ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު، ޕްރިންސް ނާއިފް ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދުގެ ޖަނާޒާގައި، ދިވެހި ސަރުކާރުގެ ފަރާތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ.

މިޖަނާޒާގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެން، ސަޢޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އާލްސަޢޫދާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާއާއި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ނަމުގައި، ވަރަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ޕްރިންސް ނާއިފްގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން ދެއްވިކަމަށްޓަކައި ސަޢޫދީ ރަސްގެފާނުވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ޕްރިންސް ނާއިފްގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، ރޭ މަޣްރިބް ނަމާދަށްފަހު، މައްކާގެ ޙަރަމްފުޅުގައެވެ. ޕްރިންސް ނާއިފް ފަސްދާނުލެވުނީ، މައްކާގެ އަލް-ޢަދުލް ގަބުރުސްތާނުގައެވެ.