بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބްލް މުޙަންމަދު ނާޒިމް، ކްރިމިނަލް ކޯޓްގެ އިސް ޤާޒީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ޖެނެރަލް އޮފިސަރުން، އޮފިސަރުން، 57 ވަނަ އަސާސީ ތަމްރީނު ކޯހުގެ މުދައްރިސުންނާއި ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، މިއަދު ސިފައިންގެ ޤާނޫނީ ހުވާކުރި ހުރިހާ ސިފައިންނަށް މަރްޙަބާއާއި ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރުން. ސިފައިންގެ 57 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި، ސިފައިންގެ ޚިދްމަތަށް މިއަދު ތިޔަ ބޭކަލުން ތިޔަ ނުކުންނަވަނީ، ވަރަށް މަތިވެރި ހުވައެއް ކުރައްވައިގެން. މި ހުވައަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ޤައުމުގެ މިނިވަންކަމާއި، މި ޤައުމުގެ އިސްތިޤްލާލާ ގުޅިފައިވާ މަތިވެރި ހުވައެއް. މި ހުވައަކީ ދިވެހި ޢަސްކަރިއްޔާގައި ހިމެނޭ ކޮންމެ ފަރުދަކުވެސް ދީނާއި ޤައުމު ދިފާޢު ކުރުމުގައި، ހަށިގަނޑާއި ފުރާނައިން ޤުރްބާންވާން ޖެހިއްޖެ ޙާލަތެއްގައި ޤުރްބާންވުމަށް ކެރިހުރެ، މާތްﷲ ގަންދީ ކުރަންޖެހޭ ހުވާ.

ސިފައިންގެ ތާރީޚަށް ބަލައިލާއިރު ފެނިގެންދަނީ، ދިވެހި ސިފައިން އެބައިމީހުން ކޮށްފައިވާ މި ހުވާގެ މަތީގައި ސާބިތުވެ ތިބި މިންވަރު. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި، ދިވެހި ސިފައިން ވެފައިވާ މަތިވެރި ޤުރްބާނީ. ހަމައެހެންމެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢު ކުރުމުގައި، ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދު. ތާރީޚުގެ ކޮންމެ ހިސާބަކަށް ބަލައިލިޔަސް ފެންނަނީ، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ ޤާނޫނާ ޚިލާފު ކޮންމެ ކަމަކުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކޮށް، ދިވެހި ސިފައިން ނަގަހައްޓާފައިވާ މަންޒަރު. ދިވެހި ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި ޚިދްމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުންމަތީ ދިވެހި ސިފައިން ކެރިގެން ސާބިތުވެ ތިބިތަން.

މިއަދު ތިޔަ ބޭކަލުން ތިޔަ ގުޅިވަޑައިގަންނަވާ ސިފައިންގެ ލަޝްކަރަކީ، ބަދަހި ސަފުތަކެއްގެ މައްޗަށް އެކުލެވިފައިވާ، މި ޤައުމު ފަޚުރުވެރިވާ ލަޝްކަރެއް. ދިވެހި ސިފައިންނަކީ، މި ޤައުމުދެކެ އެހެން އެއްވެސް ބަޔަކު ލޯބިނުވާވަރަށް ލޯބިވާ ބައެއް. ދިވެހި ސިފައިންނަކީ މި ޤައުމަށްޓަކައި އެހެން އެއްވެސް ބަޔަކުނުވާފަދަ މަތިވެރި ޤުރްބާނީތަކެއް ވެފައިވާ ބައެއް. މީލާދީން 1892 ވަނަ އަހަރު ސިފައިން އުފެދުމަށްފަހު، މި ޤައުމުގައި މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ވަޠަނަށްޓަކައި ފުރާނައިން ޤުރްބާންވެފައިވާ ހަމައެކަނި ބަޔަކީ ދިވެހި ސިފައިން. ސިފައިންނަކީ މި ޤައުމުގެ ދިފާޢީ އައްޑަނަ. ސިފައިންނަކީ މި ޤައުމުގެ ކީރިތިކަމާއި މޫރިތިކަމުގެ ނިޝާން. މި ޤައުމުގެ ޝާނާއި ޝައުކަތު. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމުދެކެ ލޯބިވާ ކޮންމެ ދަރިއަކު، ދިވެހި ސިފައިންގެ އަގުހުރި ޚިދްމަތަށް ފަޚުރުވެރިވޭ.

ތިޔަ ބޭކަލުން ސިފައިންގެ ޚިދްމަތަށް ތިޔަ ނުކުންނަވަނީ، ޒުވާންކަމުގެ ޖޯޝީ ލެޔާއެކު. މިއަދު ތިޔަ ބޭކަލުންގެ ކުރިމަތީގައި މި ޤައުމުގެ އިޖްތިމާޢީ ފޭރާން އޮތް ދެރަ ޙާލަތު މިއޮތީ ފެންނަން. އަޅުގަނޑުގެ އިލްތިމާސަކީ، ކެތްތެރިކަމާއި އިޚްލާޞްތެރިކަމާއެކު، ސިފައިންގެ ކޮންމެ ފަރުދަކުވެސް ސިފައިންގެ ޤާނޫނީ ހުވާގެ މަތީގައި ސާބިތުވެތިބުން. ސިފައިންގެ ކޮންމެ ބޭކަލަކީވެސް، ބޭކަނބަލަކީވެސް އެބޭފުޅުންގެ އަމިއްލަ ނަފްސަށްވުރެ ދިވެހި ޤައުމާއި ރައްޔިތުންދެކެ ލޯބިވާ ބަޔަކަށްވުން. ހިތްހަމަނުޖެހޭ ބަސްތަކާއި ޢަމަލުތަކުގެ ކުރިމަތީގައިވެސް ތިޔަ ބޭފުޅުން ޖަޒްބާތަށް ބާރުފޯރުވުމަށް ދެވިފައިވާ ތަމްރީނާއި ތަޢުލީމުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުން.

މި ޤައުމުގައި އަމާން ޞުލްޙަވެރި ވެށްޓެއް ޤާއިމްކޮށް، ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އުފާފާގަތިކަން އަށަގެންނެވުމަށް ކުރެވެމުންދާ މަސައްކަތުގައި، ސިފައިން ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުން. މިއަހަރުގެ ސިފައިންގެ ޝިޢާރުގައި ބުނެފައިވާ ފަދައިން، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަމަކީ، މި ލޮބުވެތި ޤައުމުގެ ސަލާމަތްތެރިކަން ކަމުގައި ހުރިހާ ސިފައިންވެސް ހެޔޮހިތުން ޤަބޫލުކޮށް، އެގޮތުގައި ސާބިތުވެ ތިބި މަންޒަރު، އަޅުގަނޑުމެންނަށް މިދަނީ ފެންނަމުން.

ސިފައިންގެ ޚިދްމަތަކީ މިއަދު މުޅި ރާއްޖެއަށް ފުޅާވެފައިވާ ޚިދްމަތެއް. އޭރިއާ ކޮމާންޑްތަކެއް ޤާއިމްކުރެވި، ރައްޔިތުންނާ ގާތުން ޚިދްމަތް ދިނުމަށްޓަކައި ހަތަރު އޭރިއާ ކޮމާންޑެއް ވަނީ އުފެދިފައި. އެ އޭރިއާ ކޮމާންޑްތަކުގައި ރައްޔިތުންނަށް އަވަހަށް ގާތުން ޚިދްމަތް ދިނުމަށް އިތުރު ސިފައިން ވަނީ ފޮނުވަން ޖެހިފައި. ކަނޑުމަތީގެ ޙާދިޘާތަކާއި އަލިފާނުގެ ޙާދިޘާތަކާއި، ޤުދްރަތީ ކާރިޘާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ރައްޔިތުންނަށް އަވަސް ޚިދްމަތްތަކެއް ދިނުމަށްޓަކައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތް އިތުރަށް ވަނީ ހަރުދަނާކޮށް ފުރިހަމަކުރަން ޖެހިފައި.

ސިފައިންގެ ޚިދްމަތަކީ މަސްއޫލިއްޔަތާއި ވާޖިބުގެ ގޮތުން ބަލާއިރު، ބުރައާއި ބަރު އުފުލަންޖެހޭ އަދި އަމިއްލަ ނަފްސަށް ބާރުފޯރުވާ ޖަޒްބާތުތައް ތަޙައްމަލު ކުރަންޖެހޭ އަސަރާއި ވޭން އެކުލެވޭ ޚިދްމަތެއް. ވުމާއެކު، ކޮންމެ މީހަކަށް ސިފަވަންތަ ސިފައިންގެ މީހަކު ބިނާކުރުމަކީ ކުރެވޭވަރު ކަމެއް ނޫން. އެހެންކަމުން، ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންވީ ހިތްވަރާއި ސާބިތުކަމާއި ޢަޒުމް އަދި ކަންތައްތަކާމެދު ވިސްނާގޮތާއި، ޢަސްކަރީ ޤާބިލްކަން ތިޔަ ބޭކަލުންނަށް ދަސްކޮށްދެއްވާ ތިޔަބޭކަލުންގެ ނަފްސުތައް ބިނާކޮށްދެއްވި މުދައްރިސުންގެ ފަންނުވެރި ބުރަ މަސައްކަތް އަޅުގަނޑު އުފަލާ އެކީގައި ވަޒަން ކުރަން.

އާދެ! ދިވެހި ސިފައިންނަކީ ޚިދްމަތުގެ ދާއިރާ ވަރަށްފުޅާ ބައެއް. ދިވެހި ސިފައިންނަކީ ދިވެހި ރައްޔިތުންނަށް ދިމާވާ ހަމަ ކޮންމެ ބޮޑުކަމެއްގައި ހުރިތަނުން ތައްޔާރުވެގެން އެއްގަމާއި ކަނޑާއި ވައިގައި ޚިދްމަތް ކުރަމުން ގެންދާ ބައެއް. އެގޮތުން، ކުރަންޖެހޭ ކަންތައްތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާއި ވާންޖެހޭ ޤުރްބާނީގެ ޚިދްމަތަކީ ހިތަށްވެސް ނާރާ ކަންތައްތަކަކަށް ވެގެންދާ ފަހަރު އަންނަނީ މަދެއްކޮށެއް ނޫން. ކޮންމެ ސިފައިންގެ މީހަކު ޤައުމީ ޚިދްމަތަށް ނުކުމެ ހުންނައިރު، އެމީހެއްގެ ފަހަތުގައި އެންމެބޮޑު އެހީތެރިކަމެއް ދެމުން ގެންދާ ފަރާތަކީ އެބޭފުޅުންގެ ޢާއިލާތައް. ސިފައިންގެ ބޭފުޅުންގެ މައިންނާއި ބަފައިންނާއި، ފިރިންނާއި އަނބިދަރިން. އެކިއެކި ޙާލަތްތަކުގައި ރައްޔިތުން ކަންބޮޑުވެ ގޮތް ހުސްވެގެންދާއިރު، ސިފައިންގެ ބޭކަލުންނާއި ބޭކަނބަލުން އެންމެ އަޅާނުލެވެނީ، އެބޭފުޅުންގެ އަމިއްލަ ޢާއިލާތަކާ. ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގެ ވަގުތުގަޔާއި، ސުނާމީ ކާރިސާގެ ވަގުތުގައިވެސް އެކަން ހިނގާފައިވަނީ އެގޮތަށް. އެހެންކަމުން، ސިފައިންގެ ޢާއިލާތަކަށް ސަރުކާރުން އަޅާލާ މިންވަރު އިތުރުކޮށް، ސިފައިންގެ ވެލްފެއަރ ކަންތައްތައް ރަނގަޅު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް.

މިޤައުމަކީ ފަޚްރުވެރި އެތައް ދަރިންތަކެއް އުފައްދާފައިވާ ޤައުމެއްކަން ޝައްކެއްނެތް. ދީނަށްޓަކައި ޖިހާދު ކުރެއްވި އުތީމު މަހާރަދުންނާއި، ހުރާގޭ ދޮން ބަންޑާރައިންނާއި، ޝަހީދުވި ޢަލީ ރަސްގެފާނުފަދަ ބަޠަލުން މި ޤައުމުވަނީ ދެކެފައި. ހަމައެހެންމެ، ކުޅުދުއްފުށީ ކޯޕްރަލް ޝަހީދު ޙުސައިން އާދަމާއި، 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެދިޔަ އަބްޠާލުން މާތްވެގެންވާ އިސްލާމްދީނާއި ލޮބުވެތި ދިވެހި ރައްޔިތުންގެ ޙައްޤުގައި ވެވަޑައިގެންފައިވާ ޤުރްބާނީ ވަޒަން ކުރަންޖެހޭ. އެބޭކަލުންނެކޭ އެއްގޮތަށް މިއަދު ތިޔަ ބޭކަލުންވެސް ތިޔަ ތިއްބެވީ، ދީނާއި ޤައުމަށްޓަކައި ވާންޖެހޭ ކޮންމެ ޤުރްބާނީއެއްވުމަށް ތައްޔާރަށްކަން އަޅުގަނޑު ޔަޤީންކުރަން. އަދި ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް އެ މުޖާހިދުން އެދެއްކެވި ނަމޫނާ މިސާލުގައި ހިފައިގެން، ޢަސްކަރީ އަޚްލާޤުގެ މަތީގައި ސިފައިންގެ ޚިދްމަތުގައި ކުރިއަށް ދިޔުމަށް ދަންނަވަން.

އާދެ! ސިފައިންގެ ސިފަވަންތަކަމާއި ޢަސްކަރީ އަޚްލާޤާއި ސުލޫކު އަދި އަގުކުރާ އަގުކުރުންތައް ބިނާވެފައިވަނީ، މައިގަނޑު ތިން އަސާސެއްގެ މައްޗަށް. ފުރަތަމަ އަސާސަކީ، އިސްލާމީ ޢަޤީދާގައި ސާބިތުވެ ދެމިތިބުން. ދެވަނަ އަސާސަކީ، ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުން. ތިންވަނަ އަސާސަކީ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުން. ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ މި ތިން އަސާސުން މަގު ދައްކަނީ، ސިފައިންގެ އަޚްލާޤީ އިމެއްވާކަމާއި، ސިފައިން ވާންޖެހޭނީ، އެއް ފިކުރެއްގެ ވެރިބަޔަކަށްކަން.

ތިޔަ ބޭކަލުން ސިފައިންގެ ޚިދްމަތަށް ނުކުންނަވާއިރު، މި ތިން އަސާސް ތިޔަބޭކަލުންގެ ހިތްތަކުގައި އަބަދުވެސް އޮންނަންވާނީ ބިންވަޅު ނެގިފައި. ތިޔަބޭކަލުންގެ ޢަޒުމަކަށް ވާންޖެހޭނީ، ޒަމާންވީ މި މުއައްސަސާގައި ހުރި ހަރުދަނާ އުޞޫލުތައް ދެމެހެއްޓުމާއެކު، ޒަމާނީ ތަރައްޤީގެ އާ ވިސްނުންތަކަކާއި، އާ އުސްމިންތަކަކަށް މި މުއައްސަސާ އުފުލައިދެއްވުން. ޤައުމާއި ދީނުގެ ދުޝްމިނުން މިޤައުމާ ދިމާއަށް އެއްލާ ކޮންމެ ތީރެއްގެ އަމާޒުފަތްގަނޑަކީ، ދިވެހި ސިފައިންކަން ވަރަށް ރަނގަޅަށް ތިޔަބޭކަލުންނަށް އެނގިވަޑައިގަންނަވަންޖެހޭ.

ޤައުމުގެ ސަލާމަތްތެރިކަން ފޫދުއްވާލަން އުޅޭ ކޮންމެ ބައެއްގެ އެންމެބޮޑު އެދުމަކަށްވާނީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ނެތިކޮށްލުންކަންވެސް ތިޔަބޭފުޅުންނަށް އޮޅުންފިލަންޖެހޭ. މިއަދު ތިޔަ ކުރެއްވި މަތިވެރި ހުވައާއެކު، މި ޤައުމު ފަޚްރުވެރިވާ ދަރިއެއްގެ ގޮތުގައި، އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކޮންމެ ބޭފުޅަކުވެސް ޤައުމަށް ޚިދްމަތްކޮށް ދެއްވުން އެދި ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، މިއަދު ތިޔަބޭފުޅުން ތިޔަކުރެއްވި މަތިވެރި ހުވާގެ މަތީގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު، اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. ދިވެހިރާއްޖެ އަބަދުވެސް އަމާން، ޞުލްޙަވެރި އަދި މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި ލައްވައި، ދިވެހި ސިފައިންނަށް ކުރިއެރުމާއި ތަރައްޤީއާއި ފާގަތިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.