بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަލްފާޟިލް އަޙްމަދު އަދީބް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް އަޙްމަދު ޝަފީޢު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ މަރިޔަމް ޝަކީލާ، ބ. އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ މެންބަރުން، ލޮބުވެތި ކިޔަވާ ކުދިންނާއި، ބެލެނިވެރިން އަދި އޭދަފުށީގެ ބ.އަތޮޅުގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދުގެ މި އުފާވެރި ޖަލްސާގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވް އަދި ބ. އަތޮޅު ކޮންޒަރވޭޝަން ފަންޑް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބާއްވާ ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރުން.

ބ. އަތޮޅުގެ ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވަކަށް ހެދުމުގެ ޚިޔާލު އައިސްފައިވަނީ، 2009 ވަނަ އަހަރުގެ އޯގަސްޓް މަހު ޕްރޮޖެކްޓްގެ މިޑްޓާރމް އިވެލުއޭޝަންގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު. ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، މި މަޝްރޫޢަކީ މިއީ މީގެ ބާވަރަކަށް އަހަރު ކުރިން އ.ދ.ގެ އެހީގައި ފެށިގެން، ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދަވާފައިވާ މަޝްރޫޢެއް. ބ. އަތޮޅުގައި ބަޔޮސްފިއަރ ރިޒަރވެއް ހެދުމުގެ މަޝްވަރާ ކުރަމުންދިޔައިރުގައި، އަޅުގަނޑަށްވެސް އެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ނަޞީބު ވަނީ ލިބިފައި. އެދުވަސްވަރު އަޅުގަނޑު ހުރީ، އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގެ ނައިބު ރައީސްގެ މަޤާމުގައި. ބ.އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ މަޝްރޫޢާ ބެހޭގޮތުން އަޅުގަނޑާ މަޝްވަރާ ކުރެއްވި ހިނދު، އެއީ ކުރަން ފެންނަ ކަމެއް ކަމަށާއި، އެކަމަކު އެކަން ކުރަންވާނީ، ބ. އަތޮޅުގެ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންގެ މަޝްވަރާއާ އެކުގައި ކަމުގައި އަޅުގަނޑުވާނީ ދަންނަވާފައި.

މި ޕްރޮޖެކްޓް، ބަޔޮސްފިއަރ މަޝްރޫޢު ފެށްޓުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަނީ މަސައްކަތް ކުރެވިފައި. އަދި އެ މަސައްކަތުގެ ސަބަބުން ހާމަވެގެންދިޔައީ، ރައްޔިތުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު، އަތޮޅުގައި މި މަޝްރޫޢު ހިންގަން ބޭނުންފުޅުވިކަން. ވީމާ، އަތޮޅުގެ ރައްޔިތުންނާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު، ދިވެހި ސަރުކާރުގެ ފަރާތުން ޔުނެސްކޯއަށް ހުށަހެޅުމުން، ދިރާސާ ކުރެއްވުމަށްފަހު، ޔުނެސްކޯގެ ފަރާތުން ބ.އަތޮޅަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި، ޖަރުމަނުވިލާތުގެ ޑްރެސްޑަންގައި ބޭއްވި ޖަލްސާއެއްގައި ވަނީ ކަނޑައަޅާފައި. އެކަން ޔުނެސްކޯއިން ޔަޤީންކޮށް، ދިވެހި ސަރުކާރަށް އެންގި. އެކަމާ ގުޅިގެން ބ. އަތޮޅު ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ހަމަޖެހުނުކަން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އިޢުލާނު ކުރެވިފައި. ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން، ބަޔޮސްފިއަރ ރިޒަރވްގެ ލަޤަބާއި އަދި އެ ޚިދްމަތްތައް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބަޔޮސްފިއަރ ރިޒަރވް އޮފީހެއް، މި ޖޫންމަހުގެ 6 ވަނަ ދުވަހު ވަނީ ޤާއިމް ކުރެވިފައި. ބަޔޮސްފިއަރ ރިޒަރވް ސްޓްރެޓަޖީ ތަންފީޛު ކުރުމަށާއި، ކުރިއަށް ގެންދިޔުމަށް ބ. އަތޮޅު ބަޔޮސްފިއަރ ރިޒަރވް އޮފީހަކީ، ވަކި އޮފީހެއް ގޮތުގައި ހިންގަން ވަނީ ހަމަޖެހިފައި. މިއޮފީހުގެ މަސައްކަތް ހިނގަމުންދާނީ، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ބެލުމުގެ ދަށުން، ބ. އަތޮޅު ކައުންސިލާއި، ބ. އަތޮޅު ބަޔޮސްފިއަރ ރިޒަރވް އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން. އެއޮފީހުގެ މައިގަނޑު ޒިންމާއަކީ، ބަޔޮސްފިއަރ ރިޒަރވް ސްޓްރެޓަޖީ ރާވައި ހިންގުން. ބައޮސްފިއަރ ރިޒަރވް ސްޓްރެޓަޖީގައި ހިމެނޭ ބައިތަކުގެ ތެރޭގައި، ބ.އަތޮޅު ޒޯނޭޝަން ސިސްޓަމް އިމްޕްލިމެންޓް ކުރުމާއި، ބ. އަތޮޅު ބައޮސްފިއަރ ޒޯނޭޝަން ސިސްޓަމް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި އަތޮޅުގައި ހިންގޭ ތަރައްޤީގެ ޕްރޮގްރާމްތަކުން ތިމާވެށްޓަށް ފޯރާ އަސަރުތައް ކުޑަކުރުމުގައި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ބެލުމުގެ ދަށުން އަދި އެކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މޮނިޓަރކޮށް ބެލެހެއްޓުން.

އަދި ބ. އަތޮޅު ބައޮސްފިއަރ ރިޒަރވްގެ ތެރޭގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ މެނޭޖްމަންޓް ޕްލޭންތައް ތަންފީޛު ކުރުމުގައި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން، އަތޮޅު ކައުންސިލް މެދުވެރިކޮށް، ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. އޭގެއިތުރުން، ބައޮސްފިއަރ ރިޒަރވްގެ ޤުދްރަތީ ވަސީލަތްތަކަށް ކުރިމަތިވަމުންދާ އެކިއެކި ނުރައްކާތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތިން އެކަން ބ. އަތޮޅު ކައުންސިލް މެދުވެރިކޮށް ކުރުންވެސް ހިމެނޭ. އަދި އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށާއި، ބައޮސްފިއަރ ރިޒަރވްގެ މަސައްކަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންތައް ކުރަން އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނޭ. އަދި ހަމައެހެން، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށް، ކަމާބެހޭ ހުރިހާ ދާއިރާއެއްގެ މަޝްވަރާގެ މަތިން، ބ. އަތޮޅުގެ ޤުދްރަތީ ވަސީލަތްތައް ބޭނުންކުރުމުގައި، އެހީތެރިކަން ފޯރުކޮށްދެމުން ދިޔުންވެސް މީގެތެރޭގައި ހިމެނޭ. އަދި ހަމައެހެން، އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން، މަޝްރޫޢުތައް ހިންގުމުގައި، ކަމާބެހޭ ހުރިހާ ފަރާތެއްގެ ބައިވެރިވުމާއެކު، މަޝްރޫޢުތައް ރާވައި ހިންގުމުގައި، އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވަނީ.

އާދެ! ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރ އައުޓްރީޗް ޕްރޮގްރާމެއްވެސް ވަނީ ހިންގަން ހަމަޖެހިފައި. ވީމާ، މިޕްރޮގްރާމްގައި ކަމާބެހޭ މަޢުލޫމާތު އެއްކުރުމާއި، ބައޮސްފިއަރ ރިޒަރވްގައި ކުރެވޭ އަދި ހިންގޭ އެކިއެކި ދިރާސާތަކަށް މަގުފަހިކޮށްދިނުން ހިމެނޭ. އަދި ހަމައެހެން، ބ. އަތޮޅު ބައޮސްފިއަރ ރިޒަރވްގައި ހިމެނޭ ހުރިހާ ސްކޫލްތަކާއި، ކްލަބް ޖަމްޢިއްޔާތަކާ ގުޅިގެން، ބައޮސްފިއަރ ރިޒަރވްގެ މަޤްޞަދުތަކާބެހޭ މަޢުލޫމާތު ދިނުންވެސް ހިމެނޭ. އަދި ރައްޔިތުންގެ މެދުގައި ބައޮސްފިއަރ ރިޒަރވާބެހޭ މަޢުލޫމާތު ޙިއްޞާކޮށް، ރައްޔިތުންގެ ބައިވެރިވުން ހޯދަމުން ގެންދާނެ. އަދި ރިސާރޗްގެ ގޮތުން ކުރެވެންހުރި ކަންކަމަކީ ކޮބައިތޯ ބަލައި، މިކަމަށް މަގުފަހިކޮށްދީ، ނަތީޖާ ޢާންމު ކުރަމުން ގެންދާނެ.

ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރ މަޝްރޫއުގެ ލައިވްލީހުޑް އެންޑް ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްވެސް ވަނީ ހިންގަން ހަމަޖެހިފައި. މި ޕްރޮގްރާމްގެ ދަށުން ބ. އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ބައޮސްފިއަރ ރިޒަރވްގެ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންތައްތައް ކުރަން އެހީތެރިކަން ފޯރުކޮށްދެވޭނެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާ ގޮތަށް، ކަމާބެހޭ ހުރިހާ ދާއިރާއެއްގެ މަޝްވަރާގެ މަތިން، ބ. އަތޮޅުގެ ޤުދްރަތީ ވަސީލަތްތައް ބޭނުންކުރުމުގައި، އެހީތެރިކަން ފޯރުކޮށްދީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވެދާނޭ ކަންކަމުގެ މަޢުލޫމާތު ހޯދައި، އެކަމުގެ ސަބަބުން ދިމާވެދާނެ ކަންތައްތަކާމެދު ތައްޔާރުވެ، ފިޔަވަޅު އަޅަމުން ގެންދާނެ.

އާދެ! ބައޮސްފިއަރ ރިޒަރވް ބަލަހައްޓައި، ތިމާވެށި ޙިމާޔަތް ކުރުމަށް ހިންގޭ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތުގައި ހިންގުމަށް ދައުލަތުގެ މާލިއްޔާތަށް ބުރަބޮޑުނުވާފަދަ މަގެއް ފަހިކުރުމުގެ ގޮތުން ކޮންޒަވޭޝަން ފަންޑެއް ޤާއިމް ކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި. އެގޮތުން، މިއަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ބ. އަތޮޅު ކޮންޒަވޭޝަން ފަންޑް، ޓްރަސްޓް އެކައުންޓެއްގެ ގޮތުގައި ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ޤާއިމް ކުރައްވާފައި.

ބ. އަތޮޅުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރެވޭ އެއް ސަރަޙައްދު ކަމުގައިވާ ހަނިފަރު ސަރަޙައްދު ބެލެހެއްޓުމުގެ ގޮތުން، އީ.އީ.ސީ ޕްރޮޖެކްޓާއި، ބ. އަތޮޅު ކައުންސިލް ގުޅިގެން، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ރޭންޖަސް، އަތޮޅުގެތެރޭގައި ވަނީ ޙަރަކާތްތެރިވާން ފަށާފައި. ބ.އަތޮޅު ޔުނެސްކޯ ބައޮސްފިއަރ ރިޒަރވް ހަމަޖެހުމާ ގުޅިގެން، އަތޮޅު ކައުންސިލާއި، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ހަނިފަރު ސަރަޙައްދު ބެލެހެއްޓުމުގެ އެމް.އޯ.ޔޫ.އެއްގައި ވަނީ މިހާރު ސޮއިކޮށްފައި.

ބ. އަތޮޅުގައި ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ތެރެއިން އެއް ސަރަޙައްދަކީ އޮޅަގިރި. މިރަށަކީ ރާއްޖޭގައި ހޯރަ އާލާވާ ދެރަށުންކުރެ އެއްރަށް. އަދި މިރަށަކީ ވެލާ ބިސްއަޅާ ރަށެއް. ކުރީ ޒަމާނުގައި މިރަށުން ދިވެހި ބޭހަށް ބޭނުންކުރާ ތަކެތި، ކާށި، ރުއްގަސް ނެގެމުންދިޔަ. އަދި ދަނޑުވެރިކަމަށް ބޭނުންކުރެވިފައިވޭ. މިއަތޮޅުގައި ޙިމާޔަތް ކުރެވިފައިވާ އެހެން ސަރަޙައްދުތަކުގެ ތެރޭގައި، ދިގަލިހާ އަދި ދިގަލިގިރި ހިމެނޭ. މިސަރަޙައްދުން އާދަޔާ ޚިލާފަށް ފަރުތޮޅިއާއި ވެލާ ފެންނަމުންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. މަތިފަރުހުރާ ސަރަޙައްދާއި، ހަނިފަރު ސަރަޙައްދާއި، ގޮއިދޫ ކޯރު ސަރަޙައްދާއި، ބަޠަލާ ސަރަޙައްދާއި، އަނގަފަރު ސަރަޙައްދާއި، މާހުރައުވަޅިފަރު ސަރަޙައްދާއި، މެންދޫ ސަރަޙައްދާއި އަދި ކޯބިން ފެތިފައިވާ ރެކަކީވެސް ބ. އަތޮޅުން ޙިމާޔަތް ކުރެވިފައިވާ ތަންތަން. އެނގިވަޑައިގަންނަވާނޭ ފަދައިން، ކޯބިންގެ ރެކަކީ ފަރަންސޭސިވިލާތުގެ 400 ޓަނުގެ ބޯޓެއް. ސެއިންޓް މާލޯ ކިޔާ ރަށަކުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރިހި ބަރުކޮށްގެން، ފުރައިގެން ދަނިކޮށް، މި ރާއްޖޭގެ ތެރެއަށް، ގޮއިދޫ ހިސާބުން މިބޯޓު އަޑިއަށް ގޮސްފައިވަނީ، މީގެ 411 އަހަރު ކުރިން 18 މެއި 1601 ވަނަ އަހަރު.

ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރ މަޝްރޫޢަށް، ޔުނެސްކޯއާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، މިއަތޮޅުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ދެއްވާފައި. އެކަމަށްޓަކައި ޔުނެސްކޯއަށާއި، ތިމާވެށްޓާބެހޭ މިނިސްޓްރީއަށާއި، އަދި ޚާއްޞަކޮށް، މިއަތޮޅުގެ ވެރިންނަށާއި، އަތޮޅުގެ ރައްޔިތުންނަށް، މިއަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށާއި، ކްލަބް ޖަމްޢިއްޔާތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން.

ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރ މަޝްރޫޢަކީ، ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށް ހިންގާ ވަރަށްބޮޑު މަޝްރޫޢެއް. މިފަދަ މަޝްރޫޢުތަކުގެ ފައިދާ ކުރާނީ، ހަމައެކަނި މިއަދުގެ ދަރިންނަކަށް ނޫން. އަންނަން އޮތް ޖީލުތަކަށްވެސް މީގެ ފައިދާ ހެޔޮގޮތުގައި ދެމިގެންދާނެކަމާމެދު އެއްވެސް ޝައްކެއްނެތް. ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރ ރިޒަރވް، މަޝްރޫޢުތައްފަދަ އެހެން މަޝްރޫޢުތައް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ފެށުމަކީ، ވަރަށް ބޭނުންތެރި ކަމެއް. މާލެއާއި މާލެ ވަށައިގެން ކައިރީގައިވާ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިން ކުރެވެމުންދިޔަ ކަމުގައިވިޔަސް، މުޅި ރާއްޖެއަށް ފަތުރުވެރިކަން މިހާރުދަނީ ފެތުރެމުން. މިގޮތުން، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފެތުރިގެންދާއިރުގައި، ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރފަދަ މަޝްރޫޢުތައް، އެހެން އަތޮޅުތަކުގައިވެސް ހިންގަން ފެށުމުން، އެކަމުގެ ފައިދާ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ލިބިގެންދާނެ ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ.

އަޅުގަނޑުގެ އެދުމަކީ، އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްނަންގަވައިގެން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި ބޭރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިވަޑައިގެން، ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރފަދަ މަޝްރޫޢުތައް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ކުރިއަށް ގެންދެވުން. މިފަދަ މަޝްރޫޢުތައް ހިންގަވަން އިސްނަންގަވާ ފަރާތްތަކަށް، ސަރުކާރުން ވެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ތިމާވެށްޓަކީ އަޅުގަނޑުމެންގެ ދިރިއުޅުމާއި، އަޅުގަނޑުމެންގެ އިޤްތިޞާދާއި، އަޅުގަނޑުމެންގެ ދެމިތިބުމާ ގުޅިލާމެހިފައިވާ ކަމަކަށްވާތީ، ތިމާވެށި ރައްކާތެރި ކުރުމަށް، ހުރިހާ ރައްޔިތުން އެއްބާރުލެއްވުން ދެއްވުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.

އާދެ! މިއަދު އަޅުގަނޑު މިހާ ދިގު މުއްދަތަކަށް މިއަތޮޅުގެ ރައްޔިތުން މި މަޝްރޫޢުގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވާފައިވާތީ އަދި މިފަދަ މަޝްރޫޢެއް ޤާއިމްކުރައްވައި، މުޅި ދުނިޔެއަށް މިއަތޮޅު މަޝްހޫރުވެގެންދާތީ، އެކަމަށްޓަކައި އަޅުގަނޑު މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޝުކުރާއި މުބާރަކްބާދު ދަންނަވަން.

May I also thank the international partners, especially United Nations, and also participating resorts, for supporting the UNESCO Biosphere Project in Baa Atoll. This is the first and one of a kind programme. We are hoping that similar projects will start elsewhere in the Maldives. And I really appreciate the assistance that you have provided so far, and hope that you will continue to support this project over the next few years.

Thank you.

މިއަހަރު ރަސްމީކޮށް މިފެށުނު ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރ ރިޒަރވްގެ ފައިދާ، މިއަތޮޅުގެ ރައްޔިތުންނަށާއި އަދި ދިވެހި ހުރިހާ ރައްޔިތުންނަށް މާތްﷲ މިންވަރު ކުރައްވާށި.

والســّلام عليــكم ورحـمــة اللّـه وبـركاتـه