ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު)ގެ ދަށުން ފުވައްމުލަކުގެ ބަންޑާރަކިޅިއާއި، އެކިޅިއާ އިންވެގެންވާ ޗަސްބިމާއި، ދަޑިމަގިކިޅި އާއި، އެކިޅިއާ އިންވެގެންވާ ޗަސްބިމާއި، އަދި ފުވައްމުލަކުގެ އުތުރުކޮޅުގައިވާ ތުނޑީގެ ސަރަޙައްދަކީ، ޙިމާޔަތްކޮށްފައިވާ ސަރަހައްދުތައް ކަމުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވައިފިއެވެ. މިގޮތަށް މަޝްވަރާ އެރުވީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކަކީ ޤުދުރަތީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭ ތަކެތީގެ ނަޞްލުތަކުން މުއްސަނދި ރަށެއްކަން ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނޭޝަނަލް ބްލަޑް ޓްރާންސްފިއުޝަން ސެންޓަރާއި، ނޭޝަނަލް ތެލެސީމިއާ ސެންޓަރުން މިހާރު ދެމުންގެންދާ ޚިދުމަތްތައް ދިނުމަށް، "މޯލްޑިވިއަން ބްލަޑް ސަރވިސަސް"ގެ ނަމުގައި މުއައްސަސާއެއް އުފެއްދެވުމަށްވެސް ނިންމެވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ "އިންޓަރނޭޝަނަލް ހެލްތް ރެގިއުލޭޝަންސް 2005" ރާއްޖޭގައި ތަންފީޒުކުރުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ.