بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހޯރަފުށީގެ ލޮބުވެތި އަޚުންނާއި އުޚުތުން. އަދި އަޅުގަނޑާ އެކުގައި މިރަށަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، މިއަދު އަޅުގަނޑާއި އަދި އަޅުގަނޑާ އެކުގައި އެންމެހާ ބޭފުޅުން މިރަށަށް ވަޑައިގަތުމުން، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުން އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ފުރަތަމަ ދަންނަވާލާނީ، މިތާނގައި ކުރިން ވާހަކަ ދެއްކެވި ބޭފުޅުންވެސް ވިދާޅުވިފަދައިން، އަޅުގަނޑުގެ އެންމެ މުހިންމު ވާޖިބަކީ، މިވަގުތު އަޅުގަނޑު ޙަވާލުވެހުރި މަޤާމުގެ ޙައިޘިއްޔަތުން ރާއްޖެއަށް ޞުލްޙަވެރިކަމާއި، އެއްބައިވަންތަކަމާއި، ފާގަތިކަމާއި އުފާވެރިކަން ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. ﷲ މިންވަރު ކުރެއްވި ގޮތުން، އަޅުގަނޑު މިމަޤާމާ ޙަވާލުވާންޖެހުނީ، ވަރަށްވެސް ސިޔާސީ ހަލަބޮލި ވަގުތެއްގައި. އެނގިވަޑައިގަންނަވާނޭ ފަދައިން، ކުރިން ހުންނެވި ރައީސް އަމިއްލަފުޅަށް އިސްތިޢުފާ ދިނުމަށްފަހުގައި، މާގިނަ ދުވަސްތަކެއްނުވެ ކުއްލިއަކަށް މިވިދާޅުވަނީ، އެމަނިކުފާނު މަޖުބޫރު ޙާލަތެއްގައި ވަކިވެވަޑައިގަތީއޭ. އެހެންވީމާ، ބޭނުންފުޅުވަނީ، އެނބުރި ވެރިކަމަށް ވަޑައިގަންނަވާށޭ. މިހެން ވިދާޅުވުމުގެ ސަބަބުން އަދި އެހެން ވިދާޅުވުމަށްފަހުގައި، އެމަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ، ވަރަށް ބޮޑެތި ޖަރީމާތަކެއް ހިންގުމުގެ ސަބަބުން ޤައުމަށްވަނީ ވަރަށްވެސް ބޮޑު ނުތަނަވަސްކަމެއް އައިސް، ރައްޔިތުންނަށް ނުރައްކާތެރި ޙާލަތުތައް ކުރިމަތިވެފައި.

އެނގިވަޑައިގަންނަވާނޭ ފަދައިން، ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކިރަށްރަށުގައި ރައްޔިތުންގެ މުދަލަށާއި އަދި އަމިއްލަ ފަރުދުންގެ މުދަލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. އެކަންކުރި ބަޔަކު އެކަންކުރީ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމުގައި އެއްވެސް ވިސްނުމެއްނެތި. ވަރަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ މަޤްޞަދުގައި. އެއީ އަޅުގަނޑު ދަންނަވާނީ، އަނިޔާވެރި އަދި ޓެރަރިސްޓް ޢަމަލުތަކެއް ކަމަށް.

އާދެ! އަދި މިއަދާ ހަމައަށްދިޔައިރުގައި، މިއިން އެއްވެސް މީހަކަށްވަނީ ޝަރުޢީ މަރްޙަލާގައި ޝަރީޢަތެއް ކުރެވި، ޙުކުމެއް ނައިސް. މިކަން މިހެން އޮތުމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ވަނީ ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދިފައި. އެ ސުވާލުތަކަކީ، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ، ރައްޔިތުންގެ މުދާތައް ހަލާކުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ މީހުންނާ ދޭތެރޭގައި، ކީއްވެހޭ ފިޔަވަޅު ނޭޅެންވީ؟ އަޅުގަނޑު އެކަމާ ދޭތެރޭގައި ކުޑަކޮށް ތިޔަބޭފުޅުންނަށް ދަންނަވާލާނަން، މިއަދު ދިވެހިރާއްޖޭގައި އޮތް ޤާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ ބާރުތައް ވަނީ ވަރަށް ބޮޑަށް ވަކިކުރެވި، މިނިވަން ކުރެވިފައި. ކުރީ ދުވަސްވަރުގައި އޮންނަހެން، ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކީ، ހުރިހާ ބާރުތަކެއް ލިބިފައި ހުންނަ މީހެއް ނޫން. ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނެ ކަންތައްތަކާއި، ނުކުރެވޭނެ ކަންތައްތައްވެސް ވަރަށް ސާފުކޮށް ޤާނޫނާއި ޤާނޫނުއަސާސީގައި ބަޔާންވެފައިވޭ. މިއަދަކީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް، ވަކިމީހަކާ ދޭތެރޭގައި ޝަރްޢީ ގޮތުން ޢަމަލުކުރަންޖެހޭ ގޮތެއް ބުނެގެންވާ މީހެއްވެސް ނޫން. ބުނަން ޖެހިގެންވާ މީހެއްވެސް ނޫން. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމްގައި ހުންނަ މީހަކު، އެކަންދާންވީގޮތާ ދޭތެރޭގައި، އެކަން އަވަސްކޮށްދެއްވާށޭ ދެންނެވުން ނޫން އެހެން އެއްޗެއް ދެންނެވުމަކީ، މިއަދު ކުރެވެން އޮތް ކަމެއް ނޫން. އަޅުގަނޑު ވަރަށް ގާތުން އެކަން ބަލަމުން މިގެންދަނީ. އެކަމުގެ ތަޙުޤީޤުތައް މިހާރުވަނީ ކޮށް ނިމިފައި. އަދި އެހުރިހާ މައްސަލަތައް މިހާރުވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ދައުލަތުގެ ފަރާތުން ކުރަންޖެހޭ މިފަދަ ދަޢުވާތައް ކުރުމުގައި، އެ ދަޢުވާތައް ހުށަހަޅާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލް. އެ ބައްލަވަންޖެހޭ ގޮތްތަކަކަށް ބެއްލެވުމަށްފަހުގައި، ޕްރޮސެކިއުޓަރ ޖެނެރަލް މައްސަލަ ހުށަހަޅުއްވާނީ ކޯޓަށް. ހުށަހެޅުއްވީމާ ކޯޓްތަކުގެ މަސްއޫލިއްޔަތެއް، އެކަމާ ބެހޭގޮތުން ދެން ޝަރީޢަތް ހިންގަވައި، އެކަމުގައި ޙުކުމެއް ނެރުއްވުން.

އަޅުގަނޑު ޔަޤީންކުރަން، މާލަސްތަކެއްނުވެ އެކަން ނިމޭނެ ކަމަށް. އަޅުގަނޑުމެންގެ ޙައްޤުތަކަށް، އަޅުގަނޑުމެން ރާއްޖެއަށް ގެންނަން މިބޭނުންވާ ޞުލްޙައާއި މަޞްލަޙަތު ގެނައުމުގައި، މިފިޔަވަޅުތައް އެޅި، އެކަން ގޮސް ނިމުމަކީ، ޤާނޫނުގައިވާ ގޮތަށް ގޮސް ނިމުމަކީ، އެއީ ކޮންމެހެން މިހާރު ކުރަން ޖެހިފައިވާ ކަމެއް. ޙަޤީޤަތުގައި މާބޮޑަށްވެސް ލަސްވެފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑު އަދިވެސް އެއްފަހަރު ޕްރޮސެކިއުޓަރ ޖެނެރަލަށާއި، އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް، އާދޭހާ އެކުގައި ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ދަންނަވަން، މިކަންކަން ލަސްނުކުރައްވައި، އަވަހަށް ގެންގޮސް ނިންމަވައިދެއްވާށޭ.

އާދެ! ކޮންމެ ޕާޓީއެއްގައި، ކޮންމެ ކުލައެއްގައި، ކޮންމެ ރަށެއްގައި ތިބި ނަމަވެސް، އަޅުގަނޑުމެން އެންމެންނަކީ ދިވެހި ރައްޔިތުން. އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތުމަކީ، އަޅުގަނޑުމެންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް ވާހަކަދެކެވި، ޞުލްޙަވެރިކަމާ އެކީގައި ކަންކަން ކުރުމަކީ، އެއީ ޤައުމުގެ މަޞްލަޙަތަށްޓަކައި، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭނެ ކަމެއް. މިހެން މިކަން އޮތުމާ އެކީގައި، އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު ވާނީ، އަޅުގަނޑު މިމަޤާމާ ޙަވާލުވިތާ، މާގިނަ ދުވަސްތަކެއްނުވެ، ޤައުމުގެ މަޝްވަރާތައް ކުރިއަށް ގެންދަންވީގޮތާ ބެހޭގޮތުން މަގުޗާޓެއް އެކުލަވައިލާފައި. މި މަގުޗާޓް ވާނީ ސިޔާސީ ހުރިހާ ޕާޓީތަކަކަށް ފޮނުވާފައި. ފޮނުވާފައި، އެހުރިހާ ބޭފުޅުންނަށް ދަންނަވާފައި އޮންނާނީ، މި މަގުޗާޓްގެ މައްޗަށް ބިނާކުރައްވައިގެން، ތިޔަބޭފުޅުން މަޝްވަރާ ކުރެއްވުމަށްފަހުގައި، ޤައުމުގައި ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެއްސުމުގައި، ކުރިއަށްދިޔުމުގައި ތިޔަބޭފުޅުން ހިތްވަރު ކުރައްވައިގެން މަސައްކަތްކޮށްދެއްވާށޭ. އެގޮތުން، އެމަސައްކަތް ކުރެއްވުމަށްޓަކައި، އެކަން ފަހިކޮށްދެއްވުމަށްޓަކައި، އެކަން ވިލަރެސް ކޮށްދެއްވުމަށްޓަކައި އަޅުގަނޑު އެމަސައްކަތް ޙަވާލުކޮށްފައިވާނީ، ބޮޑުފެންވަޅުގޭ އަލްފާޟިލް އަޙްމަދު މުޖުތަބާއާ. އެމަނިކުފާނަކީ ވަރަށް ޤާބިލް އަދި ތަޖްރިބާކާރު، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރައްވާފައި ހުންނެވި ބޭފުޅެއް. އެމަނިކުފާނު އެކަން ޤަބޫލުފުޅު ކުރެއްވީތީ، އަޅުގަނޑު އެބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އެމަނިކުފާނު، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ވަރަށް ޤާބިލްކަމާ އެކީގައި އެމަސައްކަތް ކުރައްވަމުން އެބަގެންދަވާ. އޭގެ ނަތީޖާއެއްގެ ގޮތުން، އެކިއެކި ފަރާތް ފަރާތުގައި، އެކި ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކަންޖެހޭ ވާހަކަތައް މިއަދު ދަނީ ކޮންމެވެސްވަރެއްގައި ދެކެވެމުން. އަދި މިއަދު އަޅުގަނޑުމެން މިޖަލްސާ ކުރަމުން ގެންދާއިރުގައި، ހުރިހާ ޕާޓީތަކެއްގެ ބޭފުޅުން، އެމް.ޑީ.ޕީ.ގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ގޮތުން، އެބޭފުޅުން ދަނީ ބަނޑޮހުގައި ބައްދަލުކުރައްވަމުން. އެބައްދަލުކުރެއްވުމުގައި މިހާރު ޤައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި، ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި މަޝްވަރާ ކުރައްވަމުން. އެގޮތުން ކުރައްވަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ހުރިހާ ފަރާތްތަކަކުންވެސް ޞުލްޙަވެރިވުން.

އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެވެސް ބަޔަކު، އެއީ ކޮންބައެއްކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. ހަމަނުޖެހުން އުފެއްދުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. ހަމައެކަނި މާލެއަކު ނޫން. އަތޮޅުތެރޭގައިވެސް، އެކި ރަށްރަށުގައިވެސް. އެކިއަޅުގަނޑުމެންނަށް ޞުލްޙައިގެ ވާހަކަތައް ދެކެވޭނީ، ޞުލްޙައިގެ ވެށްޓެއް ޤާއިމްކޮށްގެން. ޞުލްޙައިގެ ވާހަކަ މަޢުނަވީ ގޮތެއްގައި ނުދެއްކޭނެ، އެއްބަޔަކު އަނެއްބަޔަކު ލޮލަށް ބޮލަށް އަރަމުންދާއިރަކު. އެހެންވީމާ، ފުރަތަމަވެސް އެބަޖެހޭ، ހަމަނުޖެހުން އުފައްދާ ފަރާތްތަކުން މައިތިރިވާން. އެއްބަޔަކު އަނެއްބަޔަކާ ދިމާކުރުން ހުއްޓާލައި، އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް ހުތުރު އެއްޗެހި ގޮވުމާއި، ހަޅޭއްލެވުމާއި، ގޭގޭދޮށަށް ގޮސް، އެގެއެއްގައި ތިބޭ ކުޑަކުދިންނާއި، އަންހެނުންނާ، އެމީހުންނާ ދިމާލަށް ހުތުރު އެއްޗެހި ގޮވުންފަދަ ކަންކަން، މިހާރުން މިހާރަށް އެބަޖެހޭ ހުއްޓާލަން. ހުއްޓާލުމަށްފަހުގައި ޞުލްޙަވެރިވުމާ އެކީގައި ވާހަކަ ދައްކަން. އެހެންވީމާ، ޞުލްޙަވެރި ވާހަކަތަކުގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެންމެ ފުރަތަމަ ކުރެވޭ މަޝްވަރާއަކީ މިއީ.

އެއަށްފަހުގައި، ކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރި. އަޅުގަނޑުމެންގެ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހުތަކެއް އެބަހުރި. އެ އިޞްލާޙުތައް ގެނައުމަށްޓަކައި ކޮން ޤާނޫނުތަކަކަށް އިސްކަންދީގެންތޯ މަސައްކަތް ކުރަންވީ ކަނޑައެޅުއްވުން. އެއީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއް. ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އެބަ ތިއްބެވި. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެބޭފުޅުން ކުރިއަށް މިއޮތް ދެދުވަހެއްގެ ތެރޭގައި ވާހަކަފުޅު ދައްކަވައި ނިންމަވާއިރުގައި، ޤާނޫނީގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ލެޖިސްލެޓިވް އެނގިގެންދާނެ ކަމަށް. އެއްބަސްވެވަޑައިގަންނަވާނެ ކަމަށް. އެ އެއްބަސްވެވަޑައިގަތުމުގެ ސަބަބުން އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދު ކުރަން، ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ މަޖިލިސް، މިއަންނަ ހަފްތާގައި އާ ފެށުމެއް ފަށްޓަވާނެ. ފަށްޓަވާއިރުގައި ސިޔާސީ ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވާ އިސްކަންދޭ ތަރުތީބަކުން މަސައްކަތް ކުރިއަށްދާނެ ކަމަށް.

މިދެންނެވި ކަންކަން އެބަ ކުރަންޖެހޭ. އެހެންވީމާ، އަޅުގަނޑު ޞުލްޙައިގެ ވާހަކަތައް ދެއްކުމަށްޓަކައި މަގުޗާޓެއް އެކުލަވާލައި، ހުރިހާ ޕާޓީތަކަށް ކޮންމެއަކަސް މި ހުޅުވައިދިނީ. އަޅުގަނޑު ޔަޤީންކުރަން، އޭގެ ސަބަބުން މި ޤައުމަށް ޞުލްޙައާއި މަޞްލަޙަތު ގެނައުމަށްޓަކައި ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް.

އާދެ! ދެން އަޅުގަނޑަށް މިރަށަށް ކިތަންމެ ފަހަރަކުވެސް އާދެވިއްޖެ. އެހެން ނަމަވެސް، މިދަތުރު ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަނީ، މި މަޤާމާ ހަމައެކަނި ޙަވާލުވުމަށްފަހުގައި ފުރަތަމަ އާދެވޭ ދަތުރު ކަމަށްވާތީއެއް ނޫން. އަޅުގަނޑުގެ ވަރަށް ގާތް އަޚު ހޯރަފުށީ މުޙަންމަދު ސަލީމް، ސަލީމާ އެކުގައި އެބޭފުޅާގެ ރަށަށް އަޅުގަނޑަށް އާދެވުނީތީ، އަޅުގަނޑު ވަރަށް އުފާވޭ.

އާދެ! އަޅުގަނޑަށް މިރަށަށް އެރުމުންވެސް، ހަމަ އެންމެ ފުރަތަމަވެސް ފާހަގަކުރެވުނު އެއްކަމަކީ، ރަށުގެ ސާފުތާހިރުކަން. މަގެއްގެ މަތިން ހަމަ އެންމެ ކުނިކޮޅެއްވެސް ފެންނާކަށް ނެތް. ވަރަށް ސާފުކޮށް، ވަރަށް ރީތިކޮށް އޮތް ރަށެއް. އަޅުގަނޑަށް ކުރިއްސުރެ އެނގިފައިވާ ގޮތުގައި، މިރަށަކީ ވަރަށް ރީތި، ވަރަށް ސާފު، ވަރަށް އަޚްލާޤު ރަނގަޅު ދަރިންތަކެއް ދިރިއުޅޭ ރަށެއް. އަދި މިރަށުގައި ރައްޔިތުންނަކީވެސް ވަރަށް އެއްބައިވަންތަ އެކުވެރި އުޚުއްވަތްތެރި ބައެއް. ހަމައެހެން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށަކީ ޚާއްޞަކޮށް، ތަޢުލީމަށް ލޯބިކުރާ ރަށެއް. މިރަށުގެ މިއަތޮޅު މަދްރަސާ މިއީ އެންމެ ކުރިން ޢިމާރާތް ކުރެވުނު އެއް މަދްރަސާ. މިތަނުން ވަރަށްގިނަ ތަޢުލީމީ ޒުވާނުން އުފެދިއްޖެ. މިއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަންކަން. އެހެން ނަމަވެސް، އަޅުގަނޑުމެން މިހާރު ވިސްނާލަންޖެހޭ މިދެނުކުތާއާ ދޭތެރޭގައި. ފަހަކަށްއައިސް ރަށުތެރޭގައި މި އުފެދިގެންދާ ބައެއް ހަމަނުޖެހުމުގެ ސަބަބުން އޭގެ އަސަރު މިދެންނެވި ކަންކަމަށް މިހާރު ކުރެވެމުންދާތީ، އަޅުގަނޑުމެން އެބަޖެހޭ ވިސްނަން.

އަޅުގަނޑު ހިތާމައާއެކީ ދަންނަވަންޖެހެނީ، 2010 ވަނަ އަހަރާ އަޅާބަލާއިރުގައި، 2011 ވަނަ އަހަރު، މިރަށުގައި ކުށްކުރި މީހުންގެ ޢަދަދުވަނީ ވަރަށްބޮޑުތަން އިތުރުވެފައި. ސާޅީހަކަށް މީހުން ބަންދުކުރަން ޖެހިފައިވަނީ، މިރަށުގައި އެކި ބާވަތް ބާވަތުގެ ކުށް ކޮށްގެން. މިއީ އަޅުގަނޑު ދަންނަވާނީ މިހާތަނަށް މިރަށުގައި އެއްވެސްފަހަރަކު އެންމެ މައްޗަށް މި ޢަދަދު ދިޔަފަހަރު. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ޖެހޭ ވިސްނަން. ހަމައެހެން، އަޅުގަނޑުމެން ވިސްނަންޖެހޭ އަނެއް ކަމަކީ، މިރަށުގެ ތަޢުލީމީ ކަންކަމާ ދޭތެރޭގައި. މިހާރު މިއޮތީ އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރަން ޖެހިފައި. ވަރަށްގިނަ ޢަދަދެއްގެ ކްލާސްރޫމް ޢިމާރާތް ކުރެވެމުން މިދަނީ. ހުރިހާ ކްލާސްރޫމްތަކެއް ހުރީ ވަރަށް ބޮޑަށް ތޮއްޖެހިފައި. ވަރަށް ދަތިކޮށް ސްކޫލްގެ ކަންތައްތައް ހުރީ. އޭގެ ނަތީޖާ ކަމަށްވެދާނެ، 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާ އަޅާބަލާއިރުގައި، ސްކޫލްގެ ނަތީޖާވަނީ ތަންކޮޅެއް ދަށުގައި. އެހެންވެގެން ނުވާނެ. އަޅުގަނޑު މިދެކަންތައް ޚާއްޞަކޮށް، މިއަދު ފާހަގަކޮށްލަން. އަދި މިކަމުގައި ތިޔަ ހުރިހާ ބޭފުޅުން އަތުގުޅުއްވާލައިގެން މަސައްކަތްކޮށްދެއްވުން އެދެން. މިއަދު އަޅުގަނޑަށް މިރަށް ފެނިގެން މިދަނީ، މިރަށުގެ ވެރިން، އޮފީހުގެ ބޭފުޅުންނާއި، ރަށުގެ ސްކޫލްގެ މުވައްޒަފުންނާ ވަރަށް އެކުވެރިކަމާ އެކީގައި މަސައްކަތް ކުރެއްވީމާ، ކަންކަން ވަރަށް ރަނގަޅަށް، ވަރަށް ރީތިކޮށް ޙާޞިލް ކުރެވިގެންދާނެކަން. މިއަދު މިރަށުގެ ކައުންސިލްގެ އެއްވެސް ބޭފުޅެއްގެ އެހީއަކާނުލާ ހަމައެކަނި ސިވިލް ސަރވިސްގެ މުވައްޒަފުން އިސްވެ ތިއްބަވައިގެން، އަދި ރަށުގެ ހުރިހާ އެކިއެކި ޖަމާޢަތްތަކުގެ ބޭފުޅުން އެއްބައިވެގެން، މިކުރެއްވި މަސައްކަތުގެ ސަބަބުން ވަރަށް އޮމާންކަމާ އެކީގައި މި ޙަފްލާ ރޭވިގެން ކުރިއަށް މިދަނީ. މިއިން އަޅުގަނޑުމެންނަށް އެނގޭ، ވަރަށް ސާފުކޮށް މިރަށަކީ އަދިވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި މަސައްކަތް ކުރެއްވުމުން، ރަނގަޅު ފުރިހަމަ ނަތީޖާތައް ނެރެވޭނެ ތަނެއްކަން.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންނަށް އުފާވެރި ޚަބަރެއްދޭންޖެހޭ ކަމަށް މި ވިދާޅުވަނީ. ސަލީމް އަޅުގަނޑަށް ހަނދާންކޮށްދެއްވި. އެހެން ނަމަވެސް، އަޅުގަނޑު ހަނދާން ނެތުނީ. ތިޔަބޭފުޅުންނަށް މިހާރު މިރަށަށް ބޮޑުވެފައިވާ ކަމެއް ކަމަކަށް މިވަނީ ނަރުދަމާގެ މައްސަލަ. އަޅުގަނޑު އެކަމާ ބެހޭގޮތުން ބަލައިލިއިރުގައި، ސަޢޫދީ ފަންޑުގެ ދަށުން މި ނަރުދަމާ އެޅުމަށްޓަކައި ވަނީ ފައިސާ ލިބިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަހަރު މި ނަރުދަމާގެ މަސައްކަތް ފެށެންވާނެ، ފަށައިގަންނާނެ.

އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުގެ މިދަތުރުގައި، ވަރަށް ހޫނު ވަގުތެއްގައި، ނުތަނަވަސް ވަގުތެއްގައި، ތިޔަ ހުރިހާ ބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، އަޅުގަނޑުމެން ދައްކަންހުރި ވާހަކަތައް އެއްސެވީތީ. އަޅުގަނޑުގެ ހުރިހާވެސް އެދުމަކީ، اللّـه سبحـانـه وتعـالى މިރަށުގެ ހުރިހާ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރެއްވުން. އަދި ފާގަތިކަމާއި އުފާވެރިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه