ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު، ޕްރިންސް ނާއިފް ބިން ޢަބްދުލްޢަޒީޒް އައްސަޢޫދު އަވަހާރަވުމާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އައްސަޢޫދަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ސަޢޫދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެޤައުމުގެ ވަލީޢަހުދު އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ކުރިއެރުމަށާއި، އެޤައުމުން ޓެރަރިޒަމް ނައްތާލުމަށް ޕްރިންސް ނާއިފް ބިން ޢަބްދުލްޢަޒީޒް އައްސަޢޫދު ކުރައްވާފައިވާ މަސައްކަތްތައް ފުހެވިގެން ނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ރަސްގެފާނަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.