ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިމަހުގެ 11 އިން 15 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާބެހޭ މަޢުލޫމާތު، ވަޒީރުންގެ މަޖިލީހަށް މިއަދު ދެއްވައިފިއެވެ. މިދަތުރުފުޅުގެ މަޢުލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކަމަށާއި، މިދަތުރުފުޅު އިންޑިއާއަށް ކުރައްވަން ނިންމެވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ވަރަށް ގާތް ރަޙްމަތްތެރި ޤައުމަކަށްވުމާއި، އެކިރޮނގުތަކުން ރާއްޖެއަށް ވަރަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ޤައުމަކަށްވާތީ ކަމުގައި ވިދާޅުވިއެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރާއި، އެކްސްޓަރނަލް މިނިސްޓަރާއި، ފޮރިން ސެކްރެޓަރީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތައް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. މިވާހަކަފުޅުތަކުގައި އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ، ރާއްޖޭގެ ޙާލަތު އޮތްގޮތް، އިންޑިއާގެ ވެރިންނަށް ދެންނެވުމަށް ކަމަށާއި، އެހެންވެސް ޑިމޮކްރެޓިކް ޤައުމެކޭ އެއްގޮތަށް، ރާއްޖޭގައިވެސް ވަރަށް ހުޅުވިފައި އޮތް މާޙައުލެއް އޮތްކަން އެބޭފުޅުންނަށް ޔަޤީންކޮށްދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު އޮތްގޮތުގެ މައްޗަށް ބައްލަވާލައްވައި، ސިޔާސީ ކަންތައްތައްވެސް ހަމައަކަށް އެޅިފައިވާ ކަމަށް، އެބޭފުޅުންނަށް ދެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި އިންޑިއާގެ މަޝްހޫރު ވިޔަފާރި ބައެއް ކުންފުނިތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖެ އަންނަ އިންޑިއާގެ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމާ ބެހޭގޮތުން އިންޑިއާގެ ބައެއް ޓްރެވަލް އެޖެންޓުންނާ މަޝްވަރާ ކުރެއްވި ކަމަށާއި، މި މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު، އެބޭފުޅުންނަށް ދެއްވައި، މިކަމުގައި އިންޑިއާ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެގްޒިމް ބޭންކުން ދޭން ހަމަޖެހިފައިވާ 40 މިލިއަން ޑޮލަރުގެ އެހީ ލިބޭނެގޮތް ހަމަޖެހިގެންދިޔަ ކަމަށާއި، އެލް.ސީ ހުޅުވުމަށްޓަކައި 25 މިލިއަން ޑޮލަރާއި އަދި ސްޓޭންޑްބައި ކްރެޑިޓްގެ ގޮތުގައި ބަޖެޓް ސަޕޯޓްގެ ގޮތުން 25 މިލިއަން ޑޮލަރު ލިބޭނެ މަގު، މިދަތުރުފުޅުން ފަހިވެގެންދިޔަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.