[މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް]ގެ ނަން [މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ]ގެ ނަމަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާ އަލުން ހަމަޖެއްސެވުން
 
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، [މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް]ގެ ނަން މިއަދުން ފެށިގެން [މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ]ގެ ނަމަށް ބަދަލުކުރައްވައި،       އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި ޢިމާރާތްކުރުމާއި، ޕަބްލިކް އިންފްރާސްޓްރަކްޗަރއާބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓެވުން ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ބަލަހައްޓަވަމުން ގެންދެވި ތިމާވެށްޓާއި، މީޓިއޮރޮލޮޖީއާއި، ހަކަތައާއި، ބޯފެނާއި، ނަރުދަމާއާއި، ނަޖިހާބެހޭ އެންމެހާ ކަންތައްތައް، ސަރުކާރުން އަލަށް އުފެއްދެވި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ބަލަހައްޓަވާގޮތަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި، މޯލްޑިވްސް އެނަރޖީ އޮތޯރިޓީއާއި، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށުން ހިނގަމުންދާ ތަންތަން ކަމުގައި ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަތީގައި ދަންނަވާފައިވާގޮތަށް ހަމަޖެއްސެވުމާގުޅިގެން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ ތިރީގައިމިވާ ތަންތަން މިއަދުން ފެށިގެން ހިންގަމުންދާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 
1.           މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
2.           އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް
 
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން މި ދެންނެވުމާއެކު އެވަނީއެވެ.
 
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް
 
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއެވެ.         މި މިނިސްޓްރީއާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
1.    ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތު ކަނޑައެޅުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުން.
2.    ރައްޔިތުންނަށް ލިބިދެވޭނެ ހިޔާވަހިކަމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުން.
3.    ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް ކަމުދާ ފެންވަރެއްގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތަކެއް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ގަވާއިދުތައް އެކުލަވާލައި އެ ގަވާއިދުތައް ހިންގުން.
4.    އެއްމެދު ޢިމާރާތްތަކާބެހޭ ގަވާއިދުތައް ހަދައި، ބެލެހެއްޓުން.
5.    ކަމާބެހޭ ފަރާތްތަކާ ގުޅިގެން މުޅި ރާއްޖޭގެ ބިން ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރުމާއި، ހުރިހާ ބިމެއްގެ ދަފުތަރު ބެލެހެއްޓުމުގެ މިންގަނޑު ކަނޑައެޅުން.
6.    ރާއްޖޭގެ ބިން ބައިކުރުމާއި، ދޫކުރުމާއި، ގެންގުޅުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ވިއްކުމާއި، ކުއްޔަށް ދިނުންފަދަ މުޢާމަލާތްތަކާބެހޭ ގަވާއިދުތައް ހަދައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަންކަން ބެލެހެއްޓުން.
7.    ރާއްޖޭގެ ބިން އަގުކުރާނެ އުސޫލުތަކާއި، މިންގަޑުތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަން ހިންގުން.
8.    ރާއްޖޭގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް މުޅިރާއްޖޭގެ ފިޒިކަލް ޑިވެލޮޕްމަންޓް އޮނިގަނޑެއް ކަނޑައަޅައި، މި އޮނިގަނޑުގެ ދަށުން ތައްޔާރުކުރެވޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުމުގައާއި، މިފަދަ އެހެނިހެން ޕްލޭންތައްކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، މިންގަނޑުތައް ކަނޑައަޅައި، އެފަދަ ޕްލޭންތައް ކުރެވެނީ މި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުން.
9.    ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ބިން، ގެދޮރު އެޅުމަށާއި، އާބާދީގެ އެހެން ބޭނުންތަކަށް، އެކަށޭނަ ގޮތުގައި ބޭނުންކުރުމާބެހޭ މިންގަނޑުތައް ކަނޑައަޅައި، މިކަންކަމާ ބެހޭ ގަވާއިދު ހަދައި ހިންގުން.
10.ރާއްޖޭގެ ރަށްރަށުގެ ބިނާވެށި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގެ ބިން ބޭނުންކުރުމާއި، ބިން ތަރައްޤީކުރުމުގައި ބޭނުންވާ ލޭންޑް ޔޫސް ޕްލޭނާއި، މި ޕްލޭނާގުޅޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ހަދައި، ހިންގުމުގެ އޮނިގަނޑު އެކުލަވާލައި ބެލެހެއްޓުން.
11.މިހާރު އާބާދުކުރެވިފައިވާ ރަށްރަށާއި އަލަށް އާބާދުވަމުންދާ ރަށްރަށުގެ ބިނާވެށީގެ ފެންވަރު ރަނގަޅުކުރުމަށް (އަރބަން ރިވައިޓަލައިޒޭޝަންއަށް) ބޭނުންވާ ބިން ނުވަތަ ޖާގަ ކަނޑައެޅުމާއި، އެފަދަ ތަންތަން ތަރައްޤީކުރުމަށް ބޭނުންވާ މިންގަނޑުތައް ކަނޑައަޅުން.
12.މާލެފަދަ އާބާދީ ބޮޑު އަދި ބިންދަތި ރަށްރަށަށް ބޭނުންވާނެ ކަންތައްތައް ބަލައި، ދިރާސާކޮށް، މިފަދަ ރަށްރަށަށް އަރބަން ރީޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކުރުމާއި، މި ޕްލޭންގެ ދަށުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދުތައް ޙާޞިލުވޭތޯ ބެލުން.
13.           އަރބަން ސަރަޙައްދުގެ ގޮތުގައި ކަނޑައެޅޭ ސަރަޙައްދުތަކުގައި ހިމެނޭ އަރބަން އޭރިޔާތަކާއި ޚިދްމަތްދޭ މަރުކަޒުތަކާއި، އިޤްތިޞާދީ، އިޖްތިމާޢީ ކަންކަމަށް ކަނޑައެޅިފައިވާ ސަރަޙައްދު ނުވަތަ ރަށްރަށްވެސް ހިމެނޭ ގޮތަށް، އަރބަން ސަރަޙައްދުގެ މާސްޓަރޕްލޭން ހަދައި، މައިގަނޑު އިންފްރާސްޓްރަކްޗަރ ތަކާއި ޚިދްމަތްތައް އިންޓެގްރޭޓް ކުރެވޭނެ ގޮތްތަކެއް އެކުލަވާލުން.
14.އަރބަން ސަރަޙައްދުގައި ހިމެނޭ އަރބަން ސެންޓަރުތަކުގެ ތެރެއިން ކަނޑައެޅޭ ސެންޓަރުތަކުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ހެދުމާއި، މިސަރަޙައްދުގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށާއި އެހެނިހެން ރަށްރަށުގެ ޕްލޭން ހެދުމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުން.
15.އާބާދީ ގިނަ ރަށްރަށާއި އިޤްތިޞާދީ، އިޖްތިމާޢީ މަރްކަޒެއްކަމަށް ކަނޑައެޅޭ ރަށްރަށަށާއި އަރބަން ސެންޓަރުތަކަށް ބޭނުންވާ އަރބަން ޑިވެލޮޕްމަންޓް މާސްޓަރޕްލޭން އެކުލަވާލުމާއި، މިޕްލޭނާ އެއްގޮތަށް ތަރައްޤީކޮށް ހިންގުމަށް އަރބަން ޑިވެލޮޕްމަންޓް މެނޭޖްމަންޓް ނިޒާމެއް ޤާއިމްކުރުން.
16.އަރބަން ޑިވެލޮޕްމަންޓް މާސްޓަރޕްލޭންގައި ކަނޑައެޅޭ ވަކިވަކި ސަރަޙައްދުތަކަށް އަރބަން ޑިވެލޮޕްމަންޓް މަޝްރޫޢުތައް ފާހަގަކޮށް، މިފަދަ މަޝްރޫޢުތައް ހިންގުމަށް މަގުފަހިކޮށް، މިމަޝްރޫޢުތަކުގެ މަޤްޞަދު ޙާޞިލުވޭތޯ ބެލުން.
17.އަރބަން ސެންޓަރުތައް ތަރައްޤީކުރުމަށް، އަރބަން ޑިވެލޮޕްމަންޓް މެނޭޖްމަންޓް ނިޒާމުގެ ދަށުން ކަނޑައެޅޭ ފަރާތްތަކުން ހިންގާ މަޝްރޫޢުތައް މޮނިޓަރކުރުމުގެގޮތުން ތިރީގައިމިވާ ކަންތައްތައް ކުރުން.
ހ.މާސްޓަރ ޕްލޭންގައި ކަނޑައެޅިފައިވާ މަޤްޞަދުތައް ޙާޞިލުވޭތޯ ބެލުން.
ށ.ލުއިފަސޭހަ ގޮތެއްގައި ހިޔާވަހިކަން ލިބިދެވޭނެ ނިޒާމުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތަށް ހިޔާވަހިކަން ލިބިދެވޭތޯ ބެލުން.
ނ. ތަރައްޤީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން މިފަދަ އަރބަން ސެންޓަރުތަކުގެ ޑިވެލޮޕްމަންޓް މާސްޓަރޕްލޭން މުރާޖަޢާކޮށް، މުޅި މަޝްރޫޢުގެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މާސްޓަރޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ކަންތައްތައް ބެލެހެއްޓުން.
18.ޤުދުރަތީ ގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ދިރިނޫޅެވޭވަރަށް ގެދޮރަށް ގެއްލުންލިބޭ މީހުންނަށް ދާއިމީ ހިޔާވެހި ބިނާކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުން.
19.ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ ސިޔާސަތު ކަނޑައަޅައި، ތަރައްޤީކޮށް ކުރިއެރުވުން.
20.ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއާ ބެހޭގޮތުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި، ކޯޑްތަކާއި، ސްޓޭންޑަރޑްތައް ހަދައި، ބަލަހައްޓައި، ހިންގުން.
21.ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއާ ބެހޭގޮތުން ޑްރާފްޓްކުރާ ޤާނޫނުތައް އެކުލަވާލުމުގައި މަޝްވަރާދިނުމާއި، އެފަދަ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ދާއިރާގެ ކަންތައްތައް ބަލަހައްޓައި، ހިންގުން.
22.ޢިމާރާތްކުރުމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ ފެންވަރު ބަލަހައްޓައި، ކުރިއެރުވުން. މީގެތެރޭގައި، ކޮންޓްރެކްޓިންގ އަދި ކޮންސަލްޓިންގ ފަދަ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓަރީކުރުމާއި، އެ ފަރާތްތަކަށް ލައިސަންސް ދިނުން ހިމެނެއެވެ.
23.           ދެމެހެއްޓެނިވި ގޮތެއްގައި ޢިމާރާތްކުރުމުގެ ދާއިރާ ކުރިއަރުވައި، ހިންގުމަށްޓަކައި ބޭނުންވާ ދިރާސާތައް ކުރުން.
24.ޢިމާރާތްކުރުމާބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން އުފައްދައި، ރާއްޖޭގައި ޢިމާރާތްކުރުމުގެ ދާއިރާއިން ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ ލަފާދިނުމާއި، މިކަމާގުޅޭ މަޢުލޫމާތު ޢާންމުކުރުން.
25.ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މީހުންނާއި، ޓެކްނޯލޮޖީ އުފެއްދުމަށްޓަކައި ސަރުކާރުގެ ދާއިރާތަކާއި އިންޑަސްޓްރީއާ ގުޅިގެން މަސައްކަތްކުރުން.
26.ފިޒިކަލް ސަރވޭކުރުމުގެ ގަވާއިދުތަކާއި، މިންގަނޑުތައް އެކުލަވާލައި ހިންގުމާއި، ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ފަރާތްތަކުންކުރާ ފިޒިކަލް ސަރވޭތަކަށް ހުއްދަދިނުމާއި، ރާއްޖޭގައި ހިންގޭ ފިޒިކަލް ސަރވޭތަކާއި، ސަރވޭޔަރުންގެ ރަޖިސްޓަރީ ބެލެހެއްޓުން.
27.ސަރުކާރުގެ ދާއިރާތަކަށް ބޭނުންވާ ފިޒިކަލް ސަރވޭތައް ހަދައިދިނުމާއި، މިފަދަ ފިޒިކަލް ސަރވޭތަކުން އެއްކުރެވޭ މަޢުލޫމާތު، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް ފޯރުކޮށްދިނުމާއި، ޤައުމީ ފެންވަރުގައި ފިޒިކަލް ސަރވޭ ކުރުމުގެ ވަސީލަތްތައް ބިނާކޮށް ތަރައްޤީކުރުން.
28.ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އޮފީސްޖާގަ ކަނޑައެޅުމާއި، ސަރުކާރުގެ ޢިމާރާތްތަކުގެ ޖާގަ ބޭނުންކުރާނެގޮތުގެ މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކަށް ޢަމަލުކުރަމުންދޭތޯ ބަލަމުން ގެންދިއުން.
29.ދައުލަތުގެ ޢިމާރާތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބަލަހައްޓަންޖެހޭ ޢިމާރާތްތަކުގެ މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން. 
30.           ދައުލަތުގެ ޢިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކުގެ ދަފްތަރެއް ހަދައި ބެލެހެއްޓުން.
31.           ދައުލަތުގެ ޢިމާރާތްތަކާއި، އެހެނިހެން އިންފްރާސްޓްރަކްޗަރތަކުގެ ބޭނުން ކުރެވެމުންދާ ގޮތާއި، އެފަދަ ތަންތާނގެ ހާލަތު އެނގޭނެ މަޢުލޫމާތު އެއްކޮށް، ފަސޭހަކަމާއެކު ބެލޭނެގޮތަށް ޑޭޓާބޭސްއެއްގައި މި މަޢުލޫމާތު ބެލެހެއްޓުން.
32.           ޕަބްލިކް ޢިމާރާތްތަކާއި، އެހެނިހެން ޕަބްލިކް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ސިޔާސަތު ކަނޑައެޅުމުގައާއި، އެފަދަ މަޝްރޫޢުތައް ހިންގާނެގޮތުގެ ފަންނީ ލަފާދިނުން.
33.           ބިން ހިއްކުމާއި ޑްރެޖްކުރުމުގެ ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅައި، ބިން ހިއްކުންފަދަ ސަރުކާރުގެ ބޮޑެތި މަޝްރޫޢުތައް ރާވައި ހިންގުން.
34.            ހައުސިންގ މަޝްރޫޢުތަކާއި، ބަނދަރު ހެދުމާއި، ކޯސްޓަލް ޕްރޮޓެކްޝަންގެ މަސައްކަތްތަކާއި، ފެނާއި، ނަރުދަމާ މަޝްރޫޢުތައް ރާވައި ތަންފީޒްކުރުން.
35.           ސަރުކާރުގެ އެހެން ދާއިރާއެއްގެ ބެލުމުގެ ދަށުގައިނުވާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓުތައް ރާވައި ހިންގުން.
36.           ޤުދުރަތީ ގޮތުންނާއި، އެނޫން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކާއި، ހާދިސާތަކާ ގުޅިގެން ރަށްރަށުގެ ޕަބްލިކް އިންފްރާސްޓްރަކްޗަރތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށްދިނުމުގެ ކަންތައް ހިންގައި ވިލަރެސްކުރުން.
37.           ސަރުކާރުން ހަވާލުކުރާ މުހިންމު މަސައްކަތް ހިންގުމަށްޓަކައި ކޮންސަލްޓަންސީ ޚިދުމަތްދީ، އެކަންކަމާގުޅޭ މަޝްރޫޢުތައް ހިންގުން.
38.           ވެށިފަހި މާލެ ޕްރޮގްރާމްގެ މަސައްކަތްތައް ވިލަރެސްކުރުން.
ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުންނެވެ.
1.    މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
2.    އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް
 
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަސައްކަތްތައް
1.     ދިވެހިރާއްޖޭގައި ކެޑެސްޓްރަލް ސާރވޭ ސިސްޓަމެއް ގާއިމްކޮށް ބިމުގެ ސާރވޭތައް ކުރުމުގެ މިންގަނޑުތަކާއި އުސޫލްތައް އެކުލަވާލުން.
2.     ޤައުމީ ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމް ޤާއިމްކޮށް، ދައުލަތުގެ ބިންތަކާބެހޭ އެންމެހާ މަޢުލޫމާތު އެއްކޮށް އެ ނިޒާމުގެ ތެރެއިން އެ މަޢުލޫމާތު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތައް ޤާއިމް ކުރުން.
3.     ރާއްޖޭގެ ޗާޓު އެކުލަވާލުމާއި، ޗާޓް އިސްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން
4.     ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރު ޤާއިމްކޮށް ބެލެހެއްޓުން.
5.     ފޮޓޮގްރަމެޓްރީ އާ ބެހޭ މަސައްކަތްތައް ކުރުން.
6.     ދައުލަތުގެ ބިންތައް ދެނެގަތުމާއި، ފާހަގަ ކުރުމާއި، އެތަންތަނާ ބެހޭ ފުރިހަމަ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދީ، މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުން.
7.     ދައުލަތުގެ އެކި އެކި ބިންތަކުން ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ބަލާ ހޯދުން.
8.     ބިމާބެހޭ ގޮތުން ސަރުކާރުން އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ފުރިހަމައަށް ބައިވެރިވުމާއި، އެކަންކަމަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން.
9.     ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒު ކުރުމަށް ބޭނުންވާ ބިންތަކާއި، ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ބިންތައް ކަނޑައެޅުން.
10.ބިމާބެހޭގޮތުން ސަރުކާރުން އެކި ފަރާތްތަކާއެކު ހަދަންޖެހޭ އެއްބަސްވުންތައް އެކުލަވާލުމާއި، ތަންފީޒުކުރުމާއި، ބެލެހެއްޓުން.
11.ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ބިމާބެހޭ އިދާރީ އޮނިގަނޑު ހިންގާ ބަލަހައްޓައި އެޤާނޫނު ހަރުދަނާ ކުރުމަށްޓަކައި ލަފަޔާއި އިރުޝާދު ދިނުން.
12.ރާއްޖެއިން ބިން ދޫކުރުމާއި، ރާއްޖޭގައި ބިން ބޭނުންކުރުމާއި، ބިމުގެވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ކުއްޔަށް ދިނުންފަދަ މުޢާމަލާތްތަކާ ބެހޭ އުޞޫލުތައް ހަރުދަނާކޮށް ތަރައްޤީކޮށް މިފަދަ މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން.
13.ރާއްޖޭގެ ރަށްރަށުގެ ބިމުގެ ޗާޓް އިސްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.
14.ރާއްޖޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރުމާއި، ބިން ބޭނުންކުރާނެ ގޮތްތަކާއި ސަރަޙައްދުތައް ކަނޑައެޅުން.
15.ބިން ބެލެހެއްޓުމާއި، ބިމުގެ މުޢާމަލާތްކުރުމާއި، ބިމާބެހޭ އެންމެހާއި ކަންތައްތައް ކުރުމަށް ކަނޑައެޅޭ ޤާނޫނުތަކާއި، ގަވާއިދުތައް ހިންގުމައި ބެލެހެއްޓުމާއި މިޤާނޫނުތައް މުރާޖަޢާކޮށް އެވަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރަށް ލަފަޔާއި އިރުޝާދު ދިނުން.
16.ރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ނަގަންޖަހޭ ޓެކްސްއާއި، ރޯޔަލްޓީއާއި އެހެނިހެން ފީތައް ކަނޑައެޅުމާއި އެފަދަ ޓެކްސްއާއި ފީތައް ނެގުމަށް ދައުލަތުން ކަނޑައަޅާފައިވާ މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
17.ރާއްޖެއިން ބިން ދޫކުރުމާއި، ރާއްޖޭގައި ބިން ބޭނުންކުރުމާއި، ބިމުގެވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ކުއްޔަށް ދިނުންފަދަ މުޢާމަލާތްތައް ހިންގުމަށް ޢާންމުފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމްކޮށް ހިންގައިބެލެހެއްޓުން.
18.ރާއްޖެއަށް ފައިދާހުރި، ބިމާބެހޭ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޯގަނައިޒޭޝަންތަކާއި، ޖަމާޢަތްތަކާ ގުޅިގެން ބިމާބެހޭ އިދާރީ ހިންގުމާއި ކުރިއެރުމަށް ބޭނުންވާ ޓެކްނިކަލް ޕްރޮގްރާމް ތަކުގައި ބައިވެރިވުމާއި އެފަދަ ޕްރޮގްރާމްތައް ހިންގުން.
19.ލޭންޑް ސާރވޭކުރުމާއި، ލޭންޑް މެނޭޖްކުރުމާބެހޭ ބައިނަލްއަޤްވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލްކުރުން.
20.ބިމާބެހޭ މުޢާމަލާތްތައް ހިންގުމަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކޮށް މިކަމާބެހޭ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުން.
21.ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ހިންގުމަށްޓަކައި ހަދަންޖެހޭ ކޮމެޓީތައް ހެދުމަށް ސަރުކާރަށް މަޝްވަރާދީ އެ ކޮމިޓީތަކުގެ މަސައްކަތްތަކަށް އެހީތެރިވެ ދިނުން.
22.ބިމުގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، މިފަދަ މުއައްސަސާތައް މެދުވެރިކޮށް ބިމުގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
 
އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްގެ މަސައްކަތްތައް
1.     ސަރުކާރުގެ މުއައްސަސާތަކުން ހިންގާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ހިންގާނެ ގޮތުގެ މިންގަނޑުތަކާއި އުޞޫލުތައް އެކުލަވާލައި، މިކަންކަމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
2.     ސަރުކާރުގެ މުއައްސަސާތަކުން ހިންގާ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް ހިނގާނުހިނގާގޮތް ބަލައި، އެ މަޝްރޫޢުތަކާއި ޕްރޮގްރާމްތަކުގެ ނަތީޖާ ހާސިލުކުރެވެމުންދާ މިންވަރު ދެނެގަތުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ބެލެހެއްޓުން.
3.     ސަރުކާރުގެ މުއައްސަސާތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓް އެޑްމިނިސްޓްރޭޝަންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި މިކަންކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
4.     ސަރުކާރުގެ މިނިސްޓްރީތަކަށް ބޭނުންވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާއި މަޝްރޫޢުތައް، ހިންގައިދިނުން.
5.     ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ބޮޑެތި މަޝްރޫޢުތައް މިނިސްޓްރީތަކާގުޅިގެން އެކުލަވާލުމާއި، އެ މަޝްރޫޢުތައް ހިންގުވައި ބެލެހެއްޓުން.
6.     ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުން ސަރުކާރަށް އެއްވެސް ގޮތަކުން ސީދާ އާމްދަނީއެއް ނުވަތަ މަންފާއެއް ލިބޭގޮތަށް ހިންގާ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުން.
7.     ސަރުކާރުގެ މުއައްސަސާތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ސަރުކާރު ހިއްސާވާ ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ހުޅުވާލެވޭ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކުގެ މަޢްލޫމާތު ދިރާސާކޮށް ހުށަހެޅޭ ޓެންޑަރތަކާބެހޭ ގޮތުން ޓެންޑަރ އިވޭލުއޭޝަން ބޯޑަށް މަޝްވަރާއާއި ލަފާދިނުން.
8.     ސަރުކާރުގެ މުއައްސަސާތަކުން ހިންގާ މަޝްރޫޢުތަކާއި، ޕްރޮގްރާމްތައް އެކުލަވާލުމުގައި ނޭޝަނަލް ޕްލޭނިންގ ކައުންސިލަށް ބޭނުންވާ މަޝްވަރާއާއި، ލަފާދިނުން.
9.     ސަރުކާރުގެ މުއައްސަސާތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ސަރުކާރު ހިއްސާވާ ފަރާތްތަކުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢްލޫމާތު ބެލެހެއްޓުން.