بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކެލާގެ ލޮބުވެތި އަޚުންނާއި އުޚުތުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބު، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، އަޅުގަނޑުމެން މިރަށަށް މިއައިއިރު، ރަށުގެ އެކިއެކި އިންތިޒާމްތައް ކުރެއްވުމުގައި، ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ތެރެއިން ޙަރަކާތްތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ތަޢުރީފްކޮށް ޝުކުރު ދެންނެވުން.

އަޅުގަނޑަށް އެނގޭ، މިރަށުގެ ކައުންސިލަކީވެސް މާބޮޑު އެއްބާރުލުމެއް އަޅުގަނޑުގެ މިދަތުރުގައި ދީފައިވާ ކައުންސިލެއް ނޫން. ނަމަވެސް ކައުންސިލްގެ މެންބަރު އަސްޢަދު، ޚާއްޞަކޮށް، އަޅުގަނޑުމެންނަށް މި ކަންކަން އިންތިޒާމް ކުރުމުގައި ވެދެއްވި އެހީއަށްޓަކައި ޚާއްޞަކޮށް، އަސްޢަދަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު މިހާރު މި މަޤާމާ ޙަވާލުވިފަހުން ވަރަށްގިނަ ރަށްރަށަށް ދަތުރު ކުރެވިއްޖެ. މިދަތުރުތަކުން އަޅުގަނޑަށް، ފުރަތަމަ އަޅުގަނޑު ދަތުރުކުރަން ފެށިއިރުގައި އަޅުގަނޑު ހީކުރީ، އެމް.ޑީ.ޕީ.ގެ ކައުންސިލްތައް ހުންނަ ރަށްރަށުގައި، ހުރިހާ ކަމެއްވެސް ފުރިހަމަވެގެންދާނޭ. އެކަމަކު އެހެން ޕާޓީތަކުގެ ބޭފުޅުން ތިއްބަވާ ކައުންސިލްތައް އޮންނަ ރަށްރަށަށް އޮންނާނީ ކޮންމެވެސްކަހަލަ އެހެން ގޮތެއް ދައްކަވާލައްވާފައޭ. އެކަމަކު ކަންވެގެން މިދަނީ އެހެނެއް ނޫން މުޅިއަކުންނެއް. ކޮންމެ ރަށަކަށްދިޔަސް، މިފެންނަނީ ހަމަ ދާދި އެއް މަންޒަރުތަކެއް. ހަމަ ބަނދަރު ހަދަންޖެހިފައި، ނަރުދަމާ ހަދަން ޖެހިފައި، ބޯފެންދޭން ޖެހިފައި. އިންޖީނުގެ ހަލާކުވެފައި. އިންޖީނު ހޯދަން ޖެހިފައި. މިކަހަލަ ގޮތަކަށް، ގާތްގަނޑަކަށް ހަމަ ގިނަ ރަށްރަށުން ފެންނަމުންދަނީ. އެހެން ނަމަވެސް، އަޅުގަނޑު ކުރިން ދެންނެވިހެން، އަޅުގަނޑު ހީކޮށްގެންހުރީ، އެމް.ޑީ.ޕީ.ގެ ގިނަ ކައުންސިލަރުން ތިބޭ ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވި ކަމަށް. މިރަށުންވެސް މިފެންނަނީ އެއާ ޚިލާފު މަންޒަރެއް. މިރަށުގައި އެމް.ޑީ.ޕީ.ގެ 4 ކައުންސިލަރުން ތިއްބަވާ. އެހެން ނަމަވެސް، ހިތާމައަކީ، އެކަމަކުވެސް މާބޮޑު މަސައްކަތްތަކެއް ސަރުކާރުގެ ފަރާތުން ކުރެވިގެންނުދާކަން. އަދި ކުރަން ރޭވިފައިވެސް ނެތްކަން. މިހާރު މިދިޔަ އަހަރުގެ ތެރޭގައި ކޮންމެވެސްވަރަކަށް ބަނދަރުގެ މަސައްކަތް ކުރެވުނު. އެހެން ނަމަވެސް، ބަނދަރުވަނީ ބޮޑުކުރަން ޖެހިފައި.

ދެންމެ ވާހަކަ ދެއްކެވި ބޭފުޅުން، ދެބޭފުޅުންވެސް އަޅުގަނޑު ކައިރީގައި މި ވިދާޅުވަނީ، މިބޭފުޅުން މިވިދާޅުވާ ކަންކަމުގައި، ކޮންމެވެސްކަހަލަ ޖަވާބެއް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަންޖެހޭނެ ކަމަށް. އަޅުގަނޑު ދަންނަވަން އޮތްހާވެސް ވާހަކައަކީ، މިހާރު ރޭވިފައި ހުރި ކަންކަން، ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން އަޅުގަނޑުމެން ހަމަ ބަރާބަރަށް ކުރަމުން ގެންދާނަމޭ. އަލަށް ރާވަންޖެހޭ ކަންކަމުގައި އަޅުގަނޑުމެން ޖެހޭނީ، އެހެނިހެން ގޮތްގޮތް ހޯދަން. ހޯދައިގެން އެކަންކަން ކުރަން މަސައްކަތް ފަށަން. އަޅުގަނޑު ދެންމެ ބަލައިލި ބަލައިލުމުން އަޅުގަނޑަކަށް ނުފެނޭ، އެމް.ޑީ.ޕީ.ގެ ކައުންސިލެއް އޮވެގެނެއް، މިރަށުގައި ނަރުދަމާ އަޅަން ރޭވިފައި އޮތް ތަނެއްވެސް. އަދި މިރަށުގައި ބޯފެނުގެ ނިޒާމް ރޭވިފައި އޮތް ތަނެއްވެސް. ބަނދަރެއް ބޮޑުކުރަން ރޭވިފައި އޮތް ތަނެއްވެސް އަޅުގަނޑަކަށް ނުފެނޭ. ވީމާ، މިކަންކަމަކީ އަޅުގަނޑުމެން އަލުން ވިސްނަންޖެހޭ ކަންކަން.

ބޯފެން މިއޮތީ ސީ.އެސް.އާރު މަޝްރޫޢުގެ ދަށުން ކޮންމެވެސް ބަޔަކަށް، ކޮންމެވެސް ރަށެއް ދީގެން ކުރާގޮތަށް. ނަމަވެސް، އެހެންހުރި ހުރިހާ މަޝްރޫޢުތައް މިހާރު އަޅުގަނޑުމެން މިދަނީ ބަލަމުން. ސަބަބަކީ ކީއްވެގެންތޯ. ސަބަބަކީ މިދެންނެވި ގިނަ މަޝްރޫޢުތައް ދީފައިހުރީ ޕާޓީގެ ބޭފުޅުންނަށް. ނޫނީ ރައްޓެހި ބޭފުޅުންނަށް. މިއީ ދިވެހިރާއްޖޭގައި އަދި ޤާނޫނާއި އަޅުގަނޑުމެންގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަކަށް އަދި މުޅިއަކުން ކުރެވިފައި ހުރި ކަމެއް ކަމަކަށް އަޅުގަނޑުމެންގެ ޤާނޫނީ ވަކީލުންނަކަށް ޤަބޫލެއް ނުކުރެވޭ. އެހެންވެގެން މިދެންނެވި ބައެއް ކަންތައްތައް އެބަޖެހޭ އަލުން ބަލަން. އެހެންވީމާ، ބޯފެނުގެ މަޝްރޫޢުވެސް އަޅުގަނޑުމެންނަށް ޖެހޭނީ ފަހުން ދަންނަވަން، ކިހިނެއްތޯ އެކަން ކުރިއަށް ގެންދެވޭނީ. ދެން މިދެންނެވިހެން އަޅުގަނޑަކަށް ނުފެނޭ، މިހާރަކު އަދި މިރަށުގައި ނަރުދަމާގެ އިންތިޒާމް ރޭވިފައި އޮތް ތަނެއް. މިކަން އަޅުގަނޑުމެން ޖެހޭނީ ރާވަން. އެކަމަށްޓަކައި އަޅުގަނޑު ދަންނަވާނީ، މިއަހަރުގެ ތެރޭގައިވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަޝްރޫޢު ރާވައި، އެކަމަށްޓަކައި ހޯދަންޖެހޭ ފައިސާ ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާނަމޭ. އެހެން ނަމަވެސް، މިއަހަރު އެ މަޝްރޫޢު ފެށޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މިދެންނެވީ މަގުތައް ކޮނުމުގެ މަސައްކަތް ފެށޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން، މިއަހަރު އެކަން ކުރަން ފެށޭނެ ކަމުގެ ޔަޤީންކަމެއް އަރުވާކަށް އަޅުގަނޑަކަށް ނުކެރޭނެ. އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވަނީ، މި މަޝްރޫޢު ރާވައި، މަޝްރޫޢަށް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް، އަޅުގަނޑުމެން ހަމަ ދާދި އަވަހަށް ފަށައިގެން ކުރިއަށް ގެންދާނަން. މިއީކީ ދައްކާކަށް، މާ ފަސޭހަ ވާހަކައެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު އެނޫން ގޮތަކަށް ތިޔަބޭފުޅުންނަށް ދަންނަވައިފިއްޔާ، އަޅުގަނޑަށް ދެންނެވޭނީ ދޮގެއް. އެހެންވީމާ، އެއީކީ އަޅުގަނޑު އަދި ކަންތައް ކުރަން ޤަޞްދުކުރާ ގޮތެއްވެސް ނޫން.

އާދެ! ދެން އޮތީ މިރަށުގައި ގެސްޓްހައުސްއެއް ނޫނީ ރިޒޯޓެއް އެޅުމަށްޓަކައި އޮތް ތަނެއް. އަޅުގަނޑުވެސް މިރަށަށް މީގެކުރިން އެއްފަހަރު އައިން. އަޅުގަނޑު ހަނދާންވާ ގޮތުގައި އެއީ އިންތިޚާބުގެ ދުވަސްވަރުގައި. އައިއްސަ އަޅުގަނޑު އެތަން ބަލައިލަންވެސް ދިޔައިން. ވަރަށް ރީތި ބިމެއް އެބައޮތް ނަގާފައި. އެހެން ނަމަވެސް، ތިން އަހަރު، ހަތަރު އަހަރުވެގެންދާއިރުގައިވެސް، އެ ބިމުގައި އެއްވެސް ކަމެއް ކުރާތަނެއް ނުއެއްފެނޭ. ކުރަން އުޅޭ ކަމެއްވެސް ނޭނގެ. އެހެންވީމާ، ދެން މިހާރު އެކަން ކުރަންޖެހޭނެ ގޮތަކީ، އަޅުގަނޑު ބަލާނަން، އެކަން އެމީހުން ކުރަން އުޅޭތޯ ނުވަތަ ނޫންތޯ ފުރަތަމަ. ބަލާއިރު އެއީ އެމީހުން ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށްވަންޏާ، އެމީހުން އަތުން އެތަން އަތުލަން އަޅުގަނޑު ޤަޞްދު ކުރަނީ. އަދި އެއަށްފަހުގައި، އެކަން ކުރެވޭވަރު ބަޔަކާ އެކަން ޙަވާލުކޮށްގެން އެމަސައްކަތް ފެށުމަށް.

މިރަށަށް އަޅުގަނޑު ކުރީފަހަރު އައިސް، ތަންކޮޅެއް ގިނަވަގުތު ލިބުނު. އެހެންވީމާ، އަޅުގަނޑު ރަށުތެރޭގައި ކުޑަކޮށް ދަތުރުކޮށްލާ ބެލިން. ބެލިއިރުގައި، އަޅުގަނޑަކަށް މިރަށަކަށްވުރެ، ވަކި ރީތި ރަށެއް، މި ދިވެހިރާއްޖޭގައިވެސް ނުފެނުނު. މިރަށުގައި އޮތް ބީޗް ފްރަންޓާ، ބޭއެއް ގޮތަށް އެތެރެއަށް މި މޫދު ވަދެފައި އޮންނަގޮތާއި، މިހުރިހާ ކަމަކަށް ބަލާއިރުގައި، ރަށުގެ ބޮޑުމިނާ، މިހުރިހާ ކަމަކަށް ބަލާއިރުގައި، މިރަށަކީ ޙަޤީޤަތުގައި އެންމެ ބޮޑަށް ތަރައްޤީ ކުރެވެން އޮތް އެއް ރަށް. އަދި މިރަށަކީ ޚާއްޞަކޮށް، އެއަރޕޯޓެއް ކައިރީގައި އޮވެފައި، އިންޑިއާއާ ވަރަށް ކައިރީގައި އޮތް ތަނެއް. އެހެންވީމާ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، މި އެއަރޕޯޓް މިހާރަށްވުރެ ރަނގަޅަށް ހެދިއްޖެ ކަމަށްވާނަމަ، އަޅުގަނޑުމެންނަށް ގިނަ ޓުއަރިސްޓުންތަކެއް މިހިސާބަށް ގެނެވިދާނެ. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މާލަސްތަކެއްނުވެ، އަޅުގަނޑު ފަހުން ތާރީޚެއް ދަންނަވާނަން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ ހަނިމާދުއަށް އިންޓަރނޭޝަނަލް ފްލައިޓްތައް ޖައްސަން ފަށާނެ. އޭގެ ސަބަބުން އިންޑިއާއާއި ހަނިމާދުއާ ދޭތެރޭގައި ފްލައިޓްތައް ޤާއިމްވެގެންދާނެ. އަދި ވަރަށްބޮޑު ފަސޭހަކަމެއް، ޚާއްޞަކޮށް، މިދެއަތޮޅުގެ ރައްޔިތުންނަށާއި، މަތިއުތުރު ޕްރޮވިންސްގެ ހުރިހާ އަތޮޅުތަކަކަށްވެސް ލިބިގެންދާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން.

އާދެ! އޭރުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންނަށް މާއުނދަގުލެއްނުވާނެ، މިރަށުގައި ޓުއަރިޒަމްގެ ގިނަ ކަންތައްތަކެއް ފެށުމަށްޓަކައި އިންވެސްޓަރުން ހޯދާކަށް. މިހެން މިދަންނަވަނީ، މިރަށަކީ އެހާ ރީތި ރަށަކަށްވާތީ. އަދި ރަށުގެ އާބާދީވެސް ރަށާ އަޅާބަލާފައި ވަރަށްކުޑަ. އެހެންވީމާ، ރަށުގެ އެބައޮތް ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ ތަންތަން. އެގޮތުން މިރަށަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި، ސަރުކާރުގެ ފަރާތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑު މިދެއްކި ވާހަކަތަކުން ތިޔަބޭފުޅުންނަށް މާބޮޑު ހިތްޕުޅުހަމަޖެހުމެއް ލިބިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް. ނަމަވެސް ހަމައެހެން، އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިމަތީގައި މީގެކުރިން ވަޢުދުތަކެއް ނުވެސްވަން. އަދި ފުރަތަމަ އަޅުގަނޑު މިބާވަތުގެ ވާހަކައެއް މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މިދައްކަނީ. އެހެންވީމާ، އަޅުގަނޑު ބަލާނަން އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް މިދެންނެވުނު ކަންކަން ކުރެވޭތޯ. އަޅުގަނޑުގެ މަޤްޞަދަކީ، ވީހާވެސް ބޮޑަކަށް ރައްޔިތުން އެދޭ ކަންކަން، ރައްޔިތުންނަށް ކޮށްދިނުމަށްޓަކައި މަގުފަހިކޮށްދިނުން. އެކަމަށްޓަކައި ދައުލަތުގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދިނުން.

މިއަދު ދިވެހިރާއްޖެއަކީ ކުރިއަށްވުރެ މާ އާބާދީ ބޮޑު. އަދި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ޚަރަދުތައްވެސް މާބޮޑު ދުވަސްވަރެއް. ރާއްޖެއަށް ލިބޭ އާމްދަނީ، ކުރިއަށްވުރެ ބޮޑުކަމުގައިވީ ނަމަވެސް، ރާއްޖޭގެ ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ވަރަށްބޮޑު. ޚާއްޞަކޮށް، ބަޖެޓްގެ ބޮޑުބައެއް މިހާރު ޚަރަދުވަނީ މުވައްޒަފުންގެ މުސާރައަށް. ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުންގެ މުސާރަތައްހުރީ ވަރަށްމަތީ މުސާރަތަކެއް. އެގޮތުން، ބައެއް ކުންފުނި ކުންފުނީގެ ބޭފުޅުންނާއި، ދައުލަތުގެ އެކިއެކި ކުންފުނިތަކުގެ ބޭފުޅުންގެ މުސާރަވެސް އެބައުޅޭ، އަށްޑިހަހާހުން، އެއްލައްކައިންވެސް. އަޅުގަނޑު ޤަޞްދުކުރަނީ، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ މުސާރަތައްވެސް، މިހާރަށްވުރެ ހަމަޖެހޭގޮތަކަށް ބަދަލުކުރުމަށް. އެހެންވީމާ، އެގޮތުން މިހާރު އެކަމާ ބެހޭގޮތުން އުފެދިފައިވާ ބޯޑެއް އޮވޭ. [ޕެމެބް] ކިޔާ އެއްޗެއް. މިބޯޑު މެދުވެރިކޮށް އަޅުގަނޑު ޤަޞްދުކުރަނީ، އެ މުސާރަތައްވެސް ހަމައަކަށް އަޅުވަން. އަދި ހަމައެހެން، ސަރުކާރުގެ އެކިއެކި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ މުސާރަތައްވެސް މިހާރު މިހުރީ އެކިތަންތަން އެކިވަރަށް. އެވެސް އެބަޖެހޭ މިހާރަށްވުރެ ބޮޑަށް ހަމަހަމަވާން. އެހެން ނޫނިއްޔާ މިވާގޮތަކީ އެއްތަނުގައި ތިބޭ މީހުން ކެނޑިގެން، އަނެއް ތަނަކަށް ބަދަލުވަނީ، މުސާރަ ބޮޑުވީމާ. ޚާއްޞަކޮށް، ސަރުކާރުގެ އެކިއެކި އޮފީސް އޮފީހުގައި ތިއްބަވާ ޤާބިލް ބޭފުޅުން، ވަޒީފާ ދޫކޮށްލައްވާފައި، އެހެން ތަންތަނަށް ވަޑައިގަންނަވަން މަސައްކަތްޕުޅު ކުރައްވަންޖެހެނީ، އެހެން މުއައްސަސާތަކުގެ މުސާރަތައް ބޮޑުވެގެންދާތީ. ޚާއްޞަ ގޮތެއްގައި، ބައެއް އަމިއްލަ މުއައްސަސާތައް، މިގޮތުން ފާހަގަކުރަންޖެހޭ. މިކަންވެސް ޙަޤީޤަތުގައި ހަމައަކަށް އެޅުވޭނީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ވޭޖް ކޮމިޝަންގެ ބިލް ފާސްވެގެން. އެއަށްވުރެން ކުރިން އަޅުގަނޑު ޤަޞްދުކުރަނީ، ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، މި މުސާރަތައް ހަމައަކަށް އެޅުވުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތް މިހާރުން މިހާރަށްވެސް ފަށަން. ފަށައިގެން އެމަސައްކަތް ކުރިއަށް ގެންދަން. މިގޮތުން، ސަރުކާރުގެ ބަޖެޓުން މުސާރައަށް ކުރަންޖެހޭ ހޭދަ، މިހާރަށްވުރެން ހަމަޖެހޭ ގޮތަކަށް ކުރެވޭތޯ ބެލުން އެއީ އެންމެ މުހިންމު އެއްކަންތައް.

އަޅުގަނޑު މިއަދު ތިޔަބޭފުޅުންގެ އަރިހުގައި ހުރެގެން، ތިޔަބޭފުޅުންނަށް ފާޚާނާ ކުރެވޭނެ ނިޒާމެއް ނެތް ވާހަކައާއި، ބޯފެން ލިބޭނޭ ނިޒާމެއް ނެތް ވާހަކައާ، މިވާހަކަތައް ދައްކަމުންދާއިރުގައި، އަޅުގަނޑުމެންގެ ސަރުކާރުގެ ބައެއް މުވައްޒަފުންނާއި، އެކިއެކި ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަފުޅުތައް ހުރީ އަޅުގަނޑުމެން ލަދުގަންނަންޖެހޭފަދަ ދަރަޖައަކަށް. އެއީކީ އަޅުގަނޑު ދަންނަވާ ގޮތުގައި، އިޖްތިމާޢީ ޢަދުލުވެރިކަމާއި އިންޞާފްވެރިކަން، ތަނެއްގައި ބޭއްވުމަށްޓަކައި ކަންކަން އޮވެގެންވާނެ ގޮތެއް ނޫން. ދިވެހި ދައުލަތުގެ ހުރިހާވެސް މުއްސަނދިކަމަކީ، ދިވެހި ރައްޔިތުންގެ ޙައްޤު. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުންވެސް މިކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން. އަދި ހަމައެހެން، ސަރުކާރުގެ ވުޒާރާތަކުންވެސް މިކަމުގައި އެބަޖެހޭ، މިއަށްވުރެ ހަމަޖެހޭ ގޮތެއް ނެރުއްވައިދެއްވުން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، އެކަމުގައި ކުރަންޖެހޭ މަސައްކަތް ކުރުމުގައި އަޅުގަނޑަށް ވެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މާލަސްތަކެއްނުވެ މިރަށުގައި ނަރުދަމާވެސް އަޅާނަން. ބޯފެންވެސް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާނަން. އަދި ދެންވެސް ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ ކުރާނަން. މިކަންކަން ކުރުމަށް ކުޑަވަގުތުކޮޅެއް ނަގާނެ. ސަބަބަކީ އަޅުގަނޑު މިދެންނެވިހެން، މިކަންކަމުގައި މާބޮޑެތި ރޭވުންތަކެއް ރާވާފައި، އެކަމަށް ބޭނުންވާ ފައިސާ މިހާރު ހޯދިފައެއް ނެތް. އެކަން އޮތީ ނުކޮށް. އެކަން ނުކޮށް އޮތުމުގެ ސަބަބުން އަޅުގަނޑު މިހެން ދަންނަވަން ޖެހުނީ. ދިވެހި ސަރުކާރުން ފަށްޓަވާފައި ހުރި އެއްވެސް ބޮޑު މަސައްކަތްތަކެއް، އަޅުގަނޑު ހަމަގައިމުވެސް ނުހުއްޓުވާނަން. ފެށިފައި ހުރި މަސައްކަތެއްވިއްޔާ، ހަމަ ބަރާބަރަށް ކުރިއަށްދާނެ. އެގޮތުން، މިރަށުގައި ފްލެޓް ނޫނީވިއްޔާ، ގެ އެޅުމުގެ މަޝްރޫޢެއް އެބައޮވޭ. އެކަންކުރާ ބަޔަކީ، އެކަން ރަނގަޅަށް ކުރާ ބައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. މިހާރު ކުޅުދުއްފުށީގަޔާއި، ހަނިމާދުގަޔާއި، މިހެން ބައެއް ރަށްރަށުގައި، މިކަން ކުރެވެމުން އެބަދޭ. ހަމަ އެކުންފުނީގެ ފަރާތުން މިރަށުގައިވެސް، ގެ އަޅަން ނިމިފައި އޮތީ. އަޅުގަނޑަށް ޔަޤީން ކުރެވޭ، އިރާދަކުރެއްވިއްޔާ، އެކަން ކުރެވޭނެ ކަމަށް. އެހެންހުރި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރާނަން. ފެށިފައި ހުރި މަސައްކަތެއް ހުއްޓާލާކަށް، އަޅުގަނޑު ހަމަގައިމުވެސް އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރާނަން. އެހެންވީމާ، ޔަޤީންކޮށް އަރުވަން، އެއްވެސް މަޝްރޫޢެއް މިރަށަށްވެސް ރޭވިފައި އޮވެގެން، އެ ކުރިއަށް ނުގޮހެއް ނޯންނާނެ.

އާދެ! ރައްޔިތުންނާ ބައްދަލުކޮށް މިގޮތަށް ވާހަކަ ދައްކާލަން، މާ އަވަސް އަވަހަކަށް އަޅުގަނޑަކަށް ފުރްޞަތެއް ނުލިބޭ. އެހެންވީމާ، މިއަދު ތިޔަބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމުގައި، މާ އުފާވެރި ވާހަކަތަކެއް އަޅުގަނޑަށް ނުދެންނެވުނު ކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. އެހެންނަމަވެސް، އަޅުގަނޑަށް ތިޔަބޭފުޅުން ތިދެއްވި ހޫނު މަރްޙަބާއަށްޓަކައި ތިޔަބޭފުޅުން ތިބަހައްޓަވައިދެއްވި އޯގާތެރިކަމަށްޓަކައި އަދި އަޅުގަނޑުގެ ވާޖިބު އަޅުގަނޑު އަދާކުރުމަށްޓަކައި މިރަށަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރުމަށްޓަކައި އަޅުގަނޑަށް ވެވެންހުރި ހުރިހާ އެހީތެރިކަމެއް އިރާދަކުރެއްވިއްޔާ ވެދޭނަން.

އަދިވެސް އެއްފަހަރު، ތިޔަބޭފުޅުން އަޅުގަނޑުމެން މިރަށަށް އައުމުން، އަޅުގަނޑުމެންނަށް ތިދެއްވި ހޫނު މަރްޙަބާއާއި، ބެހެއްޓެވި އޯގާތެރިކަމަށްޓަކައި، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަނެއްކާވެސް މިރަށަށް އާދެވޭތޯ އަޅުގަނޑު ބަލާނަން.

އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ހެޔޮ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި، އުފާވެރިކަމާއި ފާގަތިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه