بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދަރަވަންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ މެންބަރުން. އަދި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، މިއަދު އަޅުގަނޑު މިރަށަށް އައިއިރުގައި، އަޅުގަނޑުމެންނަށް މަރްޙަބާ ދެންނެވުމަށްޓަކައި، މިރަށުގެ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން ފާލަންދޮށަށް ވަޑައިގެން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވި ކަމަށްޓަކައި، ވަރަށް ފަށްފަށުން ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުން.

އާދެ! މިދަތުރަކީ ތަންކޮޅެއް އަވަސް ދަތުރެއް. ކަންދިމާވިގޮތުން، އަޅުގަނޑު މިއަދު މިއައީ، މިއަތޮޅުގައި ޔުނެސްކޯގެ ބައޮސްފިއަރ ރިޒަރވެއް ޤާއިމް ކުރުމާ ގުޅިގެން، އެކަން އިފްތިތާޙު ކުރުމަށްޓަކައި. ނަމަވެސް، މިއަތޮޅުގެ އެހެން ރަށަކަށް އަދި ނުދިޔަ ކަމުގައިވީނަމަވެސް، އޭދަފުށްޓަށް އައުމަށްފަހުގައި، އަޅުގަނޑު ހިތަށްއެރީ، ދަރަވަންދުއަށް އަންނަން ޖެހޭނޭ. އެއީ ދަރަވަންދޫގައި ވަރަށް މުހިންމު މަޝްރޫޢެއްވެސް މިވަގުތު ހިނގަމުން ދިޔުމާ އެކީގައި، އެކަންދާނުދާގޮތް ބަލައިލުމަށްޓަކައި.

އާދެ! މިރަށުގައި މިހާރު ހެދެމުންއެދާ އެއަރޕޯޓްގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްގޮސް، އަޅުގަނޑު އުންމީދު ކުރަނީ، މިއަހަރުގެ ފަހުކޮޅު މުޅިން ނިމިގެން، އެއަރޕޯޓް ހުޅުވޭނެ ކަމަށް. އެހެންވީމާ، މަސައްކަތްދާނުދާގޮތް ބަލައިލުން މުހިންމު ކަމަކަށް ފެންނާތީ، އަޅުގަނޑު މިއައީ. އަޅުގަނޑު އެއަރޕޯޓް ބަލައިލައިފިން. އެއަރޕޯޓްގެ މަސައްކަތް ހިނގަމުން އެބަދޭ. ޓަރމިނަލްގެ މަސައްކަތްވެސް މިހާރު ވަރަށް ބާރަށް އެބަ ކުރިއަށްދޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އިރާދަކުރެއްވިއްޔާ، ވައިގެ ދަތުރުފަތުރުގެ ޚިދްމަތް، މިރަށަށާއި މިއަތޮޅަށް ލިބިގެންދާނެ ކަމަށް. މިއީ ވަރަށް މުހިންމު ކަމެއް. ސަބަބަކީ އޭގެ ސަބަބުން ރަށުގެ ދިރުމަށް، ރަށުގެ ކުރިއެރުމަށް ކޮންމެވެސްކަހަލަ އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިރަށަށް މިހާރުވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ފަތުރުވެރިންގެ ގިނަބަޔަކު އަންނަމުންދޭ. އަދި ރަށުގައި ފަތުރުވެރިންނަށް ޚާއްޞަ ކުރެވިގެން ހިންގާ ވިޔަފާރިވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ، މިރަށަށް މިހާރަށްވުރެ އިތުރަށް ތިޔާގިކަމާއި ފާގަތިކަން ލިބިގެންދާނެ ކަމަށް. ދެން އެއަރޕޯޓް ރަނގަޅަށް ހިނގައިގަތުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރުމުގައި، ސަރުކާރުން ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. ﷲ އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުގެ ސަބަބުން މިރަށަށް އިތުރު ތިޔާގިކަމެއް ލިބިގެންދާނެ.

