ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޤައުމީ އިނާމު ދެއްވާ އުޞޫލުތަކަށް ބައެއް ބަދަލު ގެންނަވައި، މިއަހަރުގެ ޤައުމީ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، މިއަހަރު އަލުން އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުކުރިން ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި، މި އިނާމާބެހޭ ތަފްޞީލު ދެއްވީ، ކޮމިޓީގެ ޗެއަރމަން އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި، އެކޮމިޓީގެ އެހެން މެންބަރުންނެވެ.

ކޮމިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، އިނާމަށް އެކިފަރާތްތައް ހޮއްވެވުމުގެ ކަންތައްތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ގެންދެވުމާ ބެހޭގޮތުން ކޮމިޓީގައި ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައި އަދި އެދާއިރާއަކާ ގުޅޭ ސަރުކާރުގެ މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކުގެ ލަފާ ހޯއްދަވައިގެން، މިއަހަރު ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާނެ ކަމުގައި ވިދާޅުވިއެވެ.

ޝަރަފްގެ ޤައުމީ އިނާމު ދެއްވުމުގައި، މިހާތަނަށް ބައްލަވަމުން ގެންދެވި މުއްދަތަށް ވަކި ބަދަލެއް ނުގެންނަވާ ކަމަށާއި، އެހެން ނަމަވެސް، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު، ވަކިވަކި ފަރުދުންނަށް ދެއްވަމުން ގެންދަވާ މުއްދަތު، 10 އަހަރުން 7 އަހަރަށް ބަދަލުކުރެއްވުން އެއީ، މިއަހަރު ގެންނެވި އެންމެ މުހިންމު އެއް ބަދަލު ކަމުގައި ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވިއެވެ.

މީގެއިތުރުން، އެއް ދާއިރާއެއްގެ ގޮތުގައި މީގެކުރިން އޮތް ދިވެހި ތާރީޚާއި ތަރިކައާއި ޘަޤާފަތުގެ ދާއިރާ، ވަކި ތިން ދާއިރާއަކަށް ވަނީ ބަދަލުކުރައްވާފައެވެ. އެއީ، ދިވެހި ތާރީޚުގެ ދާއިރާއާއި، ދިވެހި ޘަޤާފަތާއި، އާދަކާދައިގެ ދާއިރާއާއި، ޤައުމީ ތަރިކައިގެ ދާއިރާއެވެ.

އިނާމު ދެވޭ އެކި ދާއިރާތަކަށް ބައެއް މުހިންމު ރޮނގުތައްވެސް ވަނީ އިތުރު ކުރައްވާފައެވެ. އޭގެތެރޭގައި، ދިވެހިބަހާއި ބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާ ކުރުމާއި، ތާރީޚާ ބެހޭ ފޮތް އެކުލަވާލައި ލިޔެ ޝާއިޢު ކުރުމާއި، ވޮކޭޝަނަލް އެޑިޔުކޭޝަން ނުވަތަ ޢަމަލީ މަސައްކަތުގެ ރޮނގުން މީހުން ބިނާކުރުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ބަލިތައް ރައްކާތެރި ކުރުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ޚިދްމަތް ކުރުމާއި، ހުށަހެޅުމުގެ ހުނަރުވެރިކަމާއި، ރޭޑިޔޯއާއި ޓީވީ ޕްރޮގްރާމްތައް އުފެއްދުމުގެ ރޮނގު ހިމެނެއެވެ.

ކުރީ ދެފަހަރެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރި ނުކުރައްވައި، ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަން، ޤައުމީ އިނާމަށް ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމްތައް ފޮނުއްވަން ޖެހެނީ [ޤައުމީ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން ހުށަހަޅުއްވާ ފޯމްތައް ހުށަހެޅުއްވުމުގެ ފުރްޞަތު، އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުއްވާލައްވާފައެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުއްވުމުގައި، ވީހާވެސް ގިނަ އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންވާތީ، އެފަދަ ޖަމްޢިއްޔާ ޖަމާޢަތްތަކާ ކޮމިޓީގެ ފަރާތުން ބައްދަލުކުރައްވައި، މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ޤައުމީ އިނާމާބެހޭ މަޢްލޫމާތު ދެއްވައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ގެންދެވުމަށްވެސް ޤައުމީ އިނާމު ކޮމިޓީންވަނީ ކަނޑައަޅުއްވާފައެވެ.

ޤައުމީ އިނާމާ ބެހޭގޮތުން ޤައުމީ އިނާމު ކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދުވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މިކަމާބެހޭ ދެންނެވުންވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ މިއަދު ނެރުއްވާފައެވެ.

”ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު“ ރަސްމީ ގަޑީގައި ރައީސް އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

މިއަހަރުވެސް ޤައުމީ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.