ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ. ގެ ދެމެހެއްޓެނިވި ތަރައްޤީއާ ބެހޭ ސަމިޓް، ރިއޯ + 20 ގައި ބައިވެރިވެވަޑައިގަތުމަށް ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިރޭ ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީ ކުރިއަށް ގެންދިއުމުގައި، ކުރިމަގުގައި ދިމާވެދާނެ އެކިއެކި ގޮންޖެހުންތައް މިއަދު ދިރާސާކުރަންޖެހޭ ކަމާއި، އެމައްސަލަތައް ޙައްލުކުރުމަށްޓަކައި ބޭރުގެ އެހީ ހޯދަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި، ރިއޯ + 20 ގެ ސަބަބުން ދުނިޔޭގެ އެހެން ޤައުމުތަކުގެ އެހީ ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ނޫސްވެރިން ދެންނެވި ބައެއް ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.