بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ނައިބު ރައީސް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން، އަދި ޙާޒިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރި އެހެނިހެން މިނިސްޓަރުން، ސްކޫލްތަކުގެ ދަރިވަރުންނާއި، ޕްރިންސިޕަލުންނާއި، ސްޓާފުންނާއި އަދި ބެލެނިވެރިން. ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، މިޖަލްސާއަށްޓަކައި ތައްޔާރުވެވަޑައިގެން ދެއްވައި، މި ސްޓޭޓްމަންޓް ތައްޔާރުކޮށްދެއްވި ހުރިހާ ދަރިވަރުންނަށް ފަށްފަށުން ޝުކުރު ދެންނެވުން.

އާދެ! 1992 ވަނަ އަހަރު ބްރެޒިލްގެ ރިއޯޑި ޖެނެއިރޯގައި ބޭއްވުނު އާރތް ސަމިޓަށް 20 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، މިއަހަރު ހަމަ ބްރެޒިލްގެ ރިއޯޑި ޖެނެއިރޯގައި ބާއްވާ RIO+20 ސަމިޓްގައި ދިވެހިރާއްޖެ ވަނީ ބައިވެރިވާން ހަމަޖެހިފައި. އެޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ކިޔަވާ ކުދިންގެ ޚިޔާލު ހޯދުމަށްޓަކައި، މިބައްދަލުވުން ރާއްވަވައިދެއްވި ހުރިހާ ބޭފުޅުންނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަން.

ދެމެހެއްޓެނިވި ގޮތެއްގައި ޤައުމެއް ތަރައްޤީ ކުރުމަކީ، މިއަދުގެ އާބާދީއަށް ބޭނުންވާ ކަންކަން ކުރުމުގައި، ފަހުން އުޅެންތިބި މީހުންގެ ބޭނުންތައްވެސް ފުއްދޭ ގޮތަކަށް، ޤައުމު ތަރައްޤީ ކުރުން. ހަމައެކަނި މިއަދު ދިރިތިބި ބައެއްގެ ބޭނުންތަކަށް، ޤައުމުގެ ހުރިހާ މުއްސަނދި ކަމަކާއި ވަސީލަތްތަކެއް ބޭނުންކޮށް ހުސްކޮށްލުމަކީ، ދެން އަންނަން އޮތް ޖީލުތަކަށް ކުރެވޭ ވަރަށްބޮޑު އިހާނާތެއް. ހަމައެހެން، މިހާރު ހުރި ޤުދްރަތީ މުއްސަނދި ކަމަށް ގެއްލުން ލިބޭފަދަ މަޝްރޫޢުތައް ހިންގުމަކީވެސް، އަންނަން އޮތް ޖީލުތަކަށް ދެވޭ ވަރަށްބޮޑު ގެއްލުމެއް. މި ސަބަބުތަކަށްޓަކައި ތިމާވެށި ޙިމާޔަތް ކުރުމަށް، މިރާއްޖޭގައިވެސް ވަނީ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދިފައި. ވީމާ، ތިމާވެށި ޙިމާޔަތް ކުރުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް، ފުރިހަމައަށް ޢަމަލުކުރުމަކީ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަށްޓަކައި މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

ރާއްޖޭގެ ރަށްރަށާއި، ކަނޑުފަޅުތަކާއި، ފަރުތަކުގައި ހުރި ޤުދްރަތީ މުއްސަނދި ކަމަކީ އަދި މިހާތަނަށް ރަނގަޅަށް ދިރާސާ ކުރެވި، އެނގި ސާބިތުވެފައިވާ ކަންކަމެއް ނޫން. ހަމައެހެން، ރާއްޖޭގެ ބައެއް ރަށްރަށުގައިވާ ކުޅިފަދަ ތަންތަނުގެ މުއްސަނދި ކަމަކީވެސް އަދި މިހާތަނަށް ދިރާސާ ކުރެވިފައިވާ ކަންކަމެއް ނޫން. ވީމާ، އެފަދަ ތަންތަން ޙިމާޔަތްކޮށް ދެނެގަތުމަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަމެއް. ރާއްޖޭގެ ތިމާވެށި ދެނެގަތުމަށްޓަކައި އެންމެބޮޑު ހޭދައެއް މިހާތަނަށް ކުރެވިފައިވަނީ، ރާއްޖޭގެ ފަރުތަކާއި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަށްޓަކައި، އެތަންތަނަށް ކުރިމަތިވަމުންދާ ނުރައްކާތައް ދެނެގަތުމަށް، މެރިން ރިސާރޗް ސެންޓަރެއް ޤާއިމް ކުރެވި، އެގޮތުން ކުރެވިފައިވާ މަސައްކަތްތަކުން. ނަމަވެސް، ފަހަކަށްއައިސް މި މަރްކަޒުގެ މަސައްކަތްތަކަށް ދޭންޖެހޭ އަހަންމިއްޔަތު ނުދެވި، އެކަމަށް ހީނަރުކަން އައިސްފައިވާކަން ހިތާމައާއެކު އަޅުގަނޑު ފާހަގަކުރަން.

މިއަދު ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ދިރޭ ތަކެއްޗާއި ފަރުތައް ޙިމާޔަތް ކުރުމަށްޓަކައި ވަނީ މަސައްކަތްތަކެއް ކުރެވިފައި. އޭގެ ސަބަބުން ބައެއް ބާވަތުގެ މަހާއި، ވެލަޔާއި، މުރަކައާއި، ބޮލިފަދަ ތަކެތި ނެގުމާއި، އެއިން ވިޔަފާރި ކުރުން ވަނީ މަނާކުރެވިފައި. މީގެއިތުރުންވެސް ރާއްޖޭގައިވާ ޤުދްރަތީ މުއްސަނދިކަން ބޮޑު ބައެއް ތަންތަން ޙިމާޔަތް ކުރުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައި. އަދި ހަމައެހެން ބ. އަތޮޅަކީ ޔުނެސްކޯގެ ބައޯ ސްފިއަރ ރިޒާވެއް ކަމަށް ހަމަޖެހުމަކީ، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް. މިދެންނެވި ފިޔަވަޅުތައް އަޅަމުންދާއިރު، އަޅުގަނޑުމެންގެ ރަށްތައް ތަރައްޤީ ކުރެވޭގޮތާމެދު، ތިމާވެށްޓާ ރައްޓެހި ވިސްނުންތަކެއް ގެންގުޅުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް.

އާދެ! ފުރަތަމަ ދިވެހިރާއްޖޭގެ ރަށެއްގެ ކެރީންގ ކެޕޭސިޓީއަކީ ކޮބައިތޯ ދެނެގަތުން. ނުވަތަ ރަށެއްގައި އާބާދީއާއި ގެދޮރާއި ޞިނާޢަތާ، މިހުރިހާ ތަކެއްޗެއް އެރަށަކަށް އުފުލޭނެ އެންމެބޮޑު މިނަކީ ކޮބައިތޯ ބަލައި، އެކަން ދެނެގަންނަންޖެހޭ. ކޮންމެ ރަށެއްގައިވެސް، އެރަށެއްގެ އާބާދީއަކަށް ދެމިއޮވެ، ކުރިއަށް ދެވޭނީ، ވަކިވަރަކަށް ހުސްބިމާއި، ބޯފެނާއި، ގަސްގަހާގެހި ހުރެގެން. އެރަށެއްގައި އުޅޭ ރައްޔިތަކަށް މަސައްކަތް ކުރާނެ ތަންތަނާއި، ކުޅިވަރު ކުޅޭނެ ތަންތަންވެސް ހުރެގެން. ކިޔަވާނެ ތަންތަނާއި، ބޭސްފަރުވާ ކުރާނެ ތަންތަން ހުރެގެން. މިސަބަބުތަކަށްޓަކައި ކޮންމެ ރަށެއްގައިވެސް ލޭންޑް ޔޫސް ޕްލޭނެއް އޮތުމަކީ މުހިންމު ކަމެއް. އަދި ރަށުގެ ތަރައްޤީއަށްޓަކައި މިފަދަ ޕްލޭންތައް ހަދާއިރު، ރައްޔިތުން އެކަމުގައި ބައިވެރިކޮށް، ރައްޔިތުންގެ ޙިއްޞާ، މަޝްވަރާ ކުރުމަކީ ކުރަންޖެހޭނެ ކަމެއް. ހިތާމައަކީ މިއަދު ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އާބާދީއަކަށް ތަރައްޤީ ވެވެންނެތް، ކިތަންމެ ރަށެއްގައި މީހުން ދިރިއުޅެމުންދާކަން. މިފަދަ ރަށްރަށުގެ ރައްޔިތުންނާ އެކުގައި ދެމެހެއްޓެނިވި ތަރައްޤީއާބެހޭ މަޝްވަރާތައް ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް.

މިމަސައްކަތުގައި އަޅުގަނޑުމެން ވިސްނަންވާނީ، ކުރިއަށް އޮތް 10 އަހަރަކަށް ނޫން. މަދުވެގެން ފަންސާހަކަށް އަހަރަށް އެބަ ވިސްނަންޖެހޭ. ރަށެއްގެ އާބާދީއަށް 50 އަހަރުގެ ތެރޭގައި، ވާނެގޮތް މިހާރުވެސް އެބަ ދެނެގަންނަންޖެހޭ. ދެމެހެއްޓެނިވި ތަރައްޤީއާއި ތިމާވެށްޓާ ރައްޓެހި ވިސްނުމުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީ، ހަކަތައިގެ ގޮތުން ހަމައެކަނި ތެލުގެ މައްޗަށް ބަރޯސާ ކޮށްގެން ދެމެހެއްޓެން ނެތްކަން މިހާރުވެސް އެނގެމުން އެބަދޭ. ރާއްޖެއަށް ލިބޭ އާމްދަނީއެއްގެ ބޮޑުބައެއް މިހާރު މި ޚަރަދު ކުރެވެނީ ތެލަށް. ތެލުގެ އަގު މައްޗަށް ދިއުމަކީ ރާއްޖޭގެ ޚަރަދުތައް ބޮޑުވެގެންދާނެ ކަމެއް.ވީމާ، މިހާރުއްސުރެ ތެލުގެ ބޭނުންކުރެވޭވަރު ދަށްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން އެބަޖެހޭ. އެގޮތުން ކަރަންޓްގެ އިސްރާފު ކުޑަކުރުމާއެކު، ދެމެހެއްޓެނިވި ހަކަތަ ބޭނުންކުރުން އިތުރުކުރަން އެބަޖެހޭ. ރާއްޖެއަކީ ހޫނު ތަނަކަށް ވުމާއެކު، ފިނިކުރުމަށް ފުދޭވަރެއްގެ ޚަރަދުތަކެއް އެބަ ކުރެވޭ. ވީމާ، ރަށް ފިނިކުރުމަށްޓަކައި، ގެދޮރު ފިނިކުރުމަށްޓަކައި ހިޔާ ބޮޑުކުރުމަކީވެސް މުހިންމު ކަމެއްކަން އަޅުގަނޑު ފާހަގަކުރަން.

އާދެ! މިއަދު އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެ، ދުނިޔެއަކީ ދާދި ކުޑަ އެއްޗެއްކަން. ދުނިޔޭގައި މޫސުމަށް އަންނަ ބަދަލުތަކަކީ، ދުނިޔޭގެ ހުރިހާ ކަނޑުތަކާއި ރަށްތަކާއި ބައްރުތަކަށް، އޭގެ އަސަރު ކުރާ ކަމެއްކަން. އަދި ހަމައެހެންމެ، ދުނިޔޭގެ އެހެން ޤައުމުތަކަށް އަންނަ ތަދުމަޑުކަމާއި، ބަލިމަޑުކަމާއި، އެހެންވެސް ބަދަލުތަކުގެ އަސަރު، މިރާއްޖެއަށްވެސް ކުރާނެކަން. ދެމެހެއްޓެނިވި ގޮތެއްގައި، ގައުމީ ތަރައްޤީ ކުރިއަށް ގެންދިޔުމަކީ، ހަމައެކަނި ތިމާވެށްޓާ ގުޅިފައިވާ ކަމެއް ނޫން. ޤައުމުގެ އިޤްތިޞާދީ އަދި ސިޔާސީ ކަންކަންވެސް ރާވައި ހިންގަންވާނީ، ޤައުމަށް ދިރުން ގެނެވޭގޮތަކަށް. ޤައުމުގެ މުއްސަނދިކަން އިތުރުވާ ގޮތަށް. ޤައުމުގެ އިޖްތިމާޢީ ރައުސްމާލު އިތުރުކުރެވޭ ގޮތަކަށް.

ޤައުމެއްގައި ހަމަޖެހުން އިތުރުވެ، އެކުވެރިކަމާއި އެއްބާރުލުން އޮތުމަކީ އަދި ޤާނޫނުގެ ވެރިކަން ހިންގުމާއި، ޞުލްޙަވެރިކަން އިތުރުވުމަކީވެސް، ޤައުމުގެ އިޖްތިމާޢީ ރައުސްމާލު އިތުރުވެގެންދާ ކަމެއް. އޭގެ ސަބަބުން ޤައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދިޔުމަށް ވަރަށްބޮޑު ބާރެއް ލިބިގެންދާނެކަން ޔަޤީން. ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްދާ ޤައުމަކަށް ހެދުމަށް އެޅޭނެ އެންމެ ވަރުގަދަ އެއް ބިންގަލަކީ، ފެންވަރު ރަނގަޅު ތަޢުލީމެއް އަޅުގަނޑުމެންގެ ޅަދަރިންނަށް ލިބިދިނުން. އެ ތަޢުލީމަކީ ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކާއި ތަރުބިއްޔަތު އެކުލެވިފައިވާ ތަޢުލީމަކަށްވުން.

މިއަދު ތިޔަ ދަރިވަރުން ހުށަހެޅުއްވި ލިޔުމަކީ، އެފަދަ ތަޢުލީމުވެސް ކޮންމެވެސްވަރަކަށް ލިބެމުންދާ ކަމުގެ ފުރިހަމަ ދަލީލެއް. އެއީ ދިވެހި ޤައުމުގެ ކުރިމަގު ފަހިވާނެ ކަމުގެ ރަނގަޅު ފާލެއް.

އަޅުގަނޑުގެ ދުޢާއަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، މިޤައުމުގައި ﷲ ލެއްވި ހުރިހާ ރިޒުޤުތަކެއް ޙިމާޔަތްކުރާ ދުރުވިސްނުން ގެންގުޅޭ ބައެއް ކަމުގައި ލެއްވުން. ދިވެހިރާއްޖެއަކީ ތިޔާގި ޤައުމެއް ކަމުގައި އަބަދުވެސް ލައްވަވައި، ދިވެހިންނަށް މާތްﷲ ރަޙްމަތް ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.