ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، ބޭރުކުރާ ކާބަންގެ އަދަދު މަދުކުރުމަށް ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އ.ދ. އިން އަބަދުވެސް ރާއްޖެއަށް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި، 14 ޖަނަވަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012ގެ ނިޔަލަށް ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކުގައި ކަން ހިނގާފައިވާގޮތް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުޤީޤު ކުރުމަށް އެކުލަވާލާފައިވާ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ސެކްރެޓަރީ ޖެނެރަލަށް އެރުވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް އ.ދ.ގެ ފަރާތުން ދިވެހި ސަރުކާރަށް ލިބެމުންދާ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެށްޓަށް ކުރަމުންދާ އަސަރުތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ހޭލުންތެރިކުރުމުގަޔާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި، ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލަށް ދެއްވިއެވެ.