بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ބާރަށުގެ ލޮބުވެތި އަޚުންނާއި އުޚުތުން، މިރަށުގެ ވެރިންނާއި، އޮފީސް އޮފީހުގެ މުވައްޒަފުން. އަދި އަޅުގަނޑާ އެކީގައި މިދަތުރުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ބާރަށަށް އަޅުގަނޑުމެން އައުމާ ގުޅިގެން، މިރަށުގެ ރައްޔިތުން އަތިރިމައްޗަށް ނުކުމެވަޑައިގެން، ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވި ކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، އަޅުގަނޑާއި އަދި އަޅުގަނޑުގެ ޓީމުގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ތިޔަބޭފުޅުން ތިޔަ ދެއްކެވި ރީތި މިސާލަކީ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި، މިރަށުގެ ދެންތިބި ރައްޔިތުންނަށްވެސް ރަނގަޅު މިސާލަކަށްވާނެ ކަމަށް އަޅުގަނޑު ހީކުރަން. މިރަށުން އަޅުގަނޑުމެންނަށް މި ފެނިގެންދިޔައީ، ރާއްޖޭގެ ބައެއް އެހެން ރަށްރަށެކޭ އެއްގޮތަށް، ސަރުކާރާ ދޭތެރޭގައި ހިތްހަމަނުޖެހިގެން މިހާރު އުޅޭ ބަޔަކު ކަންކަމަށް ހުރަސްއަޅަމުން ގެންދާތަން. އެކަމަކީ އެއީ މަދު ބަޔަކު ރާވައިގެން، މިހާރު ހިންގަމުން ގެންދާ ކަންތައްތަކެއް. އެއްގޮތަކަށްވެސް ރާއްޖޭގެ ގިނަބަޔަކު އެކަމަކަށް ތަރުޙީބެއް ނުދޭ. އެކަން މިރަށުންވެސް ވަރަށް ރަނގަޅަށް، ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ. އަޅުގަނޑު އުންމީދު ކުރަން، ހިތްހަމަނުޖެހިގެން މިހާރު އެ އުޅުއްވާ ބޭފުޅުންނަށްވެސް، ދާދި އަވަސް މުސްތަޤްބަލެއްގެ ތެރޭގައި، ހެޔޮވިސްނިވަޑައިގެން، މިރަށުގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް، އެކުވެރިކަމާއި އެއްބާރުލުމާ އެކީގައި، މިރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ ބޭފުޅުން އަތުކުރިއޮޅާލައްވައިގެން، މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އާދެ! އަޅުގަނޑު ހުރިހާ ރަށެއްގައިވެސް ދަންނަވާހެން، ދިވެހި ދައުލަތުން މިއަދު ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ތަފާތެއްނުކުރޭ. ހުރިހާ އެންމެންނަކީވެސް ދިވެހި ރައްޔިތުން. އެހެންވީމާ، ދިވެހި ރައްޔިތުންގެ ޙައިޘިއްޔަތުން ދިވެހި ސަރުކާރުން ލިބެންޖެހޭ ހުރިހާ އެހީތެރިކަމަކާއި، އެއްބާރުލުމެއް ލިބިގެންދާނެ. ހުރިހާ ރައްޔިތުންނަށް، ހަމަހަމަކަމާ އެކީގައި، ޤާނޫނުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ލިބިދިނުމަށްޓަކައި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިރަށަކީ މިއީ އަޅުގަނޑު ހަނދާންވާ ގޮތުގައި އަދި މިރަށަކަށް އަޅުގަނޑަކަށް މާގިނަފަހަރަކު ނާދެވޭ. އަޅުގަނޑަށް ހީކުރެވޭ ގޮތުގައި، އަޅުގަނޑަށް އެންމެ ފުރަތަމަފަހަރު މިއާދެވުނީ މިރަށަށް. ނަމަވެސް، މިރަށަށް އަޅުގަނޑު އަންނަހިތުން އުޅޭތާ ކިތަންމެ ދުވަހެއް. ސަބަބަކީ އަޅުގަނޑު އަހާގޮތުގައި މިރަށަކީ ވަރަށްރީތި ދެ ކުޅި އޮންނަ ރަށެއް. އަދި މުސްތަޤްބަލުގައި މިތަންތަނަކީ ވަރަށް ރަނގަޅަށް ތަރައްޤީ ކުރެވިދާނެ ތަންތަން. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށަށް ޚާއްޞަ ކިތަންމެ ނަންތަކެއް ހުރޭ. ރަށަކީ ރީތި ބޮޑު ރަށަކަށްވެފައި، ރީތި ގޮނޑުދޮށެއް އޮންނަ ރަށެއް. އަދި ހަމައެހެން، މިރަށުގައި މައްސަލަތައްވެސް އެބަހުރި. ޚާއްޞަކޮށް، ދެންމެ އިވިގެން އެދިޔަހެން މިރަށަކީ، ވަކިން އެހެން ރަށްރަށާ ޚިލާފަށް، މަދިރީގެ އުނދަގޫވާ ރަށެއް. ތިޔަ ހުރިހާ ރައްޔިތުންނަށް ވަރަށްބޮޑު ތަކުލީފަކަށް ވެފައިވާ ކަމެއް. މިކަން ޙައްލު ކުރުމަށްޓަކައި، ތަފާތު ދުވަސްވަރު، ތަފާތު ކަންތައްތައް ކުރެވެމުންދޭ. އެހެން ނަމަވެސް، އަދިވެސް ޙަޤީޤީ ޙައްލެއް ފެނުނު ކަމަކަށް، އަޅުގަނޑު ޤަބޫލެއް ނުކުރަން. ދެން އަޅުގަނޑަށް ހީވަނީ އަދުގެ މިވަގުތުކޮޅުގައި، މިބޭފުޅުން ރާއްވަވައިގެން އަޅުގަނޑު މިރަށަށް ގެންނެވީވެސް އެކަން ތަޖްރިބާ ކުރުމުގެ ގޮތުންހެން. މިރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތުގައި، މިދެންނެވި ކަންތައް، ވެކްޓަރ މައްސަލަތައް، މަދިރީގެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ރަނގަޅު ގޮތްތަކެއް ނެރެވޭތޯ އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނަން.

އާދެ! އެކަން ކުރަންވާނީ، މިރަށުގެ ތިމާވެށްޓަށް އިތުރު ގެއްލުމެއް ނުލިބި، މިރަށުގައި ހުރި ދިރުމަށް ގެއްލުމެއް ނުލިބޭ ގޮތަކަށް. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކުރެވޭ، އަޅުގަނޑުމެންނަށް މިހާރު ހުރި ދިރާސާތައް، އަލުން ބެލުމަށްފަހުގައި، މިކަމުގައި އަޅުގަނޑުމެންނަށް ޙައްލެއް ހޯދޭނެކަން. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، މިރަށަށް ވަރަށްގިނަ ކަންކަން ކޮށްދެއްވުމަށް ވަނީ ދައުލަތުން ވަޢުދުވެވަޑައިގެންފައި. އޭގެތެރެއިން އެއްކަމެއް ފާލަން އެޅުން. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މި ފާލަމަކީ މިއީ މިއަހަރު އަޅަން އޮތް ފާލަމެއް. ދައުލަތުގެ ބަޖެޓް ވަރަށް ތާށިކޮށް އޮތީ. ވަރަށް ދަތިކޮށް އޮތީ. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، މިއަހަރު ނިމުމުގެ ކުރިން މި ފާލަން އެޅުމުގެ މަސައްކަތް ފެށްޓޭނެ ކަމަށް.

އާދެ! މީގެއިތުރުންވެސް، ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި. އޭގެތެރޭގައި، މިރަށުގެ ޞިއްޙީ މަރްކަޒު ރަނގަޅު ކުރަން އެބަޖެހޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެންމެ ޑޮކްޓަރެއް މިވަގުތު ހުރީ. އެހެންވީމާ، ޞިއްޙީ މަރްކަޒުން ދެވޭ ޚިދްމަތް ރަނގަޅު ކުރުމަށްޓަކައި، ހެލްތް މިނިސްޓަރުގެ އަރިހުގައި އަޅުގަނޑު ދަންނަވާނަން، މިރަށަށް ވަޑައިގެން، މިރަށުގެ ޞިއްޙީ ކަންތައްތައް ޚާއްޞަކޮށް ބައްލަވައިލެއްވުމަށް. އަދި މިރަށުގެ ރައްޔިތުންނަށް ދިމާވާ އެކިއެކި ބަލިތަކާއި ރޯގާތަކާ، މިކަންކަން ލުއިކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް، އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައިދެއްވުމަށް މިނިސްޓަރ އޮފް ހެލްތް އަރިހުގައި އަޅުގަނޑު އެދޭނަން.

އާދެ! މިރަށަކީ ބިން ބޮޑު ރަށެއް. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ކޮންމެވެސްވަރަކަށް ދަނޑުގޮވާމުގެ މަސައްކަތްވެސް ކުރެވޭ ރަށެއް. އެހެންވީމާ، އެރޮނގުންވެސް އަޅުގަނޑުމެން އެބަޖެހޭ މަސައްކަތް ކުރަން. ރާއްޖޭގައި މިއަދު އުފައްދާ ތަރުކާރީއާއި މޭވާފަދަ ތަކެތި މިހާރު މާލެއަށްވެސް އެބަގެންދޭ. އެހެންވީމާ، އަދި ޚާއްޞަކޮށް، މިއަތޮޅުގައި ހުރި ރިޒޯޓްތަކަށް ބޭނުންކުރެވޭ ގޮތަށް މިރަށުގައި ދަނޑުގޮވާންކޮށް، އެކި ބާވަތް ބާވަތުގެ ތަރުކާރީއާއި މޭވާ ލިބޭނެގޮތެއްވުމަކީ، އަޅުގަނޑަށް ހީވަނީ މިރަށަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްހެން. އެހެންވީމާ، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައިވެސް، ތިޔަބޭފުޅުން ބޭނުންފުޅުވާ އެކިކަންކަމުގައި، ސަރުކާރުގެ ފަރާތުން އެހީވެދޭނެކަން އަޅުގަނޑު ދަންނަވަން.

އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، މިރަށުގައި ވަނީ ކުކުޅު ގެންގުޅުމުގެ މަޝްރޫޢެއް ފެށިފައި، ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި. އެ މަޝްރޫޢު މިހާރު އޮތްގޮތެއް އަޅުގަނޑަކަށް އަދި ރަނގަޅަކަށް ނޭނގެ. އެހެން ނަމަވެސް، އަޅުގަނޑު ހީކުރަން، މިއަދު ތިތަނުން ކޮންމެވެސް އެއްބޭފުޅަކު އަޅުގަނޑަށް އެކަންވެސް އޮޅުންފިލުއްވައިދެއްވާނެ ކަމަށް. އެކަމަކީ އެއީ ކުރިއަށްދާ ގޮތަށް އޮތް ކަމެއް ކަމަށްވާނަމަ، ދިރުންހުރި ކަމެއް ކަމަށްވާނަމަ، އަޅުގަނޑަށް ހީވަނީ އެއީވެސް ފުޅާކުރުން ހަމަ ވަރަށް ރަނގަޅު މަސައްކަތެއްހެން. ސަބަބަކީ އަޅުގަނޑުމެން ރާއްޖެއަށް މިއަދު ކުކުޅު އެބަ ގެންނަން، ބްރެޒީލާ ހަމައިން. ބްރެޒީލަކީ އެއީ ގާތްގަނޑަކަށް މި ދުނިޔޭގެ އަނެއް ފަރާތުގައި އޮންނަ ޤައުމެއް. މި ރާއްޖެއިން އެންމެ ދުރަށް ދެވޭނެ ތަން އެއީ. އެއަށްވުރެ ދުރަކަށް އަޅުގަނޑުމެންނަކަށް ނުދެވޭނެ. އެހާ ދުރުގައި އޮންނަ ތަނަކުން އަޅުގަނޑުމެންގެ ރާއްޖެއަށް އެބަ ކުކުޅު އެތެރެކުރަން. ހަމައެހެން، ވަރަށްގިނަ ޢަދަދެއްގެ ކުކުޅު ބިސްވެސް އަޅުގަނޑުމެން މިހާރު ރާއްޖެއިން ބޭރުން އެތެރެކުރަމުން މިގެންދަނީ. އެހެންވީމާ، މިރަށުގައި މިއީ ދިރޭ މަސައްކަތެއް ކަމަށްވާނަމަ، މިމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ސަރުކާރުގެ އެހީއާ އެކީގައި، އިތުރު މަސައްކަތެއް ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! މިރަށުގައި، ވާހަކަ ދެއްކެވި ބޭފުޅުން، ބޮޑަށް އަހަންމިއްޔަތުކަން ދެއްވާފައިވަނީ، ރަށުގެ ތަރައްޤީއާ ދޭތެރޭގައި. އެކަމާ އަޅުގަނޑު އުފާކުރަން. މިހާރު ކުރިމަތިވެފައިވާ ސިޔާސީ އެކިއެކި ތަފާތުތަކާއި ހަމަނުޖެހުންތައް އަޅުގަނޑުމެން އެއްކިބާކޮށް، އަޅުގަނޑުމެންނަށް މިހާރު މިވަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރަން ޖެހިފައި. ސަރުކާރުގެ ފަރާތުން މިހާތަނަށް ފެށިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫއުތައް، މީގެތެރޭގައި، ގެދޮރު ޢިމާރާތް ކުރުމުގެ މަޝްރޫޢުތައްވެސް ހިމެނޭ. މިހުރިހާ މަޝްރޫޢުތަކެއް އަޅުގަނޑުމެން ކުރިއަށް ގެންދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަމާއެކު ދަންނަވަން. އަދި މީގެތެރެއިން ބައެއް މަޝްރޫޢުތައް ހުރެދާނެ، ޤާނޫނާއި ޤަވާޢިދަށް ނުފެތޭ ގޮތަކަށް ރޭވިފައި ހުރި ބައެއް މަޝްރޫޢު. އެހެން ކަމަށްވާނަމަ، އެފަދަ ކަންކަން ބަލައި، އެކަންކަން އިޞްލާޙު ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ކުރިން ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަމެއް ކުރެވިފައި އޮއްވައި، އެ އެގޮތަށް ކުރިއަށް ގެންދިޔުމަކީ، އެއީކީ ރަނގަޅު ކަމެއް ނޫން. އެކަންޖެހޭނެ އިޞްލާޙުކޮށްގެން ކުރިއަށް ގެންދަން. މިދެންނެވީ ޚާއްޞަކޮށް، ރާއްޖޭގެ ވަރަށްގިނަ ފަޅުރަށްތަކެއް ވަނީ އެކިފަރާތް ފަރާތަށްދީފައި. ނޫނީ ދޭން ވަޢުދުވެފައި. މި ރަށްތައް ދޭން ޤަޞްދުކޮށްފައި މިއޮތީ، އެރަށް ދިނުމުގެ ސަބަބުން އެ ލިބުނު ފަރާތުން ކޮންމެވެސް ރަށެއްގައި، ނަރުދަމާ ހޮޅި އަޅައިދޭން، ނޫނީވިއްޔާ ބޯފެންލައިދޭން. މިކަހަލަ ކޮންމެވެސް މަސައްކަތަކާ ގުޅުވާފައި. މި އުޞޫލު މިއީ ޢާންމު ގޮތެއްގައި އެހާ ރަނގަޅު އުޞޫލެއް ކަމަކަށް އަޅުގަނޑު ނުދެކެން.

މީގެކުރިންވެސް، ރާއްޖޭގައި ދައުލަތުގެ އާމްދަނީ ހޯދާ ގޮތްގޮތް ހުރޭ. އަދި ރައްޔިތުންގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި، ފައިސާ ހޯދާނެ ގޮތްތައް ހުރޭ. މިދެންނެވިކަހަލަ ބޯދާ ބާޓާ ސިސްޓަމެއްގައި މަސައްކަތް ކުރުމުގެ އުޞޫލުތައް މިހާރުވަނީ މާޒީއާ ފާއިތުވެގެން ގޮސްފައި. ވިޔަފާރިކުރާ ފަރާތެއްގެ އިޖްތިމާޢީ އެހީތެރިކަން އޮންނަންޖެހޭނީ، މިދެންނެވިކަހަލަ ގޮތަކަށް ނޫން. އަޅުގަނޑުމެން އިނގިރޭސި ބަހުން މިކިޔަނީ CSR, Co-operative Social Responsibility މި މަސްއޫލިއްޔަތަކީ މިއީ މިދެންނެވި ގޮތަށް ބޮޑެތި މަޝްރޫޢު ހިންގަން އޮންނަ ކަމެއް ނޫން. ކުންފުންޏެއްގެ އިޖްތިމާޢީ މަސްއޫލިއްޔަތު އަދާކުރުމުގައި، ކުރަންޖެހޭ ކަންކަންހުރޭ. އޭގެތެރޭގައި އަޅުގަނޑުމެންނަށް މިފެންނަނީ، އެކިއެކި ޖަމްޢިއްޔާތަކަށް އެހީވެދިނުން. ކުދިންނަށް ސްކޮލަރޝިޕް ދިނުން. މީހުންނަށް ބޭސްފަރުވާކޮށްދިނުން. މިހެންދޭ އެކިއެކި އެހީތައް ދިނުން. ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް، ކުންފުންޏެއްގެ އިޖްތިމާޢީ ޚިދްމަތުގެ ނަމުގައި ކުރުމަކީ އެއީ ޢާންމުކޮށް ކޮށްއުޅޭ ކަމެއް ނޫން. އެހެން ނަމަވެސް، ޤާނޫނުގައި އޮތް ކުޑަކުޑަ ތަންކޮޅެއްގެ ބޭނުންކޮށްގެން، އުޞޫލެއްގެ ގޮތުން ވަރަށްގިނަ ޢަދަދެއްގެ މަޝްރޫޢުތައް، މިދެންނެވި ގޮތަށް ވަނީ ރަށްރަށާއި، ފަޅުރަށްރަށާ ނިސްބަތްކޮށް މީސްމީހުންނާ ޙަވާލުކުރެވިފައި. މިކަން އެބަޖެހޭ އިޞްލާޙު ކުރަން.

އެހެންވީމާ، އެމަސައްކަތް މިހާރުވަނީ ސަރުކާރުން ފަށާފައި. އޭގެތެރެއިން މިހާރު އެގްރީމަންޓް ކޮށްފައި ހުރި ރަށްރަށާއި، އަދި އެތަނުން ކުރިއަށް ގެންދެވެންހުރި މަޝްރޫޢުތައް ކުރިއަށް ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އޭގެއިތުރުން، މިހާރު ފެށިފައި ހުރި ބައެއް ބޮޑެތި މަޝްރޫޢުތައް، އަޅުގަނޑު ދެންނެވިން ކުރިއަށް ގެންދާނެ ވާހަކަ. އޭގައި ހިމެނޭ، މިސާލަކަށް ދަންނަވަނީނަމަ، ގެދޮރު އެޅުމުގެ މަޝްރޫޢު. ވަރަށްގިނަ ޢަދަދެއްގެ ފްލެޓްތައް، މާލެއާއި ހުޅުމާލޭގައި އެޅެމުން އެބަދޭ. އެ މަޝްރޫޢުތައް ކުރިއަށް އެބަދޭ. އަދި ހަމައެހެން، މި ސަރަޙައްދުގައިވެސް ފްލެޓް ނުވަތަ ގެ އެޅުމުގެ މަޝްރޫޢެއް އެބައުޅޭ. އެ މަޝްރޫޢުގެ ދަށުން މިރަށުގައިވެސް ވަނީ ފަންސާހަކަށް ގެ އަޅަން ނިންމާފައި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވަނީ. އެހެންވީމާ، އެމަސައްކަތް ކުރިއަށްދާނެ ވާހަކަވެސް އަޅުގަނޑު ދަންނަވަން.

އާދެ! ގެދޮރުގެ ދަތިކަންވެސް އަދި އެހެނިހެން ދަތި ކަންތައްތައްވެސް ފިލައިގެންދާނެ، ރައްޔިތުންގެ އާމްދަނީ އިތުރުވެ، ރައްޔިތުންގެ އަތްމަތި ތަނަވަސްވުމުން. ރައްޔިތުންގެ އަތްމަތި ތަނަވަސްވުމަށްޓަކައި ކުރަންޖެހޭ ކަމަކީ، ރައްޔިތުންނަށް މަސައްކަތުގެ ފުރްޞަތު ހޯދައިދިނުން. ނޫނީ ވަޒީފާ ހޯދައިދިނުން. އެހެންވީމާ، އެގޮތުން އަޅުގަނޑު އެންމެބޮޑަށް މިހާރު އަހަންމިއްޔަތުކަންދޭ ކަމަކީ، މި ސަރުކާރުގެ ފަރާތުން ގިނަ ޢަދަދެއްގެ ބަޔަކަށް ވަޒީފާ ލިބޭނެކަހަލަ މަސައްކަތްތަކަށް އަހަންމިއްޔަތުކަން ދިނުން. ޚާއްޞަކޮށް، ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެންނައިރުގައި، ދިވެހިރާއްޖޭގައި، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު އިތުރުވާނެކަހަލަ އިންވެސްޓްމަންޓްތައް ގެނައުން އެއީ އަޅުގަނޑު އެދޭ ގޮތަކީ. މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، އެކަމަކަށް މާބޮޑަކަށް އަހަންމިއްޔަތުކަމެއް ދެވިފައެއް ނެތް. ބޭރުގެ ބޭންކްތަކުން ބޮޑެތި ލޯނުތަކާއި، ބޭރުގެ ބޮޑެތި އެހީތައް ލިބިފައި ހުއްޓަސް، މި އެހީތައް ގޮސްފައިވަނީ، ބޭރުގެ ކޮންމެވެސް ކުންފުންޏެއް އައިސް، ރާއްޖޭގައި މަސައްކަތް ކޮށްލާފައި، ފައިސާކޮޅު ހިފައިގެންދާ ގޮތަށް. އެ ލިބޭ އެއްޗެއްގެ ސަބަބުން ރާއްޖޭގައި ވަޒީފާ އުފެދި، އެ ވަޒީފާގައި ދިވެހިން އުޅޭގޮތަކަށް ނޫން. މިދެންނެވިކަހަލަ މަޝްރޫޢު ހިންގުމަކުންނެއް، ރާއްޖޭގެ ރައްޔިތުންނަކަށް، މާބޮޑު ފޯރުންތެރިކަމެއް އިތުރުވެގެނެއް ނުދާނެ. އަތްމަތި ތަނަވަސްވެގެނެއް ނުދާނެ.

އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި، ކިތަންމެ ކުޑަ ދުވަސްކޮޅެއް ނަމަވެސް، ބޭރުން ގެންނަ އިންވެސްޓްމަންޓްތަކަކީ އެއީ ރާއްޖޭގައި ޒުވާނުންނަށް ވަޒީފާ އުފެދޭކަހަލަ އިންވެސްޓްމަންޓްތަކަކަށް ހެދުން. އަދި ހަމައެހެން، އޭގެތެރޭގައި މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑަށް ކުރިއަރާފައިވާ ދާއިރާއަކީ އެއީ ފަތުރުވެރިކަމުގެ ދާއިރާ. އެހެންވީމާ، މި ސަރަޙައްދުގައި ފަތުރުވެރިކަން މިހާރަށްވުރެ އިތުރުކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކަށް ސަރުކާރުން އިސްކަންދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އެގޮތުން، އިތުރު ރަށްރަށުގައި ޓުއަރިޒަމްގެ މަސައްކަތް ފެށުމާއި އަދި މީހުން އުޅޭ ރަށްރަށުގައި، ގެސްޓްހައުސް އެޅުންފަދަ ކަންކަމަށް އަޅުގަނޑުމެން އަހަންމިއްޔަތުކަންދޭނަން. އަދި ހަނިމާދުއަށް އަންނަ ފްލައިޓްތައް އިތުރުވެ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ކުރިއަށް އޮތް ދެތިންމަހެއްގެ ތެރޭގައި، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު، އިންޑިއާއާއި ހަނިމާދުއާ ދޭތެރޭގައި ފެށިގެންދާނެ.

އާދެ! މިއަދު ތިޔަބޭފުޅުންނާ ބައްދަލުކޮށްލުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކޮށް، އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ރައްޔިތުންނަށް، ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ފުރިހަމަ ޞިއްޙަތުގައި، އުފާވެރިކަމާއި ފާގަތިކަމާ އެކީގައި ދިރިއުޅުއްވާ ބައެއް ކަމުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه