بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި ވަޒީރުން. އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އިހަވަންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑު މިރަށަށް އައުމުގެ ކުރިން، ބައެއް ބޭފުޅުން ވިދާޅުވި، ފަހަރެއްގައި މިރަށަށް އަޅުގަނޑު އަންނައިރުގައި، ބައެއްކަހަލަ އަޑުއަޑު އިވިދާނޭ. ކުޑަކޮށް އެހެން ފިކުރުގެ ބޭފުޅުންވެސް އެބައުޅުއްވައޭ. ނަމަވެސް، އަޅުގަނޑު މިރަށަށް އައިސް ފޭބިއިރުގައި، އަޅުގަނޑަށް ހަމަ އިވުނީ ހަމަ އެންމެ އަޑެއް. ތަރުޙީބުގެ އަޑު. ތިޔަ ހުރިހާ ބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވަރަށްވެސް ހޫނު މަރްޙަބާއެއް ވިދާޅުވި ކަމަށްޓަކައި އަޅުގަނޑު، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް އިޚްލާޞްތެރި ޝުކުރެއް ތިޔަބޭފުޅުންނަށް ރައްދުކުރަން.

އަޅުގަނޑަށް އެނގޭ، މިރަށުގެ ކައުންސިލްގެ އެއްވެސް ބޭފުޅަކު، އެއްވެސް ކައުންސިލަރަކު މިއަދު އަޅުގަނޑު މިރަށަށް އައުމުގައި، މާބޮޑު އެހީތެރިކަމެއް ނުދެއްވާކަން. އެހެން ނަމަވެސް، ރަށުގެ އޮފީހުގެ އެކިއެކި ވެރިންނާއި މުވައްޒަފުން އަދި ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން އަދި ޚާއްޞަކޮށް، މިރަށުގެ ރައްޔިތުން ވަރަށްބޮޑު ހިތްވަރެއް ކުރައްވައިގެން، އަޅުގަނޑުމެންގެ މިދަތުރަށް ތައްޔާރުވެވަޑައިގެން، މި ޖަލްސާ އިންތިޒާމް ކުރެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް އުފަލުން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

މިރަށަށް އައިސް އަޅުގަނޑު މިވީ ކުޑަވަގުތުކޮޅުގެ ތެރޭގައި އަދި މިތަނުން އަޅުގަނޑަށް މިފެނުނު މަންޒަރުންވެސް އަޅުގަނޑަށް ކުއްލިއަކަށް ވިސްނުނު އެއްޗެއްގެ ވާހަކަ ދަންނަވާނަން. އަޅުގަނޑަށް ވިސްނުނުގޮތުގައި، ދިވެހިރާއްޖެއަކީ ވަރަށް ފުރިހަމަ ޑިމޮކްރަސީއެއް އޮތް ޤައުމެއް. އަދި ރާއްޖޭގެ ރައްޔިތުންގެ ޠަބީޢަތާއި، އަޚްލާޤާއި ދިރިއުޅުން ބިނާވެފައި ހުރިގޮތުން، ދިވެހިރާއްޖެއަކީ ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކޮށް ހިންގުމަށް، ހަމަ އެންމެ ކުޅަދާނަ، އެންމެ އެކަށީގެންވާ އެއް ޤައުމު. މިހެން މިދެންނެވީ ކީއްވެގެންތޯ؟ ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ، މިއަދު ދިވެހިރާއްޖޭގައި މި ތަފާތު ފިކުރުގައި މިއުޅޭ ހަމައެކަނި ޕާޓީގެ ބޭފުޅުން، މިއަދުވެސް އެބޭފުޅުން މަޑުމައިތިރިވެވަޑައިގެންފިނަމަ، އެހެން މީހުންނާ އެކީގައި މަސައްކަތް ކުރައްވަން ފަށްޓަވައިފިނަމަ، މި ރާއްޖެ އޮންނާނީ، ވަރަށް ޞުލްޙަވެރި، ވަރަށް އޮމާންކޮށް، އަމާންކޮށް އޮތް ތަނެއްގެ ގޮތުގައި. މި ރާއްޖޭގައި ހަމަނުޖެހުމެއް އުފައްދާނެ ހަމަ އެއްވެސް މީހަކު ނުހުންނާނެ.

މިވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ އެއްޗަކީ، މިޤައުމުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި، ނުރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ބިރުވެރިކަން އިތުރުކުރުމަށްޓަކައި މަސައްކަތްކުރާ ތިބީ ހަމަ މަދު ބައެއްކަން. އެއީ ވަކި ފިކުރެއްގެ ބައެއް. އެ ފިކުރަކީ އަޅުގަނޑު ދަންނަވާ ގޮތުގައި އަދި އެމް.ޑީ.ޕީ.ގެ ފިކުރެއްވެސް ނޫން. އެމް.ޑީ.ޕީ.ގެ ތެރޭގައި ތިބި މަދުބަޔަކު، ވަކި ބޭފުޅެއްގެ ފަހަތްޕުޅުގައި ގެންގުޅުއްވާ އާދަޔާ ޚިލާފު، ނާތަހުޒީބު، ނާޑިމޮކްރެޓިކް ފިކުރެއް. އެ ފިކުރުގައި ތިމަންނަމެން ބޭނުން ނޫން ގޮތަކަށް ކަމެއްދާ ކަމަށްވާނަމަ، އެބަޔަކަށް ހުރަސް އެޅުމަށްޓަކައި، ކޮށްފައި ނުކުރާނެ ކަމެއްނޯވޭ. އެ ވަރިހަމަ، ބައެއްގެ ފުރާނައަށް ގެއްލުން ލިބުނަސް. އެ ވަރިހަމަ، ރައްޔިތުންގެ މުދަލަށް ގެއްލުން ލިބުނު ކަމުގައިވީނަމަވެސް. އެމީހުންގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ކޮންމެފަދަ ކަމެއް ކުރުމަށްވެސް، އެ ފިކުރުގައި ތިބީ ތައްޔާރަށް. އެގޮތަށް ތިބީ ވަރަށް މަދު ބައެކޭ އަޅުގަނޑު މިދަންނަވަނީ. މިއަދު އަޅުގަނޑަށް، މިރަށަށް އައިމަވެސް، ވަރަށް ރަނގަޅަށް އެކަން ސާބިތުވެގެން ހިނގައްޖެ. މާގިނަ ބައެއް ނޫން މިއީކީ. އަޅުގަނޑުމެން އެކަމަކާ އެހެންވީމާ އެއްގޮތަކަށްވެސް ފިކުރުކުރާނެ ކަމެއް ނެތް. އަޅުގަނޑުމެން ހުރިހާ އެންމެންވެސް މިހާރު ބަލަންވީ މުސްތަޤްބަލަށް، އަޅުގަނޑުމެން ދެން ކުރަންހުރި ކަންތައްތައް.

މިހާރު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފެބްރުއަރީ 7ގެ ޙާދިޘާގެ ކަންތައްގަނޑު މިހާރު ފަހަތަށް ހިނގައްޖެ. އެކަންވެ ނިމިގެން ހިނގައްޖޭ. އެކަމުގައި ހިތްހަމަނުޖެހިގެން އުޅުނު މީހުންވެސް މިހާރު ބަލިކަށިވެ، މަދުވެ، އެކަން ނެތިގެން އެދަނީ. އެހެންވީމާ، ވަރަށްގާތް މުސްތަޤްބަލެއްގައި، އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއިން ފެންނާނީ ހަމަ އުޚުއްވަތްތެރި، އެއްބައިވަންތަ އަދި އެކީގައި މަސައްކަތް ކުރަމުންގެންދާ ރައްޔިތެއް. އެއްވެސް ދިމާލަކުން އަޅުގަނޑަކަށް ހިއެއްނުވޭ، ތަފާތު މިދެންނެވި ބާވަތުގެ ފިކުރެއްހުރި ބަޔަކު ފެނިގެންދާނެހެނެއް. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ރާއްޖޭގައި ޑިމޮކްރަސީ ހިންގުމަކީ އުނދަގޫ ކަމަކަށް ނުވާނޭ. ރާއްޖޭގައި ޙަޤީޤަތުގައި ރަނގަޅު ޑިމޮކްރަސީއެއް ހިންގޭނޭ. ފުރަތަމަ ޑިމޮކްރަސީގެ ޚިޔާލު އުފެދިގެން އައިއިރުގައިވެސް، ކުދި ޤައުމުތަކުގައި، ކުދި ރަށްތަކުގައި ޑިމޮކްރަސީ ހިންގުމުގެ ވިސްނުން އުފެދިގެން އައީވެސް. އަޅުގަނޑުމެންގެ ކުދި ރަށްރަށުގައި، މި ކުޑަކުޑަ ޤައުމުގައި އަޅުގަނޑުމެންނަށް ޑިމޮކްރަސީ، މިސާލެއްގެ ގޮތުގައި ހިންގޭނެކަމާމެދު އެއްވެސް ޝައްކެއްނެތް. މިއަދު ރާއްޖެއަށް ލިބިފައިވާ ޤާނޫނުއަސާސީއަކީ ފުރިހަމަ ޤާނޫނުއަސާސީއެއް. ތެދެއް، އެއަށް ގެންނަންޖެހޭ ބައެއް ބަދަލުތައް އެބަހުރި. ރާއްޖޭގައި ހުރި ޤާނޫނުތައް ދަނީ ފުރިހަމަވަމުން. އެއަށްވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އަދި ރާއްޖޭގައި އުފެދިފައިވާ ޑިމޮކްރެޓިކް އިންސްޓިޓިއުޝަންތައްވެސް ދަނީ ފުރިހަމަވަމުން. އެއަށް ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި. އެހެންވީމާ، އެގޮތުން، ޚާއްޞަކޮށް، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، އެ ބަދަލުކުރަންޖެހޭ ޤާނޫނުތައް މިހާރުދަނީ ފާހަގަކުރެވެމުން. އިރާދަކުރެއްވިއްޔާ، މާ ދުރުނޫން މުސްތަޤްބަލެއްގައި، އެ އިޞްލާޙުތައް ގެނެވި، އަޅުގަނޑުމެން ފަށާފައިވާ ޑިމޮކްރަސީގެ ދަތުރު، މިއަށްވުރެ ނިޔާމަ، އޮމާން ދަތުރަކަށް ބަދަލުވެގެންދާނެކަމާމެދު އަޅުގަނޑުގެ އެއްވެސް ޝައްކެއްނެތް.

އާދެ! އަޅުގަނޑު ކުޑަކުޑަ މިސާލެއް ދަންނަވާނަން. އުސްފަސްގަނޑުގެ ވާހަކަ. އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ހަމައެކަނި މާލެއަކު ނޫން، މުޅި ރާއްޖޭގައިވެސް، ކަންބޮޑުވަމުންދާ ކަމެއް. ވަކިބަޔަކު މާލޭގެ ވަކި ސަރަޙައްދެއް ނަގައިގެން، އެމީހުންގެ ބޭނުމަށްޓަކައި އެތަން ބޭނުންކުރަމުން މިގެންދަނީ. އެހެން ބަޔަކަށް އެތަނަށް ނުވަދެވޭގޮތަށް. ޢާންމު ޕާކްތަކާއި، ހުސް ބިންތަކަކީ ރައްޔިތުންގެ އެންމެން ބޭނުންކުރަން ކަނޑައެޅިފައިވާ ތަންތަން. އެތަންތަނަށް ވަކިބަޔަކު ވަދެ، އެތާނގައި ކޭމްޕްޖަހައި، އެތާނގައި ގެދޮރުއަޅައި، އެތާނގައި ފާލަންއަޅާ، މިކަންކަން ކުރުމަކީ އެއީ އެއްގޮތަކަށްވެސް ޤާނޫނު ތަންދޭ ކަމެއްވެސް ނޫން. ކުރެވިގެންވާނެ ކަމެއްވެސް ނޫން. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންނަކީ ކެތްތެރިކަމާ އެކީގައި، ހުރިހާ އެންމެންވެސް ގޮވައިގެން އުޅޭ ބަޔަކަށްވާތީ، އަޅުގަނޑުމެން ވަނީ ކޮންމެ ބަޔަކަށްވެސް ކޮންމެވެސްވަރެއްގެ ފުރްޞަތެއްދީފައި. އެހެން ނަމަވެސް، ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނަންޖެހޭނެ. ކޮންމެ ގޯސްކަމަކަށް ހުއްޓުމެއް އަންނަންޖެހޭނެ. އެގޮތުން، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބަޔަކު އުޅެން ފެށުމުން، އެކަން ހުއްޓުވުމަށްޓަކައިވެސް މަސައްކަތްތަކެއް ކުރަންޖެހޭނެ. ސަރުކާރުގެ ފަރާތުން އެ ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ. ނަމަވެސް، އެނގިވަޑައިގަންނަވާނެ، މިއަދުގެ ޑިމޮކްރަސީގައި އަޅުގަނޑުމެން ގަދަބާރުން، ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް ކަންތައްކޮށެއް ނަހަދާނެ. އަޅުގަނޑު ދަންނަވާފައި އޮންނާނީ. އަޅުގަނޑުމެންގެ މި ސަރުކާރަކީ، މި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތަށް، ޤާނޫނުގެ ބާރު ރާއްޖޭގައި ހިންގާނެ، ޤާނޫނަށް ތަބަޢަވާނެ ސަރުކާރެކޭ.

އެހެންވީމާ، މިދެންނެވި އުޞޫލުން ކޮންމެ ކަމެއްވެސް ކުރާނީ، އެކަމެއް ކުރުމުގެ ބާރު ލިބިފައިވާ ފަރާތުން. ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ބަޔަކު ކަންކަން ކުރީމާ، އެކަންކަން ހުއްޓުވަންޖެހޭ މުއައްސަސާތައް އެބަހުރި. އެ މުއައްސަސާތަކުން ފިޔަވަޅު އަޅަމުން ގެންދާނެ. އެގޮތުން، އުސް ފަސްގަނޑު މިދޭތެރެއިން ސާފުކުރަން ފުލުހުން ނުކުތީ، ފުލުހުންގެ މުއައްސަސާއަށް ލިބިފައިވާ ބާރުގެ ދަށުން. ނަމަވެސް، ރައްޔިތުންގެ ބަޔަކު އެކަމާމެދު ޝަކުވާ ކުރުމުން، ކޯޓުން ވަގުތީ އަމުރެއް ނެރި، އެކަން ހުއްޓުވާ އަދި ހަމައެހެން، އެތަނުން ނަގައިގެން ގެންދިޔަ ތަކެތިވެސް އަނބުރާ ގެނައުމަށްވެސް ކޯޓުން އަމުރުކުރި. އެއީ ވަގުތީ އަމުރުތަކެއް. ނަމަވެސް، އެކަމުގެ ޞައްޙަކަމާމެދު ސުވާލު އުފެދި، އެކަން އަނެއްކާވެސް އިސްތިޢުނާފް ކުރުމުން، މިހާރު އަޅުގަނޑުމެންނަށް ސާފުވެގެން ހިނގައްޖެ، ފުލުހުން ޢަމަލުކުރީ ރަނގަޅަށްކަން. މިހާރު އަޅުގަނޑުމެންނަށް ޔަޤީންވެއްޖެ، ދިވެހިރާއްޖޭގައި އޮތް ޑިމޮކްރަސީގައި، ހުރިހާ އެންމެންގެ ޙައްޤުތައްވެސް ބަރާބަރަށް، ފުރިހަމައަށް ބެލެމުންދާކަން. ދައުލަތުގެ ފަރާތުން ކަމެއް ކުރަން އުޅުމުން، އެއީ ރަނގަޅަށް ކުރެވޭ ކަމެއް ނޫން ކަމަށް ބަޔަކަށް ހީވެއްޖެނަމަ، އެކަމާ މެދުގައިވެސް އެޅޭނެ ފިޔަވަޅު އެބަހުރިކަން، މިއަދު ވަރަށް ރަނގަށް ސާފުވެގެން ހިނގައްޖެ. އަދި އެގޮތަށް ޝަކުވާކުރާ ބަޔަކަށް، އެ ޝަކުވާގެ ޞައްޙަކަމާމެދު ބެލުމަށްޓަކައި ވަގުތުކޮޅެއްވެސްދީ، އެއީ ޞައްޙަ ޝަކުވާއެއް ކަމުގައި ނުވާނަމަ، އެކަމެއް ކުރިއަށް ގެންދެވޭނެ ގޮތްވެސް މިހާރު އެއޮތީ ވަރަށް ރީތިކޮށް ފެންނަން.

އަޅުގަނޑު މިދަންނަވަނީ، މިއީ އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ވަރަށް ފުރިހަމަ ނަމޫނާއެކޭ. އަޅުގަނޑުމެން މިއަދު ފަޚުރުވެރިވާންޖެހޭނެ. އަޅުގަނޑުމެންގެ ރާއްޖޭގައި އަޅުގަނޑުމެންގެ ޙައްޤުތައް ރައްކާތެރިކުރާނެ މުއައްސަސާތައް ޤާއިމްވެފައިވާތީ. އަދި އެ މުއައްސަސާތަކުން ކުރާ މަސައްކަތަށް، ދައުލަތުގެ ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކޮށް، އެ މުއައްސަސާތައް ޙިމާޔަތް ކުރަމުން ގެންދާނެ. އެހެން ނުވާނަމަ، މި ރާއްޖޭގައި ޑިމޮކްރަސީއެއް ޤާއިމެއް ނުކުރެވޭނެ. ވެރިކަމުގައި ތިބޭ މީހުން ކޮންމެ ގޮތަކަށް، ހިތަށްއަރާހާ ފަހަރަކު ކަންތައް ކުރެވޭ ތަންތާކުއެއް ޑިމޮކްރަސީއެއް ނޯންނާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ދިވެހިރާއްޖޭގެ ރައްޔިތުން، ވަރަށްގިނަ ޒަމާންވަންދެން އަޅުގަނޑުމެންގެ ޙައްޤުތައް ހޯދުމަށްޓަކައި ކުރަމުން އައި މަސައްކަތް ފުރިހަމަކުރެވޭތޯ. ޑިމޮކްރަސީއަށްޓަކައި އަޅުގަނޑުމެން ފަށާފައިވާ ދަތުރު ކުރިއަށް ގެންދެވޭތޯ، ފަހަތަށްނުޖެހި. ތެދެއް، 7 ފެބްރުއަރީގައި މިއައި ބަދަލާ ގުޅިގެން، އަޅުގަނޑުމެންގެ ތެރޭގައިވެސް ބަޔަކު ކިޔަމުން އެބަގެންދޭ، މިއީ ޑިމޮކްރަސީގެ ނިމުމޭ. ޑިމޮކްރަސީ ފަހަތަށްދިޔައީއޭ. 30 އަހަރުގެ ވެރިކަން އިޢާދަވީއޭ. މިބާވަތުގެ ވިޔާނުދާ ވާހަކަ. ނަމަވެސް، މިއަދު ކަންތައްތައް ވަމުންދާގޮތުން، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ސާފުވެވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ދަތުރު މިހާރު މިދަނީ ކުރިއަށް. އަދި މިހާތަނަށް ދިވެހިރާއްޖޭގައި ދުވަހަކުވެސް ނުދެކޭފަދަ މިނިވަންކަމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި މިއޮތީ ޤާއިމްވެފައި.

ދިވެހި ރައްޔިތަކު، އެ ރައްޔިތަކަށް ޤާނޫނުއަސާސީ ލިބިދޭ ޙައްޤެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މިއަދު އެއްވެސް ހުރަހެއްނެތް. އެކަން ފަހިކޮށްދިނުމަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި، ތެދެއް. އެގޮތުން، ރައްޔިތުންނަށް ލިބިދޭންޖެހޭ ޤާނޫނީ އެހީތެރިކަން ހޯދައިދިނުން އެއީ ކުރަންޖެހޭ އެއްކަންތައް. އަޅުގަނޑު ކުޑަކުޑަ މިސާލެއް ދަންނަވާފާނަން. މިހާރު އެކިއެކި ޒާތުގެ އެކި ބާވަތް ބާވަތުގެ ވާހަކަތައް، މީސްމީހުންނާ ދޭތެރޭގައި ދެކެވެމުންދޭ. އެކިކަހަލަ ތުހުމަތު، މީހުންގެ އިސްތަށިފުޅުގައި އެޅިގެންދޭ. ކޮރަޕްޝަންގެ ވާހަކައާއި، މީހުންގެ ޢިއްޒަތާއި ޤަދަރު ކުޑަކޮށްލެވޭކަހަލަ ވާހަކަ ދެކެވެމުން އެބަދޭ. މިކަންކަމާ ބެހޭގޮތުން މިސާލަކަށް، ޝަރީޢަތުގައި ޙައްޤު ނެރުމަށްޓަކައި މަސައްކަތްކުރާ މީހަކަށް އެބަޖެހޭ ޤާނޫނީ އެހީތެރިކަން ހޯދަން. ހޯދަން ބަލާއިރުގައި އެއީ ވަރަށް ޚަރަދު ބޮޑު، ވަރަށް އަގުބޮޑު ކަމަކަށް މިއަދު ވެފައި މިއޮންނަނީ. ކިތަންމެ ކުޑަކުޑަ ކަމަކަށްވެސް ކޯޓަކަށް ވަކީލަކު ފޮނުވަންވެއްޖެ ކަމަށްވާނަމަ، ވަރަށްބޮޑު އަގެއްދީގެން މިއަދު ވަކީލެއްގެ ޚިދްމަތް ހޯދެން އަންނަނީ. ގިނަފަހަރަށް ވަކީލަކަށްދޭ އަގަށްވުރެ، މާ ކުޑަކުޑަ އެއްޗެއް، މި ކުރާ ދަޢުވާގެ ސަބަބުން އެމީހަކަށް މިލިބެނީ. ފަންސަވީސްހާސް ރުފިޔާދީގެން ވަކީލަކު ކޯޓަށް ފޮނުވީމާ، ކާމިޔާބުތަކެއް އެމީހާއަށް ކޮމްޕެންސޭޝަނެއްގެ ގޮތުގައި ފަސްހާސް ރުފިޔާ ލިބުމަކީ އެއީ އަދި ދެކޮޅުޖެހޭ ކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން. މިބާވަތުގެ ކިތަންމެ ކަންތައްތަކެއް އެބަހުރި އަޅުގަނޑުމެން ރަނގަޅު ކުރަންޖެހޭ.

މި ސަރުކާރުގެ މަޤްޞަދަކީ، ރައްޔިތުންގެ ޤާނޫނީ ޙައްޤުތައް، ރައްޔިތުންނަށް ލިބިދިނުމަށްޓަކައި، އެކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިޔުން. އެކަމަށްޓަކައި އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު މިވަނީ އާ ވުޒާރާއެއް އުފެދިފައި. ފުރަތަމަ މި ވުޒާރާ އުފެއްދުމަށް އަޅުގަނޑު ހުށަހެޅީމާ، ވަރަށްގިނަ ފަރާތްތަކުން ބުނީ، ތިއީ ކުރަންޖެހޭ ކަމެއް ނޫނޭ. ދިވެހިރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އެބައޮތޭ، ކީއްކުރާ ވުޒާރާއެއްހެއްޔޭ؟ އެހެން ނަމަވެސް، އަޅުގަނޑަށް ޔަޤީންކުރެވޭ ގޮތުގައި، ރައްޔިތުންނަށް ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި، އެހީތެރިކަން ލިބިދިނުމަށްޓަކައި ދައުލަތުގެ ފަރާތުން އެބަޖެހޭ މަސައްކަތް ކުރަން. ސަރުކާރުން އެބަޖެހޭ، އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގަން. އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި. ކުޑަކުދިންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި. ނުކުޅެދޭ މީހުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. ދުވަސްވީ މީހުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި. އެހެންވީމާ، މިގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި، އާ ވުޒާރާއެއް އުފެދިގެން މިދިޔައީ. އަޅުގަނޑުމެންގެ ކައިރީގައި މިއަދު މިތަނަށް ވަޑައިގެން އެބައިންނެވި، އެ ވުޒާރާގެ ވަޒީރު، އަލްއުސްތާޛާ ދިޔާނާ ސަޢީދު. އެކަމަނާގެ މަސައްކަތްޕުޅުން، އަޅުގަނޑަށް ޔަޤީންކުރެވޭ، ވަރަށް ކައިރި މުސްތަޤްބަލެއްގައި، ވަރަށް ބޮޑެތި އެހީތަކެއް ރައްޔިތުންނަށް ވެގެންދާނެ ކަމަށް. ރައްޔިތުންގެ ޙައްޤުތައް ހޯދުމަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް އިންތިޒާމް ކުރެވިގެންދާނެ ކަމަށް.

އާދެ! މިދެންނެވިކަހަލަ ކަންކަން، ކިތަންމެ ކަންތައްތަކެއް މިއަދު އަޅުގަނޑުމެން ކުރަން އެބަހުރި، އަޅުގަނޑުމެންގެ ޑިމޮކްރަސީ ފުރިހަމަކުރުމަށްޓަކައި. މިއަދު އަޅުގަނޑު އެންމެ ފަޚުރުވެރިވާ އެއްކަމަކީ، ދިވެހިރާއްޖޭގައި ސަރުކާރާ ބެހޭގޮތުން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ނަމަވެސް، ކޮންމެ އެއްޗެއްކީ ނަމަވެސް، މީހަކު ދައްކާ ވާހަކައަކުން މިއަދު މީހަކު ބަންދެއް ނުކުރާނެ. އަޅުގަނޑުމެން ޔަޤީންކޮށްގެން ތިބީ، 2008 ވަނަ އަހަރު، އިންތިޚާބަށްފަހުގައި އަޅުގަނޑުމެން ސަރުކާރަށް، އަޅުގަނޑުމެން އެ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބިއްޖެ ކަމަށް. އަޅުގަނޑުމެން ދައްކާ ވާހަކައަކުން، ބުނާ އެއްޗަކުން ގެންގޮސް ހައްޔަރު ނުކުރާނެ ކަމުގެ ޔަޤީންކަން. އެ ޔަޤީން އޮތް ކަމަށް ހީވެގެން އަޅުގަނޑުމެން ތިއްބާ، ކުއްލިއަކަށް ފެނިގެންދިޔައީ، ޖިނާއީ ކޯޓުގެ އިސް ޤާޒީ ހައްޔަރުކުރިތަން. އެހިސާބުން އަޅުގަނޑުމެންނަށް ޔަޤީންވެއްޖެ، އަދި އަޅުގަނޑު މިދެންނެވި ހައްޤު އަޅުގަނޑުމެންނަކަށް ނުލިބޭކަން. މިހާރު އަޅުގަނޑު ޔަޤީންކޮށް އަރުވަން ތިޔަބޭފުޅުންނަށް. ދެނެއް ހަމަގައިމުވެސް އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިއޮތް ސަރުކާރު ހިންގުމުގެ އެކިއެކި މަޤާމުތަކުގައި ތިއްބައެއް، އެއްވެސް މީހަކު، އެމީހަކު ދައްކާ ވާހަކައަކުން، ކުރާ ކަމަކަށް ޝަރީޢަތުގެ ޙުކުމެއްނެތި، ޝަރީޢަތުގެ އެންގުމެއްނެތި، ހަމަގޮސް މީހަކު ތަނެއްގައި ހުއްޓާ ހިފާ ހައްޔަރެއް އަޅުގަނޑުމެން ނުކުރާނެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު އަރުވަން. އާދެ! އެހެންވީމާ އަޅުގަނޑު މިދަންނަވަނީ، ދިވެހިރާއްޖޭގައި މިހާރު މިއޮތް ނިޒާމަކީ، މިއީ ވަރަށް ޑިމޮކްރެޓިކް ނިޒާމެކޭ. މިއަށް ގެންނަންޖެހޭ އިޞްލާޙުތައް އެބަހުރި. ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އެކަންކަން އިރާދަކުރެއްވިއްޔާ ކުރުމުގައި، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. ސަރުކާރުގެ ފަރާތުން އެކަންކަން ކުރަމުން އަޅުގަނޑުމެން ގެންދާނަން.

އާދެ! އިހަވަންދޫގެ ތަރައްޤީއަށްޓަކައި މިހާރުވެސް ތަފާތު މަޝްރޫޢުތައް ހިނގަމުން އެބަދޭ. އެގޮތުން އަޅުގަނޑު ވަރަށް އުފާކުރަން، މިރަށުގެ ބަނދަރު ހެދެމުންދާތީ. އިރާދަކުރެއްވިއްޔާ، ބަނދަރުގެ މަސައްކަތް، ބާރަށް ކުރިއަށްގޮސް، ވަރަށް ކައިރި މުސްތަޤްބަލެއްގައި ބަނދަރު ނިމޭނެ. އަދި ހަމައެހެން، މި ސްކޫލްގެ ޢިމާރާތްވެސް މިހާރުވަނީ 12 ކްލާސްރޫމްގެ ޢިމާރާތް ހަދާ ނިމިފައި. ވަރަށް ކައިރި މުސްތަޤްބަލެއްގައި، އެ ޢިމާރާތަށް ބޭނުންވާ ފަރުނީޗަރުވެސް ލިބި، އެތާނގައި ކިޔެވުން ފެށޭވަރުވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މީގެއިތުރުން، މިހާރު ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި، ފެނުގެ ނެޓްވަރކެއް އެޅުމުގެ މަސައްކަތްތަކެއް ހިނގަމުންދާ ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތީ. ނަމަވެސް، މިރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އަދި ފެށޭ ގޮތަށް ހަމަޖެހިފައި އޮތް ކަމަކަށް އަޅުގަނޑަކަށް މަޢުލޫމާތު ލިބިފައެއް ނެތް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ދެން މި އާ ޕްރޮޖެކްޓްތައް ރާވަމުން ގެންދާއިރުގައި، މިރަށުގެ ނަރުދަމާގެ ކަންތައްވެސް، އާ މަޝްރޫޢެއްގެ ގޮތުގައި ހިމަނާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެ ހުރިހާ ރައްޔިތުންވެސް އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި، އުފާވެރި، ފާގަތި މާޙައުލެއްގައި ދިރިއުޅެމުން ދިޔުމުގެ ތައުފީޤު، މާތްﷲ ތިޔަ ހުރިހާ ބޭފުޅުންނަށް ދެއްވުން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް، މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ދުޅަހެޔޮ ޞިއްޙަތެއް މިންވަރު ކުރެއްވުން.

އަދިވެސް އެއްފަހަރު، އަޅުގަނޑުމެންނަށް ތިދެއްވި ހޫނު މަރްޙަބާއަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه