މާދަމާގެ މުސްތަޤްބަލް އަޅުގަނޑުމެންނަށް ބައްޓަން ކުރެވޭނީ، މިއަދުގެ ދަރިންނަށް، މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ދަސްކޮށްދެވިގެން ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤުރްއާން ކިޔެވުމުގެ 27 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމަށް މިއަދު ހެނދުނު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، ދިވެހި ޤައުމު، ޤައުމެއްގެ ގޮތުގައި އޮންނާނީ، އަޅުގަނޑުމެން ޤަބޫލުކޮށްގެން ތިބި މާތްވެގެންވާ އިސްލާމްދީން ފުރިހަމައަށް ނަގަހައްޓައިގެންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހެނީ، އަޅުގަނޑުމެންގެ ދަރިން، ނޭދެވޭ ގޮތްގޮތަށް ބަދަލުވެގެންދާތީ ކަމަށާއި، އެކަންތައްތައް އެހެން އެވަނީ، ކޮންމެވެސް ބަޔަކު އިހުމާލުވެގެން ކަމުގައި ވިދާޅުވިއެވެ.

27 ވަނަ ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުން ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދީ، ކޮޅުމަޑުލު ގުރައިދޫ ފާމުދޭރިގޭ ޢާއިޝަތު ޝަމާއިލް ޙުސައިނެވެ. ނުބަލާ ކިޔެވުމުގެ ގޮފިން މުޅިން މުބާރާތުން އެއްވަނަ ހޯދީ، މާފަންނު ދޮއްތަޑަފިގޭ އިސްމާޢީލް އައިކް މުޙަންމަދެވެ. މިދެކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އިނާމާއި، އަދި އެހެން ބައެއް ފަރާތްތަކުން ހުށަހެޅުއްވި އިނާމު ދެއްވީ، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ޙާފިޒްކަމުގެ އިމްތިޙާނުން ފާސްވެ، ސެޓްފިކެޓް ހޯއްދެވި ބޭފުޅުންނަށް މިޖަލްސާގައި ތާޖު ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އިނާމާއި އަދި އެހެނިހެން އިނާމުތައް ދެއްވީވެސް ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނެވެ. ޙާފިޒުކަމުގެ އިމްތިހާނުން ފާސްވެ، ސަނަދު ޙާޞިލް ކުރެއްވި ބޭފުޅުންނަކީ، އައްޑުއަތޮޅު މީދޫ ބްލީމިންގ އަލްޙާފިޒް ސަޢީދު އިބްރާހީމްދީދީ އާއި، ފުވައްމުލަކު އަންދާޒް އަލްޙާފިޒާ ޙައްވާ އަޙްމަދުދީދީ އާއި، އައްޑުއަތޮޅު ހިތަދޫ ރަން ހަނދުވަރުގޭ އަލްޙާފިޒް މުޙަންމަދު ޞާލިޙު އަޙްމަދާއި، އައްޑުއަތޮޅު މީދޫ ރޯޝަނީގޭ އަލްޙާފިޒާ އާމިނަތު ފަހުމީއާއި، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ނިރު އަލްޙާފިޒް ޢައުފް ޢަބްދުއްސައްތާރާއި، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ފެހިގޭ އަލްޙާފިޒާ ސަލްވާ މުޙަންމަދު ލަޠީފެވެ.

ބައިނަލްއަޤްވާމީ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށްވެސް، ރައީސުލްޖުމްހޫރިއްޔާއާއި އެހެން ފަރާތްތަކުން ދެއްވި އިނާމު، މިޖަލްސާގައި ދެއްވިއެވެ. މި އިނާމުތައްވެސް ދެއްވީ ނައިބު ރައީސެވެ. އެގޮތުން އިނާމު ލިބުނީ، 2010 ވަނަ އަހަރު މިޞްރުގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުން 2 ވަނަ ހޯދި މާފަންނު ލަކީ ލާސްޓް ރިފްދާ މުޙަންމަދު ރަޝީދަށާއި، 2011 ވަނަ އަހަރު މިޞްރުގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުން 3 ވަނަ ހޯދި މާފަންނު ހެޕީ ކޯނަރ މުޙަންމަދު ޝަފްޢާން ސުލައިމާނަށެވެ.

މިޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މިހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މާތްވެގެންވާ އިސްލާމްދީނާމެދު މިޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި އަދި ދީނީ ކަންތަކުގެ މައްޗަށް ބަހައްޓާ އޯގާތެރިކަމާއި، ޙުރްމަތާއި، މާތްކަމުގެ ވަރަށް ވަރުގަދަ ނަމޫނާއެއް ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުމަކީ، އެޤައުމެއްގެ ރައްޔިތުންގެ ހިތްހަމަޖެހުން ކަމަށާއި، ރައްޔިތެއް ހިތްހަމަޖެހޭނީ، އެބައެއްގެ ޢަޤީދާއާއި، އީމާންކަން ތެދުވެރިވެގެން އަދި އެކަމަށް ހެޔޮނިޔަތުގައި މަސައްކަތް ކުރެވިގެން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިސްލާމިކް މިނިސްޓްރީއަށް ކުރިމަތިވެފައިވާ ވަރަށްގިނަ ދަތިތައް ހުރިކަން ފާހަގަކުރައްވަމުން، އަންނަ އަހަރުގެ ބަޖެޓަށް އެމިނިސްޓްރީއަށް ފައިސާ ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.