ މަގާމު އަދާކުރައްވާފައި ހުންނެވި އެއްބޭފުޅަކު އެބައިންނެވި. ޖަރނީގެ ވަރަށް ހަރުދަނާ ހިންގުންތެރިން. އަޅުގަނޑުމެންގެ ޔޫރަޕިއަން ކޮމިޔުނިޓީގެ ޕާޓްނަރުން.

السّــلام عليــكم

އާދެ! ޝައްކެއްނެތް، އަޅުގަނޑުމެންނަށް އަބަދުވެސް އިވެނީ، ސަރުކާރުން މިވެނި ކަމެއް ކުރައްވައިފި. އެން.ޑީ.އޭ އިން މިވެނި ކަމެއް ކޮށްފި. އަދި މިވެނި ތަނެއް، ސަރުކާރުން މިވެނި ފަރާތަކުން ހުޅުއްވައިފި. މިހެންކިޔާ އަޑު އަޅުގަނޑުމެންނަށް ވަރަށްގިނަފަހަރަށްވަނީ އިވިފައި. ޝައްކެއްނެތް! ވަރަށްގިނަފަހަރު އެކަން ވަނީވެސް އެހެން ހިނގާފައި.

އާދެ! މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަމިއްލަ ޖަމްޢިއްޔާއަކުން އިސްނަގައިގެން، ވަރަށް މުހިންމު، ވަރަށް އަގުހުރި ފޮތެއް ދުނިޔޭގެ އަލިކަމަށް ނެރެވިގެންދިޔަ ތަން. އާދެ! ކަމެއް ހިނގަނީ، ޝުޢޫރުތަކެއް އިންސާނާއަށް އައިސްގެން. އެ ޝުޢޫރުތަކެއްގެ އަސަރުތަކެއްވެސް އިންސާނާއަށް ކޮށްގެން. އެކަމާ ހިތާމަތަކެއްވެސް ކޮށްގެން. އެތައް ރުއިމެއް ރޮއިގެން. އެތައްފަހަރަކު، އެތައް ކަރުނައެއް އަޅައިގެން.

ޖަރނީއަކީ މިގޮތުން ވަރަށްގިނަ ދުވަހު، އަޅުގަނޑު ދަންނަވާނީ، އެތައް އަހަރު ދުވަހެއް ވަންދެން މަސައްކަތް ކޮށްފައިވާ ޖަމްޢިއްޔާއެކޭ. ޙަޤީޤަތުގައި ޖަރނީ އަޅުގަނޑަށް އެނގުނީކީ، މިމަޤާމަށް އައިސް މިއަދު މި ގޮނޑީގައި އިށީނީމަކާ ނޫން. ޖަރނީ، ސްވޯޑް އަދި މިނޫންވެސް މިފަދަ ޖަމްޢިއްޔާތައް، މާތްﷲގެ ރަޙްމަތްފުޅުން އަޅުގަނޑު ވަރަށް ކުރިން ދަންނަން. މާތްﷲ މިންވަރު ކުރެއްވި ގޮތުން މިއަދު އަޅުގަނޑަށް މިޖެހުނީ، މިއަދު މަޤާމުގައި ހުރެ އަދި މި ދިވެހިރާއްޖޭގައި މިއޮތް އެންމެ ނުރައްކާ އެއްކަންތައް.

އާދެ! އަޅުގަނޑު ދަންނަވާނީ، ޑްރަގްސްގެ މައްސަލައަކީ މިއީ ހިތާމަހުރި މައްސަލައެކޭ. މިއީ އަސަރު ކުރަނިވި މައްސަލައެކޭ. މިއީ މި ޤައުމުގެ އިޖްތިމާޢީ، އިޤްތިޞާދީ، ސިޔާސީ އަދި މިޤައުމުގެ މުސްތަޤްބަލާ ވަރަށްބޮޑަށް ގުޅިފައި އޮތް ކަމެއް. މިކަމުގެ ނުރައްކާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަކަށް އަދިވެސް ތަޞައްވަރެއް ނުކުރެވޭ. އެއީ، މިކަމަކީ ވަރަށްގިނަ ޒުވާން ދަރިންތަކެއް، މީގެތެރެއަށް ވަދެވި، އަދި މިކަމުގެ ކޮންޓްރޯލުން އިންސާނާގެ ސިކުނޑި، ކޮންޓްރޯލް ކުރުމުން، އިންސާނާގެ ސިކުނޑި މުޅިން ގެއްލިފައިވަނީ އޭނާގެ ކޮންޓްރޯލުން، އޭނާގެ އަތްމަތިން ގެއްލިފައިވަނީ. އާދެ! ދެންމެ ޒުބައިރުގެވެސް ވާހަކަފުޅުގައި އަދި މިތަން ތަޢާރުފްކޮށްދެއްވި ކަނބަލުން ވިދާޅުވި ގޮތަށްވެސް، މީގައި ވަރަށްގިނަ ސަބަބުތަކެއް އެބަހުރި. އަޅުގަނޑުމެން މިކަމާ މަސައްކަތް ކުރަން ވަރަށް ބުރަކޮށް ޖެހިފައި އޮތް ދުވަސްކޮޅެއް. މިއަދު އެކަންޏެއް ނޫން، މިހާތަނަށް މިދިޔައީ.

އާދެ! ޖަރނީ މިކަމަށް އިސްނަންގަވައިގެން، 6 އަހަރު ދުވަސް ވަންދެން މިކުރެއްވި މަސައްކަތްޕުޅަށްޓަކައި، އަޅުގަނޑަށް ހިއެއްނުވޭ ދިވެހި ސަރުކާރުން ޙައްޤު ޝުކުރު އެފަރާތަކަށް އަދާކުރެވޭނެހެނެއް. އެއަށްވުރެ މާ މަތިވެރި، އަގުހުރި ޚިދްމަތްތަކެއް އެބޭފުޅުން އެކުރެއްވީ. އަޅުގަނޑު އަބަދުވެސް ދައްކަމުން އަންނަ ވާހަކައެއް، މިފަދަ ޖަމްޢިއްޔާތަކަށް ސަރުކާރުން ކޮށްދެނީ ކޮންކަމެއްހޭ؟ ސަރުކާރުންވަނީ ކޮން އެހީއެއްހޭ؟ އަޅުގަނޑު އުންމީދު ކުރަން، މިއަދު މި ސަރުކާރުން ޓެކްސް ނެގުމުގެ ނިޒާމާއި، މިފަދަ ކަންތައްތައް ހަމަޖެހިގެން ދިޔުމާއެކު، މިފަދަ ޖަމްޢިއްޔާތަކަށް، ޖަރނީ، ސްވޯރޑް އަދި ފްރީޑަމް އަދި ހޭންޑް އިން ހޭންޑް އަދި މިނޫނަސް މިފަދަ ޖަމްޢިއްޔާތަކަށް ސަރުކާރުން ނަންގަވާ ޓެކްސްގެ ތެރެއިން ކޮންމެވެސް ބައެއް ދެއްވަން ހަމަޖައްސަވާނެ ކަމަށް. އަދި މިކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތްވެސް ކުރާނަން. އަޅުގަނޑު މިހެން މިދެންނެވީ، މިގޮތަށް މަސައްކަތްކުރާ ފަރާތްތަކަކީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ބައެއް އެއީ. ސަރުކާރުން ކުރަންޖެހޭ ކަންތައްތަކެއް ކުރާ ބައެއްކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެހެންވީމާ، މިފަދަ މަސައްކަތްތަކެއް ކުރާ ބަޔަކަށް، އެކަންތައް ފަހިކޮށްދީ، އެކަންތައް ކުރުމުގެ މަގު ހުޅުވައިދީ، އެކަމުގައި އެހީވެދިނުމަކީ އެއީ ސަރުކާރުގެ މަސްއޫލިއްޔަތެއް. އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް. ވީމާ، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައި، އެފަދަ ކަންތައްތަކުގައި އަދި އެފަދަ ޕްރޮގްރާމްތައް ހިންގުމުގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިހާރުވެސް އެބޭފުޅުން ތަފާތު ޕްރޮގްރާމްތައް ހިންގެވުމަށް މަސައްކަތް ކުރައްވާ. އޭގެތެރޭގައި މޯބައިލް ޔުނިޓެއް އަދި މޯބައިލް ގޮތަށްވެސް ތަންތަނަށް ވަޑައިގެން، އެ ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން މަސައްކަތް ކުރުމުގެ ޕްރޮގްރާމްތަކެއްވެސް ވަނީ ރޭވިފައި.

އާދެ! މިފަދަ ކަންތައްތަކަށް ހިތްވަރުދީ، މިކަހަލަ ކަންތައްތައް ކުރުވާ އަމިއްލަ ފަރާތްތަކުގެ މުހިންމުކަން އެއީ އަޅުގަނޑުމެން ދެނެގަންނަންޖެހޭނެ ކަމެއް. އާދެ! އަޅުގަނޑު މިއަދު ވަރަށް އުފާވޭ، މި ފުރްޞަތުގައި މިވާހަކަ ދައްކާއިރުގައި، އަމިއްލަ ޖަމްޢިއްޔާއަކުން މިފަދަ ކަމެއްގައި އިސްނެގީމާ. އަޅުގަނޑު ކުރިން ދެންނެވި ގޮތަށް، މަދަނީ ޖަމްޢިއްޔާއަކުން މިކަމަށް މަސައްކަތްކޮށް، މިކަމުގެ މުހިންމުކަން ވިސްނި، މިކަމަށްޓަކައި މިއަދު މި އެޅި ފިޔަވަޅަކީ، އަޅުގަނޑު ދަންނަވާނީ، ޖަރނީގެ ފުރަތަމަ ފިޔަވަޅޭ، ފެށުމޭ. އަޅުގަނޑަށް ހަމަ ޔަޤީން، އެބޭފުޅުންގެ އަގުހުރި ޚިދްމަތްތަކުގެ ތެރޭގައި، އަދި މިނޫންވެސް އެތައް ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އަޅުގަނޑުމެން ދެކޭނަން. އަޅުގަނޑުމެންނަށް އެނގޭ، އެބޭފުޅުންގެ އަގުހުރި މަސައްކަތްތައް އަދި މިނޫންވެސް އެކިއެކި ރޮނގުން މިފަދަ ކަންތަކުން ދުރުވުމަށް މަސައްކަތްކުރާ ފަރާތެއްގެ ގޮތުން ކުރައްވާނެ ކަމަށް.

އާދެ! ވާހަކަ ދައްކަވަމުން ޖަރނީގެ މިވަގުތުގެ އެންމެ އިސްވެރިޔާ އެ ވިދާޅުވީ، މިކަމުގެ މުހިންމުކަން. ކީއްވެގެންތޯ، މައިންބަފައިންނަށް މިކަން އަންގައިދޭންޖެހެނީ. އާދެ! ކުއްޖާ އެންމެ ތުއްތުއިރު، އެކުއްޖާދެކެ އެންމެ ލޯބިވާ އަދި އެކުއްޖާ އެންމެ ބަލަހައްޓާ އަދި އެކުއްޖާއާ އެންމެ އަޅާލާ ބަޔަކީ މަންމައާއި ބައްޕައާ. އެހެންވީމާ، މަންމައާއި ބައްޕައަށް މިއީ ކޯޗެއްކަން، މިއިން ވަނީ ކިހިނެއްކަން، މިކަންކަމަކީ ކޮންމެހެން އެނގެންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އެބޭފުޅުން އެވިދާޅުވިގޮތަށް، ދިވެހިރާއްޖޭގެ ކޮންމެ ގެއެއްގައި، މީގެ ފޮތެއް އޮންނާނެ ކަމަށް. މިއީ ހަމަ ތިޔަބޭފުޅުންނެކޭ އެއްގޮތަށް އަޅުގަނޑުވެސް ކުރާ އުންމީދެއް. މިކަން ކުރުމުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި މަގު ފަހިކޮށްދެވޭތޯ އަޅުގަނޑުމެން ބަލާނަން.

އާދެ! ޖަރނީ މިރޭ މި ފާހަގަކުރި ފިޔަވަޅަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ވަރަށްގިނަ ދުވަސްވަންދެން، އަދި ތާއަބަދަށްވެސް އަޅުގަނޑުމެން ހަނދާން ހުންނާނެ ކަމެއް. އަދި މިފަދަ ކަންތައްތަކުގައި މިހާތަނަށް ނޭޝަނަލް ޑްރަގް އޭޖެންސީއާ ގުޅިގެން، ޖަރނީއާ އަޅުގަނޑުމެންނާ ގުޅިގެން ވަރަށްގިނަ ކަންތައްތައް ހިނގަމުން އެބަދޭ. އަޅުގަނޑު އުންމީދު ކުރަނީ، ފުރިހަމަ ރީހެބެއް ނުވަތަ ރީހެބް ކުރާ ތަނެއް މިޤައުމުގައި ހެދިގެންދާއިރުގައި، މީގައި ޖަރނީގެ އަތެއް އޮންނާނެ ކަމުގައި. ޖަރނީގެ އެހީ ލިބޭނެ ކަމުގައި އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަޤީންކުރެވޭ.

އާދެ! މި ޑްރަގްސްގެ މައްސަލައިގެ ވާހަކަ މިއީ މިއަދު މިޤައުމުގައި ދައްކާ ހުއްޓޭނެ ވާހަކައެއް ނޫން. ސަބަބަކީ އަޅުގަނޑަށް ހިއެއްނުވޭ، އެންމެ ގެއެއްވެސް، އެގޭގެ ތިމާގެ މީހުން ނުވަތަ އެގޭގެ ކުއްޖަކު ނުވަތަ ކޮންމެވެސް ރައްޓެހި ފަރާތެއް މިކަމުގެ ތެރޭގައި ނޫޅޭ ގެއެއް މިއަދު މާލޭގައި ހުރިހެނެއް. އަދި އަތޮޅުތަކުގައިވެސް ވަރަށްގިނަ ގޭގޭގައި ހަމަ މިކަންތައް އޮތީ މިގޮތަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއަދުގެ ސަރުކާރުން މިއަށްވުރެ މާގިނަ މަސައްކަތް، މާބޮޑެތި މަސައްކަތް، މާގިނަ ޚަރަދު މިކަމަށް ކުރަންޖެހޭ. މިކަން ކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެންނަށް މިކަމަށް ޙައްލެއް ނުހޯދޭނެ. އަދި ދާއިމީ ޙައްލެއް ނުހޯދުނު ކަމުގައިވިޔަސް، މިކަމަށް ކޮންޓްރޯލެއްވެސް އަންނާނީ، އަޅުގަނޑުމެން އަދި މިހާރު މިކުރާ މަސައްކަތަށްވުރެ މާބުރަ މަސައްކަތް ކޮށްގެން. އެއީ މިކަމުގެ ފުންމިން، ފުންކަން އަޅުގަނޑުމެންނަށް މަޑުމަޑުން މަޑުމަޑުން މިދަނީ އިޙްސާސްވަމުން.

ވީމާ، އަޅުގަނޑުގެ ދުޢާއަކީ، މިފޮތުގެ ބޭނުން ހުރިހާ މައިންބަފައިންވެސް ކުރައްވާނެ ކަމަށް. އަދި ކުރައްވައި މިކަމުން ޢިބްރަތެއް ޙާޞިލް ކުރައްވައި އަދި ތިޔަބޭފުޅުން މިފޮތާ ބެހޭގޮތުން ހުރިހާ ފަރާތްތަކުންވެސް ޚިޔާލު ކުރައްވައި އަދި އަޅުގަނޑުގެ އުންމީދަކީ، މިކަމާ ބެހޭގޮތުން މިދާއިރާގައި ހުރި އެހެން ފަރާތްތަކާ ބެހޭގޮތުންވެސް ނުވަތަ އެހެން ދިމަދިމާލަށްވެސް ވިސްނަވައި، ޖަރނީއިން މަސައްކަތް ކުރައްވައިގެން އަދި އިތުރު ފޮތެއް އަޅުގަނޑުމެންގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް. ސަބަބަކީ މިއީ ފެށުން ކަމަށްވާތީ، އަޅުގަނޑު އުންމީދު ކުރަނީ، މިކަން ނުހުއްޓަވައި، ތިޔަބޭފުޅުން ކުރިއަށް ގެންދަވާނެ ކަމަށް. ވީމާ، އިރާދަކުރެއްވިއްޔާ، މާތްﷲގެ ރަޙްމަތްފުޅުން، ސަރުކާރުން މިކަމަށް ދެވެންއޮތް އެންމެ މުހިންމު އެއްބާރެއްލައިގެން، އެންމެ މުހިންމު އެއްކަމެއް ގޮތުގައި އަޅުގަނޑުމެން ދެކިގެން، އަޅުގަނޑުމެން މިކަމުގައި ތިޔަބޭފުޅުންނަށް އެއްބާރުދީގެން އަޅުގަނޑުމެން މަސައްކަތްކުރާނަން. ފަހަރެއްގައިވެސް ވަކި ސަރުކާރެއްގެ ގޮތަކު ނޫން. ތިޔަބޭފުޅުންގެ ޕާޓްނަރެއްގެ ގޮތުގައި. ތިޔަބޭފުޅުންގެ ރަޙްމަތްތެރިއެއްގެ ގޮތުގައި. ތިޔަބޭފުޅުންގެ އެކުވެރިއެއްގެ ގޮތުގައި. އަދި ތިޔަބޭފުޅުންނާއެކުގައި މަސައްކަތް ކުރުމަކީ، އަޅުގަނޑު ދަންނަވާނީ، އެއީ އަޅުގަނޑުމެން މިއަދު ކުރަން ބޭނުންވާ ކަމެކޭ. ކުރަންޖެހޭ ކަމެކޭ. ކުރަން މަޖުބޫރުވެފައިވާ ކަމެކޭ.

ވީމާ، އަދިވެސް އެއްފަހަރު މިކަންތައް ކުރެއްވީތީ، ޖަރނީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރަން. އަޅުގަނޑު އުންމީދު ކުރަނީ، މިފަދަ މަސައްކަތް، އެހެން ޖަމްޢިއްޔާތަކުންވެސް އެކިއެކި ގޮތްގޮތުން ކުރާނެ ކަމުގައި. އަދި އެފަދަ ކާމިޔާބު ނަތީޖާތަކެއް ނެރުއްވާނެވެސް ކަމުގައި.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم