بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وأصحابـه أجمعـين.

ހއ. އަތޮޅު ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި މިތަނަށް ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، ދިއްދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދު ދިއްދުއަށް އައުމުގެ ފުރްޞަތު ލިބުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އަޅުގަނޑުމެން މިރަށަށް އައި ވަގުތު، ތިޔަ ހުރިހާ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަދެއްވި ވަރަށް ހޫނު މަރްޙަބާއަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަޅުގަނޑު އެއްގޮތަކަށްވެސް ހިއެއްވެސް ނުކުރަން، މިހާ ހޫނުގަދަ ވަގުތެއްގައި، އެހާގިނައިރު ވަންދެން، އެހާ ގިނަ ބޭފުޅުން ނުކުމެވަޑައިގެން، އަވީގައި ތިއްބަވާނެ ކަމަކަށް. އަޅުގަނޑު އެކަމަށްޓަކައި ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ އަރިހުން މަޢާފަށް އެދެން.

އާދެ! ދިއްދުއަކީ ވަރަށް ރީތި އަދި ތަރައްޤީއަށްޓަކައި އަބަދުވެސް ލޯބިކުރާ، އަޚްލާޤު ރަނގަޅު، ހީވާގި، ކެރޭ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. އަޅުގަނޑު މިރަށަށް އަންނަތާވެސް ދުވަސްކޮޅެއްވެއްޖެ. އަޅުގަނޑު ހަނދާންވާ ގޮތުގައި، އެންމެ ފުރަތަމަ އަޅުގަނޑު މިރަށަށް އައީ، 1970ގެ ދުވަސްވަރުގެ ތެރޭގައި. އެއީ ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާ މަރްކަޒުގެ ޑިރެކްޓަރެއްގެ މަޤާމުގައި ހުރެގެން. އެދުވަސްވަރަކީ އެއީ އިބްތިދާއީ ތަޢުލީމުގެ ބިންގާ، މުޅި ރާއްޖޭގައި އެޅިގެންދިޔަ ދުވަސްވަރު. މި ސްކޫލް ޢިމާރާތް ކުރުމުގެ ކަންތައްވެސް ފުރަތަމަ ކުރެވުނީ އެދުވަސްވަރު. އަޅުގަނޑު ލަފާކުރާ ގޮތުގައި، މި ޢިމާރާތުގެ ބައެއް ޢިމާރާތްތަކަކީ، މިހާރުވެސް އޭރު ޢިމާރާތް ކުރެވިފައި ހުރި ތަންތަން. އެހެންވީމާ، ރަނގަޅު ވާހަކައެއް އެ ވިދާޅުވީ. ލައްކަ ދުވަސްވީ، ގާތްގަނޑަކަށް ސާޅީހަކަށް އަހަރަށްވުރެން ގިނަދުވަސް ވެފައިހުރި ޢިމާރާތްތަކެއް މިތާ މިހުރީ. އަދި މިހާރުގެ ޙާލަތަށް އެކަށީގެންވާ ތަންތަނެއް ނޫން މިއީކީ. މިތަންތަން އެބަޖެހޭ، މިއަށްވުރެ ރަނގަޅު ކުރަން.

އަޅުގަނޑު ފުރަތަމަ ދަންނަވާލާހިތްވަނީ، މިއަތޮޅުގެ އަތޮޅު ކައުންސިލްގެ މެންބަރު ޔޫސުފް ސިރާޖް މިއަދު އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގެން، މި ޖަލްސާގައި ތިޔަ ދެއްކެވި ވާހަކަފުޅު، އަޅުގަނޑު ވަރަށް ކަނުލާ އަހައިފިން. ފުރަތަމަ އެމް.ޑީ.ޕީ.ގެ މެންބަރެއްގެ މަޤާމުގައި ހުންނަވައިގެން، މިއަދު މި ޖަލްސާއަށް ވަޑައިގެން، ބައިވެރިވެވަޑައިގެން އަޅުގަނޑުމެންނާ ތިޔަބޭފުޅާގެ ޚިޔާލުތަކާއި، އަތޮޅުގެ ކަންތައްތައް ހުރިނެތްގޮތް އޮޅުންފިލުއްވައިދެއްވި ކަމަށްޓަކައި، އަޅުގަނޑު ތިޔަބޭފުޅާއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބަލައި، ހުރިހާ ދިވެހި ރައްޔިތުންނާ އެކީގައި، ދިވެހިރާއްޖެއަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ގެނައުމަށްޓަކައި، ގެންނަންޖެހޭ ތަރައްޤީ ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް. އަޅުގަނޑު ވަކި ޕާޓީއެއްގެ ބޭފުޅަކަށް ވަކިގޮތެއް ނަހަދާނަން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު 2008 ވަނަ އަހަރު ތިޔަބޭފުޅުން އަޅުގަނޑުވެސް އިންތިޚާބު ކުރެއްވީ، ދިވެހިރާއްޖޭގެ ފުރަތަމަ އިންތިޚާބުވީ ނައިބު ރައީސެއްގެ ޙައިޘިއްޔަތުން. ތިޔަބޭފުޅުންގެ ވޯޓުން އަޅުގަނޑު އިންތިޚާބު ކުރެއްވީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑަށް އެ މަޤާމް ލިބުނީ، ވަކި ޕާޓީއެއްގެ މީހަކަށްވާތީކީ ނޫން. އަޅުގަނޑު ހުރީ އެމް.ޑީ.ޕީ.އަކުވެސް ނޫން. ވަރަށް ކުޑަކުޑަ ޕާޓީއެއްގައި. އަޅުގަނޑު އޭރުއްސުރެ އަޅުގަނޑު ޤަބޫލުކުރީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުންނަ މީހަކުވާންޖެހޭނީ، ދިވެހި ހުރިހާ ރައްޔިތުންގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށޭ. ވަކި ޕާޓީއަކަށް ބެލުމެއްނެތި، ހުރިހާ ޕާޓީއަށް ހަމަހަމަ ގޮތެއްގައި މަސައްކަތްކޮށްދޭ ވެރިންނަށޭ. ކުރީގެ ރައީސް އަރިހުގައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައިރު، އެންމެ ފުރަތަމަ ޚިޔާލު ތަފާތުވާންޖެހުނު މައްސަލައަކީ މި މައްސަލަ. އެނގިވަޑައިގަންނަވާނެ، ވަކިހިސާބަކުން އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން. އަޅުގަނޑުމެން ދެމީހުންނަކީ މިއީ ވަކި ޕާޓީއަކަށް ވެރިކަން ކޮށްދޭން ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މީހުންނެއް ނޫނޭ. އެންމެ ފުރަތަމަ އަޅުގަނޑަށް މައްސަލަޖެހެން ޖެހުނު ހިސާބަކީ އެއީ. އަޅުގަނޑު މިއަދުވެސް ޤަބޫލުކުރަނީ ހަމަ އެގޮތަށް. ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ އަޅުގަނޑު މިހާރު މި ޙަވާލުވެހުރީ. މިހާރުވެސް އަޅުގަނޑު ޤަބޫލުކުރަނީ އެގޮތަށް.

އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނީ، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި، ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާ އެކީގައި، އިންޞާފްވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި. އެއްވެސް ޙާލަތެއްގައި، ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫޙެއްގައި، އަޅުގަނޑު އެއްވެސް ބޭފުޅަކާ ދޭތެރޭގައި ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫޙެއްގައި، ކަމެއް ކުރަން ހަމަ ފަށާއިރަށް، އެހިސާބުން އަޅުގަނޑު މިދެންނެވި އުޞޫލުތަކާ ޚިލާފުވާނެ. ޚިލާފުނުވެއެއް އެކަން އެގޮތަކަށް ނުކުރެވޭނެ. ހަމަހަމަކަމާ އެކީގައި، އިންޞާފްވެރިކަމާ އެކީގައި ކަންކަން ކުރުމަށް، އަޅުގަނޑުމެން ކިތަންމެ ނުރުހޭ ބައެއް ތިބި ކަމުގައިވީ ނަމަވެސް، އެބަޔަކާ ދޭތެރޭގައިވެސް އިންޞާފްވެރިކަމާ އެކީގައި، ހަމަހަމަކަމާ އެކީގައި މަސައްކަތް ކޮށްދިނުން. ޤައުމުގެ ޒިންމާދާރު މަޤާމްތަކުގައި، ރައްޔިތުން އިންތިޚާބުކޮށްފައިވާ އެކިއެކި މަޤާމުތަކުގައި ތިބޭ މީހުންނަކީ، ވަކި ހުވައެއްކޮށްގެން، ރައްޔިތުންނަށް ޚިދްމަތްކޮށްދޭން ތިބޭ ބައެއް. އެ ހުވައާ އެއްގޮތްވާ ގޮތުގެ މަތިން، ޚިދްމަތް ކޮށްދިނުމަކީ، އަޅުގަނޑު ކުރިން ދެންނެވިފަދަ ތަފާތުތައް ނުގެންގުޅޭ، ވަކިބަޔަކާ ދޭތެރޭގައި އެއްވެސްކަހަލަ އިމްތިޔާޒެއްނެތި މަސައްކަތް ކުރަމުން ގެންދިޔުން. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑު އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، މިދެންނެވި އުޞޫލުތަކާ އެއްގޮތަށް ރައްޔިތުންނަށް އިޚްލާޞްތެރިކަމާއި، އިންޞާފްވެރިކަމާއި ޢަދުލުވެރިކަމާ އެކުގައޭ. އަދި އަޅުގަނޑު އެދެނީ، އިންތިޚާބުވެފައިވާ އެހެނިހެން މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް އެގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުން.

އަޅުގަނޑު މިހެން މިއަދު މިދަންނަވަން މިޖެހެނީ، އިއްޔޭއްސުރެ މިރަށުގައި ކޮންމެވެސްވަރެއްގެ ހަމަނުޖެހުންތަކެއް ހިނގަމުންދިޔަ. އެއީ އަޅުގަނޑުމެން ދެކޭހިތްވާ ކަންތައްތަކެއް ނޫން. މިރަށަކީ އެބާވަތުގެ ހަމަނުޖެހުން އޮންނަ ރަށެއް ނޫން ދާދިފަހަކާ ޖެހެންދެން. މިހާރު ކޮންމެހެން އެހެންވާންޖެހޭ ސަބަބެއް ނެތް. ކޮންމެ ޕާޓީއެއްގައި ތިއްބަސް، އަޅުގަނޑުމެން އެންމެންނަކީވެސް ދިވެހި ރައްޔިތުން. އަޅުގަނޑުމެން އެންމެންނަކީ މުސްލިމުން. އަޚުންނާއި އުޚުތުން. މިރަށުގެ ރައްޔިތުން، މިރަށުގެ ދަރިން. ނަމަވެސް، ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ޢާއިލާތައްވެސް ވަނީ ބައިބައިވެފައި. އަވަށްތައް ވަނީ ބައިބައިވެފައި. ރަށްވަނީ ބައިބައިވެފައި. މިހެން މިވާންޖެހުނީ، އަޅުގަނޑުމެންގެ ސިޔާސީ ފިކުރު، އަޅުގަނޑުމެންގެ ދީނީ އުޞޫލުތަކާއި، އަޅުގަނޑުމެންގެ އަޚްލާޤީ މިންގަނޑުތަކުގެ މައްޗަށް ގެންދިޔުމުގެ ސަބަބުން. އެހެން އެކަން އޮވެގެންވާކަށް ނެތް. އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ އޭގެ ނަތީޖާ. އަޅުގަނޑުމެން ކުރަންއުޅޭ ކަންތަކަށް، އޭގެ ސަބަބުން ހުރަސްއެޅޭނެ. އޭގެ ސަބަބުން ގެއްލުން ހަމަގައިމުވެސް ލިބެމުންދާނެ. އެހެންވީމާ، އަޅުގަނޑު ވަރަށް އާދޭހާ އެކުގައި، މިރަށުގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ބޭފުޅުންނަށްވެސް ދަންނަވަން. ތިޔަބޭފުޅުން މިރަށުގެ ތަރައްޤީއާއި، ރަށުގެ ޞުލްޙަމަޞްލަޙަތު އިސްކުރައްވައި، ސިޔާސީ ފިކުރުތަކުން އެއްކިބާވެވަޑައިގެން، މަސައްކަތް ކުރައްވަމުން ގެންދަވާށޭ. އަޅުގަނޑު ވަރަށް ހިތާމަކޮށްފިން، މިއަދުގެ މި ޖަލްސާއަށް، އެޖެންޑާއަށް ގެނައި ބަދަލެއްގެ ސަބަބުން ރަށު ކައުންސިލަށް ދަޢުވަތު ނުދެވުނީމާ. އެކަން އެހެންވީ ކަމަށްޓަކައި އަޅުގަނޑު މަޢާފަށް އެދެން. އަޅުގަނޑަކަށް ނޭނގެ، ކިހިނެއްވީ ކަމެއް ކަމެއް. އެހެން ނަމަވެސް، އަޅުގަނޑު އުންމީދު ކުރަން، ކުރިއަށް އޮތް ތާނގައި، ރަށުގެ ކައުންސިލްގެ ހުރިހާ ބޭފުޅުންވެސް، ރަށުގެ މިބާވަތުގެ ކަންކަމުގައި، ޤައުމީ ކަންކަމުގައި ބައިވެރިވެވަޑައިގަންނަވައިގެން، މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އާދެ! ދެން އަޅުގަނޑު ދަންނަވާލަން އޮތީ، ޤައުމެއް ތަރައްޤީ ކުރެވޭނީ، އެ ޤައުމެއްގައި އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ޤާއިމު ކުރެވިގެން. ރަށެއްގައިވެސް ތަރައްޤީގެ މަޝްރޫޢުތައް އޮމާންކަމާ އެކީގައި ކުރިއަށް ގެންދެވޭނީ، އެރަށެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަން އޮވެގެން. އަދި ކުރަމުން ގެންދާ މަސައްކަތަށް ހުރަސްއަޅާ މީހުން، އެކަންކަން ހުއްޓާލައިގެން. ވީމާ، އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް، ކަންކަން ހުއްޓުވުމަށް، ކަންކަމާ ދެކޮޅުހެދުމަށް މަސައްކަތްކުރާ މީހުންގެ ޢަމަލުތައް ހުއްޓުވަން އެބަޖެހޭ. ހިތާމައަކީ އެއީވެސް ހަމަ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ކަމަށްވާތީ. ފުރަތަމަ އަޅުގަނޑުމެން އެބަޖެހޭ، އެބޭފުޅުންނަށް ވިސްނައިދޭން. އަޅުގަނޑުމެންގެ ސިޔާސީ ފިކުރާހެދި އަޅުގަނޑުމެންގެ ތަރައްޤީއަށް ހުރަސްއެޅިގެން ނުވާނެކަން. އަދި އެއަށްފަހުގައި، އަޅުގަނޑުމެން އެބަޖެހޭ، އެކަންކަން ކުރިއަށްދާ ކަމަށްވާނަމަ، އެކަން ހުއްޓުވަން. ވީމާ، ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް، ރައްޔިތުންގެ ކަންކަމަށް ހުރަސްއަޅައި، ރައްޔިތުންގެ މުދަލަށް ގެއްލުންދީ، ރައްޔިތުންގެ ތެރޭގައި ފިތުނަފަސާދަ އުފެއްދުމަށް އުޅޭ ބަޔަކު އެބަތިބި. އެހެންވީމާ، އެފަދަ މީހުންނާ ދޭތެރޭގައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު، ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަމުން ގެންދިޔުމަކީ އެއީ ކުރަންޖެހޭ ކަމެއް. ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން ޢަދުލު އިންޞާފް ޤާއިމް ކުރުމުގެ ކަންކަމުގެ ތެރެއަށް ވަދެ، އެކަންކަން ކުރަންވާގޮތް އަޅުގަނޑު ކިޔައެއްނުދޭނަން. އެއީ މިއަދު ޤާނޫނުއަސާސީ ރައީސުލްޖުމްހޫރިއްޔާއަކަށް ލިބިދޭ ޙައްޤެއް ނޫން.

ވީމާ، ޢަދުލު އިންޞާފް ޤާއިމް ކުރުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ ދާއިރާތަކުންނާއި ކޯޓުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތަކަށް އަޅުގަނޑު ހުރަހެއްނާޅާނަން. އަޅުގަނޑު ޔަޤީންކުރަން، ޤާނޫނަށް ބޯނުލަނބާ މީހުން، ޤާނޫނާއި ޤަވާޢިދުތައް މުގުރާ މީހުން، އަޅުގަނޑުމެންގެ ރައްޔިތުންނާއި، އަމިއްލަ ފަރުދުންގެ މުދަލަށް ގެއްލުންދޭ މީހުންނަށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. ﷲ އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެކަން އަޅުގަނޑުމެންނަށް ފެނިގެންދާނެ. އަޅުގަނޑުމެން ކެތްތެރިކަމާ އެކީގައި، މި ޤައުމުގެ ކަންކަން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން މިގެންދަނީ، ޤައުމުގެ މަޞްލަޙަތަށްޓަކައި، ޤައުމުގައި ހަމަޖެހިލައިގެން އަޅުގަނޑުމެންނަށް ދިރިއުޅެވޭނޭ ގޮތެއް ފަހިކުރުމަށްޓަކައި. ކަންކަމުގައި އަވަސްއަރައިގަނެގެން، ގަދަބާރުން ކަންތައް ކުރަން އުޅުމަކީ، ތަނުގައި ހަމަނުޖެހުން ބޮޑަށް އުފެދި، އިތުރު ހަލަބޮލިކަމެއް އަތުވެދާނެ ކަމެއް ކަމަށް އަޅުގަނޑަށް ވިސްނޭ. އެހެންވީމާ، ވީހާވެސް ޞުލްޙަވެރިކަމާ އެކީގައި، ވީހާވެސް ކެތްތެރިކަމާ އެކީގައި، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ފަރާތުން އެއްމޭޒުދޮށެއްގައި ވާހަކަ ދެއްކުމުގެ ކަންތައްތަކެއް މިހާރުވެސް ދަނީ ކުރިއަށް. އަޅުގަނޑު ވާނީ ސިޔާސީ ގޮތުން އުފެދިފައިވާ ދެބަސްވުންތަކެއް ޙައްލު ކުރުމަށްޓަކައި، އެކަމުގެ މަގުޗާޓެއް ކުރަހައި، އެ މަގުޗާޓް ސިޔާސީ ޕާޓީތަކާ ޙަވާލުކޮށްފައި. އަދި އެކަން ފަހިކޮށްދެއްވުމަށްޓަކައި، އެކަމަށް ވަރަށް ޤާބިލް ބޭފުޅަކާ އެކަން ޙަވާލުކޮށްފައި. އެބޭފުޅުން މިހާރުވެސް، އަޅުގަނޑުމެން މިވާހަކަ ދައްކާއިރުގައިވެސް، އެމަސައްކަތް އެބަ ކުރިއަށް ގެންދަވާ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އެވާހަކަތަކުގެ ސަބަބުން އިތުރު ހަމަޖެހުމާއި އެއްބަސްވުންތަކެއް ލިބިގެންދާނެ ކަމަށް. އޭގެ ނަތީޖާއެއްގެ ގޮތުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އެއްބަސްވުން އުފެދި، ހުރި ތަފާތުތައް ފިލައިގެންދާނެ ކަމަށް. އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ އެއްބައިވަންތަ، އެކުވެރި، އުޚުއްވަތްތެރި ބަޔަކު ދިރިއުޅޭ، އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި ހުރިހާ އެންމެން އެއްބާރުލައިގެން މަސައްކަތްކުރާ ތަނަކަށްވުން. އެހެންވީމާ، އެ މަޤްޞަދުގައި އިރާދަކުރެއްވިއްޔާ މިކުރެވެމުންދާ މަސައްކަތުގެ ހެޔޮ ނަތީޖާ މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ.

އާދެ! މިރަށުގެ ތަރައްޤީއަށްޓަކައި ދެންމެ އަޅުގަނޑުމެންނަށް އިވިގެން މިދިޔަ ފަދައިން، ކުރަންހުރި ކިތަންމެ ކަންތައްތަކެއް އެބަހުރި. އެގޮތުން، ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި، މިރަށުގެ ޞިއްޙީ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން. އަދި ހަމައެހެން، ހިއްކާފައިވާ ބިމުގައި އިންވެސްޓްމަންޓް ކުރުމާއި، ރަށް ގިރުމުގެ ކަންކަމުން މީހުންގެ ގޯތިގެދޮރު ސަލާމަތްކޮށްދިނުންފަދަ ކިތަންމެ ކަންތައްތަކެއް އެބަހުރި ފާހަގަކުރެވޭ. މިކަންކަމާ ބެހޭގޮތުން މިހާރުވަނީ ވަޒީރުންގެ އެކިއެކި މިނިސްޓްރީތަކުގައި، މިކަމާ ބެހޭގޮތުން ކޮންމެވެސްވަރަކަށް މަޝްވަރާ ކުރެވިފައި. އަޅުގަނޑު މިދަތުރު ނިމުމަށްފަހުގައި، އިރާދަކުރެއްވިއްޔާ އެހެން މިނިސްޓްރީތަކަށް ހުށަހެޅިފައި ހުރި ހުރިހާ ކަމެއްވެސް ބަލައި، އޭގެތެރެއިން މިހާރުން މިހާރަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. އާދެ! ޚާއްޞަކޮށް، ޞިއްޙީ ރޮނގުން ކުރެވެންހުރި ކަންކަން. މިހާރުވެސް ކުރެވެން ހުންނާނެ ބައެއް ކަންތައްތައް. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑު މިނިސްޓަރ އޮފް ހެލްތާ މަޝްވަރާކޮށް، ވަރަށް އަވަހަށް އެކަންކަން ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

އާދެ! މި މަރްކަޒަކީ މިއީ ތަޢުލީމީ ގޮތުން ވަރަށް ބޮޑެތި ޚިދްމަތްތަކެއް ކޮށްދީފައި ހުރި މަރްކަޒެއް. ވަރަށްގިނަ ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ތަޢުލީމް ލިބިދީ، މަތީ ތަޢުލީމަށް އެތައް ކުދިންނެއް ގޮސްފައިވާ މަރްކަޒެއް. އެހެންވީމާ، މިހާރު މި މަރްކަޒުގެ ފެންވަރު މިއަށްވުރެ ރަނގަޅު ކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތަކެއް ދެންމެ ފާހަގަކުރައްވައިފި. އޭގެތެރެއިން އެއްކަމަކީ، ސްކޫލްގެ ހޯލެއް، ސްޓޭޑިއަމެއް ހެދުން. އޮޑިޓޯރިއަމެއް ހެދުން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، އިތުރު ބަޖެޓް ހޯދައި އަދި އެކަމުގައި ވީހާވެސް އަވަހަކަށް މަސައްކަތް ފަށަން. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މި ސްކޫލްގެ ދަރިވަރުން އިމްތިޙާން ބާއްވާއިރުގައި، ވަރަށްގިނަ ދިމަދިމާލުގައި ތިބެގެން މިކަން މިކުރަންޖެހެނީ. ތަނުގެ ދަތިކަން މިހާރު އޮތީ ވަރަށް ބޮޑަށް އިޙްސާސް ކުރަން ޖެހިފައި. އަދި ހަމައެހެން، މިވަރުގެ ބޮޑު ސްކޫލެއްގައި، މިހާ މަދު ޢަދަދެއްގެ ފާޚާނާ ހުރުންވެސް މިއީ ވެގެންވާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ ފުރަތަމަ ކަމަކީ، ސްކޫލް ކުދިންނަށް ފާޚާނާ ކުރެވޭނެ ގޮތެއް އިންތިޒާމް ކުރުންހެން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑު މިއަހަރުގެ ތެރޭގައި ކޮށްދެވޭތޯ މަސައްކަތް ކުރާނަން.

އާދެ! އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން އޮތީ، ﷲ އިރާދަކުރެއްވިއްޔާ، މިރަށުގެ ރައްޔިތުން ބޭނުންފުޅުވާ ގޮތަށް، މިރަށުގެ ތަރައްޤީގެ ކަންތައް ކުރިއަށް ގެންދިޔުމަށްޓަކައި ވެވެންހުރި ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ވެދޭނަމޭ. މިރަށުގައި ހިއްކާފައި އޮތް ފުދޭވަރެއްގެ ބޮޑު ބިމެއް މިހާރު އެބައޮތް. ނަމަވެސް، އަދި މިވަގުތު އޮތީ އެތާނގެ ލޭންޑް ޔޫސް ޕްލޭނެއް ނެހެދި. އަޅުގަނޑު ދެކޭގޮތުގައި، އެކަން ކުރަންވާނީ، ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހުގައި. އެހެންވީމާ، އެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްޓަކައި ހައުސިންގ މިނިސްޓްރީން ކޮންމެވެސް ބަޔަކު، މިތަނަށް އައުން އެއީ ވަރަށް މުހިންމު ކަމެއް. ލޭންޑް ޔޫސް ޕްލޭނެއް ހަދާފައި، ތިޔަބޭފުޅުން އަތަށް ފޮނުވުމަކީ އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ޑިމޮކްރަސީގެ އުޞޫލުތަކުން ކޮށްގެންވާނެ ކަމެއް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި ލޭންޑް ޔޫސް ޕްލޭން އަޅުގަނޑު މިކޮޅަށް ޓީމެއް ފޮނުވާނަން.

އާދެ! ދެން އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން. ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް ހުއްޓުމަކަށް ގެނައުމަކީ އެއީ އަޅުގަނޑުގެ ވިސްނުމެއް ނޫން. އެނގިވަޑައިގަންނަވާނޭ ފަދައިން، ކުރީގެ ސަރުކާރުގެވެސް ނައިބު ރައީސަކަށް ހުރީ ހަމަ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑު ކޮންމެހެން ފަށާފައިވާ އެއްވެސް މަޝްރޫޢެއް ނިމުމަކަށް ގެނައުމަކީ އެއީ އަޅުގަނޑު ބޭނުންވާ ކަމެއް ނޫން. ބައެއްކަހަލަ މަޝްރޫޢުތައް އެބަހުރި، އެކަމަކު އެއާ ދޭތެރޭގައި ދެވަނަ ވިސްނުމަކަށްދާންޖެހޭ. އެއީ އަޅުގަނޑުމެންނަށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބައެއް ކަންކަން ކޮށްފައި ހުރިކަމަށް ވިސްނިގެން އުޅޭތީ. އެހެންވީމާ، އެފަދަ ޕްރޮޖެކްޓްތައް އަޅުގަނޑުމެން އަލުން އެބަޖެހޭ ބަލައިލަން. އެހެން ނޫނިއްޔާ ދެންހުރި އެހެން ހުރިހާ ޕްރޮޖެކްޓްތަކެއްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ، މިރަށުގައި ފްލެޓް އެޅުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެ. ނޫމަޑި ކުންފުންޏަކީ ފުދޭވަރެއްގެ ރަނގަޅު ފެންވަރެއްގައި މިހާރު މަސައްކަތް ކުރަމުން ގެންދާ ކުންފުންޏެއް. އަޅުގަނޑު ވަރަށް ގާތުން އެކުންފުނީގެ މަސައްކަތް ބަލަމުން މިގެންދަނީ. ކުޅުދުއްފުށީގެ އެމަސައްކަތް ވަރަށް ބާރަށް އެބަދޭ. ހަނިމާދޫގައިވެސް ވަރަށް ބާރަށް އެބަދޭ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މިހާހިސާބަށްވެސް، މިރަށުގައިވެސް އެމަސައްކަތް ފެށޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ.

ދެން އަދި ހަމައެހެން، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. މިއަދު ސަރުކާރަށް އިޤްތިޞާދީ ގޮތުން ކިތަންމެ ދަތިނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ދައުލަތުގެ ފަރާތުން ދެއްވަމުން ގެންދަވާ ހުރިހާ ޢިނާޔަތްތަކެއް، ޚާއްޞަކޮށް، ދުވަސްވީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ދެހާސް ތިންސަތޭކަ ރުފިޔާއާއި، ނުކުޅެދޭ ކުދިންނަށް ލިބޭ ފައިސާއާއި، އެކަނިވެރި މައިންނަށް ލިބޭ ފައިސާއާ، މިހުރިހާ ޢިނާޔަތްތަކެއްވެސް އިރާދަކުރެއްވިއްޔާ ހަމަ ބަރާބަރަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.

އާދެ! މީގެއިތުރުން މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ އާސަންދައިގެ ވާހަކަ. އާސަންދަވެސް ކުރިއަށްދާނެ. އަޅުގަނޑުމެން މިހާރު އެބަޖެހޭ، އެކަމަކު އާސަންދައަށް ބައެއް ކުދިކުދި އިޞްލާޙުތައް ގެންނަން. ސަބަބަކީ މިހާރު އޮތްގޮތުން އާސަންދައަކީ އެއްވެސް ކޮންޓްރޯލެއްނެތި، ވަރަށް ހުޅުވާލެވިގެން ހިނގަމުންދާ ކަމެއް. ދިވެހި ދައުލަތަކަށް އެއަކީ ފޯރާވަރަކަށް ރޭވިފައި އޮތް ކަމެއް ނޫން. ދައުލަތުގެ ބަޖެޓަކުން، މިހާރު ރޭވިފައި އޮތް ގޮތަކަށް އެކަމެއް ކުރިއަކަށް ނުގެންދެވޭނެ. އެހެންވީމާ، މިހާރު އަޅުގަނޑުމެން ނިންމާފައި އެއޮތީ، ސަރުކާރުގެ ހުރިހާ ތަންތަނަކުން، ހުރިހާ ޞިއްޙީ މަރްކަޒުތަކަކުން، ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކަކުން އަދި މާލޭގައިވެސް އައި.ޖީ.އެމް.އެޗް.ފަދަ ތަންތަނުން، ހަމަ ކުރިއެކޭ އެއްގޮތަށް، އާސަންދައިގެ ޚިދްމަތް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ، އެއްވެސް އެއްޗެއް އަތުން ދައްކަވަން ނުޖެހި. މިހާރު އާސަންދަވަނީ ހުރިހާ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށްވެސް ހުޅުވާލެވިފައި. އެތަންތަނުން ޖެހޭނީ، ޤަވާޢިދުން ހަމަޖެހިފައިވާ އުޞޫލުތަކެއްގެ މަތިން، އާސަންދަ ޕްރޮގްރާމްގައި އެތަންތަން ރަޖިސްޓްރީ ކުރަން. ރަޖިސްޓްރީ ކުރާއިރުގައި، އެ ހޮސްޕިޓަލްތަކާއި، އަމިއްލަ ކްލިނިކްތަކާ އެކީގައި ވާހަކަ ދެކެވި، ސަރުކާރުން ހަމަޖައްސާފައިވާ ރޭޓްތަކެއް، އެމީހުންނަށް އޮޅުންފިލުވައިދެވި، އެއްބަސްވުންތަކަކަށް އައުމަށްފަހުގައި، އެ އެގްރީމަންޓް ކުރެވޭނީ. ކުރެވިގެން އިރާދަކުރެއްވިއްޔާ، ވީހާވެސް ފުޅާ ދާއިރާއެއްގައި، ވީހާވެސް ގިނަ ތަންތަނުން އާސަންދައިގެ ޚިދްމަތް ލިބޭގޮތް ހަމަޖެހިގެންދާނެ.

އާދެ! އަޅުގަނޑު ނިންމާލަމުން ތިޔަބޭފުޅުންނަށް އަދިވެސް އެއްފަހަރު ޔަޤީންކޮށް އަރުވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރާނަން، އަޅުގަނޑުމެންގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިންވަރަކުން، ﷲގެ އިރާދަފުޅާ އެކުގައި، ހެޔޮ ވެރިކަމެއް ދިވެހިރާއްޖޭގައި ކުރެވޭތޯ.

ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ތިދެއްވި ހޫނު ތަރުޙީބަށްޓަކައި، އަދިވެސް އެއްފަހަރު އަޅުގަނޑާއި އަޅުގަނޑުގެ ޓީމްގެ ފަރާތުން ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه