بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ވަށަފަރުގެ ލޮބުވެތި އަޚުންނާއި އުޚުތުން. އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ވަށަފަރަށް އަޅުގަނޑުމެން އައުމާ އެކީގައި، ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެއްޖައީމު. ހުރިހާ ސްކޫލް ކުދިންނާއި، ކުދިންގެ ބެލެނިވެރިންނާއި، އަދި ރަށުގެ ކަމުވޮށިވެގެންވާ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެދެއްވި ކަމަށްޓަކައި، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! މިވަގުތަކީ، މާގިނަ ވާހަކަތަކެއް ދައްކަން ރަނގަޅު ވަގުތެއް ނޫން. ސަބަބަކީ އަޅުގަނޑަށް އެނގޭ، ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ތިއްބެވީ ފަރިއްނުކުޅުއްވާކަން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ މާ ދިގެއް ނުކުރާނަން.

އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވުމާ ގުޅިގެން، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖޭގައި ފެށިފައި ހުރި ހުރިހާ ބޮޑެތި މަޝްރޫޢުތައް، ޚާއްޞަކޮށް، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ހުރިހާ މަޝްރޫޢުތަކެއް އިރާދަކުރެއްވިއްޔާ، ކުރިއަށް ގެންދެވޭތޯ. އަދި ހަމައެހެން، ރައްޔިތުންނަށް ދައުލަތުގެ ފަރާތުން ލިބޭ ހުރިހާ ޢިނާޔަތަކާއި މުސާރައާއި އެހީތެރިކަމެއް، ޤަވާޢިދުން ބަރާބަރަށް މިދަނީ ދެމުން ގެންދެވޭތޯ. ދެން އެކަމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނެ ވާހަކަ ތިޔަބޭފުޅުންނަށް ޔަޤީންކަމާ އެކީގައި ދަންނަވަން. މިރަށުން މިރަށުގެ އެކިއެކި މަޤާމްތަކުގައި ސަރުކާރުގެ ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ މުސާރައާއި އަދި ހަމައެހެން، ރަށުގެ ރައްޔިތުންގެ ތެރެއިން ދުވަސްވީ ބޭފުޅުންނަށް ސަރުކާރުން ދެއްވަން ނިންމަވާފައިވާ ދެހާސް ތިންސަތޭކަ ރުފިޔާގެ ޢިނާޔަތާއި އަދިވެސް ނުކުޅެދޭ ކުދިންގެ ޢިނާޔަތްތަކާ، މިހެންގޮސް ދެމުންގެންދާ ހުރިހާ ޢިނާޔަތްތަކެއް ބަރާބަރަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ އުންމީދާއި ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އާދެ! މިރަށުގައިވެސް ކޮންމެވެސްވަރެއްގެ ޚިޔާލު، ފިކުރު ތަފާތުވުމެއް އެބަހުރިކަން އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް، ވީހާވެސް ބޮޑަކަށް ހުރިހާ ބޭފުޅުންވެސް ސިޔާސީ ފިކުރަށް ނުވިސްނަވައި، ރަށުގައި އޮތް އެއްބަނޑުއެއްބަފާ ކަމާއި، އުޚުއްވަތްތެރިކަމަށް އިސްކަން ދެއްވައި، އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން ކަމުގައި ހަނދާން ކުރައްވައިގެން، މުސްލިމް އަޚުންގެ ގޮތުގައި، ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ހީކުރަން. އެއްވެސް ބޭފުޅަކު، ކުލައަކަށް، ޕާޓީއަކަށް ނުބައްލަވައި، ހިތްހެޔޮކަމާ އެކީގައި، ހަމަ އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކަވައި، އެހީތެރިކަން ދެއްވަމުން ގެންދެވުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. މިރަށުގެ ތަރައްޤީއާއި ކުރިއެރުން ބިނާވެފައި އޮތީ، މިދެންނެވި އުޞޫލުން އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން އިތުރުކޮށްގެން. މިފަދަ ކުޑަކުޑަ ރަށެއްގައި، ޚިޔާލު ތަފާތުވުމުގެ ސަބަބުން އެއްބަޔަކު ކުރާ މަސައްކަތަށް، އަނެއްބަޔަކު ހުރަސްއެޅުމަކީ، އެއީ ރަށުގެ ތަރައްޤީއަށްޓަކައި، މާ އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫން. އެހެންވީމާ، ވީހާވެސް ބޮޑަކަށް އެއްބަޔަކު އަނެއްބަޔަކަށް ނަޞޭޙަތްތެރިވެވަޑައިގަންނަވައި، ރުޅިވެރިކަމާއި ޙަސަދަވެރިކަން ނުގެންގުޅުއްވައި، މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ހީކުރަން.

އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތުއްތު ކުދިން، ސްކޫލްގެ ދަރިވަރުންގެ މެދުގައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެއްގޮތަކަށްވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ކުދިން ނުވަނުމަށް. އަދި ސްކޫލްގައި ކިޔަވައިދެއްވާ ޓީޗަރުންވެސް، ސްކޫލްތަކުގެ ކުދިން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް، އަޅުގަނޑު އިލްތިމާސް ކުރަން. ސްކޫލްގެ ދާއިރާއަކީ އެއީ ތަޢުލީމް ޙާޞިލް ކުރުމަށްޓަކައި އަދި ރަނގަޅު ތަރުބިއްޔަތެއް ލިބުމަށްޓަކައި އުފެއްދިފައިވާ މާޙައުލެއް. އެހެންވީމާ، ސްކޫލްގެ ތެރޭގައި ކުދިންނަށް ދަސްކޮށްދޭންވާނީ، ރަނގަޅު އަޚްލާޤާއި ރިވެތި ނަމޫނާ. އެންމެ ފުރަތަމަ، އެކަން ކޮށްދެއްވަން ތިއްބެވި ބޭފުޅުންނަކީ ޓީޗަރުން. އެހެންވީމާ، ޓީޗަރުންގެ ފަރާތުން ރިވެތި އަޚްލާޤާއި، ރަނގަޅު ގޮތްތައް ދަރިވަރުންނަށް ނުފެންނަ ކަމަށްވަންޏާ، އޭގެ ސަބަބުން ވަރަށް ނޭދެވޭ އަސަރުތަކެއް ކޮށްގެންދާނީ. މިއަދު އަޅުގަނޑުމެން މިޖެހެނީ، މުސްތަޤްބަލުގެ ބިންގާ އަޅަން. އެ ބިންގާ އަޅައިދޭ އެންމެ މުހިންމު އެއް މުއައްސަސާއަކީ ސްކޫލްތައް.

ވީމާ، ސްކޫލްތަކުގައި ކުރެވޭ މަސައްކަތުގައި، މުޖްތަމަޢުގައި ހިނގާ އެކިއެކި ތަފާތުތަކާއި، ފިކުރީ އެކިއެކި ދެބަސްވުންތަކާ، މިކަންކަން ސްކޫލްގެތެރެއަށް ނުވައްދަވައި، ސްކޫލްތެރެއަކީ ޙިމާޔަތް ކުރެވިފައިވާ، ސިޔާސީ ކަންކަމުން ހިމާޔަތްކުރެވި، އަޅުގަނޑުމެންގެ ދަރިންނަށް ރައްކާތެރިކަން ދެވިފައިވާ ތަނެއް ކަމަށް ހެދުމަކީ، އެއީ ހުރިހާ ޓީޗަރުން ކުރައްވަންޖެހޭ ކަމެއް. ޓީޗަރުން އަދި ހުވައެއް ނުކުރެއްވި ކަމުގައިވިނަމަވެސް، ޓީޗަރުންނަށް ލިބިފައިވާ ތަމްރީނު އަދި ޓީޗަރުންނަށް ލިބިފައިވާ ވަޒީފާގެ ރައްކާތެރިކަމާއި، ޓީޗަރުންގެ މުސްތަޤްބަލް އެއީ ހަމައެކަނި ލިބޭ މުސާރައަކަށް ބިނާވެފައި އޮތް އެއްޗެއް ނޫންކަމާއި، ޓީޗަރުންނަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމަކީ، ދަރިވަރުން ރަނގަޅުވުންކަން އަޅުގަނޑުމެން އެބަޖެހޭ ހަނދާންކުރަން.

އަޅުގަނޑަކީވެސް ޓީޗަރެއް. އަޅުގަނޑު އެންމެ އުފާވާ ކަމަކީ، އަޅުގަނޑު ކިޔަވައިދިން ދަރިވަރަކު، އެއީ ޤައުމަށް ފައިދާހުރި، ރަނގަޅު އަޚްލާޤެއްގެ، އުފެއްދުންތެރި ކުއްޖަކަށްވުން. އެގޮތުން އަޅުގަނޑު ކިޔަވައިދީފައި ތިބި ކިތަންމެ ކުދިންނެއް، ރާއްޖޭގެ ވަރަށްމަތީ މަޤާމްތަކުގައިވެސް މިހާރު އެބަތިއްބެވި. ވަރަށް ޤާބިލް، ވަރަށް ކުޅަދާނަ އަދި ޤައުމަށް ބޮޑެތި ޚިދްމަތް ކޮށްދެއްވާ ބޭފުޅުން. އަޅުގަނޑުގެ ޙަޔާތުގައި ހަމަގައިމުވެސް އަޅުގަނޑު އެންމެ އުފާވާ، އަޅުގަނޑަށް ކުރެވުނު އެންމެ އުފާވެރި މަސައްކަތަކީ އެއީ، ކިޔަވައިދިނުން. އަޅުގަނޑުވެސް ހީކުރަން، މި ޤައުމުގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައިދޭ ހުރިހާ މުދައްރިސުންނާއި މުދައްރިސާއިންވެސް، އެބޭފުޅުންގެ މަސައްކަތުގެ އެންމެބޮޑު އުފާވެރިކަމެއް ލިބިވަޑައިގަންނަވާނީ، މިދެންނެވި ގޮތަށް ރަނގަޅު ތަރުބިއްޔަތެއްގައި، ރަނގަޅު ތަޢުލީމެއް ދެވިގެން ދަރިވަރުން ތައްޔާރުކޮށްދެއްވުމުން ކަމަށް. އެހެންވީމާ، އެކަމަށްޓަކައި ހުރިހާ ޓީޗަރުންނަށް އަދިވެސް ވަރަށް ބޮޑަށް އިލްތިމާސްކޮށް އަޅުގަނޑު ދަންނަވަން، ސްކޫލްތަކުގެ ތެރެއަށް ސިޔާސީ ކަންކަން ނުވެއްދެވުމަށް.

އާދެ! މިރަށުގައި މިއީ ކުޑަކުޑަ އާބާދީއެއް އޮތް ރަށެއް. ކައިރީގައިވާ އެހެން ރަށްރަށަކީ ބޮޑެތި ރަށްތަކެއް. އެހެން ނަމަވެސް، ރާއްޖޭގައި ކުދި އާބާދީތައް ހުރި ރަށްތައް މަދެއް ނޫން. ވަރަށްގިނަ ރަށްރަށް އެބަހުރި. އަދި މިހުރިހާ ރަށްތަކުގައި އުޅުއްވާ ރައްޔިތުންނަކީވެސް ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ލިބިދޭ ހުރިހާ ޙައްޤުތަކެއް، ހަމަ ލިބެންޖެހޭ ބައެއް. އެގޮތުން ދައުލަތުން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރޭ، ރައްޔިތުންނަށް އެ ޙައްޤުތައް ލިބިދިނުމަށްޓަކައި. އެކަންކަން ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމުގައި، އަޅުގަނޑުމެން އެއްގޮތަކަށްވެސް ފަހަކަށްނުޖެހޭނަން. އެހެންވީމާ، ދަންނަވަން، ތިޔަބޭފުޅުންނަށް މިހާރު ދަތިވަމުންދާ ކަންތައްތައްވެސް، ވީހާވެސް އަވަހަކަށް ޙާޞިލްކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ.

އަޅުގަނޑަށް އެނގޭ، މިރަށަށް ލަފާފުރުމުގެ ކަންތައް ހުރިގޮތް. ފާލަމެއް އޮތަސް، މިއަދުވެސް ހަމަ ކުޑަކޮށް ގަދަވެލާއިރަށްވެސް، އަޅުގަނޑުމެން މި ފައިބަން ޖެހުނީ، ވަރަށް ޙާލުގައި އުޅެގެން. ވަރަށް ގަދަކޮށް މިއޮތީ. އެހެންވީމާ، އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުން ބަނދަރެއްގެ ބޭނުމުގައި، އެމަސައްކަތަށް އުންމީދު ކުރައްވަމުން، އެ ހުވަފެން ދެކެވަޑައިގަންނަވަމުންދާތާ ވަރަށްގިނަ ދުވަސްތަކެއް ވެއްޖެކަން. އަޅުގަނޑު ކޮންމެހެން ތިޔަބޭފުޅުންނަށް ޙަޤީޤަތާ ޚިލާފު ވާހަކައެއް ނުދަންނަވާނަން. މިއަހަރު އަދި މިރަށުގެ ބަނދަރު ހެދޭގޮތަކަށް ފައިސާ ހަމަޖެހިފައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ދާދި ދެންމެއަކު، އަޅުގަނޑުމެންގެ އަޚު ޑޮކްޓަރ މުޢިއްޒާ އަޅުގަނޑު ވާހަކަ ދެއްކިން. ވާހަކަ ދެއްކީމާ އެމަނިކުފާނު ވިދާޅުވި، މިރަށުގެ ބަނދަރު ހެދުމުގެ ކަންތައް ކުރިއަށްގެންދާ ގޮތަށޭ އޮތީ. އެހެންވީމާ، އެކަމަށް ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރައްވަމުންނޭ މިގެންދަވަނީ. އަޅުގަނޑު އުންމީދު ކުރަން، އެހެންވީމާ، އެ އުންމީދު ފުރިހަމަވެގެންދާނެ ކަމަށް. ނަމަވެސް، ކަނޑައެޅިގެން މިއަހަރު އަޅުގަނޑު އެކަން ކޮށްދޭނަމެކޭ ދަންނަވާކަށް އަޅުގަނޑަކަށް ނުކެރޭނެ. އަޅުގަނޑު ދަންނަވައިފިއްޔާ، ފަހަރެއްގައި ތިޔަބޭފުޅުންނަށް އަޅުގަނޑަށް ދޮގެއް ހެދިދާނެތީ. އެހެން ނަމަވެސް، އަޅުގަނޑުމެން އެމަސައްކަތް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.

ޑޮކްޓަރ މުޢިއްޒު މިހާރު ޙަވާލުވެވަޑައިގެން ހުންނެވީ، ދިވެހިރާއްޖޭގެ ގެދޮރު އެޅުމާއި، ޢުމްރާނީ އެކިއެކި ކަންކަން ކުރުމާބެހޭ ވުޒާރާގައި. އެ ވުޒާރާގެ ވަޒީރަކަށް. އެހެންވީމާ، މިރަށަކީ އެއްގޮތަކުން ބަލާއިރުގައި ވަރަށް ނަޞީބުގަދަ، އަދި ތިޔަބޭފުޅުން ވަރަށް ފަޚުރުވެރިވެވަޑައިގަންނަވަންޖެހޭ ރަށެއް. ސަބަބަކީ އެފަދަ އިސް މަޤާމެއްގައި މިރަށުގެ ބޭފުޅަކު މިއަދު ވަޒީރުންގެ މަޖިލީހުގައި އިންނެވީތީ.

ދެން އަޅުގަނޑު ދެންމެ މި އައި މަގުމަތީގައިވެސް އިންޖީނުގެޔަށް ވަދެލާފައި މިއައީ. މިރަށުގެ ކަރަންޓް ހަމަ އިރުއިރުކޮޅާ ކަނޑައިގެން މިދަނީ. އިންޖީނުގެ ހުރީ ވަރަށް ޙާލުގައި. މިއަދު މިހާރު އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަކީ، މިރަށުގެ އިންޖީނުގެ މިހާރު ޔޫޓިލިޓީ ކުންފުނިން ހިންގާގޮތަށް ވަނީ ހަމަޖެހިފައޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާ ލަހެއްނުވެ އިންޖީނުގޭ ކަންތައް، ޔޫޓިލިޓީ ކުންފުނި މެދުވެރިކޮށް، އަޅުގަނޑުމެން ރަނގަޅު ކުރެވޭތޯ ބަލައިދޭނަން. އިންޖީނުގެ ރަނގަޅު ކުރެވުމަކީ، ކަރަންޓް ކަނޑައިގެން ނުގޮސް، ތިޔަބޭފުޅުންނަށް ކަރަންޓް ގަވާއިދުން ލިބޭނެގޮތެއްވުން. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ވޭތޯ މަސައްކަތް ކޮށްދޭނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

އާދެ! ކުރިން ދެންނެވިހެން، މިއީކީ މާގިނަ ވާހަކަތަކެއް ދައްކަންޖެހޭ ވަގުތެއް ނޫން. އެހެންވީމާ، އަދިވެސް އެއްފަހަރު، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް މިހާ ހޫނު މަރްޙަބާއެއް ވިދާޅުވީތީ، އަދި މިހާ ހޫނުގަދަ ވަގުތެއްގައި ފާލަންދޮށަށް ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރެއްވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ﷲ އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާގިނަ ދުވަސްތަކެއްނުކޮށް، މިރަށަށް އާދެވުމުގެ އުންމީދު އަޅުގަނޑު ކުރަން.

އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالى ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތެއްގައި އުފާވެރި، ފާގަތި ދިރިއުޅުމެއް އުޅުމުގެ ތައުފީޤު ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه