ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރު ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އިންޑިއާ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، ކަންތައްތައް ގެންދެވިގޮތާއި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރުއޮތް ގޮތާއި އަދި އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތް ގޮތާއި، އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރަށް ދެއްވިއެވެ. އަދި ގެދޮރު އެޅުމުގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ ފުރިހަމަ އެއްބާރުލެއްވުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އިންޑިއާ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީތީ އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް، މިދިޔަ އަހަރުގެ ނޮވެމްބަރމަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދުމަފުޅުތައް ބޮޑުވަޒީރު އާކުރެއްވިއެވެ. ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އިންޑިއާގެ ވަރަށް ގާތް ރަޙްމަތްތެރި ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ހަމަޖެހުމާއި އަމަންއަމާންކަން ޤާއިމްވެފައި އޮތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރުމުގައި، ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބޮޑުވަޒީރުގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.
މިބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އިންޑިއާގެ ބޮޑުވަޒީރު ބޭއްވެވި މެންދުރުގެ ފަރިއްކޮޅެއް އޮތެވެ. މި ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.