ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރޭނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްޤީ ކުރުމަށް 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކި ފަރާތްތަކަށް ކުއްޔަށް ދީފައިވާ ރަށްރަށާއި، ބިން އަދި ފަޅުގެ ސަރަޙައްދުތަކުގެ ތެރެއިން، %50 އަށްވުރެ ބޮޑު މިންވަރަކަށް މަސައްކަތް ހިނގާފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނިންމާ ހުޅުވުމަށް އިތުރު މުއްދަތު ހޯދުމަށް އެދޭ ތަންތަނަށް، 13 މަސްދުވަހުގެ މުއްދަތު އިތުރުކޮށްދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެކި ކަހަލަ ސަބަބުތަކާ ހުރެ މިހާތަނަށް ނުހުޅުވި ހުރި ތަންތަން ތަރައްޤީ ކުރުމަށް އިތުރު މުއްދަތަށް، އެފަރާތްތަކުން އެދެމުންދާކަން ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ޤާނޫނު ނަންބަރު 25/79 (ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމަށާއި، އިންވެސްޓްމަންޓް އެޑްވައިޒަރީ ބޯޑެއް އުފެއްދެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށްވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިމައްސަލައަށް މަޝްވަރާ ކުރެއްވުމަށްފަހު، ޤައުމުގެ މިހާރުގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުގެ މައްޗަށް ރިޢާޔަތް ކުރައްވައި، މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނަށް ގެންނަން ފެންނަ ބަދަލުތައް ގެންނެވުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އަދި ފޮރިން އިންވެސްޓްމަންޓް ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި، އިންވެސްޓްމަންޓް އެޑްވައިޒަރީ ބޯޑެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވިއެވެ.

މިއަދުގެ ޖަލްސާގައި، ރާއްޖޭގެ ތިމާވެށި، މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ތިމާވެށީގެ ޙާލަތު ރަނގަޅު ކުރުމަށާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ފާހަގަކުރެވޭ ބޮޑެތި ކަންކަމުގައި، ރާއްޖެއަށް ފެންނަ ގޮތް ކަނޑައެޅުމުގައާއި، ތިމާވެށީގެ ރޮނގުން ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތައް ރާއްޖޭގައި ހަރުދަނާ ކުރުމަށްޓަކައި، ތިމާވެށްޓާބެހޭ ޤައުމީ ކައުންސިލެއް އުފެއްދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.