ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، އިންޑިއާގެ ރައީސާ މިސިޒް ޕްރަތީބާ ޕާޓިލާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ. އިންޑިއާގެ ރައީސާގެ ރަސްމީ ގަނޑުވަރުގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާމެދު ބަހައްޓަވާ ގާތް ގުޅުން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅަކަށްވުމާއެކު، މިއީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ލިބިވަޑައިގެންނެވި ރަނގަޅު ފުރްޞަތެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް އިންޑިއާ ސަރުކާރުގެ އެހީ މެދުނުކެނޑި ލިބެމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ރައީސާ މިސިޒް ޕްރަތީބާ ޕާޓިލް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއަށް ދިމާވާ އެކިއެކި އުނދަގޫ ކަންތައްތަކުގައި އެހީވެދިނުމުގެ ފުރްޞަތު، ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ހުޅުއްވާލައްވާފައިވާތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.