14 ޖަނަވަރީ 2012 އިން ފެށިގެން 8 ފެބްރުއަރީ 2012ގެ ނިޔަލަށް ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކާއި، 7 ފެބްރުއަރީ 2012 ގައި ސަރުކާރު ބަދަލުވުމަށް މެދުވެރިވުމުގައި ކަން ހިނގާފައިވާގޮތް، މިނިވަންކަމާއި އިންޞާފުވެރިކަމާއެކު ބަލައި ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ" އަށް މިއަދު ބަދަލު ގެންނަވައި، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އަލުން މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.

މިގޮތުން، ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގައި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، އަލްފާޟިލް އިސްމާޢީލް ޝަފީޢާއި، ސިންގަޕޯރގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ޖީ ޕަންނިރު ސެލްވަމާއި، ޑޮކްޓަރ އިބްރާހީމް ޔާސިރު އަޙްމަދާއި، ޑޮކްޓަރ ޢަލީ ފަވާޒް ޝަރީފާއި، އެކޮމިޝަނުގެ މެންބަރުކަމަށް ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅު ކުރެއްވި އަލްފާޟިލް އަޙްމަދު ސަޢީދެވެ. ކޮމިޝަނުގެ ރައީސުންކަމުގައި ހަމަޖައްސަވާފައިވަނީ އަލްފާޟިލް އިސްމާޢީލް ޝަފީޢާއި ޖަސްޓިސް ޖީ ޕަންނިރު ސެލްވަމެވެ.

މީގެ އިތުރުން، ކޮމިޝަނުގެ ދެ އެޑްވައިޒަރުންގެ ގޮތުގައި ކޮމޮންވެލްތްގެ ފަރާތުންނާއި، އ.ދ.ގެ ފަރާތުން ދެބޭފުޅުން ތިއްބަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ މަސައްކަތް ނިންމަވައި، ތަހުގީގުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވަން ޖެހޭ އެންމެ ފަހުގެ މުއްދަތަކީ 31 ޖުލައި 2012 އެވެ.