ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް އުފެއްދެވީ، 29 ޖުލައި 2011 ގައި ޔުނެސްކޯގެ ބައޮސްފިއަރ ރިޒާރވަކަށް، މާޅޮސްމަޑުލު ދެކުނުބުރި ހަމަޖެހުމާ ގުޅިގެން، ތިމާވެށީގެ މުހިންމު ތަރިކައެއްގެ ގޮތުގައި، އެ އަތޮޅާއި އެ އަތޮޅުގެ މުހިންމު މާޙައުލުތައް މެނެޖްކޮށް ބަލަހައްޓައި، އެ އަތޮޅުގެ ތިމާވެށި ހިމާޔަތް ކުރުމަށް ހިންގާ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ވަކި އޮފީހެއް ޤާއިމުކުރުން މުހިންމު ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 446 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހުގެ މަސައްކަތްތަކުގެ ލިސްޓް މިދެންނެވުމާއެކު އެވަނީއެވެ.
 
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީހުގެ މަސައްކަތްތައް
1.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންތައްތައް ރަވާއި ހިންގުމާއި، އެ މަސައްކަތުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުމަށް، ކުރަންޖެހޭ ކަންތައްތައް ކުރުން.
2.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރުން.
3.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމަށް މަގުފަހިކުރުމަށްޓަކައި، އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، ޤައުމީ ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅު ފެންވަރުގެ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި، އަތޮޅުގެ ރިސޯރޓްތަކާއި، ބަޔޮސްފިއަރ ރިޒާރވަށް ޒިޔާރަތްކުރާ ފަރާތްތަކާއެކު ޤާއިމުކުރަންޖެހޭ ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓުން.
4.      މާޅޮސްމަޑުލު ދެކުނުބުރީ ކޮންޒަރވޭޝަން ފަންޑާ ގުޅިގެން، ބަޔޮސްފިއަރ ރިޒާރވް ޙިމާޔަތްކޮށް ބެލެހެއްޓުމަށް ހިންގާ މަޝްރޫޢުތައް އެކުލަވާލުމުގައި، ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
5.      މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވްއާބެހޭ މަޢުލޫމާތު އެއްކުރުމާއި، ކަމާބެހޭ ފަރާތްތަކާއެކު އެ މަޢުލޫމާތު ޙިއްޞާ ކުރުމާއި، މި ރިޒާރވްގައި ކުރެވެންހުރި ދިރާސާތައް ބަލައި، އެފަދަ ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުން.