بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑު އެންމެ ފުރަތަމަވެސް އުތީމުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެއީ މިއަދު ހަވީރު އަޅުގަނޑު މިރަށަށް އައިއިރުގައި، ފުރަތަމަ މިރަށަށް އަޅުގަނޑުމެން ބޭލުއްވީތީ. ދެވަނަ ކަމަކަށް، އެހާ ގިނަ ބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވުމަށްޓަކައި އެތާ ތިއްބެވީތީ. އަޅުގަނޑު ވަރަށް އުފާވޭ، ހުރިހާ ބޭފުޅުންނާ ވަކިވަކިން ބައްދަލުވެ، ސަލާމްކޮށްލައި ވާހަކަ ދައްކާލުމުގެ ފުރްޞަތެއް ލިބުނީތީ.

އާދެ! އަޅުގަނޑު މިވަގުތުގެ ގޮތުން، މާގިނަ ވާހަކަތަކެއް ނުދައްކާނަން. ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، ދާދިފަހުން އަޅުގަނޑު މިރަށަށް އައިން. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި، އެދުވަހުގެ މި ހޯލްގައި އޮތް ރަސްމިއްޔާތު. އެ ރަސްމިއްޔާތުގައި މިރަށުގެ ސްކޫލް ދަރިވަރަކު ދެއްކެވި ވާހަކަވެސް އަޅުގަނޑުގެ ހަނދާނުގައި އަދިވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުންނަކީ ވަރަށް ހަރުދަނާ، ޤައުމުގެ ކަންކަމާ ދޭތެރޭގައި ޚިޔާލު ކުރައްވާ، ޤައުމުދެކެ ވަރަށް ލޯބިވާ އަދި ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެން، ނަމޫނާއެއް ގޮތުގައި ދެކެންޖެހޭ ރައްޔިތަކު ތިބޭ ރަށެއް ކަމަށް.

އަޅުގަނޑަށް މިރަށަށް އާދެވޭ ކޮންމެފަހަރަކު އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑު ހާދަ ނަޞީބުގަދައޭ. އަޅުގަނޑަށް މިރަށަށް އާދެވޭ ކޮންމެފަހަރަކު އަޅުގަނޑު ދެކެނީ، އެއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ޝަރަފެއް ކަމުގައި. އެހެންވީމާ، އެގޮތުން މިފަހަރުވެސް އަޅުގަނޑަށް މިރަށަށް އާދެވުނީތީ، އަޅުގަނޑު ވަރަށް އުފާކުރަން. އަދި އެކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން.

އާދެ! މިއަދު މިތާނގައި ކުރިންވެސް ދެއްކެވި ވާހަކައާ ގުޅިގެންނާއި، އަދި މީގެކުރިންވެސް އަޅުގަނޑަށް ތިޔަބޭފުޅުންގެ ޝުޢޫރުތައް ވަރަށް ރަނގަޅަށް އެނގިފައި ހުރުމާ އެކުގައި، ތިޔަބޭފުޅުންނަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ، މިރަށުގައި ބަނދަރެއް ހެދުން ކަމަށް އަޅުގަނޑަށް ޔަޤީންކުރެވޭ. އެހެންވީމާ، އެކަމާ ބެހޭގޮތުން އަޅުގަނޑު ހޯދި ހޯދުމުން އަޅުގަނޑަށް އެނގުނީ، މިހާރު މިރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް އޮތީ ރޭވިފައިކަން. އަދި އެކަމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހުންނަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން ދެން އަޅުގަނޑު ނަގާ ލޯނުގެ ތެރޭގައި، މިރަށުގެ ބަނދަރު ހެދުމަށް ވަނީ ހިމެނިފައި. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯނު ހޯދުމުގައި، އަޅުގަނޑު ކުރަންޖެހޭ މަސައްކަތެއް ދެން ކުރަންވީ އަވަހަށް. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އެ ލޯނު ހޯދުމަށްޓަކައި އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކޮށްގެން އިރާދަކުރެއްވިއްޔާ، މިއަހަރު ނިމުމުގެ ކުރިން މި ބަނދަރު ހެދުމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އާދެ! އަޅުގަނޑުގެ ހިތުގައިވެސް ކޮންމެވެސްވަރެއްގެ ވިސްނުންތަކެއް އެބަހުރި. އެއީ މިރަށަކީ ވަރަށް ވަރަށް އަގުހުރި، އަޅުގަނޑުމެންގެ މި ޤައުމުގައި ހަމަ ޖަވާހިރެއްކަހަލަ ރަށެއް. އެހެންވީމާ، މިރަށަށް މިރަށުގެ ޤުދްރަތީ އުފެދުމަށް އެއްވެސްކަހަލަ ބަދަލެއް ގެންނައިރުގައި، އަޅުގަނޑުމެން ޖެހޭނެ، ޤައުމީ ފެންވަރުގައި ވަރަށް ބޮޑަށް ވިސްނަން. ނަމަވެސް އަޅުގަނޑަށް މިހާރު އެނގިފައިވާ ގޮތުގައި، މިރަށުގެ ވަރަށްބޮޑުބައި ދަނީ ގިރަމުން. އަދި މީގެކުރިން ރަށުގެ ފަސްގަނޑަށް އަންނަ ބަދަލުތައް، ކުރިން އޮތް ގޮތަކަށް ނޫން މިހާރު މިވަނީކީވެސް. އެހެންވީމާ، އެކަމާ ބެހޭގޮތުން ހަދަންޖެހޭ ދިރާސާތައް ހެދިފައި ހުރި ކަމަށް އަޅުގަނޑަށް ޔަޤީންކަން ލިބެނީ. އަދި އެންވަޔަރަންމަންޓަލް އެސެސްމަންޓްސް ވެސް މިހާރު ހެދިފައި އޮތް ކަމަށް. އެހެންވީމާ، އެހެން އެކަން އޮތް ކަމަށްވާނަމަ، އަޅުގަނޑުގެ ހިތުގައި އެއްވެސްކަހަލަ އުދާސްކަމެއްނެތި އިރާދަކުރެއްވިއްޔާ، މިކަން ކުރިއަށްދާނެ. ދެން އެކަމުގައި އަޅުގަނޑު ހަމަ ޔަޤީންކޮށް ތިޔަބޭފުޅުންނަށް ދަންނަވަން. މިރަށުގައި ބަނދަރެއް ހެދުމުގެ ކަންތައް ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑަށް ކުރެވެންހުރި ހަމަ ހުރިހާ މަސައްކަތެއް، ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑު މާގިނަ ވާހަކަތަކެއް މިރަށަކު ނުދައްކާނަން. އަޅުގަނޑު އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާލަސްތަކެއްނުވެ، މިރަށަށް އާދެވޭނެ ކަމަށް. އެހެންވީމާ، އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަމުން، ތިޔަބޭފުޅުންގެ އަރިހުގައި ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލައްވައި، ތިޔަ ހުރިހާ ބޭފުޅުންނާއި، ތިޔަ ބޭފުޅުންގެ ޢާއިލާއާއި ތުއްޕުޅު ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން.

އަދި ތިޔަބޭފުޅުން މިރަށުގައި އުފާވެރިކަމާ އެކީގައި، ޞުލްޙަވެރިކަމާއެކީ، ފާގަތިކަމާ އެކީގައި ދިރިއުޅުއްވުމަށް މާތްﷲ ތައުފީޤު ދެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه