ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ޤައުމީ އިނާމަށްމިއަހަރު ނަން ހުށަހެޅުއްވުމުގެ ފުރުޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިނާމާބެހޭ އެންމެހާ ކަންތައްތައް ކުރެއްވުމަށް ހަމަޖައްސަވާފައިވަނީ، މިއަހަރު އަލުން އެކުލަވާލެއްވި ޤައުމީ އިނާމާބެހޭ   ކޮމިޓީން ކަމަށާއި، އިނާމު ދެއްވާނެ ފަރާތްތައް ހޮއްވަވާނީވެސް މި ކޮމިޓީންކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭނެ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި މިއަހަރުވެސް ނަން ހުށަހެޅުއްވޭގޮތަށް ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހެޅުއްވުމަށް ވަކި ފޯމެއް އަދި ކުންފުނި، ޖަމުޢިއްޔާ، ޖަމާޢަތްފަދަ ތަންތަން ޤައުމީ އިނާމަށް ހުށަހެޅުއްވުމަށް ވަކި ފޯމެއް ކަނޑައެޅިފައިވާ ކަމަށާއި، އިނާމަށް ހުށަހަޅުއްވާ ފަރާތްތަކުންނާއި އިނާމަށް އެދޭ ފަރާތްތަކުން ހުށަހަޅުއްވާނީ މި ދެ ފޯމުގެ ތެރެއިން އިނާމަށް ހުށަހަޅާ ފަރާތާގުޅޭ ފޯމެއް ފުރިހަމަ ކުރައްވާފައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ފޯމު ފޮނުއްވާނީ ”ޤައުމީ އިނާމާބެހޭ ކޮމިޓީ“ އަށް އެޑްރެސްކުރައްވައި މިއޮފީހަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ހުށަހަޅުއްވާ ފޯމުތައް، މިއަހަރުގެ ޖުލައިމަހުގެ 31 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއޮފީހަށް ފޮނުއްވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމީ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައިވެސް މިއަދުވަނީ ޝާއިޢު ކުރައްވާފައި ކަމަށާއި، ޤައުމީ އިނާމަށް ނަން ހުށަހަޅާ ދެފޯމުވެސް ގެޒެޓުގައި ހިމަނުއްވާފައިވާނޭ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤައުމީ އިނާމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ، މިއޮފީހުގެ 3336262 ނަންބަރު ފޯނާއި، ނުވަތަ 3323701 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. މިއޮފީހުގެ ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.