އެއްވެސް ޙާލަތެއް މެދުވެރިވެގެންވެސް، އެއްވެސް ފަރާތެއް، ޤާނޫނުއަސާސީން އިސްތިސްނާ ނުކުރެވޭނެކަމުގެ ޔަޤީންކަމާއި، ޤައުމުގެ ޑިމޮކްރެޓިކް ނިޒާމަށާއި، ޝަރުޢީ މުއައްސަސާތަކަށް އާންމުންގެ އިތުބާރު އަލުން ހޯއްދެވޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވުމަކީ، ދައުރު ނިމުމުގެ ކުރިން ޙާޞިލު ކުރައްވަން ބޭނުންފުޅުވާ މުހިންމު ދެ މަޤްޞަދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިންޑިއަން ކައުންސިލް އޮފް ވާރލްޑް އެފެއާޒްގައި މިއަދު ހެނދުނު ތަޤްރީރު ކުރައްވަމުންނެވެ.

މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދެ މަޤްޞަދަކީ، އެއްކަމެއް އަނެއްކަމަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ، އެއްކަމެއް އަނެއްކަމެއްގެ މައްޗަށް ބިނާވެފައިވާ ދެ މަޤްޞަދު ކަމުގައި ވިދާޅުވިއެވެ. މިކަމުގެ އިތުރު ތަފްޞީލު ދެއްވަމުން، އެންމެންގެ މައްޗަށްވެސް ޤާނޫނު އަސާސީގެ ބާރު ހިނގާނެކަމަށާއި، ހުރިހާ ފަރާތްތަކުންވެސް އެޤާނޫނު އަސާސީއަށް އިޙްތިރާމްކުރަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ފެބްރުއަރީ 7 ގައި ހިނގާދިޔަ ކަންކަމަކީ، ރާއްޖޭގެ ޑިމޮކްރަސީގައި ހުރި އުނިކަމެއްގެ ސަބަބުން މެދުވެރިވެގެން ދިޔަ ކަންތައްތަކެއް ނޫންކަމަށާއި، އެއީ، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި އާންމު ރައްޔިތުންވެސް، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށް ފުރިހަމައަށް ބޯނުލެނބުމުން ހިނގައިދިޔަ ކަންތައްތަކެއްކަން ރައްޔިތުންނަށް ހާމަކޮށްދެއްވޭނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ރާއްޖޭގެ ޤާނޫނީ ޙަޔާތް ފެށިގެން އައި ގޮތުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި ރާއްޖޭގައި ދުސްތޫރީ ނިޒާމެއް ޤާއިމް ކުރެއްވުމަށް އެކިދުވަސްވަރު، ވެރިކަމުގެ ފަރާތުން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމް ކުރެއްވުމަށް 2004 ވަނަ އަހަރުން ފެށިގެން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޑިމޮކްރެޓިކް މުޖްތަމަޢެއް ޤާއިމް ކުރުމުގެ ބޭނުމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ދިނުމާއި، ޤާނޫނީ ވެރިކަން ދެމެހެއްޓުމެވެ. މި ރޮނގުން ތަޤްރީރު ކުރިއަށް ގެންދަވަމުން، ޤާނޫނުއަސާސީ ދަމަހައްޓައި ޙިމާޔަތް ކުރުމަކީ، ޑިމޮކްރެޓިކް ނިޒާމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށާއި، އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ، ޤާނޫނުގެ ވެރިކަން ދެމެހެއްޓެވުމަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ތަޤްރީރުގައި، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު އިސްކަމެއް ދެއްވީ، ބޮޑެތި ސިޔާސީ ޕާޓީތައް ހިމެނޭގޮތުން ސަރުކާރެއް އެކުލަވައިލެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ހަމައެއާއެކު، ރޯޑްމެޕެއް އިޢުލާނު ކުރައްވައި، ޤައުމުގައި ހަމަޖެހުމާއި ޞުލްޙަމަޞްލަޙަތުކަން ޤާއިމް ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރެއްވުމަށްފަހު، ތަޤްރީރު އެއްސެވުމަށް ވަޑައިގެން ތިއްބެވި ބޭފުޅުން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ. ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާ ބެހޭގޮތުންނާއި، ރާއްޖޭގައި ހުޅުވާލެވިފައިވާ ވިޔަފާރީގެ ފުރްޞަތުތަކާ ބެހޭގޮތުންނާއި، އެމަނިކުފާނު އުފައްދަވާފައިވާ އިންކުއަރީ ކޮމިޝަނާ ބެހޭގޮތުންނާއި އަދި އިންޑިއާއަށް މިކުރައްވާ ދަތުރުފުޅުގެ މައިގަނޑު ބޭނުންފުޅާއި، ދެޤައުމުގެ ގުޅުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ސުވާލު ދެންނެވުނެވެ.