بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި އުޚުތުން!

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! اللّـه سبحـانـه وتعـالى ގެ ރަޙްމަތްފުޅުން މީގެ 100 ދުވަސް ކުރިން، ދިވެހިރާއްޖޭގެ ރިޔާސަތާ އަޅުގަނޑު ޙަވާލުވުމަށްފަހުގައި، އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ދިވެހި ޤައުމަށް ވީހާވެސް އިޚްލާޞްތެރިކޮށް، އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ ބޮޑަކަށް ދިވެހި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި.

އާދެ! އަޅުގަނޑާ މި ބުރަ މަސްއޫލިއްޔަތު ޙަވާލުވީއިރުގައި، ރާއްޖޭގެ ޙާލަތު އޮތީ އަޅުގަނޑުމެން އެދޭ އެންމެ ރަނގަޅަކަށް ނޫން. ޤައުމުގެ ސިޔާސީ މަސްރަޙު އޮތީ ހަލަބޮލިވެ، ޤައުމުގައި ވަރަށް ބޮޑަށް ބައިބައިވުންތައް އުފެދިފައި. ޤައުމުގެ އިޤްތިޞާދު އޮތީ ފުން ވަޅުގަނޑަކަށް ވެއްޓިފައި. ޤައުމުގެ ދަރަނި ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައި. އަދި ހަމައެހެން، އިޖްތިމާޢީ ގޮތުން އެކިއެކި ޢާއިލާތަކާއި، އެކިއެކި ރަށްރަށުގައި ދެބަސްވުންތައް އުފެދި، އެއް ޢާއިލާއެއްގެ ތެރޭގައިވެސް، އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ދައްކައި ނޫޅެވޭ ދަރަޖައަށް ކަންކަން ގޮސްފައި.

ކަންމިހެން އޮތް ކަމުގައިވީނަމަވެސް، އަޅުގަނޑު މިއަދު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކޮށް، އަޅުގަނޑު ފާހަގަކުރަން، މިއަދު ދިވެހިރާއްޖެ މިއޮތީ ޑިމޮކްރަސީގެ އުޞޫލުތައް ޤާއިމްކޮށް، ޑިމޮކްރަސީ ވަރުގަދަ ކުރުމުގެ މަސައްކަތުގައި ކުރިއަށް މަސައްކަތް ގެންގޮސްފައި. އަދި އެގޮތުން، ޤައުމުގެ އިޤްތިޞާދުވެސް ކުރިއަށްވުރެ ރަނގަޅު ކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް ވަނީ އެޅިފައި. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ މެދުގައިވާ ތަފާތުތައް ކުޑަކޮށް، އެންމެންގެ މެދުގައި އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައި. އަޅުގަނޑު ފާހަގަކުރާ ގޮތުގައި، އަޅުގަނޑުމެންނަށް މިދިޔަ 100 ވަރަކަށް ދުވަހުގެ ތެރޭގައި، ކުރެވުނު މަސައްކަތުގެ ސަބަބުން، ކުރިއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން އުފެދި، ޤައުމީ ރޫޙު އާލާވެގެން ހިނގައްޖެ. އަޅުގަނޑު އެކިއެކި ރަށްރަށަށް ކުރާ ދަތުރުތަކުގައި، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ދިވެހި ރައްޔިތުން، މި ގައުމުގެ ފަޚްރުވެރި ދިދައިގެ ދަށުގައި، އެންމެން އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަމުންދާތަން. އެކަމަށްޓަކައި އަޅުގަނޑު އުފާކުރަން.

އާދެ! އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން، ސިޔާސީ ވިސްނުމަކުން ވިސްނައިގެން، އެއްވެސް މީހަކު ސަރުކާރުގެ ވަޒީފާއަކުން ވަކިކޮށްފައެއް ނުވާނެ. އަދި ޤައުމުގައި އެއްބައިވަންތަކަމާއި ހަމަޖެހުން އިތުރުކުރުމަށްޓަކައި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން އަޅުގަނޑު މިގެންދަނީ. އެގޮތުން، ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުވެގެން، އެއްތަނެއްގައި ވާހަކަ ދެކެވޭނެ ފުރްޞަތު ހުޅުވާލެވި، އެކަމަށް މަގުފަހިކޮށްދީފައިވާނެ. މާބޮޑު ނަތީޖާތަކެއް ނުނުކުތަސް، ހުރިހާ ޕާޓީތަކާ އެއްތަނެއްގައި ވާހަކަ ދެއްކުމުގެ ފުރްޞަތު އޮތުމަކީ، އަޅުގަނޑު ދެކޭގޮތުގައި، ޤައުމަށް ހަމަޖެހުން ގެނައުމުގައި ވަރަށް މުހިންމު ކަމެއް. އަދި އެނގިވަޑައިގަންނަވާނޭ ފަދައިން، 7 ފެބްރުއަރީގައި ހިނގާދިޔަ ޙާދިޘާއާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން ވަނީ އިންކުއަރީ ކޮމިޝަނެއް އުފައްދާފައި. އަޅުގަނޑު އުފެއްދި އިންކުއަރީ ކޮމިޝަން އަޅުގަނޑު އުފެއްދީ، އެވަގުތު އަޅުގަނޑަށް މިޤައުމުން ފެންނަން ތިބި އެކަމަށް ކުޅަދާނަ، އެކަމަށް ކުރިމަތިލައްވަން ތައްޔާރަށް ތިއްބެވި އެންމެ ރަނގަޅު، އެންމެ އިޙްތިރާމްކުރާ، އެންމެ ޤާބިލް ތިން ބޭފުޅުންގެ މައްޗަށް އެކުލަވައިލައިގެން. ނަމަވެސް، އިންކުއަރީ ކޮމިޝަންގެ މަޤްޞަދަކީ، ޤައުމުގައި ހަމަޖެހުން އިތުރުކުރުން ކަމަށްވާތީ އަދި ހުރިހާ ޕާޓީތަކެއްގެ މެދުގައިވެސް އެއްބަސްވުންތަކަކަށް އާދެވުން ކަމަށްވާތީ، އަޅުގަނޑު މިހާރުވާނީ އެނގިވަޑައިގަންނަވާނޭ ފަދައިން، އެ ކޮމިޝަނަށް ބައެއް ބަދަލުތައް ގެންނަންވެސް އެއްބަސްވެފައި. އެއީ މިޤައުމުގެޞުލްޙައާއި މަޞްލަޙަތަށްޓަކައި.

އާދެ! އަޅުގަނޑު ކުރިން ދެންނެވިހެން، ދިވެހިރާއްޖޭގައި މިއޮތީ ޑިމޮކްރަސީ ޤާއިމްވެފައި. އެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށްޓަކައި ކުރަންހުރި ބައިވަރު މަސައްކަތް އެބަހުރި. އެހެންވީމާ، އެމަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އެނގިވަޑައިގަންނަވާނޭ ފަދައިން، މި ސަރުކާރުގެ ފަރާތުން ޑިމޮކްރަސީގެ އުޞޫލުތައް ހިފެހެއްޓުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއްދަނީ ކުރަމުން. ރައްޔިތުންގެ މަޖިލީހަށް އިޙްތިރާމާ އެކީގައި އަޅުގަނޑުމެން މުޢާމަލާތު ކުރަމުން ގެންދަނީ. އެއްވެސް ޙާލެއްގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ޕްރެޝަރކޮށް، ބޭފުޅަކަށް މަޖުބޫރު ކުރުމުގެ ގޮތުން އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަމު. އަދި ރައްޔިތުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަޅުގަނޑު އަދާކުރަންޖެހޭ ދުސްތޫރީ ވާޖިބު އަދާކުރުމުގައި، ހުރަސް އެޅުއްވުމުންވެސް، އެކަންވެސް ކެތްތެރިކަމާ އެކީގައި، ޞުލްޙަވެރިކަމާ އެކީގައި އެކަން ކޮށް ނިންމިން. އަދި އެއަށްފަހުގައި، މިހާރު ރައްޔިތުންގެ މަޖިލިސް ހުޅުވި، ރައްޔިތުންގެ މަޖިލިސް ބަރާބަރަށް މަސައްކަތް ކުރަމުންދާކަން އެއީ އަޅުގަނޑުމެންގެ ޑިމޮކްރަސީއަށް ލިބުނު ވަރަށްބޮޑު ކާމިޔާބެއް. އެނގިވަޑައިގަންނަވާނޭ ފަދައިން، އެތަކެއް ބިލްތައް ފާސްކުރައްވައި، އޭގެތެރެއިން ބައެއް ބިލްވަނީ އަޅުގަނޑު މިހާރު ތަޞްދީޤުވެސްކޮށްފައި. އަދި ހަމައެހެން، އަޅުގަނޑު ތިޔަ ޢިއްޒަތްތެރި އަޚުންނަށާއި އުޚުތުންނަށް ދަންނަވާފައިވާނީ، ޤާނޫނުއަސާސީގެ ދަށުން އުފެދިފައިވާ އެކިއެކި މިނިވަން މުއައްސަސާތަކަށް އަޅުގަނޑު އިޙްތިރާމް ކުރާނަމޭ. އެގޮތުން، އެ މުއައްސަސާތަކުން ނެރުއްވާފައިވާ ރިޕޯޓްތަކާއި، ނިންމަވާފައިވާ ނިންމުންތަކަށް އަޅުގަނޑު މިދަނީ ފުރިހަމައަށް އިޙްތިރާމް ކުރަމުން. އަދި އެއިން އެއްވެސް ފަރާތަކަށް އަޅުގަނޑުގެ ނުފޫޒެއް ނޯންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އަދި ޢަދުލު އިންޞާފް ޤާއިމް ކުރުމަށްޓަކައި ވަކިކުރެވިފައިވާ ބާރަކީ ޖުޑީޝަރީ. ޖުޑީޝަރީއަށް އަޅުގަނޑުގެ ފަރާތުން ހަމަ އެއްވެސް ނުފޫޒެއް ނުފޯރާކަމާއި، ނުފޯރާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން. އަދި ޖުޑީޝަރީގެ މިނިވަންކަން އިތުރުކުރުމަށްޓަކައި އެނގިވަޑައިގަންނަވާނޭ ފަދައިން، ޖުޑީޝަރީގެ ބަޖެޓްވެސް ވާނީ ވަކިކުރެވިފައި.

އާދެ! ދެން އަޅުގަނޑު އެއްޗެއް ދަންނަވާނީ، ޤައުމުގެ އިޤްތިޞާދީ ޙާލަތާ ދޭތެރޭގައި. އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންނަށް މިއޮތީ ވަރަށްބޮޑު ދަރަނި ބަޖެޓެއް ލިބިފައި. އަދި މިދިޔަ އަހަރުގެ ބިލްތަކުގެ ތެރެއިންވެސް ދެބިލިއަނެއްހާ ރުފިޔާގެ ބިލް ނުދައްކާ ހުރުމުގެ ސަބަބުން، އެވެސް ދައްކަން މިޖެހެނީ މިއަހަރު. އެހެންވީމާ، އެ ޙާލަތު އޮތްގޮތް ރަނގަޅަށް ދެނެގަތުމަށްޓަކައި، އައި.އެމް.އެފް.ގެ ވަފްދެއް ރާއްޖެ ގެނެސް، އެބޭފުޅުން އަޅުގަނޑުމެންގެ އިޤްތިޞާދާ ބެހޭގޮތުން ހޯއްދެވި ހޯއްދެވުން ވާނީ ވަރަށް ފުޅާކޮށް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހުރިހާ ބޭފުޅުންނަށް ދަންނަވާފައި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ ހުރިހާ ބޭފުޅުންނަށާއި، ވިޔަފާރިވެރިންނަށް އަޅުގަނޑު ވާނީ އެބޭފުޅުން ހޯއްދެވި ހޯއްދެވުންތައް ފާޅުކޮށްފައި. އަދި އެހުށަހެޅުއްވި ކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތައްވެސް މިގެންދަނީ ކުރަމުން. އަދި ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ދިވެހި ފައިސާ ޗާޕްކުރުން ވަނީ ހުއްޓާލެވިފައި. ދެން ހަމައެއާއެކީގައި، ދައުލަތުން ވިއްކަމުން ގެންދާ ޓްރެޜަރީ ބޮންޑުވެސް، ވަކި ކޮންޓްރޯލެއްގެ ދަށުން ކުރެވެމުން ގޮސްފައިވަނީ. ނަތީޖާއެއްގެ ގޮތުން، އިޤްތިޞާދަށް ކޮންމެވެސްކަހަލަ، ކުޑަނަމަވެސް ރަނގަޅު ނިޝާންތަކެއް ފެންނަމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އެގޮތުން، އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހި ރުފިޔާގެ އަގު މިހާރުވަނީ މަޑުމަޑުން މައްޗަށްދާން ފަށާފައި.

އާދެ! އިޤްތިޞާދު، އަޅުގަނޑުމެންގެ އެންމެބޮޑު މައްސަލައަކީ. އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރަންހުރި ބައިވަރު ކަންތައް އެބަހުރި. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މިޤައުމަށް އަދި ސަރުކާރަށްވެސް އެންމެބޮޑު އާމްދަނީއެއް ލިބޭ އެއްކަމަކީ، ފަތުރުވެރިކަން. ވީމާ، ޓުއަރިޒަމްގެ ދާއިރާގައި އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން މި ސަރުކާރުން ވާނީ އިމާރާތްކުރާ ބިމުގެ ޕަސެންޓޭޖް 20 ޕަސެންޓުން 30 އިންސައްތައަށް އިތުރުކޮށްފައި. އެކަންކުރީ ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބެމުންދާ ޚިދްމަތްތަކާއި، އެމީހުން ދިރިއުޅުމަށް ހެދިފައިވާ ތަންތަން މިހާރަށްވުރެ ރަނގަޅު ކުރުމަށް ޝަރުޠުކޮށްފައި. އަދި ހަމައެހެން، އެއްފަހަރާ ރިޒޯޓްތަކުން ދައްކަން ޖެހިފައި އޮތް ފައިސާ ބަހާލެވިގެން، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދެއްކުމަށްޓަކައި، އެކަން ޤާނޫނީގޮތުން އޮންނަ ގޮތަށް ހަމަޖެހިފައި. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، އިޤްތިޞާދީ ގޮތުންވެސް ކުއްލި ކުއްލި ބަދަލުތަކެއް ނުގެނެސްވޭތޯ. އެއީ އިންވެސްޓަރ ކޮންފިޑެންސް ރަނގަޅު ކުރުމަށްޓަކައި، ހަމަޖެހޭ ހަރުދަނާ އިޤްތިޞާދެއް އޮތުމަކީ އެއީ މުހިންމު ކަމަކަށްވާތީ. ކުއްލި ކުއްލިއަށް އާ ޓެކްސްތައް ތަޢާރުފްކޮށް، ބޮޑެތި ޕޮލިސީ ބަދަލުތައް ގެނައުމަކީ އެއީ އިންވެސްޓަރުން އެކަމާ ޖެހިލުންވާނެ ކަމެއް ކަމަށް އަޅުގަނޑަށް އެނގޭތީ.

އާދެ! ހަމައެހެން، ކުރިން ދެންނެވިހެން އަޅުގަނޑުމެންގެ އިޖްތިމާޢީ ޙާލަތު އޮތީކީވެސް އަޅުގަނޑުމެން އެދޭ އެންމެ ރަނގަޅަކަށް ނޫން. އިޖްތިމާޢީ ފޭރާން ވަރަށް ބަލިވެފައި އޮތް ވަގުތަކާ އަޅުގަނޑުމެންނާ މިދިމާވީ. އެހެންކަމުން، އެނގިވަޑައިގަންނަވާނޭ ފަދައިން، މިސަރުކާރުގެ ފަރާތުން ވާނީ އަޅުގަނޑުމެންގެ ޚާއްޞަކޮށް، ޒުވާނުންގެ އަޚްލާޤާއި ވެލިއުސް ރަނގަޅު ކުރުމަށްޓަކައި، މަދަނީ ތަޢުލީމުގެ ޤައުމީ މަޝްރޫޢެއް ފަށާފައި. އަޅުގަނޑު ދެކޭގޮތުގައި، ޤައުމެއްގެ އިޖްތިމާޢީ ކަންކަން ރަނގަޅު ކުރުމަށްވެސް އެންމެ މުހިންމު އެއްކަމަކީ ޢަދުލު އިންޞާފް ޤާއިމްކުރުން. އަމަންއަމާންކަން ޤާއިމްވެފައި އޮތުން. އެގޮތުން، މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައި އޮތީ ނުރައްކާތެރި ޙާލަތަކާ. އެއީ ޖަލުގައި ބަންދުވެފައި ތިބެންޖެހޭ އެތައް ބަޔަކު އެއްވެސް ހިފެހެއްޓުމެއްނެތި، ރާއްޖޭގެ، މާލެއާއި އަދި ރާއްޖެތެރޭގެ އެކިއެކި ރަށްރަށަށް ދޫކުރެވިފައިވާތީ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި އުނދަގޫތަކާ، މިވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ވަނީ ކުރިމަތިލާން ޖެހިފައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އެއްވެސް ސިޔާސީ ނުފޫޒަކުން، ބަންދުގައި ހުރި މީހަކު ދުލެއް ނުކުރެވޭ. ނުވެސް ކުރެވޭނެ. އަދި އެއްވެސް ސިޔާސީ ނުފޫޒަކުން، މިނިވަންކޮށް ހުރި މީހަކު ބަންދެއްވެސް ނުކުރެވޭނެ. ޤާނޫނުގެ ބާރު ފުރިހަމައަށް ހިންގުމަށްޓަކައި ދައުލަތުން ކުރަންޖެހޭ ހުރިހާ ކަމެއް، އަޅުގަނޑުމެން ފަސްނުޖެހި ކުރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

އާދެ! ދެން ހަމަ މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، އެނގިވަޑައިގަންނަވާނޭ ފަދައިން، އިޖްތިމާޢީ ގޮތުން، ޚާއްޞަކޮށް، އަންހެނުންނާއި ކުޑަކުދިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ، މި ގިންތިތަކުގެ މީހުންނަށް، އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން މިހާރުވާނީ އާ ވުޒާރާއެއް އެކުލަވާލައި، އަދި އެ ވުޒާރާއަށް މިނިސްޓަރަކުވެސް ޢައްޔަންކޮށްފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިޖްތިމާޢީ ޢަދާލަތު، ތަނެއްގައި ޤާއިމްވާނީ، އިންޞާފްވެރިކަމާ އެކީގައި ވެރިކަމުގެ ފަރާތުން ކަންކަން ކުރުމުން. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ޢަދުލުވެރިކަމާއެކީ، އިންޞާފާ އެކީގައި، އަޅުގަނޑުމެންގެ މަސައްކަތްތައް، ހަމަހަމަކަމާ އެކީގައި ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.

އަޅުގަނޑުގެ އެދުމަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ އެންމެންގެ ހިތްތަކުގައި އީމާންކަން ވަރުގަދަ ކުރައްވައި، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރެއްވުން. ދިވެހިރާއްޖެއަށް ފާގަތިކަމާއި، މުއްސަނދިކަމާއި، ދިވެހި ރައްޔިތުންނަށް އުފާވެރިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه


އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. އެހެން ނަމަވެސް، އެއް ސުވާލަށް ސްޕޯކްސްޕަރސަން ފުރުޞަތު ދެއްވީ. ނަމަވެސް، ހަމަ އެއާ ގުޅޭ ސުވާލެއްވީމާ ދަންނަވާލާނަން. ފުރަތަމަ، މަނިކުފާނުގެ ވެރިކަމުގެ 100 ދުވަސް މި ހަމަވީ. ހަމަވިއިރުގައި، މަނިކުފާނަށް 100 ދުވަހުގެ ތެރޭގައި ކޮށްދެއްވުނު، ޤައުމަށްޓަކައި ކޮށްދެއްވުނު އެންމެ މުހިންމު އަދި އެޅުއްވުނު އެންމެ ރަނގަޅު ފިޔަވަޅެއް ކަމަށް މަނިކުފާނު ދެކެވަޑައިގަންނަވަނީ ކޮންކަމެއްތޯ. ދެން އެއާއެކު ހަމަ، އެއާ ވިއްދައިގެން، އަޅުގަނޑު 100 ދުވަސް ހަމަވީއިރުގައި، ބައެއް ޕްރޮޖެކްޓްތައް ހުއްޓިފައި ހުރި ވާހަކަ އެބަ ދައްކާ. މިސާލަކަށް، ދެކުނުގެ ބައެއް ޔޫޓިލިޓީޒްތައް، ކުރީގެ ސަރުކާރުން އުފައްދާފައި ހުރި. ކުންފުނިތަކުން ތައްޔާރުކޮށްފައި ހުރި ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރި ކަމުގެ ޝަކުވާތައް އެބަކުރޭ ބައެއް ފަރާތްތަކުން. އެހެންވީމާ، އިޤްތިޞާދީ ގޮތުންވެސް ޤައުމަށް އެންމެ ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި، އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް މަނިކުފާނު ރާއްވަވާފައި ހުރި ގޮތްތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ޙަމްދޫންގެ ދެސުވާލުން ފުރަތަމަ ސުވާލުގައި، އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑަށް ވަރަށް ސާފު، މިދިޔަ 100 ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ކުރެވުނު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޤައުމަށްޓަކައި ކުރެވުނު އެންމެބޮޑު ޚިދްމަތަކީ، ޤައުމުގެ ޙާލަތު ހަމަޖެހުމާއެކީގައި، ހަމަހިމޭންކަމާއެކީގައި ބޭއްވުމަށްޓަކައި މަސައްކަތް ކުރުން. ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމަށްޓަކައި މަސައްކަތް ކުރުން. އަޅުގަނޑުމެންނަށް މި ދިމާވި ކަހަލަ ޙާލަތެއް ދިމާވުމުން، ބައެއްފަހަރު ތަނުގައި ހަލަބޮލިކަން އިތުރުވެ، ތަނުގެ ހަމަނުޖެހުން އިތުރުވެ، ޤައުމު ނުރައްކާތެރި ޙާލަތަކަށް ހަމަ ދިޔުމަކީ ވަރަށް ކައިރީގައި އޮންނަ ކަމެއް. އަޅުގަނޑުމެންނަށް އެތަން، ދުނިޔޭގެ އެހެން ޤައުމުތަކުން ފެނިފައި އެބަހުރި. އެހެންވީމާ، އެ ޙާލަތަށްދިޔަނުދީ، އެންމެންނާއެކީ މަސައްކަތްކޮށް، މި ޤައުމުގެ ޞުލްޙަމަޞްލަޙަތު ހަރުދަނާކަމާއެކީގައި ހިފެހެއްޓިފައި މި ބޭއްވުނުކަން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ޤައުމަށް ކުރެވުނު އެންމެބޮޑު ޚިދްމަތަކީ.

ދެން ތިޔަ ވިދާޅުވިގޮތަށް، ބައެއްކަހަލަ މަޝްރޫޢުތައް އެބަހުރި ހިފެހެއްޓިފައި. ޚާއްޞަކޮށް، ސީ.އެސް.އާރުގެ ދަށުން ބައެއް ރަށްރަށުގެ ނަރުދަމާ ހެދުމަށްޓަކައި ކަނޑައެޅިފައިވާ ބައެއް މަޝްރޫޢުތައް މިވަގުތު ވަނީ ވަގުތީގޮތުން ހިފަހައްޓާލެވިފައި. އެކަން އެގޮތަށް ކުރަން ޖެހިފައިވާ ސަބަބަކީ، އެ މަޝްރޫޢުތައް ކުރިއަށް ގެންދެވިފައިވަނީ، ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އެބަޖެހޭ ބަލަން. އެނގިވަޑައިގަންނަވާނޭ ފަދައިން، ގާތްގަނޑަކަށް ހަތަރުސަތޭކައެއްހާ ފަޅުރަށްވަނީ އެކިއެކި ފަރާތް ފަރާތަށް ދިނުމުގެ މަގުމަތީގައި. އެކިއެކި ލިޔުންތައް ޙަވާލުކުރެވިފައި. މިގޮތުން، އެގްރީމަންޓް ލިޔެވިފައި ހުރި ބައެއް ރަށްރަށާއި، އެރަށްރަށް ދެވޭނެކަމުގެ ލިޔުންތައް ޙަވާލުވެފައި ހުރި ރަށްރަށާ، މިހެންހުރި ބައިވަރު ކަންކަން އެބަހުރި. މިކަންކަން ކުރެވިފައި ހުރީ ޤާނޫނުގެ ރޫޙާ އެއްގޮތްވާ ގޮތަކަށް ނޫން. އެހެންވީމާ، އެކަން އެބަޖެހޭ ބަލަން. ދައުލަތުގެ ފަރާތުން އެކަންކަން ހަމައަކަށް އަޅުވައިގެން ކުރިއަށް ގެންދަންޖެހޭނީ. އެހެންވީމާ، އެގޮތުން ކުރިއަށް ގެންދެވެންހުރި ކަންކަން ކުރިއަށް ގެންދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

ދެން އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ފެށިފައި ހުރި މަޝްރޫޢުތައް، ވީހާވެސް ގިނަ މަޝްރޫޢުތައް ހަމަ ކުރިއަށް ގެންދެވޭތޯ. އެގޮތުން، އެނގިވަޑައިގަންނަވާނެ، ހަމަ އެއްވެސް ހުއްޓުމެއް ނައިސް، އިރާދަކުރެއްވީތީ ގެދޮރު އެޅުމުގެ ހުރިހާ މަޝްރޫޢުތައް އެބަ ކުރިއަށްދޭ. އެގޮތުން، ކުޑަކޮށް މަޑުޖެހިފައި ހުރި މަޝްރޫޢުތައްވެސް މިހާރު ވަނީ ހިނގައިގެންފައި. އެހެންވީމާ، އެކަންކަން އެބަ ކުރިއަށްދޭ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ރައްޔިތުންނަށް ފައިދާހުރި ކަންކަން އެއްގޮތަކަށްވެސް ނުހުއްޓާ ކުރިއަށް ގެންދެވޭތޯ.

ޢަލީ ނާއިފް – ސަން އޮންލައިން:

މަނިކުފާނު ފާހަގަކުރައްވައިފި، މަނިކުފާނުގެ ވާހަކަފުޅުގައިވެސް، އިޤްތިޞާދީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ވާހަކަ. ދެން އަޅުގަނޑުމެންނަށް އަޑުއިވިގެން މިދަނީ، ބަޖެޓް، ގާތްގަނޑަކަށް އިތުރަށް ތިން ބިލިއަނެއްހާ ރުފިޔާއިން ޑެފިސިޓްވެފައިވާ ވާހަކަ. ކޮބައިތޯ މަނިކުފާނު ގެންގުޅުއްވާނެ ސިޔާސަތަކީ، އެ ޑެފިސިޓް ފޫބައްދަވަން. ކޮބައިތޯ މަނިކުފާނުގެ ވިސްނުންފުޅުގައި ހުރި ގޮތަކީ؟ އަދި އަޅުގަނޑުގެ އިތުރު އެހެން ސުވާލެއްވެސް އެބައޮތް. މަނިކުފާނު ހަމަ ވަރަށްގިނަ ޕާޓީތަކާއެކު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައި ތިވަނީ. ޕާޓީތަކުގެ ސައިޑުން އެއްވެސްކަހަލަ ޕްރެޝަރެއް ކުރިމަތިވެވަޑައިގަންނަވާތޯ، ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާތޯ، މަނިކުފާނަށް ހުރިހާ ޕާޓީތަކަކާ އެއްކޮށް މަސައްކަތް ކުރައްވަން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ފުރަތަމަ އަޅުގަނޑު ދެވަނަ ސުވާލަށް ޖަވާބު ދަންނަވާނަން.

އަޅުގަނޑާ މި ޙަވާލުވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި، ރާއްޖޭގައި ޙަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތައްހެން އެހީތެރިކަން އެބަދޭ މިވަގުތު އަދި އެމް.ޑީ.ޕީ. ފިޔަވައި. މިހުރިހާ ޕާޓީތަކަކުން އެހީތެރިކަން ދެއްވައިގެން، ޕާޓީތަކުގެ ޤާބިލް ބޭފުޅުން ސަރުކާރުގެ އެކިއެކި މަޤާމްތަކާ ޙަވާލުވެވަޑައިގަންނަވައިގެން، މަސައްކަތް ކޮށްދެއްވަމުން ގެންދަވާތީ، އަޅުގަނޑުމެންނަށް މިހާ ރަނގަޅަށް މިކަންކަން ކުރިއަށް މިގެންދެވެނީ. އެބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި އެކުވެރިކަމާހެދި. އެހެންވީމާ، އަޅުގަނޑު ހަމަ މިހާރުވެސް އެހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް، ސިޔާސީ ޕާޓީތަކުގެ ވެރިންނަށާއި، އެ ޕާޓީތަކުގެ ފަރާތުން މި ސަރުކާރު ހިންގުމުގައި ޙަވާލުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑަކަށް ޕާޓީތަކުން ޕްރެޝަރެއް ނާދޭ.

މިވަރުގެ ބޮޑު ކޯލިޝަނެއް، ކޯލިޝަން ސަރުކާރެއް ހިންގުމަކީ ފަސޭހަ ކަމަކަށްނުވާނެ. ދެން ބައެއްފަހަރު ކުދިކުދި މިސް އަންޑަރސްޓޭންޑިންގ އުފެދުމަކީ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް، އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ، ވަކިފަރާތަކަށް ބުރަނުވެ، ހުރިހާ ޕާޓީތަކަށްވެސް ހަމަ އިންޞާފުވެރިކަމާއެކީގައި، ހަމަހަމަކަމާއެކީގައި މަސައްކަތް ކޮށްދެވޭތޯ. ބައެއްފަހަރު އެއްޕާޓީއެއް ބޭނުންވާ ކަމެއް ކުރުމުން، އަނެއް ޕާޓީއަށް ހިތްހަމަޖެހިވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް. އެއީ ވާދަވެރި ސިޔާސީ ޕާޓީތަކެއް، މި ކޯލިޝަންގެ ތެރޭގައިވެސް ހިމެނެނީ. އެހެން ނަމަވެސް، އެއީކީ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދެކެން. މީގައި އެންމެ މުހިންމު ކަމަކީ، މަޢުލޫމާތު ރަނގަޅަށްދެވި، އެއްބަޔަކު އަނެއްބަޔަކާ ރަނގަޅަށް ވާހަކަދެކެވި، މުޢާލަމާތު ކުރެވުން. އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑު ވަރަށް ފަޚްރުވެރިވަން، މި 100 ދުވަހުގެ ތެރޭގައި، މި ކޯލިޝަން ވަރަށް އެކުވެރިކަމާ އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާތީ.

އާދެ! ފުރަތަމަ ސުވާލުގައި ކުރައްވާފައި އޮތީ، އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކޮން ވިސްނުމެއްތޯ މިގެންގުޅެނީ، އެހެން ނޫންތޯ. އެގޮތުން، އަޅުގަނޑު ދަންނަވާފައިވާނެ ފަދައިން، އަޅުގަނޑުމެންގެ އޮތީ ވަރަށްބޮޑު ދަރަނި ބަޖެޓެއް. އެހެންވީމާ، ފުރަތަމަ ކަމަކަށް، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތައް ކުރުން. އެގޮތުން، އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު މަޤާމްތައް އުފެއްދުމުގައިވެސް، ކުރިއާ އަޅާބަލާއިރުގައި، ކުރިއަށްވުރެން މަދުން އަޅުގަނޑުމެން ސިޔާސީ މަޤާމްތައް އުފައްދާފައި ހުރީ. އަދި ހަމައެހެން، މިހާރު އަޅުގަނޑުމެން ވިސްނަމުން މިގެންދަނީ، ސަރުކާރުގެ އެކިއެކި އޮފީސްތަކުގެ ޚަރަދު، މިހާރަށްވުރެ ދިހަ ޕަސެންޓް ނޫނީ ފަނަރަވަރަކަށް ޕަސެންޓް ކުޑަކުރުމަށް. އެގޮތުން މިހާރުވާނީ ހުރިހާ ވުޒާރާތަކަށްވެސް އަންގާފައި، އެކްރޮސް ދަ ބޯޑް، ހަމަ ހުރިހާ ބަޖެޓަކުންވެސް ދިހަ ޕަސެންޓް ކުޑަކުރައްވަން. ދެންހަމައެއާއެކީގައި، މުސާރަތަކަށްވެސް ކޮންމެވެސްކަހަލަ ބަދަލުތަކެއް، ސިޔާސީ މީހުންގެ މުސާރައިން ކޮންމެވެސްވަރެއް އުނިކުރުމުގެ ވިސްނުންވެސް އަޅުގަނޑުމެން އެބަގެންގުޅެން. އެއީ ވޮލަންޓަރީ ގޮތުން. އެހެންވީމާ، އެކަމާ ބެހޭގޮތުން އަދި ޖެހޭނީ، އެކަމަށް ކެބިނެޓްގައި އަޅުގަނޑުމެން މަޝްވަރާ ކުރުމަށްފަހު އެކަން ކުރަން. މިދެންނެވީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރަންހުރި ބައެއް ކަންކަން.

