ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ބޭރުގެ ބައެއް މީޑިއާތަކަށާއި ނޫސްތަކަށް އިންޓަރވިޔު ދެއްވައިފިއެވެ. މިގޮތުން، އެން.ޑީ. ޓީ.ވީ އަށާއި، ޖަޕާނުގެ ނޫހަކަށް އިއްޔެ އެމަނިކުފާނު އިންޓަރވިޔު ދެއްވިއެވެ. މިއަދު އެމަނިކުފާނު އިންޓަރވިޔު ދެއްވި މީޑިއާތަކުގެ ތެރޭގައި، ސީ.އެން.އެން-އައި.ބީ.އެން އާއި، ޓައިމްސް ނައު އާއި، ނިއުޔޯރކް ރޭޑިއޯ ހިމެނެއެވެ. އިންޓަރވިޔު ދެއްވި ނޫސްތަކުގެ ތެރޭގައި، ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އާއި، ޓައިމްސް އޮފް އިންޑިއާ އާއި، ހިންދުސްތާނު ޓައިމްސް އާއި، އިނގިރޭސިވިލާތުގެ ދަ ޑެއިލީ ޓެލެގްރާފް ހިމެނެއެވެ. އަދި އިންޑިއާގެ ހަފްތާ މަޖައްލާއެއް ކަމުގައިވާ އިންޑިއާ ޓުޑޭވެސް ހިމެނެއެވެ.

މި އިންޓަރވިޔުތަކުގައި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި، ރާއްޖޭގެ ސިޔާސީ މަސްރަޙާއި، 7 ފެބްރުއަރީގައި ވެރިކަން ބަދަލުވުމާ ގުޅިގެން، ކަންތައްތައް ހިނގިގޮތާއި، އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން އެމަނިކުފާނު އަރިހު ސުވާލު ދެންނެވުނެވެ.

އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އިންޑިއާއަށް މިކުރެއްވި ދަތުރުފުޅުގައި، އިންޑިއާގެ ރައީސާއާއި ބޮޑުވަޒީރާއި، އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށާއި، ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އޮންނާނެ ކަމުގެ ޔަޤީންކަން، އެބޭފުޅުން ދެއްވި ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް އެޅުއްވެންހުރި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށާއި، އިންޑިއާގެ އެހީތެރިކަން މިކަމުގައިވެސް ލިބޭނެ ކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރުން ދެއްވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތު ކުރިމަތިވެވަޑައިގެންފައިވާ އެންމެބޮޑު ގޮންޖެހުމަކީ، ރާއްޖޭގެ އިޤްތިޞާދު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

7 ފެބްރުއަރީގައި ވެރިކަން ބަދަލުވެގެންދިޔަގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަން ބަދަލުވެގެންދިޔައީ ބަޣާވާތަކުން ނޫން ކަމަށާއި، އެކަން ވަރަށް ސާފު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިދެއްވި އިންޓަރވިޔުތަކުގައި، ސަރުކާރުގެ އެއްވެސް މީޑިއާއެއް މިހާރު ނޯންނާނެ ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުގެ ރޭޑިއޯއެއް، ޓީ.ވީއެއް ނުވަތަ ނޫހެއް ނެތް ފުރަތަމަފަހަރު ކަމުގައި ވިދާޅުވިއެވެ.