ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެބޮޑު މެރިން ރިޒާރވަށް ދިވެހިރާއްޖެ ވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިޢުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާން ކުރެއްވީ، އ.ދ.އިން ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ބްރޭޒިލްގެ ރިއޯ ޑި ޖެނީރޯގައި މިއަދު ފެށި ރިއޯ ސަމިޓްގައި، ރާއްޖޭގަޑިން މިރޭ 8.15 އެހާއިރު ތަޤްރީރު ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސިޔާސަތުގެ ދަށުން ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް ހިތްވަރު ދެވިގެންދާނެ ކަމަށާއި، މަސްވެރިކަން ތަރައްޤީ ކުރުމުގައި، ކަނޑުފަޅުތަކަށް ގެއްލުންދެނިވި އެއްވެސް ބާވަތެއްގެ މަސްވެރިކަމަކަށް ޖާގަނުދެވޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މީގެ 20 އަހަރު ކުރިއާ އަޅާބަލާއިރު، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުގެ ޙައްސާސްކަން، ބައިނަލްއަޤްވާމީ މައިދާންތަކުގައި ވަރަށް ބޮޑަށް ވަޒަން ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރު ކުރިއަށް ގެންދަވަމުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދިރިއުޅެމުންގެންދާ އެތައް މިލިއަން ކުޑަކުދިންނާއި ޒުވާނުންވަނީ، އެކުދިންނަށާއި ޒުވާނުންނަށް ލިބިދޭންޖެހޭ ކިތަންމެ އަސާސީ ޙައްޤުތަކަކުން މަޙްރޫމްވެފައި ކަމުގައި ވިދާޅުވިއެވެ. އަދި ކުޑަކުދިންނާއި ޒުވާނުންގެ ކުރިމަގު، އެތައް ގޮތަކުން ބަނަވެފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން، ޚާއްޞަކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ކަންކަމުގައި، ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުވެސް އޮންނާނެކަން، ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އެއީ މުޅި ދުނިޔެ ބަލައިގެންފައިވާ ޙަޤީޤަތެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވަނީ، ހަމައެކަނި ސަލާމަތްތެރިކަން ނޫންކަމަށާއި، ރައްޔިތުން ބޭނުންވަނީ، ރާއްޖޭގެ ފަސްގަނޑުގައި ދިރިއުޅުން ބިނާކޮށް، ކުރިއަށް ގެންދިޔުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް، ބަދަލުވި ތިން ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމީ، ދެމެހެއްޓެނިވި ތަރައްޤީއަށް އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖޭގެ ރައްޔިތުންދޭ ސަމާލުކަން އަންގައިދޭ އަލިގަދަ ހެއްކެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖެވަނީ ސާސްކަފުގެ ގިނަ ލަނޑުދަނޑިތަކެއް ޙާޞިލް ކުރުމުގެ މަގުމަތީގައި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވަނީ، ޤައުމުގެ ތާރީޚުގައިވެސް މީގެކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައިނުވާ ގޮންޖެހުންތަކެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މިދަނޑިވަޅަކީ ސިޔާސީ ގޮތުންނާއި، ރަށްވެހިކަމުގެ ގޮތުން ވަރަށްބޮޑު ބަދަލުތަކެއް ރާއްޖެއަށް އަންނަމުންދާ ދަނޑިވަޅެއް ކަމަށްވުމާއެކު، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށާއި، ޤައުމުގައި އޮތް ޑިމޮކްރަސީގެ ބިންގާ ހަރުދަނާ ކުރުމަށް އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައަޅައި، ދިވެހި ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖެއަކީ ކާރބަން-ނިއުޓްރަލް ޤައުމަކަށްވުމަށްޓަކައި ވަރަށް ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ކުރަމުންދާ ޤައުމެއްކަން، މުޅި ދުނިޔެ ޤަބޫލުކުރާ ކަމަށާއި، މުސްތަޤްބަލުގައި ދިވެހިރާއްޖޭގައި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 60 އިންސައްތައަކީ، އިރުން އުފައްދާ ހަކަތަ ކަމަށާއި، ބާކީ 40 އިންސައްތައަކީ ސާފު، ތިމާވެށްޓާ ރަޙްމަތްތެރި ބާވަތްތަކުގެ ހަކަތަ ކަމަށް ހެއްދެވުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިއޯ+20 ސަމިޓަށް ރާއްޖެއިން ވަމުންދިޔަ ތައްޔާރީތަކުގެ ތެރެއިން، [ޗިލްޑްރެންސް ވޮއިސް ފޮރ އަ ބެޓަރ ފިއުޗަރ] ނަމުގައި ބޭއްވެވި ދެދުވަހުގެ ކޮންފަރެންސްގައި، ސްކޫލުތައް ތަމްސީލުކުރި ދަރިވަރުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި މެސެޖްވެސް، ޤައުމުތަކުގެ އިސްވެރިންނާ އެމަނިކުފާނު ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ތިމާވެށްޓާއި މުސްތަޤްބަލާމެދު އެކުދިން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާއި، ރާއްޖޭގައި މިހާރު ކުރިމަތިވަމުންދާ ތިމާވެށީގެ އެކިއެކި މައްސަލަތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ރިއޯ ސަމިޓްގެ ސަބަބުން، އެކުދިން ފާހަގަކޮށްފައިވާ މައްސަލަތަކަށް، ޖަވާބެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.