بســم اللّـه الرّحمـن الرّحيــم


އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދަތުރުފުޅުން ކިހާވަރެއްގެ ޔަޤީންކަމެއް ލިބިވަޑައިގެންފިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އިންޑިއާ ސަރުކާރުގެ އިސްވެރިންނާ އަޅުގަނޑު މިއަދު ބައްދަލުކޮށްފީމު، އިއްޔެއާއި މިއަދާ. ބައްދަލުކުރީމާ އަޅުގަނޑަށް ޔަޤީންވެގެންދިޔައީ، އިންޑިއާ ސަރުކާރުން އޮތީ ދިވެހި ސަރުކާރާ އެކީގައިކަން. އަދި ދިވެހި ސަރުކާރަށް އެބޭފުޅުން ދެއްވަމުން ގެންދަވާ އެހީއާއި ތާއީދު އަބަދުވެސް އޮންނާނެ ކަމަށް. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، އިންޑިއާއަކީ ހަމަ އެންމެ ފުރަތަމަ ފެބްރުއަރީ 7 ގެ ބަދަލު އައުމާ ގުޅިގެން، މި ސަރުކާރު ގަބޫލުކޮށް އަދި އޭރުގައިވެސް އަޅުގަނޑު އިންޑިއާގެ ބޮޑުވަޒީރާ ފޯނުކޮށް، ފޯނުން ވާހަކަ ދައްކައި ހަދާފައި އޮންނާނީ. އެހެންވީމާ، އިންޑިއާ ސަރުކާރުން ދެކޭގޮތުގައި، މިހާރު ހުރިހާ ބޭފުޅުންވެސް އަޅުގަނޑު ކައިރީގައި ވިދާޅުވީ، ތިމަންނަމެން ވަރަށް އުފާކޮށްފީމޭ، ވަޙީދު ރާއްޖޭގެ ސިޔާސީ ކަންކަން ބަލަމުން ގެންދާ، ބަލަހައްޓަމުން ގެންދާގޮތާ ދޭތެރޭގައި. ޞުލްޙަވެރިކަމާއެކީގައި، އެކުވެރިކަމާއެކީގައި، ހުރިހާ އެންމެން އެކުވެރިކޮށް، އެއްބައިވަންތަކަން ބަދަހިކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތަށް، ތިމަންނަމެން ވަރަށް އުފާކުރަމޭ. ހަމައެއާއެކީގައި، ތިމަންނަމެން އަދިވެސް ބޭނުންވަނީ، ހަމަ ހުރިހާ ޕާޓީތަކަކުންވެސް ވާހަކަ ދައްކައިގެން، އެކީގައި ކަންކަން ޙައްލު ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔުމަށޭ. ދެން އެގޮތުން، އަޅުގަނޑު ހުށަހަޅާފައިވާ ރޯޑް މެޕް، އެ ހުށަހެޅި ކަމަށްޓަކައި ތިމަންނަމެން އުފާކުރަމޭ. އަދި އެ ވާހަކަ ދެއްކުން ކުރިއަށް، ރަނގަޅަށްދާނެ ކަމަށް އުންމީދު ކުރައްވާ ވާހަކަ ވިދާޅުވި.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދެން އަޅުގަނޑުމެންނަށް މި ދަތުރުފުޅު ތެރޭގައި ފުރްޞަތުތަކެއް ލިބިދެއްވިތޯ ދިވެހިރާއްޖެއަށް އެއްވެސްކަހަލަ އެހީތަކެއް ވެދެއްވުމަށް. އިންޑިއާ ސަރުކާރުން ދެއްވިތޯ. އަޅުގަނޑުމެންނަށް އެނގިފައި އޮތީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމެއް ނެތް. އެހެން ނަމަވެސް، އެކަހަލަ ވާހަކަތަކެއް ދެކެވުނުތޯ! އެންމެ ބޮޑަށް ރާއްޖެއަށް އެހީވާ އެއް ޤައުމަކީ އިންޑިއާ. އެހެންވީމާ، އެއާއެކު އަޅުގަނޑުމެންނަށް އެބަފެނޭ، ޖީ.އެމް.އާރު.ގެ މައްސަލަތަކެއްވެސް މީގައި އެބައުޅޭ. އިންޑިއާއާއި ރާއްޖެއާ ހުރި ގުޅުން، ޖީ.އެމް.އާރު.ގެ ބައެއް ކަންތައްތައް ޙައްލުކުރަން އެބަޖެހޭ. މަނިކުފާނުގެ ދަތުރުފުޅުގައި އޭގެ އެއްވެސް ކަހަލަ ވާހަކަތަކެއް ދެކެވުނުތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ރާއްޖޭގެ އިޤްތިޞާދީ ކަންކަން ހުރިނެތްގޮތާ ބެހޭގޮތުން އަޅުގަނޑު ވަރަށް ރަނގަޅަށް އޭގެ މަޢުލޫމާތު އަރުވައިފިން. ދެން އެކަމާ ބެހޭގޮތުން މިތަނުން އަޅުގަނޑު ބައްދަލުކުރި ބޭފުޅުން ވިދާޅުވެފައިވަނީ، ދިވެހި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ވެދެއްވާނެ ކަމަށް. އެގޮތުން، އަޅުގަނޑު ދެންނެވިން، އައި.އެމް.އެފް.ގެ މިޝަނެއްވެސް ރާއްޖެ އައިސް، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންވަނީ ލަފާދީފައޭ. ދެން އަދި އެކަމާ ބެހޭގޮތުން އަޅުގަނޑުމެންވާނީ ވިޔަފާރިވެރިންނާއި އަދިވެސް ސަރުކާރުގެ ހުރިހާ އިސްވެރިންނަށް އެ މަޢުލޫމާތު އަރުވާފައި. އެހެންވީމާ، އެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އަޅުގަނޑު ކުރަމުން ގެންދާނަމޭ. ދެން މިތާނގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުން ކޮންމެވެސް އެހީއެއް ދެއްވާނެ ކަމަށްވަނީ އިޝާރާތް ކުރައްވާފައި. ދެން އޭގެ ޢަދަދުތައް އަދި އަޅުގަނޑު މިވަގުތު ނުދެންނެވި ނަމަވެސް. އޭގެއިތުރުން، ގެދޮރު އެޅުމަށްޓަކައި އެގްޒިމް ބޭންކުން މިތަނުން ދެއްވަން އެއްބަސްވެވަޑައިގަންނަވާފައިވާ 40 މިލިއަން ޑޮލަރު ވަރަށް އަވަހަށް އަޅުގަނޑުމެންނަށް ލިބޭނެ ކަމުގެ އުންމީދުވަނީ ދެއްވާފައި. އެހެންވީމާ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި، ފުދޭވަރެއްގެ ބޮޑު އެހީއެއް، މިދަތުރާ ގުޅިގެން އަޅުގަނޑުމެންނަށް ރާއްޖެއަށް ލިބިގެންދާނެ. އެކަން ކަށަވަރުކޮށްދެއްވި. އެހެންވީމާ، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް، އެނގިވަޑައިގަންނަވާނެ ފަދައިން، ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި، އިންޑިއާގެ އެހީ ލިބިގެން، އެކަމުގެ ތެރެއިން ކުރިއަށްދެވޭނެ މަގު ދައްކަވާނެ ކަމަށް އަޅުގަނޑުމެންނަށް ޔަޤީން ކުރެވުނު.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ޖީ.އެމް.އާރު.ގެ މައްސަލައިގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވުނުތޯ. މި އެއްބަސްވުމުގައި ދެންހުރި ބައެއް ކަންތައް ޙައްލު ކުރަންޖެހޭ ކަމަށްވެސް، ދެންމެ ތިޔަ ފާހަގަކުރެއްވި ގޮތަށް. އޭގެ އެއްވެސްކަހަލަ ވާހަކަތަކެއް، އިންޑިއާ ސަރުކާރާ ގުޅޭގޮތުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެން ޢާންމު ގޮތެއްގައި، އިންޑިއާއާ އެކީގައި ވެފައިހުރި ހުރިހާ އެއްބަސްވުންތަކަށް އަޅުގަނޑުމެން އިޙްތިރާމް ކުރާނެ ކަމަށް އަޅުގަނޑު ވާނީ ދަންނަވާފައި. ދެން ޚާއްޞަކޮށް، ސަރުކާރާ ސަރުކާރާ ދެމެދުގައި އެއްބަސްވެފައިވާ ސެކިއުރިޓީއާއި އަދި އެހެނިހެންވެސް ދިފާޢީ އެކިއެކި ކަންކަމާ ބެހޭގޮތުން ވެފައިހުރި އެގްރީމަންޓްތަކަށްވެސް އަޅުގަނޑުމެން އިޙްތިރާމް ކުރާނެ ކަމަށާއި، އެކަމާ ދޭތެރޭގައި އެއްގޮތަކަށްވެސް އިންޑިއާއިން ސަރުކާރުން ކަންބޮޑުވެވަޑައިގަންނަވަންވީ ސަބަބެއް ނެތް ކަމަށް އަޅުގަނޑު ޔަޤީންކޮށް އެރުވިން. ދެން އިޤްތިޞާދީ ގޮތުން ކުރެވިފައި ހުރި ބައެއް އެގްރީމަންޓްތަކުގައި، އަޅުގަނޑު ދެންނެވިން، ދިވެހިރާއްޖެއިން އިންޑިއާގެ ބޮޑެތި ކުންފުނިތަކާއެކީގައި އެގްރީމަންޓްވާން ފެށިތާ އަދި މާގިނަ ދުވަހެއްނުވެޔޭ. އޭގެ ތަޖްރިބާއެއްވެސް އަދި މާބޮޑަކަށް ރާއްޖެއަކުވެސް ނެތޭ. އެހާ ބޮޑެތި ކުންފުނިތަކާއެކީގައި އަޅުގަނޑުމެން މުޢާމަލާތު ކުރުމުގެ. އެހެންވީމާ، ދިމާވާ ބައެއް މައްސަލަތައް އެބަހުއްޓޭ. އެހެންވީމާ، އެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންނޭ. ދެފަރާތުން ވާހަކަ ދައްކަމުންނޭ މިގެންދަނީ. އެގޮތުން އަޅުގަނޑު ދެންނެވިން، މިހާރު ޖީ.އެމް.އާރާ އެކީގައި ހުރި މައްސަލަތައް ޙައްލު ކުރުމަށްޓަކައި އަޅުގަނޑުވާނީ ކޮމިޓީއެއްވެސް ކަނޑައަޅާފައޭ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ފައިނޭންސް މިނިސްޓަރާއި، އެޓަރނީ ޖެނެރަލާއި އަދި މޯލްޑިވްސް އެއަރޕޯޓް ކަމްޕެނީގެ ޗެއަރމަން. އެހެންވީމާ، އެބޭފުޅުން ވާހަކަ ދައްކަވައިގެން، އޭގެ ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވުމަށޭ އަޅުގަނޑު އެދެނީ.

ޙަސަން ޙުސައިން – ސަން އޮންލައިން:

މަނިކުފާނު ފާހަގަކޮށްލައްވައިފި، ބަޖެޓްގެ ދަތިކަން ޙައްލު ކުރުމަށްވެސް އިންޑިއާއިން ކޮންމެވެސްވަރެއްގެ އެހީތަކެއް ވެދެއްވާނެ ވާހަކަ. އަޅުގަނޑުމެންނަށް މި ފާހަގަވެގެން މިދިޔައީ، 14 ބިލިއަން ރުފިޔާގެ ބަޖެޓް، 18 ބިލިއަނަށް މިހާރު ބޮޑުވެގެން މިދިޔައީ. ދެން ދަރަނި ވަރަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި، އިންޑިއާއިން މިކަމުގައި ދަރަނި ކުޑަކުރެއްވުމަށްޓަކައި އެއްވެސްވަރެއްގެ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައި އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ބަޖެޓްގެ ޙާލު މިހާބޮޑަށް ގޯސްވާން ޖެހިފައި އޮތް ސަބަބަކީ، އަޅުގަނޑުމެންގެ ބަޖެޓަށް އިތުރު ބުރަކަމެއް މިއައީ މިދިޔަ އަހަރުގައި ދައްކަންހުރި ބިލްތަކުގެ ފައިސާ ނުދައްކާ ހުރީމަ. މިދިޔަ އަހަރުގެވެސް ނުދައްކާ ހުރި ބިލްތަކަށްވެސް އެބައަރާ، ގާތްގަނޑަކަށް ދެބިލިއަނެއްހާ ރުފިޔާ. އެހެންވީމާ، މިހުރިހާ އެއްޗެހި އެއްކޮށްލީމާ، ވަރަށްބޮޑު ދަރަންޏެއް މިހާރު މިއޮތީ. އެހެންވީމާ، އެކަން ޙައްލު ކުރުމަށްޓަކައި އިންޑިއާ ސަރުކާރުން އަޅުގަނޑުމެންގެ ސަރުކާރަށް ކޮންމެވެސް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

ދެން އަޅުގަނޑުމެންނަށް ދެ ސަރުކާރުގެ ގުޅުމަކީ، އިއްޔެގައި ސަފީރުވެސް ފާހަގަކުރެއްވި، 1974 ން ފެށިގެން މިގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައި. އެހެން ނަމަވެސް، މިހާރު ހިނގަމުންމިދާ ސިޔާސީ މަސްރަޙުގެ ތެރޭގައި، ކޮންމެވެސްވަރަކަށް ދެޤައުމުގެ ގުޅުމަށް އަސަރުކުރާ ވާހަކަ މިވަނީ ދެކެވިފައި. މިސާލަކަށް، ކުރީގެ ރައީސް ނަޝީދު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރާ ބެހޭގޮތުން ދެއްކި ވާހަކަފުޅު އަޅުގަނޑު ފާހަގަކޮށްލަން. ބަޣާވާތުގެ ބައިވެރިއެއް ކަމަށް، ސަފީރަކީ އޭގެ ބައިވެރިއެއް ކަމަށް ތުހުމަތު ކުރެއްވި. އެހެންވީމާ، މަނިކުފާނުގެ ވިސްނުންފުޅުގައި މިގޮތަށް ވާހަކަދެއްކެވުމުން، ދެ ޤައުމުގެ ގުޅުމަށް ކިހާވަރަކަށްތޯ ބުރޫއަރާނީ. އަދި އެކަމުގައި ވާނީ ކިހިނެއްތޯ؟ އަދި ސަފީރާވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވާހަކަ ދެކެވިފައި ހުންނާނީ. ކިހިނެއްތޯ ސަފީރު، އެދުވަހުގައި މަސައްކަތްޕުޅު ކުރެއްވީ، މަނިކުފާނަށް އެނގިވަޑައިގެންފައި އޮތްގޮތުން ވެއްޖިއްޔާ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު ޚާއްޞަކޮށް އިނގޭތޯ. އިންޑިއާގެ ސަފީރާ ބެހޭގޮތުން ކުރީގެ ރައީސް ދެއްކެވި ވާހަކަފުޅަކީ އެއީ އެވާހަކަފުޅު ދައްކަވަންޖެހުނު ސަބަބެއް އެނގިވަޑައިގަންނަވާނީ ކުރީގެ ރައީސަށް. އަޅުގަނޑު ދެކޭގޮތުގައި އެއީ އިންޑިއާފަދަ އަޅުގަނޑުމެންނާ ގާތް އަދި އެހީތެރިކަން ބޮޑު ޤައުމެއްގެ ސަފީރަކާ ދޭތެރޭގައި ދައްކަން ވަރަށް ޒިންމާދާރުކަންކުޑަ ވާހަކަފުޅެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ދެން އަޅުގަނޑުގެ މިދަތުރުގައި، އެކަމާ ބެހޭގޮތުން އެއްވެސްކަހަލަ ވާހަކައެއް، އެއްވެސް މީހަކު އަޅުގަނޑަކަށް ވިދާޅުވެފައެއް ނެތް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދޭތެރޭގައި އޮތް ވަރުގަދަ ގުޅުމަށް އޭގެ ސަބަބުން ހަމަ އެއްވެސްކަހަލަ ގުޑުމެއް ނާރާކަމަށް އަޅުގަނޑު ގަބޫލުކުރަނީ.