بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އާދެ! މިއަދު އޭދަފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުންނާ ބައްދަލުކޮށްލުމުގެ މިއުފާވެރިކަން އަޅުގަނޑަށް ލިބުނު ކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން. އާދެ! އަޅުގަނޑުގެ ފުރަތަމަ ވާޖިބަކީ، އަޅުގަނޑާއި އަޅުގަނޑާ އެކީގައި މިރަށަށް ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންނަށް، މިރަށުގެ ރައްޔިތުން ދެއްވި ހޫނު މަރްޙަބާއަށްޓަކައި، ތިޔަ އެންމެހާ ބޭކަލުންނާއި ބޭކަނބަލުންނަށް، ވަރަށް ފަށްފަށުން ޝުކުރު ދެންނެވުން.

އާދެ! އޭދަފުށްޓަކީ އަބަދުވެސް، މުޅި ރާއްޖެއަށްވެސް މަޝްހޫރު ރަށެއް. އޭދަފުށި މަޝްހޫރުވެފައިވަނީ، އޭދަފުށީގެ ރަށްވެހިކަމާއި، ތަޢުލީމީ ފެންވަރާއި، ރަނގަޅު ރިވެތި އަޚްލާޤާ، މިހުރިހާ ކަންތައްތަކަށް. އަޅުގަނޑަށް މިރަށަށް އެންމެ ފުރަތަމަ އާދެވުނީ، 1960ގެ ފަހުގެ އަހަރެއްގައި. އެއީ އޭރު އަޅުގަނޑުވެސް އުޅެ ބޮޑުވި ގެއެއްގައި، އޭރުގައި ދިރިއުޅުއްވަމުން ގެންދެވީ ދޮންފަނު މުޙަންމަދު. އަޅުގަނޑުގެ އަޚެއް. ބޭބެއެއްގެ ގޮތުގައި. އެދުވަސްވަރު މިރަށުގެ ޢަބްދުއްސައްތާރު ޔޫސުފް، ސިލޯނުގައި ކިޔަވާ ވިދާޅުވާން ހުންނަވާފައި، ޗުއްޓީއެއްގައި ވަޑައިގެން އެބޭފުޅާއާއި އަދި އެބޭފުޅާއާއެކީ ކިޔަވާ ވިދާޅުވާން ސިލޯނުގައި އުޅުއްވި ބައެއް އެހެން ބޭފުޅުންނާ އެކީގައި، މިރަށަށާއި ނައިފަރަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި، މުޙަންމަދު ޔޫސުފް އަޅުގަނޑުވެސް ގެންނެވި. އަޅުގަނޑު ވަރަށްކުޑަ އޭރު. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އޭރު މިއަތޮޅުގެ އަތޮޅުވެރިއަކަށް ހުންނެވި ކަމަށް އަޅުގަނޑަށް ހަނދާންވަނީ ޔޫސުފް ކަލޭފާނު. އަދި ހަމަ އެދަތުރުގައި އަޅުގަނޑުމެންނާ އެކީގައި، ހުރިހާ ކަމެއް ފަހިކޮށްދެއްވައި، ވަރަށް ޙަރަކާތްތެރިކޮށް އުޅުއްވި އެއްބޭފުޅެއް ޢަބްދުއްރައްޒާޤު. ހަނދުމަފުޅު ހުންނާނެ އޭނަ. އެއީ މީގެ ވަރަށްކުރި. 1960ގެ ފަހުގެ އަހަރުތަކުގެ ތެރޭގައި. އޭރުވެސް އަޅުގަނޑުގެ ހިތުގައި އޭދަފުށްޓަށް ޚާއްޞަ ލޯތްބެއް ދެވިފައިވޭ. އެއީ ކީއްވެތޯ؟ އަޅުގަނޑަށް މިރަށުން ފެނުނީ، މިރަށުގެ އިސްކޮށް ތިއްބެވި ވެރިންނަކީ، އެއީ ނަމޫނާ ބޭފުޅުންކޮޅަކަށްވާތީ. އަޚްލާޤީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، ރަށްދެކެ ލޯބިވުމާއި، ދިވެހިރާއްޖޭގައި ކުރިއަރާ ތިއްބެވި ވެރިންގެ ގޮތުގައި، ނަމޫނާ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށްވާތީ. އަދި މިރަށުގެ ރައްޔިތުންނަކީ އަބަދުވެސް މެހްމާންދާރީ އަދާކުރެއްވުމުގައި، ވަރަށް ކުރިއަރާ، ރާއްޖޭގެ އެންމެން އެކަން ޤަބޫލުކުރާ ބަޔަކަށްވާތީ. އެހެންވީމާ، އޭދަފުށްޓަށް އައުމަކީ، އަބަދުވެސް އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލެއް. އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި، އޭދަފުށީގެ ރައްޔިތުންނަކީ އަބަދުވެސް ސަރުކާރަށް ތާއީދުކުރާ، ސަރުކާރަށް އެއްބާރުލުންދޭ، ރަށުގެ ކަންކަމާއި ރާއްޖޭގެ ކަންކަމުގައި އެހީތެރިވެދީ މަސައްކަތް ކުރަމުންގެންދާ ބައެއް.

އާދެ! މިއަދު ދިވެހިރާއްޖެއަށް މި ކުރިމަތިވެފައިވާ ޙާލަތު ބަޔާންކުރުމުގައި ދަންނަވަންޖެހެނީ، ކޮންމެ ގޮތަކުން ވިސްނާލިޔަސް، މިވަގުތު ރާއްޖެއަކީ އެހާ ފަސޭހަ ދުވަސްވަރެއް ތަޖްރިބާ ކުރަމުންދާ ދުވަސްވަރެއް ނޫން. އިޤްތިޞާދީ ގޮތުން ބެއްލެވިޔަސް އަދި އިޖްތިމާޢީ ގޮތުންނާއި، ސިޔާސީ ގޮތުން ބެއްލެވި ކަމުގައިވީނަމަވެސް. އަޅުގަނޑުމެން ދިވެހިރާއްޖޭގައި، ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި، ކުރަމުން އައި ދިގު މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން، އާ ޤާނޫނުއަސާސީއެއް އަޅުގަނޑުމެންނަށް 2008 ވަނަ އަހަރު ވަނީ ލިބިފައި. އެޤާނޫނުއަސާސީ، އޭރުގެ ސަރުކާރުން އިސްނަންގަވައިގެން، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވައިގެން، ވަރަށްގިނަ ބައެއްގެ އެހީތެރިކަމާ އެކީގައި، އަޅުގަނޑުމެންނަށް މި އާ، މިހާރުގެ ފެހި ގާނޫނުއަސާސީ ލިބިފައި މިވަނީ. ދިވެހިރާއްޖޭގެ ތާރީޚުގައި މިހާ ރައްޔިތުންނަށް މިނިވަންކަން ލިބިދޭ، ރައްޔިތުންގެ ޙައްޤުތައް ލިބިދޭ ޤާނޫނުއަސާސީއެއް މީގެކުރިއަކުންނުވޭ. އެހެން ނަމަވެސް، މިޤާނޫނުއަސާސީ އަޅުގަނޑުމެންނަށް ތަޖްރިބާ ކުރުމުގައި އަދި މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖްރިބާ އެބަހުރި، އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް. އަދި ގާނޫނުއަސާސީ އަޅުގަނޑުމެންނަށް ލިބިދޭ ޙައްޤުތެރޭގައި އެއްކަމެއް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އަދި އެއްވެ އުޅުމުގެ މިނިވަންކަން. ސިޔާސީ ޕާޓީ ހެދުމުގެ މިނިވަންކަންވެސް. މިޙައްޤުތައް އަޅުގަނޑުމެން މިހާރު ތަޖްރިބާ ކުރަމުން މިދަނީ. މިވޭތުވެދިޔަ ފަސްއަހަރު، ހައެއްކަ އަހަރުގެ ތެރޭގައި. ނަމަވެސް، އަޅުގަނޑުމެންނަށް ތަޖްރިބާއިން މިހާތަނަށް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ، އަޅުގަނޑުމެން މިކަމުގައި އަދި ކުރަންހުރި ކިތަންމެ ބައިވަރު މަސައްކަތެއް ހުރިކަމަށް.

އާދެ! ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް ވަކި ޙައްދެއްނެތި، އެމީހަކު ބޭނުންހާ އެއްޗެއް، އެހެން މީހުންނާ ދިމާލަށް ގޮވުމުގެ ޙައްޤު އޮންނަ ކަމެއް ނޫން. އެމީހެއްގެ ދުލަށް އަންނަހާ އެއްޗެއް، ވިސްނުމަކާނުލާ ބުނެވުމުގެ ޙައްޤު އޮންނަ ކަމެއްވެސް ނޫން. ކޮންމެ މިނިވަންކަމެއްގެވެސް އޮވޭ ޙުދޫދެއް. އެ ޙުދޫދު ކަނޑައެޅިފައި މިއޮންނަނީ ޑިމޮކްރަސީ ޤައުމުތަކުގައި، ޖަމާޢަތްތަކުގައި، އެހެން މީހުންގެ މިނިވަންކަމަށް، އޭގެ އަސަރުފޯރާ ހިސާބުގައި. އަޅުގަނޑަށް ވާހަކަ ދެއްކުމުގެ ޙައްޤު މިއޮންނަނީ، އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަންނަ ހިސާބަށް ހިފެހެއްޓިފައި. ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މިއަދު އެކަން ފެނިގެންދަނީ، މުޅިއަކުން އެހެނެއް ނޫން. އެއްވެސް ހިފެހެއްޓުމެއްނެތި، އެކި މުނާސަބަތުތަކުގައި އަދި އެއްވެސް މުނާސަބަތަކަށްނުވާ ކަހަލަ ވަގުތުތަކުގައި، ރޭގަނޑުގެ ދަން ވަގުތުތަކުގައިވެސް، މިދެންނެވިގޮތަށް ހަމަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން، ހިތުހުރިހާ އެއްޗެއް މީހުންނާ ދިމާލަށް ގޮވައި، ހަޅޭއްލަވައި، މިކަންކަން ކުރަމުން އެބަގެންދޭ. ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އިވިވަޑައިގަންނަވާނެ މިކަންކަން ހިނގާތަން. ހަމައެކަނި ރޭޑިއޯ، ޓީ.ވީ މެދުވެރިކޮށްގެނެއް ނޫން. މަގުމަތީގައިވެސް، ގޭގޭ ކުރިމަތީގައިވެސް، ސްކޫލްތަކުގެ ކުރިމަތީގައިވެސް ހަމަ ހިތުހުރިހާ އެއްޗެއް ގޮވަމުން އެބަގެންދޭ. މިއީކީ އަދި މިކަން އޮންނަންވާ ގޮތެއް ނޫން.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންގެ ޑިމޮކްރަސީ، މިއަށްވުރެ ރަނގަޅު ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން މިދެންނެވި ކަންކަމަށް ވިސްނާވަޑައިގެން، މިހާރުހުރި ޤާނޫނުތަކަށް އިޞްލާޙު ގެންނަވަމުން ގެންދަވާނެ ކަމަށް. ދިވެހިރާއްޖޭގައި ހިތްހަމަޖެހޭ ހިތްފަސޭހަ ދިރިއުޅުމެއް އަޅުގަނޑުމެންނަށް އުޅެވޭނީ، މިދެންނެވި ކަންކަން ކޮށްގެން. ޙައްދެއް ނެތް ގޮތުގައި މިނިވަންކަން ދޫކޮށްލައިގެންވެސް، ދުނިޔޭގެ އެއްވެސް ތަރައްޤީވެފައިވާ ޤައުމެއް އުޅެފައެއް މިހާތަނަކަށް ނެތް. އަޅުގަނޑުމެންގެ އެންމެ ކައިރީގައި އޮތް އިންޑިއާއަކީ އެއީ ދުނިޔޭގައި އޮތް އެންމެބޮޑު ޑިމޮކްރަސީ ކަމުގައި ބުނަމުން މިގެންދަނީ. އެހެން ނަމަވެސް، އެތާނގައިވެސް ރޭގަނޑު 10ގެ ފަހުން ތާޅަފިލި ބޭނުންކޮށްގެން މީހުންނާ ދިމާލަށް އެއްޗެތި ކިޔައި އަޑުގަދަ ކުރުމަކީ އެއީ މަނާކަމެއް. މިދެންނެވީ ހަމައެކަނި މިސާލެއްގެ ގޮތުން. މިބާވަތުގެ ކަންކަން އަޅުގަނޑުމެންގެ ތެރޭގައި އެބަޖެހޭ ރަނގަޅު ކުރަން. އޭރުން އަޅުގަނޑުމެންގެ ޑިމޮކްރަސީއަކީ، އޭގެ ފޮނިރަހަ އަޅުގަނޑުމެން އެންމެންނަށް ލިބޭ އެއްޗަކަށްވެގެންދާނީ.

އާދެ! ކޮންމެ ޤައުމެއްވެސް ހިންގަނީ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ މަތިން. އަޅުގަނޑު އަބަދުވެސް ދަންނަވަމުން ގެންދަން. ޤައުމުގައި ހަމަޖެހުން އޮންނާނީ، ޤާނޫނުއަސާސީ ދަމަހައްޓައި، ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިތައިގެންނޭ. އަޅުގަނޑު ދަންނަވާފައި އޮންނާނީ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު ހަމަ އެއްވެސް މީހަކަށް، ޣައިރު ޤާނޫނީ އަމުރެއް ނުކުރާނަމޭ. އަދި އެއްވެސް މީހަކު ޣައިރު ޤާނޫނީ ކަމެއް ކުރުމަކަށް، އަޅުގަނޑު ގޮވައެއްވެސްނުލާނަމޭ. އަޅުގަނޑު އެދެނީވެސް އެއްވެސް މީހަކު ޤާނޫނާ ޚިލާފު ކަމެއް ނުކުރުމަށޭ. އަޅުގަނޑަށް މިމަޤާމާ ޙަވާލުވާން މިޖެހުނީ، ޤާނޫނުއަސާސީގެ ދަށުން ގާނޫނާ ޚިލާފު އެތައް ކަންތައްތަކެއް ހިނގަމުންދާތާ ދުވަސްތަކެއްވުމަށްފަހުގައި. ޤުދްރަތު ބިނާކުރިގޮތުން އަޅުގަނޑު ހުރި މަޤާމުގެ ޙައިޘިއްޔަތުން އަޅުގަނޑަށް ޖެހުނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވާން. މިއީކީ ކޮންމެހެން އަޅުގަނޑު އެކަމަށްޓަކައި މާބޮޑު އެދުންތަކެއް އެދިގެން، އެކަމަށްޓަކައި މާބޮޑު ޤުރްބާނީތަކެއް ވެގެން އަޅުގަނޑު ކޮންމެހެން ބޭނުންވެގެން ވި ކަމެއް ނޫން. އެހެން ނަމަވެސް، ޤާނޫނުއަސާސީ ބުނާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، އެ މަޤާމު ހުސްކުރައްވައިފިނަމަ، އެ ޙާލަތަށް އައުމުން، ދެން މިޖެހެނީ ނައިބު ރައީސެއްގެ މަޤާމުގައި ހުންނަ މީހަކު، ރައީސްގެ ހުވާކޮށް، އެ މަޤާމާ ޙަވާލުވާން. އެގޮތުން އަޅުގަނޑު މިމަސައްކަތާ ޙަވާލުވެގެން މިހިރީ، އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ބޮޑަކަށް، ދިވެހި ޤައުމަށް ޚިދްމަތްކޮށްދިނުމަށްޓަކައި. އެގޮތުން އަޅުގަނޑު ކުރަންޖެހޭ ކަމެއްގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް، ހަމަ ޔަޤީންކޮށް ދަންނަވަން. އަޅުގަނޑު ހަމަ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮންނާނެ.

މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ދަތި ގޮތެއްގައި. ރާއްޖެއަށް ލިބޭ އާމްދަނީއަކުން ރާއްޖޭގައި އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދުތަކެއް ނުކުރެވޭ. އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދުތައް ފޫބެއްދޭވަރެއްނުވޭ. ކޮންމެ މަހަކު އަޅުގަނޑުމެން މިކުރަންޖެހޭ ޚަރަދުތަކަށް، މުސާރަތައް ދިނުމާއި، ރައްޔިތުންނަށް ޢިނާޔަތް ދިނުމާ، މިހުރިހާ ކަންކަމެއްކޮށް، ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކުރަމުން މިގެންދަނީ، ކޮންމެ މަހަކުވެސް ވަރަށް ދަތިކޮށް. އަޅުގަނޑުމެން އުންމީދު ކުރަމުން މިގެންދަނީ، މި ދަތިކަމުން އަޅުގަނޑުމެންނަށް ދުވަސްކޮޅެއްގެ ތެރޭގައި އަރައިގަނެވޭނެ ކަމަށް. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުން މިގެންދަނީ. އެގޮތުން، ސަރުކާރުގެ ޚަރަދުވެސް ވީހާވެސް ބޮޑަކަށް ކުޑަކޮށް، އަދި ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްގޮތް ބަލައި، ދާދި އަވަހަށް އަޅުގަނޑު އުންމީދު ކުރަން، ރައްޔިތުންގެ މަޖިލީހަށް، އަޅުގަނޑުމެންގެ އާމްދަނީއާބެހޭ ހުށަހެޅުންތަކެއް ހުށަހެޅޭނެ ކަމަށް. އެގޮތުން، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މީގެކުރިން އަޅުގަނޑުމެން ކަންތައް ކުރަމުން އައި ބައެއް ކަންކަން، އަލުން އިޢާދަކުރުމަކީ އެއީ ކުރަން ޖެހިދާނެ ކަމެއް. މިހެން މިދެންނެވީ، ބައެއްފަހަރަށް އަޅުގަނޑުމެން އިޤްތިޞާދީ ބަދަލު ގެންނައިރުގައި، އެއިން ނުކުންނަ ނަތީޖާ، މާރަނގަޅަށް ނޭނގި ތިބެގެން ބަދަލު މިގެންނަނީ. ގެނައީމަ، ލިބޭ އާމްދަނީއަށް ބައެއްފަހަރު ހީނަރުކަން ލިބިގެންވެސް އެބަދޭ. މިސާލަކަށް ދަންނަވަނީނަމަ، މީގެ ތަންކޮޅެއް ކުރިން، އަޅުގަނޑުމެން ރިޒޯޓްތަކުގެ ކުލި ނެގުމުގައި، އުޞޫލަށް ބަދަލެއް ގެނައިން. އެބަދަލު ގެނައުމާ ގުޅިގެން، ޙަޤީޤަތުގައިވީގޮތަކީ، އެއީ ބިމުން ކުލި ނަގާގޮތަށް ހަމަޖެއްސީ. އެގޮތަށް ހަމަޖެއްސުމާ ގުޅިގެން، ރިޒޯޓްތަކުން ލިބޭ އާމްދަނީ، ދިވެހި ދައުލަތަށް މަދުވެއްޖެ.

ހަމައެހެން، މިހާރު މިއޮތީ، ކުރިން އަޅުގަނޑުމެން ކަސްޓަމް ޑިއުޓީ ނަގަމުން އައި އެތައް މުދަލަކުން އަޅުގަނޑުމެން ކަސްޓަމް ޑިއުޓީ ކަނޑާލީ. ކަނޑާލުމަށްފަހުގައި އަޅުގަނޑުމެން ތަޢާރަފްކުރީ ޖީ.އެސް.ޓީ. ނަމަވެސް، މިގެނައި ބަދަލަކުންނެއް އަޅުގަނޑުމެންނަކަށް ހެޔޮ އަސަރެއް ނުކުރި، ދައުލަތުގެ ބަޖެޓަކަށް. އޭގެ ބަދަލުގައި ރައްޔިތުންނަށް ވަރަށްބޮޑު ތަކުލީފެއް ކުރިމަތިވެގެންދިޔަ. މިހާރު ކޮންމެ މަހަކު ޓެކްސް ނުދައްކައިގެން، ޖީ.އެސް.ޓީ ނުދައްކައިގެން ބަޔަކު އެބަ ލިސްޓަކަށް އަރާ. އެއީ ދައުލަތަށް ދައްކަންޖެހޭ އެއްޗެއް ނުދެއްކީމާ، ކުށްވެރިވާ ކަމުގެ ނިޝާނެއް. މިހެންގޮސް އެތައް ބަޔަކަށް އަދި ޓެކްސް ނެގުމުގެ އުޞޫލުތައްވެސް މުޅިން އަޅުގަނޑުމެން ތެރޭގައި އަށަނުގެން، އެކަން ކުރަންވާގޮތްވެސް ބައެއް މީހުންނަށް ނޭނގުމާ އެކީގައި، އެކަން ރަނގަޅަކަށް ކުރެވެމަކުންނުދޭ. ނަމަވެސް، އަޅުގަނޑުމެން ވަނީ ކުރިން ލިބެމުންދިޔަ ކަސްޓަމް ޑިއުޓީ ކަނޑާލުމުގެ ސަބަބުން މިހާރު ދައުލަތަށް ލިބޭ އާމްދަނީ އެއިންވެސް ކުޑަވެގެންގޮއްސަ. ދެން މީގެއިތުރުން އަޅުގަނޑުމެން ހަމަ ރާވައިގެން ހިންގާ ބޮޑެތި ކަންތައްތައް މިއީ. މިހާރު ކަރަންޓް ސަބްސިޑީ ދިނުން. ކަރަންޓް ސަބްސިޑީއަކީވެސް އެއީ ކަރަންޓް ސަބްސިޑީ ވަކިބަޔަކަށް، އެ ބޭނުންވާ މީހުންނަށް ދޭންޖެހޭ އެއްޗެއް ކޮންމެ ތަނެއްގައިވެސް. ފޯރުންތެރިކަން ކުޑަ މީސްމީހުންނަށް ކަރަންޓް ސަބްސިޑީ ދިނުން އޭގެ ޞައްޙަ ގޮތަކީ. އެހެންނަމަވެސް، މިހާރު ކަރަންޓް ސަބްސިޑީ ދިނުމުގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ގާތްގަނޑަކަށް އެންމެންނަށްހެން ސަބްސިޑީ ދެމުން މިގެންދަނީ.

ހަމައެހެން، އެނގިވަޑައިގަންނަވާނެ، ޞިއްޙީ ފަރުވާ ހޯދުމުގައި، އާސަންދައިގެ ނިޒާމް، ދާދިފަހުން ހަމަޖެހިގެންދިޔަގޮތުން، އެއީ މަދަނައިގެ ދުވަސްވަރަށްފަހުގައި، އާސަންދަ މި ތަޢާރުފްކުރެވުނީ. އާސަންދަ ތަޢާރަފް ކުރުމާ ގުޅިގެން، ޞިއްޙީ ޚަރަދުތައް މިއޮތީ ކޮންމެ ބޭފުޅަކަށްވެސް އެއްލައްކަ ރުފިޔާއާ ހަމައަށް ކުރެވޭގޮތަށް. ނަމަވެސް، އެކަން ކުރަންވާގޮތަކީ، އެފައިސާ ޚަރަދު ކުރުމުގައި، ކޮންމެވެސްކަހަލަ ކޮންޓްރޯލްތަކެއް އެބަ ގެންގުޅެންޖެހޭ. މިސާލަކަށް، ކުއްލިއަކަށް ގިނަ ކަންތައްތަކަށް އާސަންދަ ބޭނުންކުރުމުގެ ސަބަބުން ޙަޤީޤީ ބޭނުމެއް، ބޮޑުކަމެއްޖެހޭ ދުވަހު އެއިން ފައިސާ ހުސްވެފައި ހުރުމަކުންނެއް، އެއަކުންނެއް އަދި މާރަނގަޅު ފައިދާއެއް ނުނިކުންނާނެ. އަޅުގަނޑުމެންނަށް މިފެނިގެންދިޔައީ، މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައިވެސް ވަރަށްބޮޑު ޚަރަދެއް، އާސަންދައިގެ ތެރެއިން ކުރެވިގެންދިޔަތަން. މުޅި ބަޖެޓްގައި ކަނޑައެޅިފައިވާ ޢަދަދަށްވެސް، ޢަދަދުގެ ތިންބައިކުޅަ އެއްބައި، ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި ޚަރަދުވެގެންދިޔަ. އަދި ބައެއް ތަންތަނުން އާދަޔާ ޚިލާފަށް، ގިނަ ޢަދަދަކަށް އާސަންދައިގެ ފައިސާ ނަގަމުން ގޮސްފައިވާތަން. އެހެންވީމާ، އެއިން މިދޭހަވަނީ، މި އަދި ރޭވިފައި މިއޮތީކީ، އެކަން ރާވަންވާ އެންމެ ރަނގަޅު ގޮތަކަށް ނޫނޭ. އެހެންވީމާ، މިކަމާ ދޭތެރޭގައިވެސް އެނގިވަޑައިގަންނަވާނެ ފަދައިން ވަނީ އަޅުގަނޑުމެން މިވޭތުވެދިޔަ ދޮޅުމަހެއް، ދެމަހެއްހާ ދުވަހުގެ ތެރޭގައި، އަލުން ވިސްނައި، އާސަންދައިގެ ނިޒާމް މިހާރަށްވުރެ ހަރުދަނާ ގޮތަކަށް ރޭވުމަށް މަސައްކަތްތަކެއް ކޮށްފައި. އެގޮތުން މިހާރު އަޅުގަނޑުމެންވާނީ ދަންނަވާފައި. ސަރުކާރުގެ ހުރިހާ ތަންތަނަކުން، ހޮސްޕިޓަލްތަކާއި، ހެލްތް ސެންޓަރުތަކާއި، މަރްކަޒުތަކާ، މިތަންތަނުން ހަމަ ކުރިންވެސް ލިބިވަޑައިގެންނެވި ގޮތަށް، އާސަންދައިގެ ޚިދްމަތް ތިޔަބޭފުޅުންނަށް ހަމަ ލިބިވަޑައިގަންނަވަމުންދާނެ. އަދި އެޚިދްމަތްވަނީ އަމިއްލަ ފަރާތްތަކަށްވެސް ހުޅުވާލެވިފައި. އެހެން ނަމަވެސް، އަމިއްލަ ހޮސްޕިޓަލްތަކާއި، އަމިއްލަ މަރްކަޒުތަކުން ޚިދްމަތް ލިބޭނީ، ސަރުކާރުން ކަނޑައަޅާ އުޞޫލުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން. އެހެންވީމާ، އެ އުޞޫލުތަކަށް އެއްބަސްވާ ފަރާތްތަކުން އެޚިދްމަތް ދެއްވުމުގެ ދޮރު މިހާރުވަނީ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައި.

އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފަރުވާތެރިކަމާ އެކީގައި އަޅަމުން، ﷲ އިރާދަކުރެއްވިއްޔާ، މާގިނަ ދުވަސްތަކެއްނުވެ، އިޤްތިޞާދީ ކަންކަން މިހާރަށްވުރެ ރަނގަޅުވެ، އަޅުގަނޑުމެންނަށް ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދްމަތްތައް ދިނުމުގައިވެސް، މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ކަންކަން ކުރެވޭނެ އުންމީދު އަޅުގަނޑު އެބަކުރަން. އެނގިވަޑައިގަންނަވާނެ ފަދައިން، ކުރަންޖެހުނު ކިތަންމެ ކަމެއް ކުރުމުގައި، ބޭނުންވާ ފައިސާ މިހާރު ނެތުމުގެ ސަބަބުން ބައެއް ކަންކަން ވީރާނާވަމުން އެބަވަމުންދޭ. މިސާލެއްގެ ގޮތުން ދަންނަވަނީނަމަ، ތަޢުލީމީ ދާއިރާގައި ކިތަންމެ ސްކޫލެއްގެ ފާޚާނާތަކުގެ މަސައްކަތެއް ނުކުރޭ. އެއީ މާބޮޑު ކަމެއްވެސް ނޫން. މާބޮޑު އެއްޗެއްދާ ކަމެއްވެސް ނޫން ފާޚާނާއެއް މަރާމާތު ކުރުމަކީ. އެހެން ނަމަވެސް، ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގައި ހުރި ސްކޫލްތަކުގެ ފާޚާނާތައް މިއަދު ހުރީ ހަލާކުވެފައި. ހަމައެހެން، ކުރިން އަޅާފައި ހުރި ސްކޫލްތަކުގެ ފުރާޅުތަކުގައި ހުރި ޓިނުވެސް ހުރީ ދަބަރުޖަހާފައި. މިހާރު ވާރޭވެހޭ ހިސާބަށް ގޮސްފައި. މިހެންހުރި ކަންކަން އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ކުރަން. މިއަދުވެސް އަޅުގަނޑު ކައިރީގައި މިރަށުން އަޅުގަނޑާ ދިމާވި ބޭފުޅަކު ވިދާޅުވި، ތިމަންނަމެންގެ ރަށުގައި، ތިމަންނަމެންގެ އޮފީހުގެ ފޯނު ބިލް ނުދައްކައިގެން ފޯނު ކަނޑާލާފައޭ. މިހެން ކުރަންޖެހޭ ކަންކަން ނުކޮށް، އަޅުގަނޑުމެން ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދުތައް ކުރުމަށްޓަކައި ހުޅުވާލާފައި ހުރި ދޮރުތަކުގެ ސަބަބުން ބަޖެޓްގެ ފައިސާތައް މިދަނީ އަޅުގަނޑުމެންނަށް ޚިޔާލުކުރެވޭ ވަރަށްވުރެ ބޮޑަށް ބޭރުވެގެން. އަދި އެ ބޭރުވެގެންދާއިރުގައި ވަކިބަޔަކު އޭގެ ފައިދާ ނަހަމަގޮތުގައި ނަގަމުންދާ ކަމަށް އަޅުގަނޑުމެންނަށް މިހާރު މިއޮތީ ކޮންމެވެސްވަރަކަށް އެނގިފައި. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤައުމުގެ އިޤްތިޞާދީ ކަންކަން ރަނގަޅުކޮށް، ބަޖެޓް މިއަށްވުރެ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނަމޭ.

ދެން އޮތީ ސިޔާސީ ކަންކަން. ސިޔާސީ ކަންކަންވެސް އަޅުގަނޑުމެން އެބަޖެހޭ ރަނގަޅު ކުރަން. އަޅުގަނޑު ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ފުރަތަމަ ދުވަހުއްސުރެ ފެށިގެންވެސް އަޅުގަނޑު ދެންނެވިން، ހުރިހާ ސިޔާސީ ޕާޓީތައް އެއްވަމާ ހިނގާށޭ. ހުރިހާ ސިޔާސީ ޕާޓީތައް އެކީގައި ސަރުކާރެއް އުފައްދަމާ ހިނގާށޭ. އަޅުގަނޑު ހުރިހާ ޕާޓީތަކަށްވެސް ދަޢުވަތު އެރުވިން، ކެބިނެޓްގައި ބައިވެރިވެވަޑައިގަންނަވަން. އަޅުގަނޑު ދެންނެވިން، އަޅުގަނޑުގެ ޕާޓީގެ އެއްވެސް މީހަކު، މި ކެބިނެޓަކު ނުހިމަނާނަމޭ. އެހެން ހުރިހާ ޕާޓީގެ ބޭފުޅުން، ނަން ދެއްވާށޭ އަޅުގަނޑަށް. މިހާރު އަޅުގަނޑުމެން އުފައްދާފައިވާ ކެބިނެޓްގައި 16 ބޭފުޅުން ތިއްބެވި. އޭގެތެރޭގައި އަޅުގަނޑުގެ ޕާޓީގެ ހަމަ އެންމެ ބޭފުޅަކުވެސް ނުހުންނާނެ. އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ބޭފުޅުން ތިއްބަވާނެ. އަދި އެއްވެސް ޕާޓީއެއްގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅުންވެސް ތިއްބަވާނެ. އެހެންނ ނަމަވެސް، ކެބިނެޓްގައި ތިއްބެވި ބޭފުޅުންނަކީ، ރައްޔިތުންނަށް ޚިދްމަތް ކުރެވޭވަރުގެ ޤާބިލްކަންހުރި، ތަޢުލީމީ އަދި އެކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ މަސައްކަތް ކޮށްދެއްވަން ތައްޔާރަށް ތިއްބެވި ބޭފުޅުން. ވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދުވެސް އަޅުގަނޑުމެންގެ ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި ބޭފުޅުންނަކީ، އެއީ ރައްޔިތުންނަށް ޚިދްމަތް ކޮށްދެވޭނެ ކުޅަދާނަކަން ހުރި ބޭފުޅުން.

ވީމާ އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ލިބިގެން މަސައްކަތް ކުރެވިއްޖެނަމަ، އިރާދަކުރެއްވިއްޔާ ޤައުމުގެ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް. އަޅުގަނޑު އަދިވެސް ހަމަ އުންމީދު ކުރަނީ، ސިޔާސީ ގޮތުން، ހަމަ ޕާޓީތަކުގެ މެދުގައި، މިހާރަށްވުރެ އެކުވެރިކަމާ އެކީގައި ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް. އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމެއްގައި، ގިނަ ސިޔާސީ ޕާޓީތަކެއް އުފެދިގެން، އެއްބަޔަކު އަނެއްބަޔަކާ ދިމާކޮށް، އެއްބަޔަކު އަނެއްބަޔަކަށް އެއްޗެހިކިޔާ، އަރާރުންވެ މިހެންވާން ޖެހުމުން، ވާނެގޮތް މިހާރު އަޅުގަނޑުމެންނަށް މިއޮތީ އިޙްސާސް ކުރެވިފައި.

ދެން އޭދަފުށްޓަކީ އަބަދުވެސް ވަރަށް އެކުވެރިކަންބޮޑު އެއްބައިވަންތަ ރަށެއް. އެހެން ނަމަވެސް، މި ރާއްޖޭގައި އެބަހުރި ބައެއް އެހެން ރަށްރަށް، ވަރަށް ބޮޑަށް މިހާރު ބައިބައިވެފައި ހުރި ތަންތަން. އަދި ޚާއްޞަކޮށް، އެއް ޢާއިލާއެއްގެ ތެރޭގައިވެސް ތަފާތު ޕާޓީތަކުގެ މީހުން ތިބުމުގެ ސަބަބުން އެކަކު އަނެކަކަށް ވާހަކަ ނުދެކެވޭ ހިސާބަށް، މިއަދު ޤައުމުގެ އިޖްތިމާޢީ ޙާލަތު ވަނީ ދަށަށް ގޮސްފައި. އެކަން ރަނގަޅު ކުރުމަށްޓަކައި ހަމައެކަނި ސިޔާސީ ވިސްނުމެއް ނުގެންގުޅެ، ހަމައެކަނި ބާރުގެ ދަހިވެތި ކަމުގައި މަސައްކަތްނުކޮށް، މުޅި ޤައުމުގެ އެއްބައިވަންތަކަމާއި އެކުވެރިކަމާއި އުޚުއްވަތްތެރިކަން އިސްކޮށްގެން މަސައްކަތް ކުރުމަކީ މިއަދު އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް. ޤައުމަށް ދިމާވެފައިވާ ބޮޑެތި ކަންކަން ޙައްލުކޮށް، މިޤައުމު ކުރިއަށް ގެންދެވޭނީ، އަޅުގަނޑުމެންގެ ތެރޭގައި މިދެންނެވި އެކުވެރިކަމާއި އުޚުއްވަތްތެރިކަން އޮވެގެން. އޭދަފުށީގެ ރައްޔިތުން އަޅުގަނޑުމެންގެ ރާއްޖޭގެ އެހެން ރަށްރަށަށް ދައްކަވަމުން ގެންދަވާ، އަބަދުވެސް ގެންދަވާ ފުރިހަމަ ނަމޫނާއަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު އަބަދުވެސް ޝުކުރު ދަންނަވާނަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންނާ އެކީގައި ދިވެހި ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވެން ހުރިހާ މަސައްކަތްތަކެއް ކުރުން. އަޅުގަނޑުގެ ހެޔޮ ދުޢާއަކީ، اللّـه سبحـانـه وتعـالى ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. ތިޔަ އެންމެ ބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތާއި، ހިތްފަސޭހަކަމާއި، ފާގަތިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه