ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، މިމަހު 11 އިން 15 އަށް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލަށާއި، ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްއަށް ޝުކުރު އަދާކުރައްވައި ސިޓީފުޅެއް ފޮނުއްވައިފިއެވެ.

އެ ދެބޭފުޅުންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އިންޑިޔާއަށް މިކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނުގެ ދެކަނބަލުންނަށާއި، އަރިހުގައި ގެންދެވި ވަފްދުގެ ބޭފުޅުންނަށް، އިންޑިޔާ ސަރުކާރުން ވިދާޅުވި ހޫނު މަރްޙަބާއާއި ބެހެއްޓެވި މެހްމާންދާރީގެ ފުރިހަމަކަމަށްޓަކައި، އެ ދެބޭފުޅުންނަށާއި އިންޑިޔާ ސަރުކާރަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އިންޑިޔާ ސަރުކާރުން ވެދެއްވަން ނިންމަވާފައިވާ އެހީތަކަށްޓަކައިވެސް އެދެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ސަބަބުން، އިންޑިޔާއާ ރާއްޖެއާ ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.