ދެން އާދެ! ކުރިން ދެންނެވިހެން، މިދަތުރަކީ މިއީ ބައޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ބ. އަތޮޅުގެ ބައެއް ސަރަޙައްދުތައް ކަނޑައެޅުމާ ގުޅިގެން، އެކަމާ ބެހޭގޮތުން އަޅުގަނޑު އައި ދަތުރެއް. ބައޮސްފިއަރ ރިޒަރވެއް ބ. އަތޮޅުގައި ޤާއިމްކުރެވުނުކަމީ، މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފަޚުރުވެރިވާންޖެހޭ ކަމެއް، ބ. އަތޮޅުގެ ރައްޔިތުން. ސަބަބަކީ އެއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެންދާނެ ކަމަކަށްވާނެތީ. އަދި އޭގެ ސަބަބުން އަޅުގަނޑުމެންގެ މިއަތޮޅަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. މިއަތޮޅުގައި އެބަހުރި، ޤުދްރަތީ ގޮތުން ވަރަށް މުއްސަނދި ބައެއް ތަންތަން. އެތަންތަން ޙިމާޔަތް ކުރެވިގެން، އޭގެ ސަބަބުން އިތުރު އާމްދަނީއެއް އަތޮޅަށް ވަނުމަކީ އެއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް.

މިހާރު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، [ހަނިފަރު] އެސަރަޙައްދަކީ އެއީ މިހާރުވެސް ޓުއަރިސްޓުން ވަރަށް ގިނައިންދާ ތަނެއް. އަދި އެތަނުންވެސް ކޮންމެވެސްވަރެއްގެ އާމްދަނީއެއް މިހާރު ލިބެމުން އެބަދޭ. އަދި އެނޫން ތަންތަންވެސް އެބަހުރި. ﷲ އިރާދަކުރެއްވީތީ މިއަތޮޅުގައި ޤުދްރަތީ ވަރަށް ބޮޑެތި މުއްސަނދިކަން އެބަހުރި. އެގޮތުން މުޅި ރާއްޖެއާ އަޅާބަލާއިރުގައިވެސް، ބ. އަތޮޅަކީ، ފާހަގަކުރެވޭ ތަނެއް. ބައެއް ބާވަތް ބާވަތުގެ މަހާއި، މިޔަރާއި، ބޮޑުމަހާ، މިބާވަތުގެ ތަކެތި، މިސަރަޙައްދުގައި ޚާއްޞަކޮށް އެބައުޅޭ. އަދި އެތަކެތި ވިހެއުމާއި، ބޮޑަށް އާލާކުރުމަށްޓަކައި، މިސަރަޙައްދުގެ ބައެއް ހިސާބުތައް ބޭނުންކުރެވެމުންދަނީ. އެހެންވީމާ، އެކަމަށް ކުރެވޭ ދިރާސާ، މިވޭތުވެދިޔަ ގާތްގަނޑަކަށް ބާރަވަރަކަށް އަހަރުގެ ތެރޭގައި ވަނީ އެމަސައްކަތް ކުރެވިފައި. ކުރެވިގެން އައިސް، މިވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި، އ.ދ.ގެ ފަރާތުން ނިންމީ، މި ސަރަޙައްދުގެ އެތަންތަނަކީ އެއީ ޤުދްރަތީ ގޮތުން ސަލާމަތް ކުރެވިފައި، ޙިމާޔަތް ކުރެވިފައި ހުރި ތަންތަން ކަމުގައި ކަނޑައަޅަން. އެގޮތުން ސަރުކާރުން ފުރަތަމަ މިކަމާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި ސަރވޭއެއް ކުރެވުނު. އެއިން ދެއްކީ ރައްޔިތުންގެ ގިނަ ބަޔަކު އެކަން ކުރަން ޤަބޫލުވެލައްވައި، އެކަން ފެނިވަޑައިގަންނަވާ ކަމަށް. އެހެންވީމާ، އޭގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ފަރާތުން އެދިގެން، މިހާރު އ.ދ.ގެ ފަރާތުން ވަނީ މިދެންނެވި ގޮތަށް، މި ބައޮސްފިއަރ ޤާއިމް ކުރެވިފައި.

ދެން މިކަން ހިންގުމަށްޓަކައި ސަރުކާރުގެ ފަރާތުން މިހާރުވަނީ އޮފީހެއް ކަނޑައެޅިފައި. އަދި އެކަމަށް ކަނޑައެޅޭ ވަކި ފަންޑެއްވެސް ޤާއިމް ކުރެވިފައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި. މިހާރު މިއަދު ޚަބަރުން އެނގިވަޑައިގަންނަވާނޭ ފަދައިން، އެ ފަންޑަށް ސަރުކާރުގެ ޙިއްޞާއެއްވެސްވަނީ ލައްވަން ނިންމަވާފައި. އެގޮތުން، ކޮންމެ އަހަރަކު ފަންސާސްހާސް ޑޮލަރު، ފަސްއަހަރު ދުވަސް ވަންދެން، މުޅިއެކު ދެލައްކަ ފަންސާސްހާސް ޑޮލަރު ސަރުކާރުގެ ފަރާތުންވެސް އެ ފަންޑަށް ނަންގަވާނެ، މިހާރު ހަމަޖެހިފައިވާ ގޮތުން. އަދި އޭގެއިތުރުން މިއަދު އ.ދ.ގެ ފަރާތުންވެސް ވަނީ ދެލައްކަ ފަންސާސްހާސް ޑޮލަރު އެ ފަންޑަށް ޖަމާކޮށްދެއްވާފައި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، އަދި ކުރިއަށް އޮތް ތާނގައި، މި ޙިމާޔަތް ކުރެވިފައިވާ ތަންތަން ބެލުމަށްޓަކައި އަންނަ ފަތުރުވެރިންގެ ފަރާތުންވެސް ކޮންމެވެސްކަހަލަ އާމްދަނީއެއް ލިބިގެންދާނެ ކަމަށް. އޭގެ ސަބަބުން މިދެންނެވި ފަންޑަށް އިތުރު ފައިސާ ލިބި، މިއަތޮޅުގައި ހިންގަންޖެހޭ މަޝްރޫޢުތައް، އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި އެ ފަންޑުގެ އެހީ ތިޔަބޭފުޅުންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑު މި އުންމީދު ކުރަނީ. މިފަންޑަކީ ހަމައެކަނި މިއަތޮޅުގެ ކަންކަމަށް ބޭނުންކުރާނެ ފަންޑެއް. ހަމައެކަނި ބ.އަތޮޅުގެ ކަންކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ހަމަ ރަނގަޅު ނަތީޖާއެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދެން މިދެންނެވީ، ދެން އަޅުގަނޑު މިފަހަރު މިހާ ކުރުކުރު ދަތުރެއްގައި، ބ.އަތޮޅުގެ ހަމައެކަނި ދެރަށަކަށް އަޅުގަނޑު މި ޒިޔާރަތް މިކުރަނީ. އޭދަފުށްޓަށާއި ދަރަވަންދުއަށް. އެހެން ނަމަވެސް، އަދި ޖެހޭ އެބަ އަންނަން. ތަންކޮޅެއް ދިގު ދަތުރެއްގައި، މިއަތޮޅުގެ އެހެން ރަށްރަށަށްވެސް، މިރަށަށްވެސް އަދި އަންނަން. ދެން މިއައި ކުރުކުރު ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް އަޅުގަނޑަށްވެސް އެނގިއްޖެ، މިރަށުގައިވެސް ތަރައްޤީގެ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރިކަން. އެގޮތުން، ޚާއްޞަކޮށް، ކޮންމެ ރަށެއްގައިވެސް މިފާހަގަކުރެވެނީ، ރަށުގެ ނަރުދަމާގެ މައްސަލަ. ޚާއްޞަކޮށް، މިރަށަށް އެކަންވެސް ވަނީ ކުރަންވެފައި. އަދި މީގެއިތުރުން ކުރަންޖެހޭ އެހެނިހެން ކަންކަންވެސް އެބަހުރި. ޚާއްޞަކޮށް، މި ސްކޫލަށް އަޅުގަނޑުމެން އެބަޖެހޭ އަޅާލަން. ސްކޫލްގެ ކޮމްޕިއުޓަރތައްވެސް ހުރީ މިހާރު ބޭނުން ނުކުރެވޭ ހިސާބަށް ގޮއްސަ. މިހެންގޮސް ކިތަންމެ ކަންތައްތަކެއް އެބަހުރި ކުރަން ޖެހިފައި. އަދި ހަމައެހެން، އަޅުގަނޑު އުންމީދު ކުރަނީ، މިރަށުގެ ޞިއްޙީ މަރްކަޒު، މިހާރަށްވުރެ ރަނގަޅު ކުރުމަށް. ސަބަބަކީ މިރަށަކީ މިއީ އެއަރޕޯޓް ހެދޭ ތަނަކަށްވުމާއި، ގިނަ ޢަދަދެއްގެ ބަޔަކު، މިއަތޮޅުގެ ރައްޔިތުންނާއި އަދި ބިދޭސީންވެސް މިރަށަށް އައިސް ގޮސްވާނެ ކަމަށް ލަފާކުރެވޭތީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިރަށުގެ ޞިއްޙީ މަރްކަޒު މިހާރަށްވުރެ ފެންވަރު ރަނގަޅު ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން.

