ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ، ހައިކޮމިޝަންގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ދެކަނބަލުންގެ މިދަތުރުފުޅުގެ ކަންތައްތައް ރަނގަޅަށް ހަމަޖެހި ހިނގަމުންމިދަނީ، މިޝަންގެ ހުރިހާ މުވައްޒަފުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައިގެންކަން ފާހަގަކުރައްވައި، ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަކީ ވަރަށް މުހިންމު ތަނެއް ކަމަށާއި، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އޮންނަ ގުޅުން، މި މިޝަން އުފެދުނުފަހުން ކުރިއަށްވުރެ ބޮޑަށް ބަދަހިވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއަށް މިއަދު ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މުހިންމު ބަދަލުތަކެއް އަންނަމުންދާއިރު، ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯއްދަވައި ދެއްވުމުގަޔާއި، މި ދާއިރާތަކުގައިވެސް އިތުރަށް ގުޅުން ރަނގަޅު ކުރައްވައި ދެމެހެއްޓެވުމަށްޓަކައި ދޭންޖެހޭ މަޢްލޫމާތުތައް ދިނުމުގެ މަސައްކަތުގައި ހައިކޮމިޝަންގެ ދައުރު ވަރަށް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިޝަންގެ މަސައްކަތްތައް ދިއްލީގައި ވަރުގަދަ ކުރަންޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިއްލީގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފަކީ، ރާއްޖޭގެ ޚާރިޖީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއްބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މިދޭތެރެއިން ކުރިމަތިވި އުނދަގޫ މަރްޙަލާގައިވެސް، އެމަނިކުފާނުގެ ތަޖުރިބާ ބޭނުންފުޅު ކުރައްވައިގެން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް، ވަރަށް ވިސްނުންތެރިކަމާއެކު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާތީ، އެކަމަށްޓަކައިވެސް އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. އަލްފާޟިލް ޢަބްދުލްޢަޒީޒު ޔޫސުފް، އެމަގާމާ ހަވާލުވެވަޑައިގެންނެވިފަހުން މި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ވަރަށް ބޮޑު ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިއްލީގައި ހައިކޮމިޝަންގެ ޢިމާރާތެއް ކުރުމުގެ ޚަރަދު، އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަން ހާމަކުރެއްވިއެވެ. އަދި ހައިކޮމިޝަންގައި މަސައްކަތްކުރާ މުވައްޒަފުން މަދުކަމާއެކު، އެކަމާ ދޭތެރޭގައިވެސް ވިސްނާވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ހައިކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒު ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، ދިއްލީގައި ރާއްޖޭގެ ހައިކޮމިޝަނެއް ޤާއިމު ކުރެވުނުފަހުން، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހައިކޮމިޝަންގެ ދައުރު އިތުރަށް ފުޅާކުރުމަށްޓަކައި ކުރަންހުރި ކަންތައްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަބްދުއްޞަމަދު އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ހައިކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގަޔާއި، މިޝަންގެ ދައުރު ފުޅާކުރުމަށްޓަކައި ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅުގައި، މަހާތުމާ ގާނދީގެ މަޤްބަރާއަށް މިއަދު ހެނދުނު އެ ދެކަނބަލުން ވަޑައިގެންނެވިއެވެ. އަދި ޢިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއި ކުރެއްވިއެވެ. މި ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، މަހާތުމާގާނދީގެ މަޤްބަރާއަށް ޒިޔާރަތް ކޮށްލެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދުނިޔޭގެ ހަމަޖެހުމަށާއި، ސުލްހަމަޞްލަހަތަށް ލޯބިކުރާ އެންމެންގެ ހިތްތަކުގައި މަހާތުމާގާނދީގެ ހަނދާންތައް ދެމިހުންނާނެ ކަމުގައި ވިދާޅުވެފައިވެއެވެ.