ދެން އޭގެއިތުރުން އެނގިވަޑައިގަންނަވާނެ، އާސަންދައިގެ ވާހަކަ. އެއީ ވަރަށް ތަފްޞީލުކޮށް މިހާރު އެ ވާހަކަވަނީ ދެކެވިފައި. އެހެންވީމާ، އާސަންދައަށް ކުރާ ޚަރަދު މިހާރު އެގޮތަކަށް އަޅުގަނޑުމެންނަކަށް ކުރެވޭކަށް ބަޖެޓަކު ފައިސާއެއް ނެތް. އެހެންވީމާ، އެއަށް އެބަޖެހޭ، ބައެއް ކޮންޓްރޯލް ގެންނަން. އެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް ދަނީ މަސައްކަތް ކުރައްވަމުން. އެހެންވީމާ، މާލަސްތަކެއްނުވެ އެއަށް އިޞްލާޙުތަކެއް އަންނާނެ. އޭގެ ބޭނުމަކީ، އެ ޞިއްޙީ ޚިދްމަތް ލިބެންޖެހޭ ފަރާތްތަކަށް ޚިދްމަތް ލިބިދިނުން. އެހެން ނަމަވެސް، އޭގެ ބޭނުން ކުރުމުގައި، ވޭސްޓްނުވާނޭ ގޮތަކަށް އެކަން ކުރަމުން ގެންދިޔުން.

ދެން މީގެއިތުރުން، މިހާރު ރެވެނިއު ހޯދުމަށްޓަކައި އަޅުގަނޑުމެން އިތުރު ވިސްނުންތައް ވިސްނަމުން މިގެންދަނީ. އޭގެތެރެއިން އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ބޭރުގެ ބައެއް ފަރާތްތަކުން އަޅުގަނޑުމެން ފައިސާ ހޯދޭތޯ މަސައްކަތް ކުރަމުން މިދަނީ. އެގޮތުން އެންމެފަހުން އަޅުގަނޑު އިންޑިއާއަށް ކުރި ދަތުރުގައި، ބަޖެޓް ސަޕޯޓްގެ ގޮތުން، 25 މިލިއަން ޑޮލަރު ލިބޭގޮތަށް ހަމަޖެހިފައިވަނީ. އަދި އޭގެއިތުރުން، ވިޔަފާރި ކުރުމަށް އިތުރު 25 މިލިއަން ޑޮލަރުވެސް ލިބޭނެ ކަމަށް. ދެން އެކިއެކި މަޝްރޫޢުތައް ހިނގަން ފެށުމުން، އެއަށް ލިބޭ ފައިސާވެސް، އިޤްތިޞާދުގެ ތެރެއަށް ވަދެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

މިދެންނެވީ މިވަގުތުހުރި، އުންމީދު ކުރެވެމުންދާ ބައެއް ކަންކަން. އެހެން ނަމަވެސް، ކުރިން ދެންނެވިހެން އިތުރަށް ފައިސާ ޗާޕްނުކޮށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން މިގެންދަނީ. އިންވެސްޓަރ ކޮންފިޑެންސް ރަނގަޅުވިވަރަކުން، އަޅުގަނޑުމެންނަށް ބޭރުގެ އިންވެސްޓްމަންޓް ލިބެމުން އަންނާނެ. އެގޮތުން މިހާރުވެސް މި ދޫކުރެވެމުންދާ ރަށްތަކުގެ ކަންތައް ބަލަން ފެށުމުން، އެކަމުގެ ސަބަބުން ކޮންމެވެސް ޔަޤީންކަމެއް އުފެދިގެން ހިނގައްޖެ. އަދި މިހާރު ނުހެދިހުރި ބައެއް ރަށްރަށް ހެދުމަށްވެސް މަގުފަހިވަމުންދާކަމުގެ ނިޝާން އަޅުގަނޑުމެންނަށް އެބަފެނޭ.

ޢާއިޝަތު ލީޒާ – އެމް.ބީ.ސީ:

އަޅުގަނޑުގެވެސް ދެސުވާލެއް އެބައޮތް. މަނިކުފާނު ވިދާޅުވެއްޖެ، މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް. މިވަގުތަށް ބައެއް މަޝްރޫޢުތައް މެދުކެނޑިފައި އޮތް ކަމުގައިވިޔަސް، ކުރިއަށް ގެންދާނަމޭ. ދެން އަޅުގަނޑު މި މަޝްރޫޢުތަކަށް ބަލައިލާއިރު، ވަކި ޕްރޮޖެކްޓަކަށް ޖެހިލާނަން އިނގޭތޯ. ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމެއް ފަށައިގެން ކުރިއަށް އެބަދޭ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ބައެއް ރަށްރަށުގައި، އެ ނިޒާމް އެންމެ ފުރިހަމަ ގޮތުގައި ކުރިއަކަށްނުދޭ. ބައެއް ކުންފުނިތަކާ ޙަވާލުކޮށްފައި، ފަޅުރަށްތަކެއް ދިނުމަށް ޙަވާލުކޮށްފައި އޮތަސް، ބައެއް ކުންފުނިތަކާ އެ ފަޅުރަށްތަކެއް ޙަވާލުކޮށްފައެއް ނެތް. އެހެން ނަމަވެސް، ބައެއް ކުންފުނިތައް އެބަހުރި، ތަންތަން ޙަވާލުކޮށްފައި. އެހެން ނަމަވެސް، އެ ނިޒާމް އެންމެ އެކަށީގެންވާ ގޮތުގައި، ރައްޔިތުންނާ ހަމައަށް އެ ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި، އެކަށީގެންވާ ގޮތެއްގައި އެއްވެސްވަރަކަށް މަސައްކަތް ނުކުރާ. ޕޮލިސީ މިހާރު އޮތްގޮތަށް އޮތްކަމުގައިވިޔަސް، ސަރުކާރުން އެކަމަށް އާ އިތުރަށް ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، އާ ޕޮލިސީއެއް އެކުލަވައިލަން އެއްވެސްވަރަކަށް ވިސްނަވާފައި އެބައޮތްތޯ؟ އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދަތުރުފަތުރުގެ ނިޒާމް ފެށިގެން ދިޔައީ، ތިޔަ ވިދާޅުވާހެން ބައެއް ފަޅުރަށްތައް އެކުންފުނިތަކާ ޙަވާލުކޮށް، އެކިއެކި ޕްރޮޕަޓީޒް ޙަވާލުކުރެވިގެން. ނަމަވެސް މިހާރު ބައެއް ކުންފުނިތަކުން ފައިސާގެ ދަތިކަން ހުރިކަމަށް އަޅުގަނޑުމެންނަށް އެނގެމުން އެބަދޭ. އެގޮތުން، ބައެއް ފަރާތް ފަރާތުން އެބަހުރި އެހީއަށް އެދިފައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އެފަރާތް ފަރާތަށް ކްރެޑިޓް ފެސިލިޓީޒް ލިބޭނެ ގޮތެއް ހަމަޖައްސައިދެވޭތޯ. އާދެ! ކުންފުނީގެވެސް ބުރަދަންހުރިވަރަކުން ފައިސާ، ބޭންކްތަކުން ދޫކުރާނީވެސް. އެހެން ނަމަވެސް، ސަރުކާރުގެ ކޮންމެވެސްކަހަލަ އެއްބާރުލުމެއް އޮވެގެން، އެކުންފުނިތަކަށް އިތުރު ފައިސާގެ އެހީ ލިބޭނެގޮތެއް ހޯދޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ.

އިބްރާހީމް ވަޙީދު – ރާއްޖެ ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގެ ސިޔާސީ ވެރިންގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ވަރަށްބޮޑު ސިޔާސީ ހަލަބޮލިކަމެއް މަނިކުފާނުގެ ފުރަތަމަ 100 ދުވަހު ރައްޔިތުންނަށް ފެނިގެން މިދިޔައީ. ދެން މި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، ޤައުމުގެ މަޞްލަޙަތު އިސްކޮށް، ވަރަށްގިނަ ފަރާތްތަކުން އެބަ ގޮވާލަމުންދޭ، އަވަސް އިންތިޚާބަކަށް ދިޔުމަށް، މަނިކުފާނު އިސްތިޢުފާ ދެއްވުމަށްފަހު. އެފަދަ އެއްވެސް ވިސްނުމެއް ގެންގުޅުއްވަންތޯ. އަދި އޭގެއިތުރުން، މިވީ 100 ދުވަސް ތެރޭގައި، ބޮޑު ކޯލިޝަނެއްގެ ވާހަކަވެސް ދައްކަވައިފި، ވަރަށްގިނަ ސިޔާސީ ލީޑަރުން ތަފާތު ފިކުރުގެ. އެހެންވީމާ، މިބޭފުޅުންނާއެކީ އުޅުއްވިއިރު، އެންމެބޮޑު ޗެލެންޖަކަށް، އެންމެބޮޑު ހުރަހަކަށް ދިމާވީ ކޮންކަމެއްތޯއޭ، މި 100 ދުވަސް ތެރޭގައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ފުރަތަމަ ސުވާލުގެ ޖަވާބު. ތިވިދާޅުވިހެން، ޤައުމުގައި މިހާރު މިވޭތުވެދިޔަ 100 ވަރަކަށް ދުވަހުގެ ތެރޭގައި، ކޮންމެވެސްވަރެއްގެ ހަލަބޮލިކަމެއް އުފެއްދުމަށްޓަކައި ބަޔަކު މަސައްކަތް ކުރަމުން އެބަދޭ. އެމަސައްކަތް ކުރަނީ ހަމަ އެންމެ ފަރާތަކުން. އެ ފަރާތް ތިޔަ ހުރިހާ ބޭފުޅުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. ދެން އެފަރާތުން އެކަން ހުއްޓުވަން އުޅުއްވީމާ ހުއްޓޭނެ. ސަރުކާރަކުން އެއަކު ކުރާނެ މާބޮޑު ކަމެއްނެތް. މިއަދު މިއޮތީ ޑިމޮކްރަސީއެއް. ޑިމޮކްރަސީއެއްގައި ހިތްހަމަނުޖެހޭ މީހުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަ އޮތް އެންމެ ފުޅާމިނެއްގައި އަބަދުވެސް އޮންނާނެ. އެކަމަކާ އަޅުގަނޑުމެން ހުރަހެއްނާޅާނަން. ނަމަވެސް، މިނިވަންކަން ބޭނުންކުރުމުގައިވެސް، އެހެން މީހުންގެ މިނިވަންކަމަށް އަރައިގަނެވޭ ހިސާބު އެއީ، ބަލަންޖެހޭ ހިސާބެއް. މިއަދު ރާއްޖޭގައި މިނިވަންކަން މިއޮތީ އެއްވެސް ހިފެހެއްޓުމެއްނެތި. އެއްވެސް ޙުދޫދެއް ކަނޑަނޭޅި. އެހެންވީމާ، އަޅުގަނޑުގެ މިނިވަންކަން ހޯދުމަށްޓަކައި، އެހެން މީހެއްގެ ގަޔަށް ބޮލަށް އަރައިގަތުންވެސް އެއީ ހުއްދަ ކަމެއް ކަމަށް ދެކޭ މީހުންވެސް އެބައުޅޭ، އަޅުގަނޑުމެންގެ ތެރޭގައި. އެއީ އެކަން އޮންނަންވާ ގޮތެއް ނޫން. އެއީ ޑިމޮކްރަސީގައި ކަންތައް ކުރާގޮތެއްވެސް ނޫން. އެހެންވީމާ، އަދި އަޅުގަނޑުމެންގެ ޑިމޮކްރަސީ އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ ކިތަންމެ ކަންތަކެއް އެބަހުރި. މިދެންނެވި ޙުދޫދުތައް ކަނޑައެޅުން.

އަޅުގަނޑު މިސާލެއް ދަންނަވާފާނަން. އަޅުގަނޑުމެން މީހަކަށް ރާއްޖެތެރޭގެ ރަށަކަށް ގޮސް، ޖަލްސާއެއް ބާއްވަން އުޅުނަސް، ޖެހިގެން ހުންނަ ގޭގައި ނޫނީ މަގުމަތީގައި ވަރަށް އަޑުގަދަކޮށް ލަވަޖެހުމާއި، ނޫނީ މިހާރު މާލޭގައިވެސް ހަމަ އަދި އެހެން ރަށްރަށުގައިވެސް ވަރަށް ދަންވަންދެންވެސް، މެންދަމުން އަލިވެ ބާރަ ޖެއްސަސް، އެކެއް ޖެއްސަސް، ދޭއް ޖެއްސަސް، ބެލުމެއްނެތި ތާޅަފިލި ބޭނުންކޮށްގެން އަޑުގަދަކުރުމާ، މިކަންކަން ރާއްޖޭގައި ކުރެވޭ. މިކަންކަމަކީ ދުނިޔޭގެ ތަރައްޤީވެފައިވާ ޑިމޮކްރެޓިކް އެއްވެސް ޤައުމެއްގައި ކުރެވޭ ކަންތައްތަކެއް ނޫން. ރާއްޖޭގައި އެކަމުގެ ޙުދޫދު ކަނޑަނޭޅޭތީ، އެކަން ކުރެވެމުން އެބަދޭ. ދެން އެކަން ހުއްޓުވުމަށްޓަކައިވެސް އަޅުގަނޑުމެން މާބޮޑު ކަމެއް ނުކުރަން. އެއީ ކީއްވެތޯ؟ އެއީ ހަމަ އަޅުގަނޑުމެން މީހުންގެ މިނިވަންކަމަށް އަރައިގަންނަން ބޭނުންނުވާތީ. އެއީ އަޅުގަނޑުމެންނަށް އެކަން ނުކުރެވޭނެތީކީ ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ކޮމިޓްމަންޓަކީ ޑިމޮކްރަސީ ވަރުގަދަކުރުން. ޑިމޮކްރަސީ އުޞޫލުތަކަށް ތަބާވުން. ރާއްޖޭގެ މުސްތަޤްބަލަށް އަޅުގަނޑުމެން ވިސްނަނީ. އަޅުގަނޑުމެން ވިސްނަނީކީ، ކުރިއަށް ދެތިން ދުވަހަކަށް ނޫން. ކުރިއަށް އޮތް 100 ދުވަހަކަށްވެސް ނޫން. ރާއްޖޭގެ މުސްތަޤްބަލްގައި، ޑިމޮކްރަސީ ޤާއިމް ކުރެވޭނީ، ޑިމޮކްރެޓިކް އުޞޫލުތަކާއި، ޑިމޮކްރެޓިކް މުއައްސަސާތަކަށް ފުރިހަމައަށް އަޅުގަނޑުމެން އިޙްތިރާމްކޮށްގެން. ޤާނޫނާއި ގަވާއިދުގެ ތެރެއިން އަޅުގަނޑުމެން ޢަމަލުކޮށްގެން، ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ.

ދެން ކުރިން ދެންނެވިހެން، ސިޔާސީ ޕާޓީތަކާ އެކީގައި އަޅުގަނޑުމެންނަށް ހަމަ ވަރަށް އުފަލާ އެކީގައި މިހާ ހިސާބަށް މަސައްކަތް ކުރެވެމުން މިދަނީ. ހުރިހާ ބޭފުޅުންގެވެސް ރޫޙަކީ، ޤައުމަށްޓަކައި އެކުވެރިކަމާ އެކީގައި މަސައްކަތް ކުރެއްވުން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިދިޔަ 100 ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަކަށް ތިހެން ފާހަގަކުރެވޭކަހަލަ މައްސަލައަކާ ދިމާވެފައެއްނެތޭ. ވަރަށް އުފަލާއެކީ އަޅުގަނޑު އެކަން މި ފާހަގަކުރަނީ.

ޙުސައިން އަމީން – ދި ޓީ.ވީ:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނުގެ ސަރުކާރަކީ 100 ވަރަކަށް ދުވަސް ކުރިން، ކުއްލިއަކަށް އައި ސަރުކާރެއް. ސަރުކާރު ޤާއިމްވެގެން އައިއިރުގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯއަކާ އެކީގައި، އެމް.ޑީ.ޕީ، އެ ސަރުކާރާ އެކުގައި ކުރިއަށްދިޔަތަން. އަދި ރައީސްކަމާ ޙަވާލުވުމަށްފަހުވެސް، ރައީސް ވިދާޅުވެފައިވޭ، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯއާ އެކީގައޭ ކުރިއަށްދާނީ. ކޮބައިތޯ ފާއިތުވި 100 ދުވަހުގެ ތެރޭގައި، އެމް.ޑީ.ޕީ މެނިފެސްޓޯގައި ކުރިއަށް ދިޔުމުގައި ސަރުކާރަށް ދިމާވި ގޮންޖެހުމަކީ. އަދި ހަމަ އެއާ ގުޅިގެން އަސްވާޑްވެސް ކުރި ސުވާލާ ކޮންމެވެސްވަރަކަށް ގުޅުންހުރި ސުވާލެއް އެއީ. ފާއިތުވީ 100 ދުވަހުގެ ތެރޭގައި، މަނިކުފާނު ސަރުކާރު ހިންގުމަށް ކޮބައިތޯ މައިގަނޑު ގޮތެއްގައި ދިމާވި އެންމެބޮޑު ގޮންޖެހުމަކީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިހާރު އަޅުގަނޑުމެން މިގެންދަނީ ހަމަ ކުރިންވެސް ފެށިފައި ހުރި މަޝްރޫޢުތައް. މާބޮޑު ބަދަލުތަކެއް ނުގެންނަން. އެހެންވީމާ، ކުރިން ހަމަ، ކުރިން ސަރުކާރުން ހަމަ ނަންގަވާފައި އޮތް މެނިފެސްޓޯގެ ދަށުގައި ހުރި ބޮޑެތި ކަންތައްތައް ފެށިފައި ހުރީ. އެހެންވީމާ، އެކަންކަން އެގޮތަށް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އޭގެތެރެއިން ރައްޔިތުންނަށް ފައިދާހުރި، އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ފައިދާހުރި އެއްވެސް ކަމެއް އަޅުގަނޑުމެން ހުއްޓާކަށް ބޭނުމެއްނުވޭ. އަޅުގަނޑުމެން އެކަމަކު ބައެއް ކަންކަން އެބަޖެހޭ، ކުރިއަށްވުރެ ރަނގަޅަށް ރާވައިގެން ގެންދަން. އެއީ އަޅުގަނޑުމެން އަތްފޯރާ ހިސާބުގައި އެކަން ކުރެވޭނީ އޭރުން. އެހެންވެގެން، އާސަންދައިގެ ވާހަކަވެސް އަޅުގަނޑު މ ދައްކަނީ. ކޮންމެހެން އާސަންދަ ހުއްޓާލުން އެއީ، އަޅުގަނޑުމެންގެ އެއްވެސް ގޮތެއްގައި އަޅުގަނޑުމެންނަށް އެއިން އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާވެސް މަޤްޞަދަކީ، ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން. އެކަމަކު އެކަން ކުރަންވާނީ، އެކަން ކުރެވެން އޮތް ގޮތަކަށް. އަޅުގަނޑުމެންގެ ބަޖެޓް ތަންދިން މިންވަރަކުން. އެހެންވީމާ، އަޅުގަނޑު ޔަޤީންކޮށް އަރުވަން ހަމަ މެނިފެސްޓޯގެ ދަށުން ފެށިފައި ހުރި މުހިންމު ހުރިހާ ޕްރޮގްރާމްތަކެއްވެސް ހަމަ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ދެން މާބޮޑެތި އާ ކަންތައްތަކެއް ފެށޭވަރަށްވުރެ ބަޖެޓް މާ ތާށި. އެހެން ނަމަވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ބޭރުގެ އެހީއާއެކީގައި، ބައެއް އާ ކަންތައްތައްވެސް ކުރެވޭނެ ކަމުގެ އުންމީދުގައި. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ކުރަންހުރި ބައެއް ބޮޑެތި އެހެން ކަންތައްތައްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން.

ދެން މިވޭތުވެދިޔަ 100 ދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް، އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީގައި ދަންނަވަން، އަޅުގަނޑުމެން ހާސްވާންޖެހޭ ކަމެއް އަނެއްހެން ކުރިމަތިވެފައެއް ނެތް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ބޮލަށް އުނދަގޫވާކަހަލަ ބައެއް ކަންކަން އެބަހުރި. އެއީ މިހާރު މިސާލަކަށް، ބަޔަކު އަޅުގަނޑުމެންގެ ރާއްޖެއަކީ ހަލާކުވެފައި އޮތް ތަނެއް ކަމަށް، ހަމަނުޖެހުން އުފެދި، މުޅި ތަން ބަނގުރޫޓްވެފައި އޮތް ތަނެއް ކަމަށް، ނޫނީ ރާއްޖެ އަތުވެއްޖެނަމަ، ބައެއްގެ ފުރާނައަށް ގެއްލުން ލިބިދާނެ ކަމަށް، މިކަހަލަ ވިޔާނުދާ ނުރައްކާތެރި ތަޞައްވުރެއް، ދިވެހިރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނާ މެދުގައި، ދުނިޔޭގައި ބަޔަކު ދެއްކުމުގެ ސަބަބުން، އޭގެ އަސަރު އަޅުގަނޑުމެންނަށް ކޮށްފި. އޭގެ ސަބަބުން ޓުއަރިޒަމްގެ ދާއިރާއަށްވެސް ކޮންމެވެސްވަރެއްގެ އަސަރެއް ކޮށްފި. ދެން ﷲ އިރާދަކުރެއްވީތީ، އެކަމުގައި އަޅުގަނޑުމެންނަށް ގެއްލުންވާންވީ ވަރަކަށްނުވޭ. ޓުއަރިޒަމް އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން އެހެރަ އަންނަނީ.

މީގެއިތުރުން، ބޭރުގެ ފަރާތްތައް ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވެއްދުމަށް، ބަޔަކު ވަރަށްބޮޑު މަސައްކަތްތަކެއް ކޮށްފައި އެބަހުރި. ދިވެހިރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތަށް ނުރައްކާވާ ގޮތްގޮތަށް، ބޭރުގެ ފަރާތް ފަރާތާ ގުޅައިގެން، ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަނުމަށްޓަކައި ބަޔަކު މަސައްކަތްތަކެއް ކޮށްފައި އެބަހުރި. އެއީކީ ރާއްޖެއަކަށް އެންމެ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑުމެން ޖެހޭނީ، އަޅުގަނޑުމެންގެ ކަންކަން، ދާޚިލީ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި ހަމަޖައްސަން. އަޅުގަނޑުމެންނަށް ކަމެއް ބޮޑުވާއިރަށް، ދުވެފައި ގޮސް ބޭރު ޤައުމުތަކުގައި ތިބި ރަޙްމަތްތެރިން ގެނެސްގެން، ރާއްޖެއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ އެއީ، ކޮށްގެންވާނެ ކަމެއް ނޫން. އެއީ، ޤައުމުދެކެ ލޯބިވާ ބަޔަކު ކަންކަންކުރާ ގޮތެއް ނޫން. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، ވަރަށް ނުތަނަވަސް ދަނޑިވަޅެއްގައި، ކޮމަންވެލްތާ ގުޅިގެން، ކޮމަންވެލްތްގައި ތިއްބެވި ބައެއް ރައްޓެހިން، ބޭރު ޤައުމުތަކުގެ ބައެއް ބޮޑެތި ބޭފުޅުންނާ ގުޅައިގެން، ކޮމަންވެލްތްގެ ގަވާއިދުތަކާ ޚިލާފަށް، ސީމެގްގެ އެޖެންޑާގައި އަޅުގަނޑުމެން ހިމެނި. އެއީ، ކޮމަންވެލްތުންވެސް ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑު ވާނީ އެވާހަކަ ތަކުރާރުކޮށް ދަންނަވާފައި. ކޮމަންވެލްތުން އެކަން ކޮށްފައި އެއޮތީކީ، އެއްގޮތަކަށްވެސް ކޮމަންވެލްތްގެ ގަވާއިދުތަކާވެސް އެއްގޮތްވާ ގޮތަކަށް ނޫން. އެމައްސަލައިގައި އަޅުގަނޑުމެންވާނީ ކޮމަންވެލްތާ ސުވާލުކޮށްފައި. އަދި އެކަން ކުރެއްވުމުގައި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ބައެއް އެހެނިހެން ޤައުމުތަކުގެ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާ އަޅުގަނޑުމެންނާއެކީ، އެކަން ކުރެވިފައި ކޮމަންވެލްތަށް އެއޮތީކީ އެންމެ ރަނގަޅު ގޮތަކަށް ނޫންކަން. އެހެން ނަމަވެސް، އަޅުގަނޑުމެން ފޮރުވާނެ އެއްޗެއް ނެތް. އަޅުގަނޑުމެން މިތިބީ ވަރަށް ހުޅުވިގެން، ވަރަށް ފާޅުގައި އަޅުގަނޑުމެން ދައްކަންހުރި ވާހަކައެއް ދައްކަން. އަޅުގަނޑުމެންގެ ތެރޭގައި ވެފައިހުރި ކަންކަން ހާމަކުރަން. އެހެންވީމާ، އެގޮތުން އަޅުގަނޑުމެންވާނީ، އަޅުގަނޑުމެންނަށް ދެވުނު ހުރިހާ އެއްބާރުލުމެއް ކޮމަންވެލްތަށްދީފައި. ނަމަވެސް، އެއީކީ ކޮމަންވެލްތުން ސީމެގްގައި އަޅުގަނޑުމެން އެޖެންޑާ ކުރުމާ، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެއްބަސްވާތީ ކުރި ކަމެއް ނޫން. އަޅުގަނޑަށް ޔަޤީންކުރެވޭ، ކޮމަންވެލްތް ސީމެގްގެ އެޖެންޑާއިން އަޅުގަނޑުމެން ނަގާނެކަން. އަދި އަޅުގަނޑުމެންނާ ދޭތެރޭގައި ކޮމަންވެލްތުން ކަންތައް ކުރެވުނުގޮތާ ދޭތެރޭގައި، ކޮމަންވެލްތުން މިހާރު ދެރަވާނެކަންވެސް އަޅުގަނޑަށް އެނގޭ. އެހެންވީމާ، އެއީ މިދެންނެވި ގޮތަށް، ދެން އަޅުގަނޑުމެން ބުރަކަށްޓަށް ހެރިފައި އިން ކަށްޓެއްކަހަލަ ކަމެއް، މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި. އެހެން ނަމަވެސް، އެކަން އިރާދަކުރެއްވިއްޔާ ދެން ވަރަށް އަވަހަށް ރަނގަޅުވެގެން ހިނގައިދާނެ.

މުޙަންމަދު ހަސަން – ސަން.އެފް.އެމް:

އަޅުގަނޑު ޖީ.އެމް.އާރާ ބެހޭގޮތުން ސުވާލުކޮށްލަން ބޭނުންވަނީ. ޖީ.އެމް.އާރު.ގެ މައްސަލައިގައި، ރޭގައި، އެމް.ޑީ.ޕީ.ގެ ދެން ކުރީގެ ރައީސްވެސް އަދި މިހާރުގެ ރައީސްވެސް، ޑޮކްޓަރ ޑީ.ޑީ ވިދާޅުވެފައި އެބައޮތް. ވަޒީރުންގެ މަޖިލީހުގެ ސޭއެއް ނެތިކަމަށް ޖީ.އެމް.އާރާ ރައީސުލްޖުމްހޫރިއްޔާ އެއަރޕޯޓް ޙަވާލުކޮށްފައި އޮތީ. އެހެންވީމާ، އަޅުގަނޑުގެ ސުވާލަކީ، އެއަރޕޯޓް ޙަވާލުކުރިއިރު، އެއަރޕޯޓް ކޮމްޕެނީޒަށް ދައްކަންޖެހޭ 7 މިލިއަން ޑޮލަރު. މި މައްސަލައިގައި ކުރީގެ ސަރުކާރުން ނިންމާފައި އޮތީ، އެ ނުނަގާގޮތަށް. އެހެން ނަމަވެސް، މި ސަރުކާރުން އެ ފައިސާ ބޭނުންވާ ކަމަށް ވިދާޅުވެފައި އޮތްއިރުވެސް، ޖީ.އެމް.އާރުން އަދިވެސް އެ މައްސަލައިގައި ދަނީ ރިޖެކްޓް ކުރަމުން. އެންމެފަހުން އެއަރޕޯޓް ކޮމްޕެނީޒްގެ އެމް.ޑީ ވިދާޅުވެފައިވަނީ، ތިމަންނަމެން މިހާރު ސިޓީ ފޮނުވާފައި، އެއީ ކުރީގެ ސަރުކާރުގެ ކަންކަން ބާޠިލްކޮށްފައޭ އޮންނާނީ. އެހެން ނަމަވެސް، އަދިވެސް އެ 7 މިލިއަން، 7 މިލިއަނަށްވުރެވެސް ގިނަ ޑޮލަރުގެ މައްސަލައިގައި، އެބޭފުޅުން ރިޖެކްޓް ކުރަމުން ގެންދަނީ. އަޅުގަނޑު ހިތަށްއަރާ ސުވާލަކީ، ސަރުކާރުން އެފައިސާ ޝަރީޢަތަށް ނޫނީ ކޯޓް މެދުވެރިކޮށް ނަގަން ޤަޞްދުކޮށްފައިވޭތޯއާއި އަދި ޖީ.އެމް.އާރަށް އެބައޮތް ދެ ޝަރުޠެއްވެސް ހުށަހަޅާފައި، 25 ޑޮލަރުގެ މައްސަލައިގައި. އެކަންކަމުގައި ސަރުކާރުން ދެކޭގޮތަކީ ކޮބައިތޯއޭ؟ މަޖިލީހުން ނޫނީ މަޖިލީހުންތޯ އެކަންކަން ނިންމަވާނީ. ސަރުކާރުން އެމައްސަލައިގައި ކޯޓަށްދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ޖީ.އެމް.އާރު.ގެ މައްސަލައަކީ ވަރަށް ހޫނު މައްސަލައެއް. އެހެންވީމާ، އެ މައްސަލަ ބެލުމުގައި އަޅުގަނޑުމެން މިގެންގުޅެނީ ވީހާވެސް، އެމީހުންނާ އެކީގައި ދިވެހި ސަރުކާރުން ވެފައި އޮތް ކޮންޓްރެކްޓްގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކުރެވޭތޯ. ބަޔަކާ ދޭތެރޭގައި ކޮންޓްރެކްޓެއް ހަދާއިރުގައި އޮންނާނެ، އެ ކޮންޓްރެކްޓްގައި މައްސަލައެއް ޖެހުނީމަ އެކަން ބަލަންވާގޮތްވެސް ކަނޑައެޅިފައި. އެހެންވީމާ، އެގޮތަކަށް އަޅުގަނޑުމެން އެ ކޮންޓްރެކްޓްގެ ކަންތައް ކުރިއަށް ގެންދާނީ. ދެން ތިޔަ ވިދާޅުވި ދެމައްސަލަ ނޫން އެހެން މައްސަލަތައްވެސް އެބަހުރި. އެހެންވީމާ، ވަކި މައްސަލައެއް ވަކިކޮށްލައިގެން، މައްސަލައަކުން މައްސަލައަކުން ބަލާގޮތަކަށް ނޫން. އަޅުގަނޑުމެން ހުރިހާ މައްސަލަތައް އެކީގައި، ޖީ.އެމް.އާރާ އެކީގައި މަޝްވަރާކޮށް ކުރިއަށް ގެންދިޔުމަށް މިހާރު ނިންމާފައި މިވަނީ. ދެން އެކަމަށް ވާންޖެހޭ ތައްޔާރުތައް ވުމަށްޓަކައި އަޅުގަނޑުވާނީ ކޮމިޓީއެއް ކަނޑައަޅާފައި. ކޮމިޓީގެ އިސްބޭފުޅަކަށް ހުންނެވީ މިނިސްޓަރ އޮފް ފައިނޭންސް. އޭގެއިތުރުން އެޓަރނީ ޖެނެރަލާއި، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑްގެ ޗެއަރމަން ހިމެނިވަޑައިގަންނަވާނެ. އެހެންވީމާ، އެބޭފުޅުން އެކަން ކުރިއަށް ގެންދަވާނެ. އަޅުގަނޑު ބޭނުމެއްނުވޭ، އެކަމުގެ ތެރެއަށް ސިޔާސީ ކޯޅުންތައް ވައްދާކަށް. ދިވެހިރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް ކަންތައްތައް ކުރަންވާނީ، ވިޔަފާރީގެ އުޞޫލުން، ބިޒްނަސް ކުރިއަށްގެންދާ އުޞޫލުން. އެއްގޮތަކަށްވެސް އޭގެތެރެއަށް ސިޔާސީ ކަންކަން ވައްދައިގެން، އެކަން ކުރުމަކީ އެއީ، ރާއްޖޭގެ މުސްތަޤްބަލަށްޓަކައި، އިޤްތިޞާދަށްޓަކައި ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން.

މުޙަންމަދު ޙަސަން – ސަން.އެފް.އެމް:

އެ 7 މިލިއަން ޑޮލަރަކީ ހަމަ ދިވެހިންގެ، ދައުލަތުގެ ފައިސާ ނޫންތޯ؟ އެއާ ދޭތެރޭގައި ސަރުކާރުން ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދައުލަތަށް ލިބެންޖެހޭ ހުރިހާ އެއްޗެއް ހޯދުމަށްޓަކައި ދައުލަތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ އަޅުގަނޑު ޔަޤީންކޮށް އަރުވަން. ތިޔަ 7 މިލިއަން އެކަންޏެއް ނޫން. އަދި ތިއަށްވުރެ އިތުރަށް ލިބެންޖެހޭ އޮތުމަކީވެސް އެކަށީގެންވާ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ދައުލަތުގެ ފަރާތުން ހަމަ ހުއްޓުމެއްނެތި އެކަން އަޅުގަނޑުމެން ކުރާނަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ އިނގޭތޯ، އަޅުގަނޑުމެންގެ ޤައުމުގެ ވަރަށްގިނަ ކަންތައްތައް ތަރައްޤީވެގެން އައިސްފައި ހުރި މިންވަރަށް ބަލާއިރުގައި، އަޅުގަނޑުމެން އެންމެ ބޮޑަށް ކަންބޮޑުވާ، ތަރައްޤީ ނުކުރެވި އޮތް ދާއިރާއަކީ އަބަދުވެސް ޞިއްޙީ ދާއިރާ. އެ ޙާލުގައި އަޅުގަނޑުމެން ތިއްބާ، އަޅުގަނޑުމެން މިދިޔަ ތިން އަހަރު ތެރޭގައި، ހަމަ ޔަޤީނުންވެސް ވަރަށް ސާބިތުކަމާއެކު ކޮންމެ މީހަކުވެސް ތެދުބަހުން ބުނަންޏާ ބުނަންޖެހޭނީ، ޞިއްޙީ ދާއިރާ ކުރިއަށް އޮތް ތަންވެސް، ގާތްގަނޑަކަށް ދިހަވަރަކަށް އަހަރު ފަހަތަށޭ އެދިޔައީ. އެކަން އެނގޭނެ، މިކަން އިންފްރާސްޓްރަކްޗަރއާ އެއްޗެހި ޤާއިމް ކުރެވިފައި ނެތީމަ، މިހާރު ހޮސްޕިޓަލްގައި އެނދެއް ހޯދަން ހުންނަންޖެހެނީ، ކިހާ މުއްދަތެއްގައި ކަމެއް ބަލިމީހާއަކަށް ނޭނގޭނެ. އެހެންވީމާ، މިގޮތަށް ގޮސް އެތައް ކަންތައްތަކެއް އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާގައި އޮތީ ފެއިލްވެގެން ގޮސްފައި. އަލަށް ޢިމާރާތެއް ކުރަންވެގެން އަދިވެސް ބިން އެއޮތީ ހުސްކޮށް. މިހެންގޮސް ބައިވަރު މައްސަލަތަކެއް ޞިއްޙީ ދާއިރާގައި އެބަހުރި. ކޮންމެ ގޮތެއްވިޔަސް އެއީ ހަމަ ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އާސަންދަ އުފެދުނީމަ، ބަޔަކަށް ލާރިތަކެއް ލިބިއްޖެ. އެކަން މިހާރު މާލިއްޔަތު ކޮމިޓީއަށް އެބަ އެނގޭ. އެހެން ނަމަވެސް، ހޮސްޕިޓަލުން ރައްޔިތުންނަށް ލިބުނު ޚިދްމަތަކަށް އެއްވެސް ބަދަލެއް ނާދޭ. ދުވަހެއް ދުވަހަކަށް އެދިޔައީ ދަށަށް. އެހެންވީމާ، މަނިކުފާނު މި 100 ދުވަސް ފާއިތުވެގެންދިޔައިރުގައި، އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމް. ދެން މިއޮތް، އެނގޭ ހަމަ ވަރަށް ކުރު މުއްދަތެއްކަންވެސް އޮތީ. އެހެން ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައިވެސް، ދިގު މުއްދަތަށް މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅު ހުންނާނެ ކަމަށް، މަސައްކަތެއް ކުރައްވާފައި ހުންނާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަނީ. އެހެން މިދަންނަވަނީ، މިސާލަކަށް، ކުރީ ސަރުކާރުން އަޅުގަނޑުމެންނަށް ބުނަމުން އައީ، އައި.ޖީ.އެމް.އެޗް. ރަނގަޅެއް ނުކުރެވޭނެޔޭ މީހުން ބަދަލުކޮށްގެނެއް، އެތާނގެ ނިޒާމް ބަދަލުކޮށްގެނޭ ރަނގަޅު ކުރެވޭނީ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނުނީ، ނިޒާމަށް ބަދަލެއްނައިސް، އެތަން ހިންގަން ހުރި މީހާ، އިނގިރޭސިވިލާތުގެ ރައްޔިތަކަށް ބަދަލުވެގެންދިޔަތަން. ނިޒާމަކަށް ބަދަލެއް ނާދޭ. އެ ދިމައެއްނުވި. އެހެންވީމާ، އޭގެ ސަބަބުންކަންނޭނގެ، މިހާ ބޮޑަށް ފެއިލްވެފައި މިއޮތީ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުވެސް ހަމަ އިޤްތިޞާދާ ބެހޭގޮތުން ސުވާލުތައް ކުރަންހުރީ. އެހެން ނަމަވެސް، ވަރަށްގިނަ ބޭފުޅުން އެ ސުވާލު ކުރެއްވީމާ، އަޅުގަނޑު ދޫކޮށްލާފައި، މިއީ ހަމަ ރައްޔިތުންގެ އެންމެ ކަންބޮޑުވުން އޮތް ދާއިރާ މިއީ ޞިއްޙީ ދާއިރާގެ ޙާލަތު މިއީ. އެހެންވީމާ، އަޅުގަނޑު ހަމަ މިއާ ބެހޭގޮތުން ދަންނަވާލާނަން.

ދެން އަޅުގަނޑު ދެވަނަ ސުވާލަކަށް ދަންނަވަން ބޭނުންވަނީ، މަނިކުފާނުގެ ސަރުކާރަށް މާބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިނުގަންނަވާކަން މަނިކުފާނު ހާމަކޮށްދެއްވައިފިއޭ. އެކަމަކު އަޅުގަނޑުމެންނަށް ބަލައިލާއިރުގައި، މިހާރު އެއްވެސް ޙާލެއްގައި ސަރުކާރަކަށް ނޫން މި ގޮންޖެހުމުގެ ވާހަކަ މިދަންނަވަނީ. މި 100 ދުވަހުގެ ތެރޭގައި މަނިކުފާނަށް ދިމާވެވަޑައިގެންނެވި އެންމެބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކުރައްވަނީ ކޮންކަމެއްތޯވެސް އަޅުގަނޑު ދަންނަވާލަން ބޭނުން.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ، ލަޠީފް ތިސުވާލަށް. އަޅުގަނޑު ދަންނަވަން އޮތީ، ޞިއްޙީ ދާއިރާ މިއީ ހަމަ ވަރަށްބޮޑު މައްސަލަތަކެއް، މިވޭތުވެދިޔަ 100 ދުވަހުގެ ތެރޭގައި ކުރެވިފައި އޮތް ދާއިރާއެކޭ. ފުރަތަމަ ކަމަކަށް، މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، ހެދިފައި ހުރި ބައިވަރު ހެލްތް ކޯޕަރޭޝަންތަކެއް ވަނީ އެހުރިހާ ކޯޕަރޭޝަންތައް އެއް ބޯޑެއްގެ ދަށަށް ގެނެވި، ކޯޕަރޭޝަންތަކުގެ ދަށުން ކުރެވެމުންގެންދިޔަ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ވަރަށްބޮޑު މަސައްކަތްތަކެއް ފެށިފައި. މާލޭގައި އައި.ޖީ.އެމް.އެޗް ރަނގަޅު ކުރުމަށްޓަކައި މިހާރު އައި.ޖީ.އެމް.އެޗް.ގައި އަލަށް ހަދާ ދެ ޢިމާރާތެއް އެބައުޅޭ. ހޮސްޕިޓަލްތެރޭގައި ހުރި ކުޑަ އިމާރާތަކާއި އަދި އެ ކުރިމަތީގައި ހުރި އުސް ޢިމާރާތް. މި ދެ ޢިމާރާތް ނިންމުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެހެންވީމާ، މިއަހަރުގެ ގާތްގަނޑަކަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، ސެޕްޓެމްބަރ، އޮކްޓޯބަރުހާ ތާނގައި އެންމެ ލަސްވިޔަސް، މި އާ ޢިމާރާތްވެސް ބޭނުންކުރެވޭވަރުވާނެ. އެމަސައްކަތް މިހާރު، އެކަމަށް ބަޖެޓުން، ކިތަންމެ ބަޖެޓް ތާށިނަމަވެސް، ބަޖެޓުން ފައިސާ ކަނޑައެޅިގެން އެ މަސައްކަތް ކުރެވެމުން މިހާރު އެދަނީ. ދެން ހޮސްޕިޓަލް ހިންގުމަށްވެސް އިޞްލާޙުތަކެއް ގެނެވި، މިހާރު ދިވެހި ޓީމެއްގެ ދަށުން ހޮސްޕިޓަލް ހިންގަމުން އެދަނީ. މިބަދަލު އައުމާ ގުޅިގެން، އެތާނގައި ތިބި ބިދޭސީ މީހުން ފުރައިގެން ހިނގައްޖެ. އެހެންވީމާ، އަޅުގަނޑުމެން މިހާރު ވަނީ އެކަމަށް ހަމަ ވަރަށް ޤާބިލް، ދިވެހި ބޭފުޅުންކޮޅަކާ އެކަން ޙަވާލުކޮށްފައި. އެކަމަށް އިޞްލާޙުތައް ގެންނަމުން އެގެންދަނީ. އަދި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ހަމަ ވަރަށް އަވަސް ފުރްޞަތެއްގެ ތެރޭގައި، އެ ހޮސްޕިޓަލުން އާ ޚިދްމަތްތައްވެސް ދެވެން ފަށާނެ. އޭގެތެރޭގައި، މިހާރު އެހެން ތަންތަނުން ހަދަންޖެހޭ ބައެއް ޓެސްޓްތައް ހެދޭނެ މެޝިނަރީ ހޯދުމާ، މިކަހަލަ ބައެއް ކަންތައްތައް ހަމަޖެހިގެންދާނެ. އެހެންވީމާ، އަޅުގަނޑު ޔަޤީންކޮށް އަރުވަން. ޞިއްޙީ ދާއިރާގައި ހަމަ ވަރަށް ޒުވާން ޓީމެއް، ވަރަށް ބުރަކޮށް، އެކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން.

ދެން އަޅުގަނޑަށް ދިމާވެފައި ހުރި އެންމެބޮޑު ގޮންޖެހުމަކީ، އަޅުގަނޑަށް ތަންކޮޅެއް ލަހީ ނިދޭލެއް މިހާރު. އެހެން ނޫނިއްޔާ ރަނގަޅު ހަމަ ހުރިހާ ކަމެއްވެސް.

ފާޠިމަތު ޒައިނާ – ވީ.ޓީ.ވީ:

މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައިފި، އިންކުއަރީ ކޮމިޝަންގެ ވާހަކަ. ދެން އިއްޔެގައި ނޫސްތަކުގެ ހެޑްލައިންސަށް އަޅުގަނޑު ބަލައިލި ކަމުގައިވިޔަސް، އިންކުއަރީ ކޮމިޝަންގައި ނަޝީދުގެ ފަރާތުން ބޭފުޅަކު ނޫނީ މެންބަރަކު ހިމެނުމަށް މިހާރު ސަރުކާރުން ނިންމަވާފައިވާތީވެ، އެކަމަށް ހަމަ މި ޕީ.ޕީ.އެމް އިން ބުނެފައި އެބައޮވޭ، އިންކުއަރީ ކޮމިޝަނުން ނަޝީދުގެ ފަރާތުން މެންބަރަކު ހިމަނަންޏާ، ތިމަންނަމެންގެ ފަރާތުންވެސް މެންބަރަކު ހިމަނަން ޖެހޭނޭ. އެ ސަބަބަކީ ނަޝީދު އެބަ ތުހުމަތުކުރޭ، މި ބަޣާވާތުގެ އަޑީގައި ހުރީ، މަޢާފް ކުރައްވާތި، މައުމޫން ޢަބްދުލްޤައްޔޫމް ކަމަށް. އެހެންވީމާ، ތުހުމަތުކުރާ ފަރާތް، މި އިންކުއަރީ ކޮމިޝަންގައި ހިމަނަންޏާ، ތުހުމަތު ލިބޭ ފަރާތުންވެސް މެންބަރަކު އިންކުއަރީ ކޮމިޝަންގައި ހިމަނަންޖެހޭނޭ. ކޮބައިތޯ ސަރުކާރުގެ ސްޓޭންޑަކީ. މިހާރު މިކަމަށް ގޮތެއް ނިމިފައިތޯ އޮތީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން ކުރީގައި ނަޝީދު ތުހުމަތު ކުރައްވާ ކޮންމެ ބޭފުޅެއްގެ ފަރާތުން މީހަކު ހުންނަންޏާ، އިންޑިއާ މީހަކުވެސް މިހާރު ލާންޖެހިފައި އޮތީ. ދެން އަޅުގަނޑު ކަނޑައަޅާފައިވާ ކޮމިޝަނަކީ، މި ސަރުކާރުގެ ފަރާތުން ތަމްސީލުކުރާ މީހަކީ އަޅުގަނޑު ކަމަށްވާތީ، އަޅުގަނޑު ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައި އޮތް ކޮމިޝަނެއް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑާ އެކީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހަމަ ހުރިހާ ސިޔާސީ ޕާޓީތައް ތަމްސީލު ކުރުމުގެ ގޮތުން އަޅުގަނޑު އެކަން ކޮށްފައިވަނީ. ދެން މިކަމުގައި ނުހިމެނޭ، ކޮމިޝަންގެ ސޭއެއް ނެތް ކަމަށް ވިދާޅުވާ ފަރާތެއް، ކުރީގެ ރައީސް. ދެން އެ ޝަކުވާ މިއަންނަނީ، ކޮމަންވެލްތް މެދުވެރިކޮށްވެސް. އެހެންވީމާ، އެކަންވެސް ޞުލްޙަވެރިކަމާއެކީގައި ކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެވެސްވަރަކަށް ދޫ ދީފައި މިއޮތީ. އެއީކީ އަޅުގަނޑުމެން ކޮންމެހެން ބޭރުގެ ނުފޫޒަކަށް ތަބާވާންވެގެން ކުރި ކަމެއް ނޫން. އެއީ އަޅުގަނޑުމެންގެ ޤައުމުގައި ޞުލްޙަ މަޞްލަޙަތު ޤާއިމްކޮށް، ޞުލްޙަ ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން ހަމަ ވަރަށް ކެރިގެން، ވަރަށް ކުޅަދާނަކަމާ އެކީގައި އަޅުގަނޑުމެން ކުރާ ކަމެއް. މިހާރު ކުރީގެ ރައީސްގެ ފަރާތުން ހުށަހަޅާ ނަންތަކެއްގެ ތެރެއިން، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ނަމެއް މި ނަގަންޖެހެނީ. އަދި އެކަމަށް އެބަހުރި ޝަރުތުތަކެއް ކަނޑައެޅިފައި. ހަތަރު ޝަރުޠެއްވެސް އެބައޮވޭ ކަނޑައެޅިފައި. އެހެންވީމާ، އެ ޝަރުޠުތައް ހަމަވާ، އެފަރާތުން ހުށަހަޅުއްވާ ނަމެއް އަޅުގަނޑުމެން ގަބޫލު ކުރިއްޔާ، އޭގެތެރެއަށް ވަދެވޭނީ. ދެން އަޅުގަނޑުމެން މިތިބީ، އެފަދަ ނަމެއް ފޮނުއްވީމާ ހަމަ ގަބޫލުކުރަން. ނަމަވެސް، މިހާތަނަށް ފޮނުއްވާފައި ހުރި ނަންތަކަކީ އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭފަދަ ނަންތަކަކަށް ނުވާތީ، އެކަން ލަސްވެފައި އޮތީ. އެހެންވީމާ، ކުރިއަށް އަދި އެބައޮތް ދެހަފްތާއެއްހާ ދުވަސް. އަޅުގަނޑުމެން އަބަދުވެސް ފުރްޞަތު އެބަދެން، ވަގުތުވެސް އެބަދެން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ފުރަތަމަ ކެބިނެޓް އެކުލަވާލިއިރުގައިވެސް، މަހެއްހާ ދުވަސް ވަންދެން އަޅުގަނޑު ހުރިން، މަގާމް ހުސްކޮށްގެން ހިފަހައްޓައިގެން. އެހެން ނަމަވެސް، އެކަންވާގޮތްނުވީ. ދެން އެހެން ނަމަވެސް، އަޅުގަނޑުމެން މަސައްކަތާއިގެން ކުރިއަށްދާންޖެހޭނެ. މަސައްކަތެއް ނުއެއް ހުއްޓޭނެ. އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް މި އިންކުއަރީ ކޮމިޝަންގެ ކަންތައްވެސް ނިމިގެންދާނީ. ވަރަށް އިންޞާފްވެރިކަމާއެކީގައި، ވަރަށް ހާމަކަމާ އެކީގައި. އެހެންވީމާ، އޭގެ ސަބަބުން އަޅުގަނޑަށް ހީވަނީ، އިތުރު ހަމަޖެހުމާއި، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަ ޤާއިމްވެގެންދާނެކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! މިއަދު އަޅުގަނޑު ވަރަށް އުފާކުރަން، ތިޔަބޭފުޅުން އަޅުގަނޑާ ތި ސުވާލުތައް ކުރެއްވީމާ. އެއީ އަޅުގަނޑަށް އަޅުގަނޑު ދެއްކި ވާހަކައިގައި ނުދެންނެވިހުރި ބައެއް ވާހަކަ، ސުވާލުތައް ކުރެއްވީމާ އަޅުގަނޑަށް ދެންނެވިއްޖެ. އެހެންވީމާ، މިތަނަށް ވަޑައިގެން، މިއަދު އަޅުގަނޑުމެންނާ އެކީގައި ވަގުތުކޮޅެއް ހޭދަކޮށްލެއްވީތީ، ހުރިހާ ނޫސްވެރިންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ޔަޤީންކޮށް އަރުވަން ތިޔަބޭފުޅުންނަށް، ދިވެހި ނޫސްވެރިކަމަށް ވަކި މިއަދަކަށްވުރެ މިނިވަން ދުވަހެއް އިރާދަކުރެއްވިއްޔާ ނާންނާނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިމަސައްކަތާ ޙަވާލުވިތާ ދެހަފްތާއެއްގެ ތެރޭގައި ވާނީ، އެމް.ބީ.ސީ. އަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ދައުލަތުގެ ޓީ.ވީ އާއި ރޭޑިއޯ ޙަވާލުކޮށްފައި. އަދި އަޅުގަނޑުމެންގެ އެއްވެސް ނުފޫޒެއް މިހާރު ޓީ.ވީ މޯލްޑިވްސްއަކަށް ނުހިނގާނެ. އަދި މިއަދު ދިވެހިރާއްޖޭގެ ސަރުކާރަކުން ހިންގާ ނޫހެއް، މަޖައްލާއެއް، ރޭޑިއޯއެއް، ޓީ.ވީ އެއް ނެތް. އަޅުގަނޑުމެން ހަމަ ތިޔަ ހުރިހާ ބޭފުޅުންނާ އެކީގައި، ހަމަ އޯޕަން މާކެޓްގައި އަޅުގަނޑުމެންވެސް މަސައްކަތް ކުރަމުން މިގެންދަނީ. އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ ހުރިހާ އެހީތެރިކަމެއް ނޫސްވެރިންނަށް އިރާދަކުރެއްވިއްޔާ އޮންނާނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށް.

والســّلام عليــكم ورحـمــة اللّـه وبـركاتـه