ދެން އާދެ! އަޅުގަނޑަށް މިރަށަށް އާދެވުނުފަހަރުވީމާ، އެހެން ރަށްރަށުގައިވެސް އަޅުގަނޑު ދަންނަވާ ފަދައިން، އަޅުގަނޑުމެން ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ފަހަތަށްނުޖެހި، ހުރިހާ އެންމެންނަށް ހަމަހަމަ ގޮތެއްގައި ޚިދްމަތްތައް ދެވެމުން ގެންދެވޭތޯ. އެގޮތުން އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން މިރަށުގެ ރައްޔިތުންނަށްވެސް ދެއްވަމުން ގެންދަވާ އެކިއެކި ޢިނާޔަތްތައް ބަރާބަރަށް ލިބިވަޑައިގަންނަވާނެ. އަދިހަމަ އެހެން، ދައުލަތުގެ ފަރާތުން ހިންގަންޖެހޭ އެކިއެކި މަޝްރޫޢުތައްވެސް ރަނގަޅުވަމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، މިއަދު ސަރުކާރުގެ ބަޖެޓް އޮތީ ވަރަށް ދަތިކޮށް. ވަރަށް ދަތި ޙާލެއްގައި. އެހެން ނަމަވެސް، އަޅުގަނޑު މަސައްކަތް ކުރަމުން ގެންދަނީ، ޚާއްޞަކޮށް، ސަރުކާރުގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ބަރާބަރަށް ދިނުމަށް. އަދި ހަމައެހެން، ރައްޔިތުންނަށް ލިބިދޭ އެކިއެކި ޢިނާޔަތްތައް، އެއީ ދުވަސްވީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ދެހާސް ތިންސަތޭކަ ރުފިޔާއާއި، އަދި ޢިނާޔަތުގެ ގޮތުން ނުކުޅެދޭ މީހުންނަށާއި، އެކަނިވެރި މައިންނަށްވެސް ލިބޭ ޢިނާޔަތްތައް ހަމަ ބަރާބަރަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެކަމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! ދެން މިދުވަސްވަރަކީ ތަންކޮޅެއް އުނދަގޫ ދުވަސްވަރެއް. ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި ފިކުރީ ވަރަށްބޮޑެތި ތަފާތުވުންތަކެއް ހުރީމާ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތީ، އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، ތަފާތު ކުރުމެއްނެތި، ހުރިހާ ބޭފުޅުންނަށް ހަމަހަމަކޮށް، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ހަމަހަމަކަމާ އެކީގައި ކަންތައް ކުރެވޭތޯ. ވަކިކުލައަކަށް، ވަކި ޕާޓީއަކަށް ނުބަލާ. އެހެންވީމާ، އެގޮތަށް ދައުލަތުގެ ފަރާތުން ކަންތައް ކުރަމުން ގެންދިޔުން އެއީ އަޅުގަނޑުގެ ހުރިހާވެސް މަޤްޞަދަކީ. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދަނީ، އިރާދަކުރެއްވިއްޔާ، ހަމަ ހުރިހާ ފަރާތްތަކަކާވެސް ގުޅިގެން، ޞުލްޙަވެރިކަމާއެކީ ކަންކަން ކުރެވޭތޯ. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، ރާއްޖޭގައި ހަމަޖެހުމާއި ޞުލްޙަވެރިކަން، މިހާރަށްވުރެ ރަނގަޅުވެ އަދި އަޅުގަނޑުމެންގެ ތިޔާގިކަމާއި ފާގަތިކަންވެސް އިތުރުވެގެންދާނެ.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް މާތްﷲ ރަޙްމަތް ލެއްވުން. އަދި ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޢާއިލާއަށް ފުރިހަމަ ޞިއްޙަތާއި ފާގަތިކަމާއި އުފާވެރިކަން މިންވަރު ކުރެއްވުން. އަޅުގަނޑުގެ އެދުމަކީ، ﷲ އިރާދަކުރެއްވިއްޔާ، އަދިވެސް އަނެއްކާވެސް މާލަސްތަކެއްނުވެ ތިޔަބޭފުޅުންނާ ބައްދަލުކުރުމުގެ ފުރްޞަތެއް ލިބުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه