"ޕަބްލިކް ވަރކްސް ސަރވިސަސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދެވުން
                                             
           ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ޕަބްލިކް ވަރކްސް ސަރވިސަސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
          ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މި އުފެއްދެވީ، ސަރުކާރުން ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުމަށްޓަކައި ވަރކްސް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ސަރުކާރުން އުފައްދަވާފައިވާ، ދިވެހި ސަރުކާރުގެ %100 ހިއްސާވާ ކުންފުނިން ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ ތަޖުރިބާއަށް ބަލާއިރު، ކުންފުންޏަކުން އެމަސައްކަތްތައް ކުރުމަށްވުރެ ދައުލަތަށް ފައިދާހުރި ގޮތަކީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ހިނގަމުންދާ ސަރުކާރުގެ އިދާރާއަކުން އެ މަސައްކަތްތައް ކުރުންކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
          ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޕަބްލިކް ވަރކްސް ސަރވިސަސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 447 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.   
 
          ޕަބްލިކް ވަރކްސް ސަރވިސަސްގެ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
 
ޕަބްލިކް ވަރކްސް ސަރވިސަސްގެ މަސައްކަތްތައް
 
1.     ރަށްރަށުގެ ބަނދަރާއި، ފާލަމާއި، ތޮށި މަރާމާތުކޮށް ބެލެހެއްޓުން.
2.     ސަރުކާރުން ހިންގާ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ އެލް ބްލޮކާއި، ޓެޓްރާ ޕޮޑާއި ރިވެޓްމަންޓް ބްލޮކް ފަދަ ތަކެތި އެޅުމުގެ މަސައްކަތްކުރުން.
3.     ރަށްރަށުގެ ފުޓްބޯޅަ ދަނޑުހެދުމާއި، މަގު ހެދުމާއި، ބިންގަނޑު އެއްވަރުކުރުންފަދަ މަސައްކަތްތައް ކުރުން.
4.     ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޕަބްލިކް ވާރކްސް ސަރވިސްގެ ދާއިރާއިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދިނުން.
5.     ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި މެކޭނިކަލް ވަރކްޝޮޕްގެ ޚިދްމަތް ފޯރުވައިދިނުން.
6.   ސަރުކާރުން އިންތިޒާމުކުރާ ޚާއްޞަ ޙަރަކާތްތަކަށް ޕަބްލިކް ވާރކްސް ސަރވިސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ދިނުން.