ތިމާވެށްޓަކީ އަޅުގަނޑުމެންގެ ދިރިއުޅުމާއި، އިޤްތިޞާދާއި، ދެމިތިބުމާ ގުޅިލާމެހިފައިވާ ކަމަކަށްވާތީ، ތިމާވެށި ރައްކާތެރި ކުރުމަށް، ހުރިހާ ރައްޔިތުން އެއްބާރުލެއްވުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވް އާއި ބ. އަތޮޅު ކޮންޒަރވޭޝަން ފަންޑް ހުޅުވުމަށް ބ. އޭދަފުށީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން އިސްނަންގަވައިގެން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި އަދި ބޭރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިވަޑައިގެން، ބ. އަތޮޅު ޔުނެސްކޯ ބައޮސްފިއަރފަދަ މަޝްރޫޢުތައް، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ކުރިއަށް ގެންދެވުމަކީ، އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ މަޝްރޫޢުތައް ހިންގަވަން އިސްނަންގަވާ ފަރާތްތަކަށް، ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ހަމަޖެހުމާ ގުޅިގެން، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ދަށުން ހިނގާ ގޮތަށް ބަޔޮސްފިއަރ ރިޒަރވް އޮފީހެއް ޤާއިމް ކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތިމާވެށި ޙިމާޔަތް ކުރުމަށް ހިންގާ މިފަދަ ބޮޑެތި މަޝްރޫޢުތަކުގެ ފައިދާ ކުރާނީ ހަމައެކަނި މިއަދުގެ ދަރިންނަކަށް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް މީގެ ފައިދާ ހެޔޮގޮތުގައި ދެމިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.