ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށްޓަށާއި، އެއަތޮޅު ދަރަވަންދުއަށް އިއްޔެ ކުރެއްވި އެއްދުވަހުގެ ދަތުރުފުޅުގައި، އެދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން މިވަގުތު ރާއްޖެ ތަޖްރިބާ ކުރަމުންމިދާ ދަތި ދުވަސްވަރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ޚިޔާލުފާޅުކުރުމުގެ މިނިވިކަންކަން، މިރާއްޖޭގައި ދެވިފައި އޮންނަނީ، ވަރަށް ފުޅާކޮށްކަން ފާހަގަކުރައްވައި، ނަމަވެސް ޚިޔާލުފާޅު ކުރުމުގައި، އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަނެ، އެޙައްޤުގެ ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް، މިހާރުހުރި ޤާނޫނުތަކަށް އިޞްލާޙު ގެންނަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގައި ހަމަޖެހުން އޮންނާނީ، ޤާނޫނުއަސާސީ ދަމަހައްޓައި، ޤާނޫނުތަކަށް ޙުރްމަތްތެރިކޮށްހިތައިގެންކަން ފާހަގަކުރައްވަމުން، އެމަނިކުފާނު އެއްވެސް ފަރާތަކަށް ޣައިރު ޤާނޫނީ އަމުރެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ވާޖިބު އަދާކުރެއްވުމުގައި، އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ދެއްވިއެވެ. 

ސިޔާސީގޮތުން ރަނގަޅުކުރަން ޖެހިފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ހުރިހާ ސިޔާސީ ޕާޓީތައް އެކީގައި ގުޅިގެން މަސައްކަތްކުރާ ސަރުކާރެއް އެކުލަވާލެއްވުމަށް، އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ބ. އޭދަފުށްޓަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހުގައި، ދެން އެމަނިކުފާނު ވަޑައިގެންނެވީ، އެއަތޮޅު ދަރަވަންދުއަށެވެ. ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް ރޭވިފައިހުރި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

މީގެއިތުރުން، ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރުމަށް، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އިޤްތިޞާދީ ގޮތުން ޤައުމު މިހާރު އޮތް ޙާލަތަށް އިޝާރާތް ކުރައްވައި، މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ފަހަތަށްނުޖެހި، ވަކިކުލައަކަށް، ވަކި ޕާޓީއަކަށް ނުބައްލަވާ ހުރިހާ އެންމެންނަށް ހަމަހަމަ ގޮތެއްގައި ޚިދްމަތްތައް ފޯރުކޮށްދެވޭތޯ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބިދޭންޖެހޭ އެކިއެކި ޢިނާޔަތްތަކާއި، ސަރުކާރު މުވައްޒަފުންނަށް މުސާރަ ދެއްވުން، ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.